ރާއްޖެ އަންނަ ޓޫރިސްޓް އުޅަނދުފަހަރުތަކުގެ ފީ ބޮޑު ކުރަނީ

ރާއްޖެ އައި ދެ ކްރޫޒް ލައިން: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ރާއްޖެއަށް އަންނަ ޓޫރިސްޓް އުޅަނދު ފަހަރުތަކުގެ ފީތައް ބޮޑު ކުރަން ހެދި އާ ގަވާއިދު ގެޒެޓު ކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކުރި މި ގަވާއިދުގައި ވާގޮތުން ރާއްޖެ ގެންނަ ޓޫރިސްޓު އުޅަނދެއް ރާއްޖެ އަންނަން ވާނީ އެ އުޅަނދެއްގެ ކަންކަމާ ހަވާލުވާނޭ އޭޖެންޓަކު ރާއްޖޭގައި ހަމަ ޖެއްސުމަށްފަހުއެވެ.

މި ގޮތަށް އޭޖެންޓުކަން ކުރެވޭނީ، އެކަމަށް ކަނޑައަޅައިފައިވާ ގަވާއިދުގެ ދަށުން ރާއްޖެ އަންނަ ބޭރުގެ އުޅަނދު ފަހަރުގެ އެޖެންޓުކަން ކުރުމަށް ކަސްޓަމުން ހުއްދަ ދީފައިވާ ފަރާތްތަކަށެވެ. އެ އުޅަނދަކަށް ކަނޑައަޅާފައި ހުންނަ އެޖެންޓު ބަދަލުވާނަމަ ބަދަލުވާތާ ތިން ދުވަސް ތެރޭގައި އެކަން މިނިސްޓްރީއަށް އަންގަން ޖެހޭނެއެވެ.

މިގަވާއިދުގެ ދަށުން ރާއްޖެ ގެންނަ ކޮންމެ އުޅަނދެއްވެސް އަނބުރާ ގެންދިއުމުގެ ކުރިން ދައްކަން ޖެހޭ އެއްވެސް ފީއެއް ނުވަތަ ޓެކުހެއް ދެއްކުމަކީ އެ އުޅަނދަކާ ހަވާލުވެ ހުންނަ އޭޖެންޓެއްގެ ޒިންމާއެކެވެ. އަދި ހުއްދަ ހޯދާ، ހުއްދަ ހޯދުމަށް ދައްކަން ޖެހޭ ފީ ދެއްކުމަކީ ވެސް އެ އޭޖެންޓުގެ ޒިންމާއެއް ކަމުގައިވެސް ގަވާއިދު ބުނެއެވެ.

މިގޮތަށް ކްރޫސިން ޕާމިޓް ހޯދައިފައިވާ ފަރާތްތަކުން 20 މީޓަރަށްވުރެ އުޅަނދު ބޮޑު ނަމަ ރާއްޖޭގައި އެ ދުއްވާ ބަނދަރުކޮށްހަދާ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކު 100 އެމެރިކާ ޑޮލަރު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން ޖެހޭނެ ކަމަށް ގަވާއިދު ބުނެއެވެ. އަދި 20 މީޓަރަށް ވުރެ ކުދި އުޅަނދުފަހަރުން 90 ދުވަހުގެ މުއްދަތަކަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށްވެސް އެ ގަވާއިދު ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ސަރަހައްދުގައި ބަނދަރުކޮށް، ދުއްވާ ބޭރުގެ ޓޫރިސްޓް އުޅަނދުތައް އެއް އަހަރު ދުވަހަށް ވުރެ ގިނަ މުއްދަތެއްގައި ދުއްވަން ބޭނުންވާނަމަ ޕާމިޓް އާކުރުމަށް 3500 އެމެރިކަން ޑޮލަރު ދެއްކުމުން އެ މުއްދަތު މިނިސްޓްރީން އިތުރުކޮށްދޭނެއެވެ.

އެ މިނިސްޓްރީން ބުނީ ކަނޑައަޅައިފައި އޮތް ގަވާއިދާ ޚިލާފުވާނަމަ، ގަވާއިދާ ޚިލާފުވާ ފަރާތެއް ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ. އެގޮތުން ގަވާއިދާ ޚިލާފުވާ ފުރަތަމަ ފަހަރު 1000 ޑޮލަރު، ގަވާއިދާ ޚިލާފުވާ ދެވަނަ ފަހަރު 2000 ޑޮލަރު އަދި ދެ ފަހަރަށް ވުރެ ގިނަިއން ގަވާއިދާ ޚިލާފުވެއްޖެ ނަމަ 6000 ޑޮލަރުން ޖޫރިމަނާ ކުރާނެ ކަމަށްވެސް ބުރާސްފަތި ދުވަހު ގެޒެޓުކުރި ގަވާއިދުގައި ވެއެވެ.

comment ކޮމެންޓް