ކ. އުތުރު ތިލަފަޅުގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިހާރު ތަރައްގީ ކުރަމުން އަންނަ "އެކަތަ" ބަނދަރަކީ ދިވެހި ސިފައިންގެ ކޯސް ގާޑް އުޅަނދު ފަހަރު އަޅާފައި ބޭއްވުމަށާއި އަދި އެ އުޅަނދު ފަހަރު މަރާމާތު ކުރުމަށް ޓަކައި ތަރައްގީ ކުރަމުން އަންނަ ބަނދަރެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން މިހެން ބުނެފައިވަނީ އުތުރު ތިލަފަޅުގައި ތަރައްގީ ކުރަމުން އަންނަ "އެކަތަ" ބަނދަރަކީ އިންޑިއާގެ "މިލިޓަރީ ބޭސް"އެއް ކަމަށް ބުނެ ފަތުރަމުންދާ ޚަބަރާ ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައެވެ.
އެ މިނިސްޓްރީން ބުނީ އުތުރު ތިލަފަޅާބެހޭ ގޮތުން ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާއެކު އެންމެ ފުރަތަމަ މަޝްވަރާ ކޮށްފައިވަނީ 2013 ވަނަ އަހަރު އޭރުގެ ދިފާއީ ވަޒީރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ކަމަށެވެ. އަދި އެދަތުރުފުޅުގައި އުތުރު ތިލަފަޅުގައި އަސްކަރީ ބޮޑު މަޝްރޫއެއް ހިންގުމަށް ޓަކައި އެ ސަރުކާރުގެ ތަސައްވުރާއި ކޮންސެޕްޓް ޑިޒައިން އިންޑިއާ ސަރުކާރަށް ވަނީ ހުށަހަޅާފައި ކަމަށެވެ.
މީގެ އިތުރުން 2016 ވަނަ އަހަރު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއި ކުރެވުނު "އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން ދަ މޯލްޑިވްސް އެންޑް އިންޑިއާ" ގައި ވެސް އިންޑިއާ ސަރުކާރާ ގުޅިގެން އުތުރު ތިލަފަޅުގައި އަސްރީ ބޮޑު މަޝްރޫއެއް ހިންގުމަށް ވެސް އެއްބަސްވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
"ކުރީގެ ސަރުކާރުން 2013 ވަނަ އަހަރު ހުށަހަޅާފައިވާ ބޮޑު އަސްކަރީ މަޝްރޫއުގެ ސްކޯޕް ހަނިކޮށް، މި ސަރުކާރުން 2019 ވަނަ އަހަރު ވާނީ އުތުރު ތިލަފަޅުގައި ކޯސްޓް ގާޑް އުޅަނދު ފަހަރު އަޅާފައި ބާއްވާނެ ބަނދަރަކާއި އަދި އެ އުޅަނދު ފަހަރު މަރާމާތު ކުރާނެ ޑޮކްޔާޑެއް ތަރައްގީ ކުރުމަށް ހަމަޖައްސާފަ،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ބައެއް ފަރާތްތަކުން ގަސްތުގައި ފަތުރަމުންދާ ދޮގު ޚަބަރުތަކާއި ޚިލާފަށް "އެކަތަ" ބަނދަރަކީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ މިލްކިއްޔާތެއް ކަމަށެވެ. އެހެންވެ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.
"ޤައުމަށް ދިމާވެދާނެ ބޮޑެތި ކަންކަމުގައި ދިވެހި އަސްކަރިއްޔާ ތަރުތީބުކޮށް އެންމެހާ ރޭންކުތަކުގެ ސިފައިންނަށް އިރުޝާދުދެއްވާ މަގުދައްކަވަން ތިއްބެވި ސިފައިންގެ ލީޑާޝިޕްގެ އިތުބާރު ގެއްލުވާލުމަށާއި، އަދި ސިފައިންގެ ބަދަހި ސަފުތައް ގުޑުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓައިލުމަށް އިލްތިމާސް ކުރަމެވެ،" ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
މި ބަނދަރުގައި އެހެން އެއްވެސް ގައުމެއްގެ ސިފައިން ގާއިމުވެ ނުތިބޭނެ ކަން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެމުން މިނިސްޓްރީން ބުނީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ޓަކައި ދިވެހި ސިފައިންނާއި ދިވެހި ސިފައިންގެ މުއައްސަސާގެ އަގުވައްޓާލުމަށާއި ދިވެހި ސިފައިންގެ ކުރިމަގުގެ ތަރައްގީއަށް އުނިކަން އަންނަ ގޮތަށް ހަގީގަތާ ޚިލާފު ޕްރޮޕެގެންޑާ ފަތުރަމުންދާ ކަން އެ މިނިސްޓްރީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.