"ޕޮއް..." ކުއްލިއަކަށް ދާވިއަންގެ އަޑު އައީ ނިޔަމްގެ ފަހަތުންނެވެ.
"ދަރިފުޅާ.. މަންމަ ކިރިޔާ ބިރުން..." ފަހަތަށް އެނބުރެމުން ނިޔަމް ބުންޏެވެ. އޭނާގެ ޖުމުލަ ފުރިހަމައެއް ނުވިއެވެ. ދާވިއަން އުރާލައިގެން ޒައިލް ހުރީ ވަރަށް ހިނިއައިސްފައެވެ.
********
"މަންމީ... ބަލާބަލަ ޕޮލިސްބޭބެ ވަރަށް ސްޓްރޯންގޭ..." ދާވިއަން އިނީ މަޖާވެފައެވެ. "މަންމިއަށް ދާން ކޮނޑަށް ނުލެވޭނެއްނު..."
ނިޔަމް ނުރުހުންވެފައި ޒައިލްގެ މޫނަށް ބަލައިލިއެވެ. އޭނާ ބޭނުންވީ ޒައިލްގެ އަތުން ދާވިއަން އަތުލައިގެން އެތަނުން ދާށެވެ. ދާވިއަން ބޮޑުވަމުން ދިޔައީ ޒައިލްގެ ލޯބި ލިބުމެއް ނެތިއެވެ. މިއަދު އެ ދިރިއުޅުމަށް އަނބުރާ އައުމުގެ ބޭނުމެއް ނެތެވެ. ނިޔަމް ކުރިއަށް ޖެހިލުމުން، ޒައިލް ކުރިއަށްވުރެ ބޮޑަށް ހިނިތުންވެލިއެވެ. އެއަށްފަހު ދާވިއަން އޭނާގެ ކޮނޑަށް ލިއެވެ.
"ދެން ނުކެރޭނެ މަންމިއަށް އަތުލާކަށް..." ޒައިލް ލާނެތް ރާގަކަށް ބުންޏެވެ.
"މަންމި އާދޭ ދާން އަތުލަން..." ދާވިއަންގެ ޖުމުލަ ފުރިހަމަވުމާއިއެކު ޒައިލް ދުއްވައިގަތެވެ. ދާވިއަން މަޖާވެފައި ބާރަށް ހޭން ފެށިއެވެ.
ނިޔަމް އެނބުރުނީ އަނެއް ފަރާތަށެވެ. އޭނާ ގޮސް ގޮނޑިއެއްގައި އިށީނީ އެ މަންޒަރު ބަލަން ފަސޭހަނުވެގެންނެވެ. ނިޔަމް ކަންތައް ކުރިގޮތުން ދާވިއަންގެ ހިތުގައި ޖެހުނެވެ. ތުން ފިއްތާލިއިރު، އެކުޑަ ކުއްޖާގެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.
"މަންމި މާ ހިކިވީމަ ނުދުވެވެނީ... ދޭބަލަ މަންމި ހެއްވާލަން..." ޒައިލް ދާވިއަން ތިރީގައި ބަހައްޓަމުން ބުންޏެވެ.
ދާވިއަން ދުވެލާފައި ގޮސް ނިޔަމްގެ ގައިގައި ބައްދައިލިއެވެ.
"ދާން ބޭނުމެއް ނޫން މަންމި ބަލިވާކަށް..." ދާވިއަން ދެރަވެލާފައި ބުންޏެވެ.
"މަންމި ބައްޔެއް ނޫނޭ ދަރިފުޅާ..." ދާވިއަންގެ ކޯކޮޅުގައި ހިފައިލަމުން ނިޔަމް ނިކަން ލޯބިން ބުނެލިއެވެ.
"ހިކިވީމަ ބަލިވާނެ... މަންމި ހެޕީވާނެތަ އައިސްކްރީމް ލިބުނީމަ..." އެއްޗެއް ހަނދާންވާ ފަދައިން ދާވިއަން އަހައިލިއެވެ. "ދާން ޓީތްގަ ރިއްސީމަވެސް އައިސްކްރީމް ކޭމަ އަވަހަށް ސްޓްރޯންގް ވާނޭ މަންމި ބުނީމެއްނު..."
