ޗައިނާގެ ޒެޖިއާންގް ޕްރޮވިންސްގެ ބާރުބޮޑު މަގެއްގައި ދެ އަހަރުގެ ކުޑަކުއްޖަކު ކުޅޭ އެކްސްކަވޭޓަރެއް ދުއްވަނިކޮށް ސަލާމަތް ކޮށްފިއެވެ.
އެ ކުއްޖާ ސަލާމަތްކޮށްފައިވަނީ އެ މަގުން އެ ވަގުތު ޓްރަކެއްގައި ދިޔަ ދެމަފިރިންނެވެ. ދެ އަހަރުގެ ކުއްޖާ އޭނާގެ ޓޯއި އެކްސްކަވޭޓަރު ދުއްވާފައިދަނިކޮށް އެ ކުއްޖާ ސަލާމަތް ކުރާ ވީޑިއޯ ވަނީ ސީސީޓީވީއަށް އަރާފައެވެ.
މި ވީޑިއޯ ވައިރަލްވެ، ސޯޝަލް މީޑިއާގައި ވަނީ އެ ދެމަފިރިންނަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.
ޗައިނާގެ ރަސްމީ ޗެނަލެއް ކަމަށްވާ ސީޖީޓީއެންގެ އިންސްޓަގްރާމްގައި ޙިއްސާކޮށްފައިވާ މި ވީޑިއޯއިން ފެންނަ ގޮތުގައި، ހަތަރު އަނގޮޅި ކަންމައްޗަކުން ދެ އަހަރުގެ ކުޑަކުއްޖާ އޭނާގެ ޓޯއީ އެކްސްކަވޭޓަރު ދުއްވާފައި މަގަށް ނުކުންނައިރު އެ މަގުން ކާރުތަކާއި އެހެނިހެން ބަރު އުޅަނދުތައް އޭނާގެ ކައިރިން ބާރަށް ދުއްވާފައިދެއެވެ.
މަގުން ދުއްވާފައި ދިޔަ އުޅަނދަކުން ޖެހި ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ކުރިން އެ ކުއްޖާ ސަލާމަތްކުރީ އެ ވަގުތު ޓްރަކެއްގައި ދިޔަ ދެމަފިރިންނެވެ. އެ މީހުން ވަނީ ޓްރަކު ހުއްޓައި، އެ ކުއްޖާވަނީ މަގުގެ އެއްފަރާތަށް ސަލާމަތުން ގެންގޮސްފައެވެ. އަދި، ފުލުހުން އެ ތަނަށް އަންނަންދެން އެ ކުއްޖާއާ އެކު އެ ދެމަފިރިން މަޑުކުރާތަން ފެނެއެވެ.
އެ ކުއްޖާ ބޭރަށް ނުކުމެފައިވަނީ އޭނާގެ މާމައާ އެކު ކަމަށާއި، އަދި މާމަ ނުވިސްނާ ހުއްޓާ އޭނާ މަގަށް ނުކުތީކަމަށް އެ ގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.