"އާނ… ބަލާބަލަ." ރާދިންގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. ވައިބާއިން ފޯވާޑްކޮށްލި މެސެޖް ބަލއިލުމާއެކު، ސަޖާއަށް ލިބުނު ޝޮކާއެކު، ދެލޯ ބޮޑުކޮށްލަމުން ރާދިންއަށް ބަލައިލެވުނެވެ.

"ރާ… ރާދިން.. މި… މީ" ހާސްވެ ކަންބޮޑުވީވަރުން ސަޖާގެ ދޫ ހަރަކާތްކުރީވެސް އުނދަގުލުންނެވެ. އަޅައަޅައިގަންނަމުން ވާހަކަ ދެއްކުނުއިރު، ރާދިން ހަމަ އެނަޒަރުން ސަޖާއަށް ބަލަހައްޓައިގެން އިނެވެ. މިހުރިހާ ދުވަހު ރާދިންއަށް ހަދަމުން އައި ދޮގު ފަޅާއަރައިފިކަމުގެ އިޙްސާސްއާއެކު، ސަޖާގެ ސިކުނޑީގެ މަސައްކަތްތައް ހިނދުކޮޅަކަށް މަޑުޖެހުނުހެން ހީވިއެވެ.

"އެއީ…" މިފަހަރުވެސް ބުނާނެ އެއްޗެއް ސަޖާގެ ދުލުކުރިއަކަށް ނައެވެ.

"އެއީ…ކޯންޗެއް..... ސަޖާގެ އަތުގައި އަހަންނަށް ދޭނެ އެކްސްޕްލެނޭޝަންއެއް އޮތްހެންނެއް އަހަންނަކަށް ހިޔެއްނުވޭ… ނޫންތަ؟"

"ރާދު… ތި ހީކުރަނީ ރަނގަޅަކަށް ނޫން. އެއީ އަހަރެންގެ…"

"ސޭވް އިޓް… އަދިވެސް އޮޅުވާލަނީތަ؟ އޭނައާ އެކީވެސް ސަޖާ އައީ މި ރެސްޓޯރެންޓަކަށްނު. ހަމަ މިތަނަށް. ނޫންތަ؟" ސަޖާއަށް ވާހަކަ ދަައްކާނެ ފުރުސަތެއް ރާދިން ނުދިނެވެ. އޭނާގެ ރުޅިވެރިކަންވަނީ އިންތިހާއަށް ގޮސްފައެވެ. ސަޖާގެ މަކަރުވެރިކަން ވަނީ މިހާރު އޭނާގެ ކުރިމަތީގައި ފަޅާއަރާފައެވެ. ބޭޒާރުވުމުންވެސް ސަޖާ އަދިވެސް އެ މަސައްކަތް ކުރަނީ އޮޅުވާލުމަށެވެ.

"އަހަރެން ސަޖާއަށްޓަކާ ނުކުރަނީ ކީއް؟ އަހަރެންގެ އަނބިމީހާއަށް ސިއްރުންވެސް ސަޖާއާ ގުޅުން ބޭއްވީ. ސަޖާ ބޭނުންވީތީ ވަކިން ތަނެއް ހިފާފައި އެތަނުގައި ސަޖާ ބެހެއްޓިން. ބޭނުންވާވަރަށް އެއްވެސް ޝަކުވާއެއް ނުކޮށް ފައިސާ ޚަރަދުކުރިން. މިހާރު އަހަންނަށް އެނގިއްޖެ ސަޖާ ލޯބިވީ އަހަރެން ދެކެ ނޫންކަން. ސަޖާ ލޯބިވީ މަގޭ މުދާތައް ދެކެ. ފައިސާ ދެކެ." ރާދިން ވާހަކަ ދައްކަމުން ދިޔައިރު ހިނދެއް ހިނދަކަށް އޭނާގެ އަޑު ބާރުވަމުން ދިޔައެވެ.

"އަހަންނާ އޭނާއާ އެފަދަ ގުޅުމެއް…"

"އަހަރެން ކައިރީގަތަ ސަޖާ ތިހެން ތި ބުނަނީ؟ އަހަރެން ކައިރީގަ. އެންމެ މީހެއް ދެމީހެއް ނޫނޭ ސަޖާގެ ވާހަކަ އަހަރެން ކައިރީގައި ދެއްކީ. އަހަރެންގެ މޮޔަކަމުން އެމީހުންގެ ވާހަކަތައް ގަބޫލުނުކޮށް ސަޖާގެ ބަހަށް ހެއްލުނީ. ލޯ ކުރިމަތިން ސަޖާގެ ހަޤީގަތް ފާޅުވަމުން ދިޔައިރު، ސަޖާގެ ދަހިވެތިކަން ފެންނަމުންދިޔައިރުވެސް، އެ ހުރިހާކަމެއް ނުވިސްނުނީ އަހަރެންގެ މޮޔަކަމުން. " މިފަހަރުވެސް ސަޖާއަށް ވާހަކަ ދައްކާކަށް ރާދިން ފުރުސަތެއް ނުދިނެވެ. އޭނާ އެ ހުރިހާ އެއްޗެއް ސަޖާއާ ދިމާލަށް ގޮވާލުމުން ސަޖާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"ދެން ރޯންފަށާ… ސަޖާ މޮޅުވާނީ އެކްޓްކުރަން." އެންމެފަހުން ރާދިން ބުނެލިއެވެ. އެއާއެކު ސަޖާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