ނިޔަމްއަށް ހެވުނެވެ. ދާވިއަން ގަޔާލައި ފިއްތާލިއިރު، އޭނާގެ ހުރިހާ ނުތަނަވަސްކަމެއް ފިލައިގޮސްފިއެވެ. އެހާކުޑައިރުވެސް ދާވިއަން ނިޔަމްއަށް އަޅާލައެވެ. އިންތިހާއަށް ލޯބިވެއެވެ. ނިޔަމް ދެލޯ މަރައިލީ ދެލޮލަށް ޖަމާވި ކަރުނަތައް ހިންދައިލަމުންނެވެ. އޭނާގެ މުޅި ދިރިއުޅުމަކީ ދާވިއަންއެވެ. އެކުޑަ ކުއްޖާފުޅު ނެތްނަމަ އޭނާގެ ދިރިއުޅުން ކިހާ ފަޅުވީސް ހެއްޔެވެ؟
"ހިނގާ އައިސްކްރީމް ބޯން..." ނިޔަމްގެ ކުރިމަތީގައި ހުއްޓިލަމުން ޒައިލް ބުންޏެވެ. "އޭރުން ހުރިހާ ކުދިން ހެޕީވާނެ..."
"ޔެސް މަންމީ... ހިނގާ..." ދާވިއަން އުފަލުން ފުންމައިލިއެވެ. ވަގުތުން ނިޔަމްގެ އަތުގައި ހިފައި، ކޮޅަށް ނަގަން އުޅުނެވެ.
ރެސްޓޯރެންޓްގައި މީހުން މަދު ވަގުތެކެވެ. ދާވިއަން ދުވެލާފައި ގޮސް ވޭޓަރުގެ ކައިރީގައި ޗޮކުލެޓު އައިސްކްރީމެއް ދިނުމަށް އެދުނެވެ. ޒައިލް އޯޑަރުދީފައި އެނބުރުނުއިރުވެސް ނިޔަމް ހުރީ ގޮތެއް ނުނިންމިފައެވެ. ވޭޓަރު ނިޔަމްއާއި ސުވާލުކުރުމުން ޖަވާބު ދެވުނީ ޒައިލްއަށާއި ނިޔަމްއަށް އެއްކޮށެވެ. ނިޔަމް ބޭނުންވާނީ ވެނީލާ އައިސްކްރީމެއްކަން ޒައިލްއަށް މާކުރިންވެސް އެނގެއެވެ. ނިޔަމްއަށް ހިންދިރުވައިލެވުނެވެ. އެހާ ދުވަސްވީއިރުވެސް، ނިޔަމްގެ ކަންކަން ޒައިލްގެ ހަނދާނުގައި ހުރީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ.
އައިސްކްރީމް ބޯން ތިބިއިރު، ޒައިލް އާއި ދާވިއަން މަޖާ އެތައް ވާހަކައެއް ދެއްކިއެވެ. ދެމީހުންގެ އެއްގޮތް އެތައް ކަމެއް ހުންނާތީ، ނިޔަމްއަށް ބައެއްފަހަރު ބަލަހައްޓައިގެން އިނދެވެއެވެ. ދާވިއަންކުރާ މައުސޫމު ސުވާލުތަކަށް ޒައިލް ޖަވާބުދެނީވެސް އެހާ މައުސޫމުކޮށެވެ. ނިޔަމްގެ ހިތުގައި ޖަހަންފެށީ ބިރުވެރި ރަނގަބީލެކެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދާވިއަން ޒައިލްއާއި ގާތްވީ ވަރުންނެވެ. ޒައިލްގެ ސަބަބުން ދާވިއަންއަށް ދެރައެއް ލިބިދާނެހެން އޭނާއަށް ހީވާން ފެށިއެވެ. ގާތްވެގެން އުޅެފައި ޒައިލް ދުރަށްދާނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ހުރިހާ ދެރައެއް ލިބޭނީ ކުޑަކުޑަ ދާވިއަންއަށެވެ. އެކުއްޖާގެ ހިތް ފަޅައިގެންދާނެއެވެ.
