ޤައުމިއްޔަތު ދިރުވަން ބޭނުން ނަމަ ދިވެހި ބަހުން ކިޔަވައިދޭ މާއްދާތައް އިތުރުކުރަންޖެހޭ ކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ބަހުގެ އެކެޑަމީން މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަޝްރަފް ވިދާޅުވީ, ދިވެހި ބަހުގެ އެކެޑަމީގެ އިސް މާގާމުގަ ހުރި މީހެއްގެ ހައިސިއްޔަތުން ޤައުމިއްޔަތުގެ ދުވަސް ފާހަގަކުރާއިރު އޭނާގެ ހިތުގައި ޖަހާ ވިންދެއް އެބައޮތް ކަމަށެވެ.
"ސުވާލަކީ އަޅުގަނޑުމެން ސްކޫލުތަކުގައި ހަމަ އެކަނި ދިވެހި މާއްދާ ދިވެހިން ކިޔަވައިދީގެން ފުއްދާލެވިދާނެ ބާއޭ," އަޝްރަފް ވިދާޅުވިއެވެ.
ޕްރައިމަރީ ގްރޭޑްތަކުން ފެށިގެން ސެކަންޑްރީއާ ހަމައަށް ދަރިވަރުން ސްކޫލުގައި އަށް ގަޑިއިރު ހޭދަކޮށް ހަފުތާއަކު ހަތަރު ދުވަހު އޮންނަ ދިވެހި ގަޑީގައި ދިވެހި ބަސް ދަސްކޮށްގެން ޤައުމިއްޔަތު ކުރިއެރިވިދާނެ ކަމާ މެދު އަޝްރަފް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެކަން އެގޮތަށް ވެދާނެ ކަން ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދިވެހި ބަހަކީ ހަމަ އެކަނި ސްކޫލުތަކުގައި ކިޔަވަދޭ މާއްދާއެއްގެ ގޮތުގައި އޮވެއްޖެ ނަމަ އަޅުގަނޑުމެންގެ ދީން އަތުން ބީވެގެން ހިނގައިދާނެ ކަމަށް ވެސް އަޝްރަފް ވިދާޅުވިއެވެ. ގައުމުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން އެކަމާ ވަރަށް ފުންކޮށް ވިސްނައިވަޑައިގަތުމަށް އަޝްރަފް އެދިވަޑައިގަތެވެ.
"ބޮޑުތަކުރުފާނުގެ ޖިހާދުން އެ ފާހަގަވި ކަންކަން އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް ކީއްކުރަންތޯ އިނގިރޭސި ބަހުން ކިޔަވައިދެއްވަންވީ. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭ މި ގައުމީ ޖިހާދުގެ ވާހަކަ އިނގިރޭސި ބަހުން ކިޔަވައިދެއްވަންވީ ސަބަބަބެއް," އަޝްރަފް ވިދާޅުވިއެވެ.
ދިވެހި ޤައުމު ބިނާވެފައި އޮތީ ދިވެހި ބަހުގެ މައްޗަށްކަން ފާހަގަކުރައްވައި އަޝްރަފް ވިދާޅުވީ, ޤައުމާ ގުޅިފައިވާ ތާރީޚީ މުހިންމު ވާހަކަތައް ކިޔަވައިދޭން ޖެހޭނީ ދިވެހި ބަހުން ކަމަށެވެ.
މިސާލެއްގެ ގޮތުގައި އަޝްރަފް ފާހަގަކުރެއްވީ ދިވެހި ބަހުގެ ދަރަޖަތައް އެތުރިފައިވާ ގޮތް އިނގިރޭސި ބަހުގައި ނެތުމުން ގައުމީ މުހިންމު ބަތަލުންނަށް އިޙްތިރާމް ކުޑަވާކަން ފަހާގަވެފައިވާ ކަމަށެވެ.
"އަލި ރަސްގެފާނު މަރާލީއެއް ނޫން. ދިވެހި ބަހުން މި އިބާރާތް ބުނީމަ އަޅުގަނޑުމެންނަށް ތަސައްވަރު ކުރެވޭ ގޮތާއި އިނގިރޭސި ބަހުން އެ އިބާރާތް ބުނީމަ ތަސައްވަރު ކުރެވޭ ގޮތް ހާދަހާ ތަފާތޭ," އަޝްރަފް ވިދާޅުވިއެވެ.
އިމާދުއްދީން ރަސްގެފާނުގެ ނަންފުޅު ލެޓިނުން ލިޔެފައި އޮތުމުން ބައެއް ދަރިވަރުންނަށް ކިޔަން އުނދަގޫވާކަން ފާހަގަކުރައްވައި އަޝްރަފް ވިދާޅުވީ, ދިވެހީންނަށް އެ ފަދަ އުނދަގޫތައް ހުރިއިރު އެ ވާހަކަތައް ކިޔަވައިދޭން ބިދޭސީން ގެނައުމުން ދެންވާނެ ގޮތަކާމެދު ވިސްނާލަން ޖެހޭ ކަމަށެވެ.
މަސްމަހާ މެއްސާއި މާމެލާ މެއްޔަށް ކިޔާ ދިވެހި ނަންތައް ގިނަ ދަރިވަރުންނަށް ނޭނގޭކަން ފާހަގަކުރައްވައި އަޝްރަފް ވިދާޅުވީ, އެހެން ވާން ޖެހުނީ ފިޝަރީޒް ސައިންސް ނުވަތަ މެރިން ސައިންސް ދިވެހި ބަހުން ކިޔަވައި ނުދޭތީ ކަމަށެވެ.
"ދިވެހި ޓީޗަރުންނާ ދިވެހި ބަހަށް ލޯބިކުރާ ދިވެހި ގައުމަށް ލޯބިކުރާ މި ބޭބޭފުޅުންގެ ހިތްތަކުގައި އަޅުގަނޑުމެން ބަހާ ދޭތެރޭ ސަމާލުވާން އެބަ ޖެހެއޭ," އަޝްރަފް ވިދާޅުވިއެވެ.
ދިވެހި ދިދައިގެ ކިތަންމެ ކުލަ ގަދަ ނަމަވެސް އޭގެ އަގު އެނގޭނީ ދިވެހި ބަސް މި ގައުމުން ނެތިގެން ދިއުމުން ކަމަށް އަޝްރަފް ވިދާޅުވިއެވެ.
"މި ސަބަބަށްޓަކައި އަޅުގަނޑު މި ދަންނަވަނީ ދިވެހިރާއްޖޭގަ ޤައުމިއްޔަތު ދިރުވަން ބޭނުންވާކަމުގައި ވަނީ ނަމަ މިއަދު މި ޤައުމުގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ތައުލީމީ ނިޒާމަށް ބަދަލެއް ގެންނަން އެބަ ޖެހޭ," އަޝްރަފް ވިދާޅުވިއެވެ.