"ރާދިން ކަންތައްކުރީ ވެސް ވަކި ރަނގަޅަކަށް ނޫން. އެ މައާލްއާ އިނީ އަހަރެން ބަހައްޓާފަ. އޭނައާ ނީންނަމަ މިއިން އެއްކަމެއް ވެސް ނުވާނެ" ސަޖާ ވެސް ބާރަށް ބުނެލިއެވެ.

"އަހަރެން އިތުރަށް ސަޖާއާ އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން. މިތަނަށް މިރޭ މިއައީ ހުރިހާކަމެއް ނިންމާލަން ވެގެން. މީގެ ފަހުން ސަޖާއާ އެއްވެސް ގުޅުމެއް ބާއްވާކަށް އަހަރެން ބޭނުމެއް ނޫން. މިކަންތައް މި ނިމުނީ…" އިތުރަށް ސަޖާގެ ކުރިމަތީގައި ހުންނާކަށްވެސް ރާދިން ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވީ އެތަނުން ދާށެވެ.

"ހަނދާންކުރާތި އެ އަންހެނާއާ ރާދިންއަށް ލާހިކެއްނޫން ހަމަޖެހިގެން ދިރިއުޅޭކަށް. މައާލްއަށް ހަޤީގަތްވެސް ކިޔައިދޭނަން…" ސަޖާ އިންޒާރުދިނެވެ. ދޮރުފަތުގައި ހިފާލި ރާދިން މަޑުޖެހިލަމުން ސަޖާއަށް ބަލައިލިއެވެ.

"ސަޖާ ކުރާނެކަމެއް ކުރަންވީ، ކިޔާނެ އެއްޗެއް ކިޔަންވީ. އެކަމަކު އަހަންނެއް ދެން ތި ސަޖާގެ ކައިިރިއަކަށް ނާންނާނަން." ރާދިން ފަހަތަށް ޖެހޭކަށް ބޭނުމެއް ނުވިއެވެ. ސަޖާގެ އެއްވެސް އިންޒާރަކަށް އޭނާ މިހާރު ބިރުނުގަންނަ ކަމުގައި ރާދިން ބުނި ނަމަވެސް، ހަޤީގަތުގައި މައާލް ގެއްލިދާނެތީ އޭނާ ބިރުގަނެއެވެ. މައާލްއާ ވަކިވާ ޚިޔާލުން އެކަނިވެސް އޭނާގެ ހިތަށް ތަދުވެއެވެ. އެ ނިކަމެތި، މައުސޫމް އަންހެން ކުއްޖާއާ ވަކިން އުޅޭކަށް ރާދިންގެ ހިތަކަށް ކެތެއްނުވާނެއެވެ. މިއަދު އޭނާގެ ހިތުގައި މައާލްއާ މެދު އިންތިހާ ލޯބިވެއެވެ. ފަހުމްވާން ގިނަ ދުވަސްވިނަމަވެސް، މިއަދު އެ ހިތުގެ ކޮންމެ ވިންދަކާ މައާލްވަނީ ގުޅިފައެވެ. މައާލްއަށް ވޭނާ ތަކުލީފު ލިބުމަށް އޭނާ ދުވަހަކު ނޭދެއެވެ. ރާދިން އޭނާގެ ނުތަނަވަސްކަން ސަޖާއަށް ފޮރުވާލީ ސަޖާގެ ކުރިމަތީގައި ބަލިކަށިވާން ބޭނުންނުވީތީއެވެ.