ކާރަށް އެރިގޮތަށް ދާވިއަން އޮތީ އަރާމުކޮށް ނިދާފައެވެ. ކާރު ދުއްވަން އިނީ ޒައިލްއެވެ. ނިޔަމް އިނީ ޒައިލްއާއި ޖެހިގެން ހުރި ޝީޓުގައެވެ. ހިތުގެ އުދާސްތައް ޒައިލްގެ ކުރިމަތީގައި ހާމަކޮށްލާނެ ރަނގަޅު ފުރުސަތެއް ނިޔަމްއަށް ލިބުނެވެ.
"އަހަރެން ބުނި އެއްޗެއް ޒައިލްއަށް ނުވިސްނެނީތަ؟... ނޫނީ ތިއުޅެނީ އަހަރެންގެ ކިބައިން ބަދަލުހިފަންތަ؟..." ދާވިއަން ނިދާފައި އޮތްކަން ޔަގީންކުރަމުން ނިޔަމް ސުވާލުކުރިއެވެ.
"އަހަންނަށް ނުވިސްނެނީ އެންމެ ކަމެއް... ޏަމް ކީއްވެތަ އަހަރެމެން ދުރުކުރަން ތިއުޅެނީ؟... އަހަންނާ އެކީ ދާން ކިހާ އުފަލުން އެ އުޅެނީ... އެކުއްޖާއަށް ބައްޕައާއެކީ އުޅުމުގެ ހައްގު ލިބެންޖެހޭނެ..." ޒައިލްގެ އަޑުގައިވީ ޝަކުވާއެވެ.
"ހައްގޭ؟..." ޒައިލްގެ ވާހަކަ ގަބޫލުނުކުރެވޭ ކަހަލަގޮތަކަށް ނިޔަމް ހީގަތެވެ. "ޒައިލްއަށް އެނގޭތަ ޒައިލްގެ ސަބަބުން އަހަރެމެންނަށް ކިހާ ހިތާމައެއް ލިބުނުކަން؟... ދާންގެ ދިރިއުޅުމުގަ އޭނަ ދެރަވާ ހުރިހާ ކަމެއް ވަނީ ހަމަ ޒައިލްގެ ސަބަބުން..."
ނިޔަމްގެ ދެލޮލުން ފޭބި ކަރުނަތިކި ފޮހެލިއެވެ. ނިޔަމްއަށް ބަލައިލުމަށްފަހު، ޒައިލް ކާރު އަނބުރައިލީ ބްރިޖާއި ދިމާއަށެވެ. ނިޔަމް ހާސްވެފައި ވަށައިގެން ނަޒަރު ހިންގައިލިއެވެ.
"އަހަރެން ބޭނުމީ ގެއަށް ދާން..." ނިޔަމް ހާސްވީ ޒައިލްގެ މިސްރާބު އެނގުމުންނެވެ.
"ޏަމް ޕްރެގްކަން އެނގުނުނަމަ..." ޒައިލް ފެށީ އެހެން ވާހަކައެކެވެ. އޭނާގެ ޖުމުލަ ފުރިހަމަނުވަނީސް ނިޔަމް އަނެއްކާވެސް ކާރު ހުއްޓުމަށް އެދުނެވެ.
"އަހަރެން ކިހިނެއް އަހަރެންގެ ދަރިފުޅު އިގްނޯކުރާނީ؟... ކިހިނެއް ދުރުގަ ހުންނާނީ؟..." ޒައިލްގެ އަޑުގައިވީ މާޔޫސްކަމެވެ.
"ތިއުޅެނީ އެކުއްޖާ ދެރަކުރާނެގޮތެއް ނޭނގިގެންތަ؟... ޒައިލް އައުމުގެ ކުރިންވެސް އެކުއްޖާ އުޅުނީ އުފަލުގައޭ..." ނިޔަމް ކުރިއަށްވުރެ ހިތްހަމަނުޖެހުނެވެ.
