ގާސިމްއާ މަޝްވަރާ ކުރަން ރައީސް ޞާލިޙް، އަދިވެސް ސަން އައިލެންޑްގައި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ގާސިމް އިބްރާހީމް ސަން އައިލެންޑްގައި-- ފޮޓޯ: ޖޭޕީ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމާ މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސަން އައިލެންޑަށް ވަޑައިގެންނެވި ގޮތަށް އަދިވެސް ހުންނެވީ އެ ރިސޯޓުގައެވެ.

ރައީސް ސާލިޙް، ގާސިމްއާ މަޝްވަރާ ކުރެއްވުމަށް ސަން އައިލެންޑަށް ވަޑައިގަތީ މިދިޔަ ބުދަ ދުވަހުއެވެ.

އެ ރިސޯޓުގައި ކުރިއަށް ދާ މި މަޝްވަރާ ތަކަށް މިހާރު 24 ގަޑިއިރަށް ވުރެ ގިނަ އިރު ވެފައިވާއިރު، ޖޭޕީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ގާސިމު މިހާތަނަށް ފެހި ސިގްނަލެއް ދެއްވާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގާސިމްގެ ހުރިހާ ވެސް ކަންބޮޑުވުމަކީ އިންޑިއާ އާއެކު ހަދާފައިވާ އެގްރިމެންޓްތައް ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އިންޑިއާއެކު ގައުމަށް ނުރައްކާވާ ފަދަ އެގްރިމެންޓެއް ހަދާފައި ނެތްކަން ސާފުކޮށްދިނުމުގެ މަޝްވަރާ ކަމަށާއި ނަމަވެސް ގާސިމް ބޭނުންވާ ވަރަށް އެކަން އަދި ސާފު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާސިމްގެ ހުރިހާ ވެސް ކަންބޮޑުވުމަކީ އިންޑިއާއާއެކު ހަދާފައިވާ އެގްރިމެންޓްތައް. އެހެންވެ ޝާހިދު އާއި އެހެން އިސް ބޭފުޅުން މެދުވެރިކޮށް އިންޑާއާއެކު ގައުމަށް ނުރައްކާވާ އެގްރިމެންޓެއް ހަދާފައި ނެތްކަން ސާފުކޮށްދޭން ސަރުކާރުން މަސައްކަތް ކުރަނީ. އަދި ގާސިމް ބޭނުންވާ ވަރަށް އެކަން ސާފެއް ނުވޭ،" ޖޭޕީގެ އޮފިޝަލް ވިދާޅުވިއެވެ.

ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ އާ އެކުގައި މަސައްކަތްކުރުމާ ގުޅޭ ގޮތުން ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިން މޭޓް، ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ މިމަހުގެ 12 ވަނަ ދުވަހު ސަން އައިލެންޑަށް ވަޑައިގެން ގާސިމާ މަޝްވަރާ ކުރައްވާފައެވެ.

މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތް ކުރުމުގެ ދައުވަތު ރައީސް ޞާލިޙް ވަނީ އެންމެންނަށް ފޮނުއްވާފައެވެ.

comment ކޮމެންޓް