ރާދިންއަށް އައި ކުއްލި ބަދަލުން ސަޖާއަށް ސިހުމެއް ލިބުނެވެ. އޭނާ މައާލްގެ ކައިރީގައި ހަޤީގަތް ހާމަކޮށްލާނެ ކަމަށް ބުނާ ކޮންމެ ވަގުތަކު އެމޫނުމަތިން ފެންނަ ހާސްކަން މިރޭ ނުފެނުމާއެކު، އޭނާގެ ހިތަށް ތަފާތު އެއްޗެހި އަރާ ފައިބަމުން ދިޔައެވެ. އަނެއްކާ ރާދިން ހުރިހާ ވާހަކައެއް މައާލްއަށް ކިޔައިދިނީހެއްޔެވެ؟ އެފަދަ ހިތްވަރެއް ރާދިންއަށް ލިބުނީ އެހެންވެހެއްޔެވެ؟ އެހެން ވެއްޖެނަމަ، އޭނާއަށް ދެން ކުރެވޭނެ އިތުރުކަމެއް ނޯންނާނެއެވެ. ސަޖާގެ މޫނުގެ ކުލަ އޮއްސުނުތަން ރާދިންއަށް ފެނުމާއެކު އެހިތަށް ކުޑަކުޑަ ތަސައްލީއެއް ލިބިގެން ދިޔައެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ސަޖާ ބުނެލި ވާހަކައާއެކު ރާދިން ކުޑަކޮށް ހައިރާންވިނަމަވެސް، އެކަން އޭނާ މޫނުމައްޗަކުން ނުދައްކައެވެ.

"ރާދިން ތިހެން ތިބުނަނީ އަހަންނަށް ވާގޮތެއް ބަލާލަންތަ؟ އަހަންނަށް އެނގޭ އަސްލު ތިހުންނަނީ ބިރުގަނެފަކަން. މައާލްއަށް އެ ވާހަކަތައް ކިޔައިދޭކަށް ހަޤީގަތުގައި ރާދިން ބޭނުމެއް ނުވާނެ. ގަދަކޮށްލަން ތިހެން ތި ބުނަނީ އަހަރެން މަޑުން ހުންނާނެޔޭ ހީކޮށްތަ؟ ހަނދާންކުރާތި! އަހަރެން ހުއްޓާ ހަމަޖެހިލައިގެން ދިރިއުޅޭކަށް ލާހިކެއްނޫން. ތި ދިރިއުޅުން ފުނޑު ފުނޑު ކޮށްލާނަން. މިއަދު ނޫނީ މާދަން ތި ދެމެދުގައި ނަފްރަތު އުފައްދާނަން." ސަޖާގެ އިންޒާރާއެކު ރާދިން ނުތަނަވަސްވިއެވެ. އެހިތަށް އެ ވާހަކަތަކުން އުނދަގޫވުމާއެކު، ދޮރު ހުޅުވާލާފައި އޭނާ ނުކުމެއްޖެއެވެ. އެދިޔަ ގޮތަށް ގޮސް އެތަނުން ނުކުމެ، ސައިކަލަށް އަރާ ގެއަށް ދިޔުމަށް ދުއްވައިލިއެވެ.

ގެއަށް ވަނުމަށްފަހު، ހަލުވިކަމާއެކު ގޮސް ކޮޓަރިއަށް ވަތްއިރު އޭވާ ކޮޓަރިތެރޭގައި މައާލްއާއެކު ހުއްޓެވެ. ރާދިން އައުމުން އޭނާ ނުކުމެލިއެވެ.

ފަރުވާތެރިކަމާއެކު މައާލްއަށް ބަލައިލި ރާދިންގެ ތުންފަތްމަތީގައި ރީތި ހިނިތުންވުމެއް ދުވެލިއެވެ. މައާލް ލާފައިހުރީ އޭނާ މައާލްއަށް ދިން ހެދުމެވެ. މެރޫން ކުލައިގެ ކަކުލާ ހިސާބަށް އަރާ ހެދުން އޭނާގެ ހަށިގަނޑަށް ހިފާލާފައިވެއެވެ. ހެދުމުގެ އަތް އުޅަބޮއްޓާ ހިސާބަށް ވުރެ ކުޑަތަންކޮޅެއް މައްޗަށްހުރިއިރު، ބަނޑާދިމާލުގައި ބަންދެއް ލާފައިވެއެވެ. ސެޓިން ފޮތީގެ ހެދުމެއްކަމުން ބަންދުން ތިރިއަށް ރޫތައް ޖެހިފައިވާރު ހިތްގައިމު ދަޅައެއް އަޅަމުން ދިޔައެވެ. އެއާއެކީ މައާލް އަރާފައި ހުރީ މެރޫން ކުލައިގެ ބޫޓަކަށެވެ. މެޓް ވައްތަރަކަށް ހުރި އެ ބޫޓޫގައި އެސްތަކެއް ޖަހާލާފައިވާއިރު ހެދުމާ ނުހަނު ގުޅެއެވެ. އިސްތަށިގަނޑު އޮތީ ދޫކޮށްލާފައެވެ. ލުއިކޮށް މޭކަޕްކޮށްފައިހުރި މައާލް ފެނި ރާދިންގެ ހިއްސުތައް ކިޔަމަން ކުރުވުން އޭނާއަށް ވީ އުނދަގޫ ކަމަކަށެވެ. މަޑުމަޑުން އައިސް މައާލްގެ އަތުގައި ހިފާލުމާއެކު، ރާދިން އެއަތަށް ބޮސް ދިނެވެ.