"ޏަމް..." ފުން ނޭވާއެއް ދޫކޮށްލަމުން ޒައިލް ބުންޏެވެ. "އަހަރެން ބޭނުން ދާންއަށް އަހަރެން މީ ބައްޕަ ކަން އަންގަން..."
"ނޯ..." ނިޔަމް ދެކޮޅުހެދިއެވެ. "ކާރު ހުއްޓާ..."
ޒައިލް ބްރިޖަށް އެރިއެވެ. ކާރުގެ ސްޕީޑް ބާރުކޮށްލިއެވެ.
"ޏަމް ގަބޫލުނުވިޔަސް، އަހަރެން އެކަން ކުރާނަން... އެއީ އަހަންނަށްވެސް ދާންއަށްވެސް ލިބެންޖެހޭނެ ހައްގެއް..." ޒައިލް ފުރަތަމަ ފަހަރަށް ނިޔަމްއާއި ދެކޮޅަށް އެއްޗެއް ބުންޏެވެ. އެ އަޑުގައި ހަރުކަށިގޮތެއް ހުއްޓެވެ.
*********
ގޮނޑީގައި އިށީނދެގެން އިންއިރު، ޝަރަފް އިނީ ބިރުން ގުޑިލަންވެސް ނުކެރިފައެވެ. އަރުޝާ ހުރީ ސިރިންޖެއް ހިފައިގެންނެވެ. އޭނާގެ ދެލޮލުގައިވީ ނުރައްކާތެރި ވިދުވަރެކެވެ. ޝަރަފަށް ހީވީ ދެންމެދެންމެ އޭނާގެ ގަޔަށް ސިރިންޖު ހަރާލަފާނެ ހެންނެވެ.
"ތެދަށް ބުނޭ، ކީއްވެ ފަހަތުއަޅައިގެން ތިއުޅެނީ؟..." އަރުޝާ ވާހަކަދެއްކީ އަމުރުވެރި ރާގަކަށެވެ.
"ހަމަޖެހިބަލަ..." އަތުން އިޝާރާތްކޮށްލަމުން ޝަރަފް ބުންޏެވެ. "އަހަރެން މިއައީ ނިޔަމްގެ ދިރިއުޅުން ސަލާމަތްކުރަން... ކުޑަ ކުއްޖެއް ހުރީމަވެސް ވިސްނަންޖެހޭނެ..."
ޝަރަފް ހީކުރީ އަރުޝާއަކީ ނިޔަމް ކަމަށެވެ. އަރުޝާ ހީކުރީ ޝަރަފަކީ ޒައިލް ކަމަށެވެ.
"އޯހްހް..." އަކުރުތަކަށް ދަމައިލަމުން އަރުޝާ ބުންޏެވެ. "ތީ ދޯ އެހެންވީމަ އެ ކޮރަކައްޔަކީ...."
ސިރިންޖު ދުރުކޮށްލަމުން އަރުޝާ ކުޑަކޮށް ދުރަށްޖެހުނެވެ.
ވަވަ، ވަޓް..." ޝަރަފް ދެލޯ ބޮޑުކޮށްލިއެވެ. "ކޮ، ކޮރަކައްޔޭ..."
"އާނ، ކޮރަކަލި..." އަރުޝާ ދެލޯ ހަނިކޮށްލިއެވެ. "އެހެންވީމައެއްނު ބުޅިއެއް އެއްލާއިރަށް އެހާ ފަސޭހައިން ގަންނާނީ..."
އަރުޝާގެ މަލާމާތުގެ ބަސްތައް އަޑު އިވުމުން ފުންމައިގެން ތެދުވިއިރު، ޝަރަފް ހުރީ ލޭ ކެކޭގޮތް ވެފައެވެ. ދުވަހަކުވެސް އެފަދަ މޭރުމަކުން މީހަކު އޭނާއާއި ވާހަކަ ދައްކާފައެއް ނުވެއެވެ.
