އޮސްޓްރޭލިޔާގައި އަންހެނަކު ޖެހިޖެހިގެން 100 ދުވަސް ވަންދެން އެއް ހެދުމެއް ލައިގެން، "100 ޑޭސް ޑްރެސް" ޗެލެންޖް ފުރިހަމަކޮށްފައެވެ.
މި ޗެލެންޖަކީ، އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ވޫލަންޑުގެ އަސްލު ވޫލްގެ ހެދުމެއް 100 ދުވަސްވަންދެން ލައިގެން ފުރިހަމަކުރުމަށް ކަސްޓަމަރުންނަށް އެކުފުންނިން ހުޅުވާލާފައިވާ ޗެލެންޖެކެވެ. އަސްލު ވޫލުން އުފައްދާފައި ހުންނަ މެޓީރިއަލްގެ ހެދުން ގިނަ ދުވަހު ހަލާކުނުވެ ބޭނުންކުރެވޭނެކަން ހާމަކޮށްދިނުމަށް އެކުފުނިން ކުރިއަށްގެންދާ މިހަރަކާތުގައި ބައިވެރިވެ މިޗެލެންޖެ މިފަހަރު ފުރިހަމަކުރީ އޮސްޓްރޭލިޔާގެ ގިޕްސްލަންޑްގެ ރައްޔިތެކެވެ.
ލިޔާ ސްޓެމެން ހާމަކުރި ގޮތުގައި އޭނާ 100 ދުވަސްވަންދެން އެއްހެދުމެއް ލީ އިރު، އެހެދުން އޭނާ ދޮވެފައިވަނީ އެންމެ ހަތަރު ފަހަރެވެ. އޭނާ ބުނިގޮތުގައި، 100 ދުވަސްވަންދެން އެއްހެދުމެއް ލައިގެން އޭނަ ހޭދަކުރި ދުވަސްތަކަކީ، އޭނާގެ ދަރިފުޅު ވަރަށް ބަލިކޮށް އުޅުނު ދުވަސްވަރެއްކަމުން، ދަރިފުޅު ގޮވައިގެން އެތައް ފަހަރަކު އަވަސްއަވަހަށް ހޮސްޕިޓަލަށް ދާންޖެހޭއިރު ހެދުން ބަދަލުކޮށް ލާނެހެދުމެއްގެ މަސައްކަތުގައި އުޅެން ނުޖެހުމުން އެއް ހެދުމުގެ ޗެލެންޖެ ކުރިއަށްގެންދިއުމަށް އޭނާއަށް ވަރަށް ފަސޭހަވިއެވެ. އަދި މުޅި ދުވަހު ހެދުން ލައިގެން އުޅުމަށްފަހު ރޭގަނޑު ހެދުން ހިއްކާލަން ބާއްވަނީ ކަމަށާއި، އޭނާގެ ވަޒީފާއާއި އުޅެންޖެހުން ގޮތަށް ބަލާއިރު ހެދުން އެހާ ހަޑިނުވާކަން އޭނާއަށް ފާހަގަވިކަމަށް ބުނެފައިވެއެވެ.