"ޔޫ ލުކް އެބްސްލޫޓްލީ ބިއުޓިފުލް…" ރާދިންގެ ތަޢުރީފްގެ ބަސްތަކުން މައާލްގެ ލަދުގަތެވެ. އޭނާއަށް އިސްޖަހައިލެވުނެވެ.

"ކީއްވެ އިސްޖަހަނީ… އަހަންނަށް މައާލްއަށް ރީތިކޮށް ބަލައިލުމުގެ ފުރުސަތު ދީބަލަ…" ރާދިން ބުނެލިއެވެ.

"ރާދިންއަށް ނުފެނޭތަ އަހަރެން…" މައާލް ހުރީ ހަޤީގަތުގައިވެސް ލަދުގަތްފައެވެ.

"ނުފެންނާތީއެއް ނޫނޭ. މިރޭ ތަފާތުކަމުން." ރާދިން މައާލްގެ ނިތުގައި ބޮސް ދިނެވެ.

"މިއަންނަނީ އިނގޭ…" އެހެން ބުނެލާފައި ރާދިން ހިނގައިގަތީ ވޯކިން ކްލޯސެޓްއާ ދިމާލަށެވެ. އެތަނަށް ވަދެ ގަމީހަކާ އެއްޗެހި އޭނާ ނެގިއެވެ. އެއަށްފަހު, ފާޚާނާއަށް ވަދެ ނުކުމެފައި އޭނާ ނިކަން އަވަސް އަވަހަށް ތައްޔާރުވެލިއެވެ.

"ހިނގާ ދަމާ…" މައާލް ގޮވައިގެން ހިނގައިގަނެފައިވެސް ރާދިން މަޑުޖެހިިލިއެވެ. އެއަށްފަހު އަނެއްކާވެސް އޭނާ ގޮސް، ވޯކިން ކްލޯސެޓްއަށް ވަނެވެ. އެތަނުން ނެގި ކުޑަކުޑަ މަހުމާ ފޮއްޓެއް ޖީބަށް ލަމުން ނުކުމެ މައާލް ގޮވައިގެން ހިނގައިގަތެވެ. ބޭރަށް ނުކުތުމާއެކު، ރާދިން ހިނގައިގަތީ ސައިކަލާ ދިމާލަށެވެ.

"ސައިކަލު ގަތަ ދަނީ؟" މައާލް ސުވާލުކޮށްލިއެވެ.

"މައާލް ބޭނުންވަނީ ކާރުގަތަ ދާން؟" ރާދިން އެހެން ބުނެލާފައި އެތަނުގައި އޮތް ކާރަށް ބަލައިލިއެވެ. އެއީ ރާދިއުގެ ކާރެވެ.

"އާނ…" މައާލް އެހެން ބުނުމުން ރާދިންއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ރާދިއުގެ ހަނދާންތަކުން އޭނާއަށް އުނދަގޫވަމުން ދިޔައެވެ. އެހެންކަމުން އެއްޗެއް ނުބުނެ އޭނާއަށް ހުރެވުނެވެ.

"ރާދިން ބޭނުން ނުވިއްޔާ އޯކޭ ސައިކަލު ވެސް." ރާދިންގެ ހިމޭންކަން އިޙްސާސްވުމާއެކު، މައާލް ބުނެލިއެވެ.

"ނޫން. އޯކޭ ވާނެ. ކާރުގަ ދެވިދާނެ…" މައާލްގެ އެ އެދުމާދެކޮޅު ހަދާކަށް ރާދިން ބޭނުމެއް ނުވިއެވެ. މައާލްގެ ގާތުގައި މާޒީގައި ހިފައިގެން އަބަދު ނުހުރެވޭކަމަށް ބުނަނީ އޭނާއެވެ. މައާލްއަށް އެފަދަ ގޮތްގޮތަށް ނަސޭހަތް ދޭއިރު ޚުދު އޭނާއަށް އަދިވެސް އެ މާޒީން އަތްދޫކޮށްލެވޭ ގޮތެއް ނުވެއެވެ. މިރޭ ފުރަތަމަ ފަހަރަށް އަމިއްލަ ހިތުގެ ބިރުވެރިކަމާއި ކުރިމަތިލާން ރާދިން ނިންމިއެވެ. އޭނާ ގޮސް މައާލް ކާރަށް އަރުވާފައި އަނެއްފަރާތުން ގޮސް ޑްރައިވަރުގެ ސީޓަށް އަރާ އިށީނެވެ. އެ ހުރިހާއިރުވެސް މައާލް އިނީ ހިނިތުންވެލައިގެންނެެވެ. ކާރަށް އަރާފައި މައާލްއަށް ބަލައިލި ރާދިންއަށް ކަޅި ޖަހާނުލާ އެ ފުރިހަމަ ސޫރައަށް ބަލަހައްޓައިގެން އިނދެވުނެވެ. މިރޭ މައާލްގެ ރީތިކަން ދެގުނަވެފައިވާހެން ހީވެއެވެ. ބޭނުންވަނީ އެ އަތުގެ ތެރޭގައި މައާލް ހައްޔަރުކޮށްލުމަށެވެ. އެ ދެލޮލުގެ މަހިނޫރުގެ ބާރުގައި އެ ދެލޮލުގެ ތެރެއަށް ފީނައިލުމަށެެވެ. މުޅި ރޭ މައާލްގެ ސޫރައަށް ނަޒަރު ހުއްޓާލައިގެން ހުންނާށެވެ.