"އަހަރެން މީ ފުލުހެއްކަން އެނގޭތަ؟..." ޝަރަފް ހީކުރީ ފުލުހެއްކަން އެނގުމުން އަރުޝާ ބިރުގަންނާނޭ ކަމަށެވެ. "ކުރަންޖެހޭނީ އެންމެ ކޯލެއް އިނގޭ..."
"ހާދަ ފޮނިވެސް ވެޔޭ ދޯ... ތި ގުޅާ ތާކަށް ގުޅާބަލަ..." އަރުޝާ ފުސްމޫނު ހަދައިލިއެވެ. "މިނެޓެއްތެރޭ އަހަރެންގެ ކުރިމަތިން ނުގޮއްސިއްޔާ މި ސިރިންޖު ހަރާލާނަން..."
އަރުޝާގެ ޖުމުލަ ފުރިހަމަނުވަނީސް ޝަރަފް ދެވެފައި ކަހަލަގޮތަކަށް ބޭސްއަޅާ ކޮޓަރިން ނުކުތެވެ.
"ޔަމް ކޮންކަހަލަ މީހަކާތަ މި އިނީ..." އަރުޝާ ދެފަރާތަށް ބޯ ހޫރައިލިއެވެ.
********
ޒައިލް ރެސްޓޯރެންޓްގެ ތެރެއަށް ވަންއިރު، ޝަރަފް އިނީ ކަރު އެލުވާލައިގެންނެވެ. ޝަރަފްގެ ކޮނޑުގައި މަޑުމަޑުން ޖަހާލުމަށްފަހު، ޒައިލް ގޮސް ގޮނޑީގައި އިށީނެވެ.
"ގެނެސްބަލަ ހިތަށް ފިނިކޮށްލަދޭނެ ބުއިމެއް..." ވޭޓަރު އައުމުން، ވަރުބަލި ރާގަކަށް ޝަރަފް ބުންޏެވެ.
"ކޮންކަމަކާ މާ ހިތް ހަލާކުވެފަ؟..." ޒައިލް ޖަހައިލީ ލުއި ހިނިގަނޑެކެވެ. އޭނާ ދެން ބަލައިލީ ވޭޓަރަށެވެ. "ދެ ފްރެޝް އޮރެންޖް ގެނޭ... ވަރަށް ފިނިކޮށް...."
"ކަލޭ ހިތްވަރުގަދަ... އެއީ ހަމަ ފައްކާ ދުންމާރިއެއް... އެންގްރީ ބާޑެއް..." ޝަރަފް ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ކާކު ވާހަކައެއް ތި ދައްކަނީ؟..." ޒައިލް އިނީ ވާނުވާ ނޭނގިފައެވެ.
"ކަލޭގެ އެކްސް ވައިފް ނޫން މީހެއްގެ ވާހަކަ އަހަރެން ދައްކާނެތަ؟..." ޝަރަފް ގަދަކަމުން ހީގަތެވެ. "އޭނަ އުޅެންވީ ހޮސްޕިޓަލަކު ނޫން... ފުލުހުންގެ އިދާރާގަ..."
"ޏަމްއާ ދިމާވީތަ؟..." ޒައިލް ހައިރާންވެފައި ސުވާލުކުރިއެވެ.
"ދިމާވީހޭ؟... ކިރިޔާ ދުވަސް ދުއްވާނުލީ..." ޝަރަފް ބުންޏެވެ. "މިއަދުން ފެށިގެން މަގޭ ޓާގެޓް ބަދަލުވީ... މިކަމާ ދެކޮޅަށް އެއްޗެކޭ ބުނެގެން ނުވާނެ..."
