ދެހާހުގެ ކުރީކޮޅުގައި އުފެދުނު އެންމެ މަގުބޫލު "ބޯއި ބޭންޑް"ތަކުގެ ތެރޭގައި ހިމެނޭ "އެންސިންކް"އިން އެތައް އަހަރަކަށް ފަހު ފުރަތަމަ ފަހަރަށް އާ ސިންގަލް އެއް ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ.
މަޝްހޫރު ތަރި ޖަސްޓިން ޓިމްބަލޭކް ހިމެނޭ އެންސިންކްއިން އާ ސިންގަލް "ޓޭކް ޔޫ ޓު އަ ބެޓަ ޕްލޭސް" އިއުލާނު ކޮށްފައިވަނީ ދާދި ފަހުން ބޭއްވި "ވީއެމްއޭ" އެވޯޑްސް ތެރޭގައެވެ. މި އެވޯޑުގެ ހަފުލާގައި އެންސިންކުގެ ހުރިހާ މެންބަރުން ވަނީ ބައިވެރިވެ އެކީގައި ފެނިގެން ގޮސްފައެވެ.
އެ ގްރޫޕުގެ އިތުރު މެންބަރުން ޖޯއީ ފަޓޯން އާއި ޖޭސީ ޗޭޒްގެ އިތުރުން ލޭންސް ބޭސް އަދި ކްރިސް ކާކްޕެޓްރިކް އެންމެން އެކުގައި ލަވަ ލޯންޗު ކޮށްފައިވާއިރު މި ލަވަ އަކީ ކުރިއަށް އޮތް ފިލްމު "ޓްރޯލްސް ބޭންޑް ޓުގެދާ" އަށް ތައްޔާރު ކޮށްފައިވާ ލަވައެކެވެ.
އެ ގްރޫޕުން ބުނާ ގޮތުގައި މި މަހުގެ 29 ވަނަ ދުވަހުގައި ލަވަ ރިލީޒް ކުރާނެއެވެ.
މިއީ އެންސިންކްގެ އެންމެ މަގުބޫލު ދުވަސްވަރަށް ފަހު އާ ލަވައެއް ނެރޭ ފުރަތަމަ ފަހަރެެވެ. ފަސް މެންބަރުން އެކީގައި ހިމެނޭ ގްރޫޕާއެކު އެންމެ ފަހުން ލަވައެއް ނެރެފައިވަނީ 2001 ވަނަ އަހަރުގައެވެ. އެއަށް ފަހު އެކި އާޓިސްޓުން ސޯލޯ ކަރިއަރާއެކު ކުރިއަށް ގޮސްފައިވެއެވެ.
ޓިމްބަލޭކް ބުނާ ގޮތުގައި މި ސިންގަލް އަކީ އެ ގްރޫޕުގެ އާ ފެށުމެއް ކަމުގައެވެ. އަދި މި ފެށުމާއެކު ގިނައިން އާންމުންގެ ތެރެއިން އެކުގައި ފެނުމަކީ ކުރާ އުއްމީދެއް ކަމަށް އޭނާ ފާހަގަކުރެއެވެ. އަނެއްކާ އެންސިންކާ އެކު މުޅިން އާ މިސްރާބަކަށް މަސައްކަތް ކުރަން ބޭނުންވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.