ކާރު ސްޓާރޓްކޮށްލަމުން ރާދިން ބުނީ އެމީހުން ދާނީ ހުޅުމާލެއަށް ކަމުގައެވެ. މާފަންނުކޮޅުން ބޮޑު ތަކުރުފާނު މަގަށް ނުކުމެ، ރާދިން ފަރިތަކަމާއެކު، ކާރު ދުއްވަމުން ދިޔައެވެ. އެހެން އިންއިރު، އޭނާއަށް ރާދިއުގެ މަތިން ހަނދާންވިއެވެ. ދެމީހުންއެކުގައި އެ ކާރުތެރޭގައި ޖެހިހާ ސަކަރާތެއް ހަނދާނަށް އަންނަން ފެށިއެވެ.

"ރާދިން… އެއްޗެކޭ ނުބުނަނީ ކީއްވަތަ؟ ކޮންމެވެސް ވާހަކައެއް ދައްކަބަލަ." ރާދިން އާދަޔާ ޚިލާފަށް ހިމޭންވެފައި އިންނަކަން މައާލްއަށް ފާހަގަ ކުރެވުމާއެކު އޭނާ ބުނެލިއެވެ. މައާލް އެ ސުވާލު ތަކުރާރުކޮށްލަމުން ވީގޮތާ ބެހޭގޮތުން ސުވާލުކޮށްލުމާއެކު، ރާދިން އޭނާގެ ހިތުގައިވީ އުދާސްތައް މައާލްގެ ކުރިމަތީގައި ބަންޑުންކޮށްލިއެވެ. އޭނާ އެކާރަށް ނާރާ ސަބަބުވެސް ފުރަތަމަ ފަހަރަށް މައާލްއާ އޭނާ ހިއްސާކުރިއެވެ.

"އައި އެމް ސޮރީ ރާދިން… އަހަންނަކަށް ނޭނގެ ރާދިންއަށް އެހާ އުނދަގޫވާކަމެއް. ސޮރީ…" މައާލް ދެރަވެއްޖެއެވެ. ރާދިންއާ މެދު ވިސްނާލާފައި އޭނާ ކަންބޮޑުވިއެވެ. ލޯބިވާ މީހުންގެ ހަނދާންތަކުން ލިބޭ ވޭން އޭނާއަށް ވުރެ ބޮޑަށް އިޙްސާސްވާނެ އެހެން މީހަކު ވާނެހެއްޔެވެ؟ އެއިން ކޮންމެ ހަނދާނަކުން ސިކުނޑިއަށް ވެރިވާ ހާސްކަން އޭނާއަށް ވުރެ ބޮޑަށް އެނގޭނެ މީހަކު ހުންނާނެހެއްޔެވެ؟ އެ ހަނދާންތަކުން ހިތުގެ ތެޅުމަށް އަންނަ ބަދަލާ ހިތުގައި އަޅާ ވޭން އޭނާއަށް ވުރެ ރަނގަޅަށް އެނގޭނީވެސް ވަކި ކާކަށް ހެއްޔެވެ؟ އޭނާއެކޭ އެއްގޮތަށް ރާދިންއަށްވެސް އެކަންތައްތަކުން ފުރިހަމައަށް އަރައިނުގަނެވޭކަން މައާލްއަށް އެނގުމާއެކު، އޭނާގެ ހިތުގައި ވެސް ރިއްސާލިއެވެ. އެކްސިޑެންޓަށްފަހު، ކާރަށް އެރުމަކީ ޖެހިލުންވާކަމެއް ކަމުގައިވިޔަސް އޭނާ ހިތްވަރުކޮށްފައި އެކަންތައް ކުރަނީ މުޅިން ބިރުވެރިކަން ފިލާނީ އެކަމާ ކުރިމަތިލައިގެން ކަން އެނގޭތީއެވެ. އެހެންނަމަވެސް، އެންމެން އެއްގޮތެއް ނުވާނެއެއް ނޫން ހެއްޔެވެ؟