********
ޔާމީން ކޮޓަރިއަށް ވަންއިރު، ނުޒުހަތު އޮތީ ނިދާ އެއްޗެހި ލައިގެން އެނދުގައެވެ. ޔާމީން ފެނުމުން، ނުޒުހަތު އެނބުރުނީ އަނެއް ފަރާތަށެވެ. އެއީ ދުވަހަކުވެސް ނުޒުހަތު ކަންތައް ކުރިގޮތެއް ނޫނެވެ. މައްސަލައެއް އުފެދޭގޮތަކަށް އެއްޗެއް ބުނަން އާދަވެފައި ނެތަސް، ޔާމީންގެ ހިތަށް އުނދަގޫކުރިއެވެ. އެއްޗެއް ނުބުނެ ކެތެއް ނުވިއެވެ.
"ކީއްވެތަ ރުޅި އައިސްގެން ތިއުޅެނީ؟..." ނުޒުހަތުގެ ކޮނޑުގައި ހިފައި އަނެއް ފަރާތަށް އަނބުރައިލަމުން ޔާމީން ސުވާލުކުރިއެވެ.
"އަހަރެން ރުޅި މަޑެއްނު..." ނުޒުހަތު އޮތީ ޒުވާބުކުރަން ތައްޔާރުވެގެންނެވެ. "ކިތައް އަހަރު މި ކެތްކުރީ..."
"ކޮންކަމަކާތަ ނުޒޫ ތިހާ ރުޅި އަންނަންވީ؟... އަހަންނަށް ކޮން ކަމެއް ކުރެވުނީތަ؟..." ޔާމީން ހިތްހަމަނުޖެހުނެވެ. "ކުރެވުނު ކަމެއް ނުބުނެ ތިހެން އޮތަސް މައްސަލަ ހައްލެއް ނުވާނެ..."
"ބުންޏަސް ހައްލުވާނެ ކަމެއް ނޫނޭ އެއީ..." ނުޒުހަތު ޔާމީންގެ އަތް އޭނާގެ ކޮނޑުން ނައްޓުވައިލިއެވެ. "ބުނީމަ ހަގީގަތް ބަދަލުވޭތަ؟..."
"ނުޒޫ ތިކިޔާ އެއްޗެއް ތަންކޮޅެއް ސާފުކޮށް ބުނެދީފާނަންތަ؟..." ޔާމީނަށް އުނދަގޫވިއެވެ.
"ކީއްކުރަން ބުނަނީ... އަހަންނަށް އެނގޭ އޭނަދެކެ ލޯބިވާ ވަރަށް އަހަރެންދެކެ ލޯބި ނުވާކަން..." ނުޒުހަތު ފަހު ޖުމުލަ ބުނީ ކިތަންމެ މަޑުން ނަމަވެސް ޔާމީނަށް އަޑު އިވުނެވެ.
"ކާކުގެ ވާހަކައެއް މިހާރު ތި ދައްކަނީ؟..." ޔާމީން ތެދުވެ އިށީނެވެ.
"އެނގޭކަމަށް ނުހަދާތި..." ނުޒުހަތު ރުންކުރުވިއެވެ.
"ނުޒޫ..." ވިސްނައިދޭ ރާގަކަށް ޔާމީން ގޮވައިލިއެވެ. "މާޒީގެ ވާހަކަ ނުދައްކަފާނަންތަ؟..."
"އަހަރެންގެ ދަރިއަށްވުރެވެސް ބޮޑަށް އޭނަގެ ދަރިދެކެ ލޯބިވާކަން އަހަންނަށް އެނގޭ... އެއީނު ހުރިހާވެސް މީހަކީ... ވަރިހަމަ ކޮންމެ ވައްތަރަކަށް އޭނަ އުޅުނަސް... އޭނަވެސް އުޅެނީ ހަމަ އޭނަގެ މަންމަ އުޅުނުގޮތަށް... އެފާޑަށް ދަރިން..." ނުޒުހަތުވެސް ތެދުވެ އިށީނެވެ.
"ނުޒޫ..." ނުޒުހަތުގެ ޖުމުލަ ފުރިހަމަ ކުރުމުގެ ކުރިން، ޔާމީން ތަންކޮޅެއް ބާރަށް ގޮވައިލިއެވެ.
(ނުނިމޭ)