އިންޑިއާގެ ޗެންނާއިގެ މަގުމަތިން އާއްމުކޮށް ފެންނަ މާލިން ނަމަކަށްކިޔާ އަންހެނެއްގެ ދިރިއުޅުން އެ ޤައުމަށް ނިސްބަތްވާ ޒުވާނެއްގެ އެހީއާއެކު ބަދަލުކޮށްލައިފިއެވެ.
ޢުމުރުން 81 އަހަރުގެ މާލިންއަކީ ޗެންނާއިގެ މަގުމަތީގައި ސަލާންޖަހާ އުޅެމުންއައި އަންހެނެކެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވާ ޒުވާނެއް ކަމަށްވާ މުޙައްމަދު އާޝިކްގެ ސަމާލުކަން މާލިން ހޯދީ ޢުމުރުން ދުވަސްވެފައިވީނަމަވެސް އޭނާ ފަރިތަކަމާއެކު އިނގިރޭސި ބަހުން ވާހަކަދައްކަން ފެށުމުންނެވެ.
ކުރީގެ ބަރުމާ އަދި މިހާރު ގިނަ ބަޔަކު މިއަންމާގެ ނަމުން ދަންނަ ޤައުމަށް ނިސްބަތްވާ މާލިންއަކީ ކުރިން ވަރަށް ތަނަވަސް ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ. އިންޑިއާގެ ޗެންނާއީއަށް ނިސްބަތްވާ މީހަކާ ކައިވެނި ކުރުމަށްފަހު މާލިން ދިރިއުޅުން އެއްކޮށް އިންޑިއާއަށް ބަދަލުކުރިކަމަށް މާލިންގެ ދިރިއުޅުމުގެ ވާހަކަ އާޝިކްއަށް ކިޔައިދެމުންވަނީ ބުނެފައެވެ.
ކައިވެންޏަށްފަހު އުފާވެރި ހަޔާތެއް ވޭތުކުރިނަމަވެސް އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުން ދުނިޔެ ދޫކޮށްފައިވާކަމަށާއި މިހާރު ދުނިޔޭގައިހުރީ ޚުދު މާލިން އެކަނިކަމަށް އޭނާވަނީ ބުނެފައެވެ. އެހެންވެ ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް މިހާރު އާއްމުންގެ ފަރާތުން ސަލާންޖެހުން ނޫންގޮތެއްނެތްކަމަށް މާލިންވަނީ ބުނެފައެވެ. މާލިންއަކީ އޭނާގެ ޅަ ޢުމުރުގައި ސްކޫލް ނިންމާލުމަށްފަހު މިއަންމާގައި ދިރިއުޅުނު އަވަށުގައި މުދައްރިސެއްގެގޮތުގައި މަސައްކަތްކުރި މީހެއްކަން އެނގުނު ހިސާބުން މުޙައްމަދު އާޝިކްވަނީ މާލިންގެ ޙަޔާތުގެ ވާހަކަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައެވެ. އަދި މާލިންއަށް ހާއްސަ އިންސްޓަގްރާމް އެކައުންޓެއް ހުޅުވުމަށްފަހު 'އިންގްލިޝް ވިތު މާލިން'ގެ ނަމުގައި ވަކި ޕޭޖެއް އޭނާވަނީ ހިންގަން ފަށާފައެވެ.
ކޮންޓެންޓް އުފެއްދުންތެރިޔާ މުޙައްމަދު އާޝިކްގެ އެހީއާއެކު މާލިން ނިންމާފައިވަނީ އިނގިރޭސި ބަސް ދަސްކުރަން ޝައުގުހުރި ކުދިންނަށް އިނގިރޭސި ބަހުގެ ޓިއުޝަން ދިނުމަށެވެ. މި މަސައްކަތާއެކު ސަލާންޖެހުން ހުއްޓާލުމަށްފަހު މާލިންއަށް އާމްދަނީ ލިބޭނެ ގޮތް މަގުފަހިވެފައި ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އުއްމީދުކުރާކަމަށް މުހައްމަދު އާޝިކްވަނީ ބުނެފައެވެ.
މި ޒުވާނާގެ ފަރާތުން މާލިންއަށް ހެޔޮ ދިރިއުޅުމެއް ހޯދައިދޭންކުރި މަސައްކަތްފެނި ވަރަށް ގިނަ ބަޔަކުވަނީ އާޝިކްއަށް ތައުރީފުކޮށްފައެވެ. އެގޮތުން މާލިން ދިރިއުޅޭނެ ނުވަތަ ނިދާނެ ތަނެއް ނެތްނަމަ ދިރިއުޅޭނެ ތަނެއް ހަމަޖައްސައިދިނުމަށް އާއްމުންގެ ގިނަބަޔަކުވަނީ އެދިފައެވެ. އަދި މާލިންއަށް އިތުރު ގޮތްގޮތުން ވެސް އެހީތެރިކަން ބޭނުންވާނަމަ އެހީވާން ތައްޔާރަށްތިބި ކަމަށްވެސް ގިނަބަޔަކުވަނީ ބުނެފައެވެ.