"ނޫން! އިޓްސް އޯކޭ މާލް. މާލްގެ ސަބަބުން އަހަންނަށް މާޒީއާ ކުރިމަތިލާން ދަސްމިވީ. އަހަރެން ބޭނުންވީ އެ ހަނދާންތަކުން ދުރުވާން. ކުރިމަތިލާކަށް ބޭނުމެއް ނުވި. އެއީ އެ ހަނދާންތަކުން ނޭނގޭ އުނދަލެއް ވާތީ. އެތަކެއް ވޭންތަކެއް ލިބޭތީ… އެކަމަކު މިއަދު އެނގިއްޖެ، އަމިއްލަ ނަފްސަށް ހަމަޖެހުން ލިބޭނީ އެކަންތައްތަކާ ކުރިމަތިލީމަކަން. މާޒީއަށް ފިލައިގެން އަމިއްލަ ހިތަށް ތަސައްލީއެއް ނުލިބޭނެކަން. ތެންކިއު މާލް. މާލްގެ ސަބަބުން މި ކާރަށް އަހަރެން މި އެރީ. އެ ހިތްވަރު އަހަންނަށް ލިބުނު ސަބަބަކީ ތީ. ތެންކިއު ޑާރލިންގ..." ރާދިން މައާލްގެ އަތުގައި ހިފައްޓާލިއެވެ. ބްރިޖް ލައިޓަށް ކާރު ހުއްޓާލުމާއެކު، މައާލް ސުވާލުކުރުމުން ވީ ގޮތް ރާދިން ބުނެދިނެވެ.

ސިގްނަލް ފެހިވުމާއެކު ރާދިން ކާރު ދުއްވައިލިއެވެ. ބްރިޖްމަތީގައި ރާދިން ކާރު ދުއްވަމުން ދިޔައީ ފުދޭވަރަކަށް ބާރަށްކަމުން މައާލްއަށް އެކަމުން އުނދަގޫވިއެވެ.

"ކިހިނެއްވީ މާލް؟ ކަމެއްވީތަ؟" މައާލްގެ ނުތަނަވަސްކަން ރާދިންއަށް ފަހުމްވުމާއެކު, އޭނާ ސުވާލުކޮށްލިއެވެ.

"ނޫން. ނުވޭ ކަމެއް… "

"ބުނެބަލަ.. އަހަރެން ރޭގަވެސް ބުނިން މާލް ޖެހޭނެއޭ އުނދަގޫވާކަންތައް ބުނަން." ރާދިން ހަނދާންކޮށްލަދިނެވެ.

"މާ ބާރަށް ދުއްވާތީ އުނދަގޫވީ. ހަނދާންވީ އެކްސިޑެންޓް މަތިން." މޮޅިވެރިކަމާއެކު މައާލްއަށް ބުނެވުނެވެ.

"ކުރިން ބުނިނަމަ." އެހެން ބުނެލާފައި ރާދިން ދުވެލި މަޑުކޮށްލިއެވެ. ހުޅުމާލެ ދެވުމާއެކު ރާދިން މައާލްއިން ދިމާ ބިއްލޫރިގަނޑު ތިރިކޮށްލިއެވެ. އެއާއެކު ޖެހިލި ވައިރޯޅިން މައާލްއަށް އަރާމުވިއެވެ. މައާލްގެ ތުންފަތްމަތީގައި ދުވެލި ހިނިތުންވުން ރާދިންއަށް ހަމަޖެހުން ގެނުވިއެވެ. ހުޅުމާލޭގެ ފޭސްޓޫގައި ދުއްވާލާފައި ރާދިން ދިޔައީ ދާދިފަހުން ހުޅުވި ފައިވްސްޓާރ ރެސްޓޯރެންޓަކާ ދިމާލަށެވެ. ކާރު ޕާކުކޮށްލާފައި އޭނާ ގޮސް ކާރުގެ ދޮރުފަތް ހުޅުވާލާފައި މައާލް ފޭބުމަށް އެހީތެރިވިއެވެ.

