ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީއަށް ބަދަލުވެފައި ތިބި އެމްޑީޕީ މެންބަރުން އަލުން އަނބުރާ އެ ޕާޓީއާ ގުޅުމަށް، ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ގޮވައިލައްވައިފިއެވެ.
ސޯސަންމަގުގައި އެމްޑީޕީން މިރޭ ބޭއްވި ކަންމަތީ ޖަލްސާގައި ޝިޔާން ވަނީ އެކި ސަބަބުތަކާހެދި އެމްޑީޕީން ވަކިވި މެމްބަރުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމުގެ ކުރިން އެ ޕާޓީއާ ގުޅުމަށް ގޮވާލައްވައިފައެވެ.
ޝިޔާން ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް 30 އަހަރުގެ ދިގު ވެރިކަން ބަދަލުކޮށް ރާއްޖެއަށް ޑިމޮކްރެސީ ގެނެސްދިން ޕާޓީ ކަމަށާއި އެހެންކަމުން ދިމާވާ ކުޑަކުޑަ މައްސަލައެއްގައި ތާއަބަދު ދެމި ތިބުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތެއް ވެސް ނޫން ކަމަށެވެ.
"އަޅުގަނޑަކީ ވެސް ތިޔަ ޕާޓީ އުފައްދަން އޭރުގައި މަސައްކަތް ކުރި މީހެއް. ނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތެއް ތިޔަ ބޭފުޅުންނަކީ އެމްޑީޕީ. އެހެންވީމަ ފުރަތަމަ ބުރު ނިމިއްޖެ. އަޅުގަނޑު ގޮވާލަން ބޭނުން ވަނީ މި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޑީޕީއާ އޭރުގައި ފެއަށް ޖެހިފައި ތިބި ފަރާތްތަކާ އެރުގައި އެކިއެކި ސަބަބުތަކާ ގުޅިގެން ދުރަށް ގޮށްފައިވާ ފަރާތްތަކާއި ވަޑައިގަންނަވާށޭ،" ޝިޔާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމަށްވުރެ، ދެން ވެސް ޑިމޮކްރެޓްސްއަށް ރަނގަޅުވާނީ އެމްޑީޕީއަށް ވެރިކަން ލިބިގެން ކަމަށެވެ. އަދި ސަރުކާރުން ކުރަމުން ގެންދާ ތަރައްގީގެ ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލެވިގެން ނޫނީ ރާއްޖެއަށް ސަލާމަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި ރާއްޖެއަށް ސަލާމަތްތެރިކަމެއް އޮތީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދީ އަމާން، އޮމާން، ދިވެހިރާއްޖެއަކަށް މި ކުރާ މަސައްކަތުގައި ތިޔަބޭފުޅުން އެއްބާރުލުން ދީގެން،" ޝިޔާން ވިދާޅުވިއެވެ.
ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ އަނިޔާވެރިކަމުގައި ތަތްތެޅިފައިވާ ބޭފުޅެއް ކަމަށް ތުހުމަތު ކުރައްވަމުން ޝިޔާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފަދަ އަމާނާތްތެރި ބޭފުޅަކު ކުރިމަތިލައްވާފައި ވަނިކޮށް އަނިޔާވެރިކަމަށް އަނެއްކާ ވެސް ދިއުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.
ޝިޔާން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ރައްޔިތުން އުޅެންޖެހުނު ހާލާއި ހިތްދަތިކަން މިއަދުވެސް ހަނދާން އެބަހުރި ކަމަށާއި ޑރ. މުއިއްޒަށް ވެރިކަން ލިބިއްޖެ ނަމަ، އެ ދުވަސްތަކާ ދިވެހީން އަނެއްކާ ވެސް ކުރިމަތިލާންޖެހޭނެ ކަމަށެވެ.