ކުޑަކުދިންނަށް ޖެހޭ ކެންސަރު ރާއްޖޭގައި ގިނަ ކަމަށާއި ފެންނަ އަލާމާތްތަކަށް ފަރުވާތެރިވުމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް އިލްތިމާސްކުރައްވައިފިއެވެ.
އޭނާ ވިދާޅުވީ ކެންސަރަށް ފަރުވާ ހޯދާ ކުޑަކުދިން މިވަގުތު ގިނަކަމަށެވެ. އެގޮތުން ތިން ކުދިން މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ހޯދާކަމަށް ފައިސަލް ވިދާޅުވިއެވެ. ކުޑަކުދިންގެ ތެރެއިން ކެންސަރަށް ފަރުވާ ހޯދަނީ ތިން އަހަރާ 14 އަހަރާ ދެމެދުގެ ކުދިންކަން ޑރ. ފައިސަލް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި އެންމެ ގިނަކަމަށް ފާހަގަކުރެވެނީ ލޭގެ ކެންސަރު ކަމަށެވެ. ނަމަވެސް، ސޮލިޑް ޓިއުމާ ކެންސަރު ވެސް ރާއްޖޭގައި ގިނަކަމަށް ފައިސަލް ވިދާޅުވިއެވެ.
"އެއީ ގުނަވަންތަކުގައި ހުންނަ ކެންސަރު. މިސާލަކަށް ކަށީގެ ކެންސަރު ކިޑްނީ ކެންސަރު. އެވެސް ހުރޭ ރާއްޖޭގަ ހަމަ އެކަނި ލޭގެ ކެންސަރެއް ނޫން މިއުޅެނީ،" ފައިސަލް ވިދާޅުވިއެވެ.
ކުޑަކުދިންގެ ކެންސަރުން ސަލާމަތް ވުމަށް ނުވަތަ ރައްކާތެރި ވުމަށް ކުރެވިދާނެ މާބޮޑު ކަމެއް ނެތްކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
"އެކުދިންގެ ވެއްޖެއްޔާ ބޮޑަށް ހުންނާނީ ވާރުތަވުން ނުވަތަ އުފަން ވުމުގަ ދިމާވާ ކަންކަން. އޭގެން ރައްކާތެރި ވާކަށް މާގިނަ ކަންތައްތަކެއް ނުއެއް ކުރެވޭނެ،" ފައިސަލް ވިދާޅުވިއެވެ.
ނަމަވެސް ކެންސަރަކީ ސްޓޭޖުތައް އެކުލެވޭ ބައްޔެއްކަމަށް ފައިސަލް ވިދާޅުވިއެވެ. އެހެންކަމުން ކުރީބައިގައި މި ބަލި ދެނެގަނެވިއްޖެ ނަމަ ކެންސަރަށް ފަރުވާ ހޯދާ ރަނގަޅު ވުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކުޑަ ކުދިންގެ ކިބައިން ފެންނަ އަލާމާތްތަކަށް ރައްކާތެރިވެ ޑޮކްޓަރަށް ދެއްކުން ކަމަށެވެ. އަދި އެއްވެސް އަލާމާތެއް ދިގުލައިގެން ދާނަމަ ޓެސްޓުތައް ހަދާ އެކަމުގެ ސަބަބު ދެނެގަތުން ވަރަށް މުހިންމު ކަމަށް ފައިސަލް ވިދާޅުވިއެވެ.
"މިސާލަކަށް ހުން އެ އަންނަނީ އިންފެކްޝަނެއްގެ ސަބަބުން ތޯ ނޫނީ ކަށީގަ ހުންނަ ތަދަކީ ކޮންކަހަލަ ކަމެއްވެގެން ވާތަދެއްތޯ ނޫނީ އަބަދު ކެއްސަނީ ކިހިނެތް ވެގެންތޯ ބަލަން އެބަ ޖެހޭ،" އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ކުޑަކުދިންގެ ރައްކާތެރިކަމަށް އެންމެ މުހިންމީ އެކުދިންގެ ކިބައިން ފެންނަ އަލާމާތްތަކަށް ފަރުވާތެރިވުމެވެ.