"ކޮންތާކަށް ތިއައީ…" ރާދިން ގާތު މައާލް ސުވާލުކޮށްލިއެވެ. ރާދިން މައާލްގެ އުނަގަނޑުގައި ހިފާ ގާތްކޮށްލަމުން މައާލް ގޮވައިގެން މަގު ހުރަސްކުރަން ހިނގައިގަތެވެ. ރެސްޓޯރެންޓަށް ވަނުމަށްފަހު، ރާދިން ކައުންޓަރާ ގާތްވެލިއެވެ. އިރުކޮޅަކުން އެތަނުގެ މެނޭޖަރު އައިސް ރާދިންމެން ގޮވައިގެން ލިފްޓާދިމާލަށް ހިނގައިގަތެވެ. އޭނާ ރާދިންމެން ގޮވައިގެން އެރީ ޓެރެސްއަށެވެ. ހިތްގައިމު ބޮޑު ޓެރެސްވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްލާފައެވެ. ޓެރެސްގެ މެދުގައި ކަހަލަ ގޮތަކަށް ކޭންޑަލް ލައިޓް ޑިނަރ އެއް ތައްޔާރުކޮށްފައިވާއިރު، މުޅިތަނުގައި ލުއި ލުއި މީރުވަހެއް ހިފާލާފައިވެއެވެ. ވަށްމޭޒާއި މޭޒުގެ ވަށައިގެން ބަހައްޓާފައިވާ ގޮނޑިތަކާ ދިމާ ތަޅުންގަނޑުމަތީގައިވެސް ވަނީ ފިނިފެންމަލުގެ ފިޔަތަކެވެ. ވިރެމުން ދިޔަ އުއްބައްތީގެ އޮރެންޖު އަލިން ތަނަށް ހުވަފެނީ ދިރުމެއް ގެނެސްދީފައިވެއެވެ. ތަނަށް ވެރިވެފައިވާ މަސްތުކަމާއި، ޗާލޫކަމުން ރާދިންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެ އަލީގައި މައާލް ފެންނަލެއް ވަރަށް ވެސް ހިތްގައިމެވެ. އެމޫނަށް ބަލަހައްޓައިގެން ރާދިންއަށް އެތަކެއް އިރަކު ހުރެވުނެވެ. އެ އަންހެން ކުއްޖާއަށްޓަކައި އެ ހިތުގައި ޖަހަމުން އެދާ ވިންދަކީ މީގެކުރިން ދުވަހަކުވެސް އެހެން އަންހެން ކުއްޖަކަށްޓަކައި އޭނާގެ ހިތުގައި ޖެހި ވިންދެއް ނޫނެވެ. އެއީ އޭނާއަށް މުޅިން އާ އިޙްސާސެކެވެ. އާ ޖަޒުބާތެކެވެ. ހިތުގައި އުތުރެމުންދިޔައީ ބުނެދޭން ނޭނގޭ ޖަޒުބާތުތަކެކެވެ.

އެ މާހައުލުގެ ހިތްގައިމުކަމާއި ޗާލޫކަން މައާލްއަށް ކިޔައިދޭން ރާދިން ކިތަންމެހާވެސް ބޭނުންވިއެވެ. އެހެންނަމަވެސް، އެކަމުގެ ސަބަބުން މައާލްއަށް އިތުރު ދެރައެއް ލިބޭނެހެން އޭނާއަށް ހީވަނީއެވެ. ކުރިން ނިންމައިގެން ހުރީ އެތަނަށް އައިސް އެތަން މައާލްއަށް ސިފަކޮށްދިނުމަށެވެ. އެހެން ނަމަވެސް އެހެން ކަންތައް ކޮށްފިނަމަ، އެ މަންޒަރު ނުފެނުމުގެ ސަބަބުން މައާލްއަށް ހިތްދަތިކަމެއް ލިބިދާނެހެން ރާދިންއަށް ހީވީއެވެ. ފަސްޖެހުނީ އެހެންވެގެންނެވެ. އެހެންނަމަވެސް އެ ހުރިހާ މަންޒަރެއް އޭނާ ފޮޓޯ ގްރާފަރެއްގެ ކެމެރާ ލެންސުގައި ރައްކާކުރަމުން ދިޔައީ ކޮންމެވެސް ދުވަހަކުން މައާލްއަށް ފެންނާނެކަމުގެ އުންމީދުގައެވެ. އޭނާ ބޭނުންވަނީ މައާލްއާއެކު ހޭދަކުރެވޭ ކޮންމެ ވަގުތަކީވެސް ވަރަށް ޚާއްސަ ވަގުތަކަށް ހެދުމަށެވެ. އެހާވަރުން އެ ތަން ތައްޔާރުކުރީވެސް އެހެންވެގެންނެވެ.

"އައި ލަވް ޔޫ…" އެހެން ބުނެލާފައި މައާލްގެ ނިތުގައި ރާދިން އޭނާގެ ނިތްކުރި ޖައްސާލައިގެން އިރުކޮޅަކު ހުއްޓެވެ. އެހެން ހުރެލާފައި ރާދިން، މައާލް ގެންގޮސް ގޮނޑި ކުޑަކޮށް އެއްފަރާތްކޮށްލާ އޭގައި މައާލް ބެއިންދިއެވެ. އެއަށްފަހު އެއްފައިމައްޗަށް އިށީނދެފައި އޭނާ ޖީބުން ނެގީ މަހުމާ ފޮއްޓެވެ. އެ ހުޅުވާލާފައި އޭގައި އޮތް އަނގޮޓި ނަގާފައި މައާލްގެ އަތުގައި އެއް އަތުން ހިފައްޓާލިއެވެ. އެއަށްފަހު، މައާލްގެ އަތުގައި އަނގޮޓި އަޅުވާލަދިނެވެ. ކުޑަ ހައިރާންކަމެއް ލިބުނުނަމަވެސް، މައާލް އިންތިހާއަށް އުފާވިއެވެ.

"މިހާރު މިފުރިހަމަވީ…" މައާލްގެ އިނގިލީގައި އަޅުވާލި އަލިމަހުގެ އަނގޮޓިއަށް ނަޒަރު ހުއްޓާލަމުން ރާދިން ބުނެލިއެވެ. އޭނާ އެއަތަށް ބޮސް ދިނެވެ.

"އަހަރެން ދުވަހަކުވެސް މާލް ދޫކޮށެއް ނުލާނަން. އައި ޕްރޮމިސް. އައި ލަވް ޔޫ ސޯ މަޗް މާލް." ރާދިން ބުނެލިއެވެ. އެއަޑުގައި މިހާރު ވަނީ ޔަޤީންކަމެވެ.

"އަހަރެންވެސް ލޯބިވޭ. އިންތިހާއަށް. އެކަމަކު ރާދިން… ކޮން އިރަކު؟ ކޮން އިރަކު މިހުރިހާކަމެއް ރޭވީ…"

"ޑިއުޓީއިން އައިސް މާލް ކައިރީގައި ހުރެފަ ފެންވަރަން ދިޔަ ވަގުތު." ރާދިން ބުނެލިއެވެ. އޭނާ ގޮސް ގޮނޑީގައި އިށީނދެލުމަށްފަހު، ކެއުމަށް އިންސާފުކުރުމަށް ބުނެލިއެވެ. ދެމީހުން އެކުގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރީ އެ ހުވަފެނީ މާހަލުގައެވެ.

އެ ދެހިތުގައިވެސް ވަނީ ނިމުމެއް ނުވާ ލޯތްބެކެވެ. އެކަކު އަނެކަކަށް އެދޭވަރު ކޮންމެމީހެއްގެ ކޮންމެ ހަރަކާތަކުންވެސް ބުނެދެމުން ދިޔައެވެ. އުމުރު އެކުގައި ހޭދަކުރަން ބޭނުންވާކަން ބުނެލާ ކުދިކުދި ބަސްތަކުން ހާމަވަމުން ދިޔައެވެ. އެތަކެއް އަހުދަކާ ވައުދެއް ވަމުން ދިޔައީ އުމުރު ދުވަހުވެސް އެކުގައިވާނަމޭ ބުނަމުންނެވެ. ރާދިން އަމިއްލަ ނަފްސަށް ވައުދުވީ މައާލް އުފަލުގައި ގެންގުޅުމަށެވެ. އެހިތުގައި ނުޖެއްސުމަށެވެ. މައާލްއަށްޓަކައި އެ ހިތުގައި ކުރިފަޅާ ހެދެމުންދިޔަ ލޯބީގެ ބާރުގައި ރާދިން މުޅިން ބަދަލުކޮށްލަފިއެވެ. އާއެކެވެ. އެހިތަށް ހަޤީޤީ ލޯތްބަކީ ކޮބައިކަން އަންގައިދިނީ މައާލްއެވެ. އެ ޖަޒުބާތުތައް ދަސްކޮށްދިނީ މައާލްއެވެ. ލޯބީގެ ސަަަބަބުން މީހާއަށް އަންނަ ބަދަލުތައް އިހްސާސްކޮށްލަދިން އަންހެން ކުއްޖަކީވެސް ހަމައެކަނި މައާލްއެވެ. އެހެން އަންހެން ކުދިންނާ ތަފާތު ނަމަވެސް، ރާދިންގެ ހިތާ ހަމައަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބާރު ފޯރުވި ހަމައެކަނި އަންހެން ކުއްޖަކީވެސް މައާލްއެވެ. ހަމައެގޮތަށް ރާދިންއާ މެދު މައާލްގެ ހިތުގައިވެސް ވަނީ ހަމަ އެ އިޙްސާސްތަކާ ޖަޒުބާތުތަކެވެ.

އެރޭގެ އުފާވެރި ވަގުތުކޮޅަށްފަހު، ރެސްޓޯރެންޓުން ނުކުމެގެން ގޮސް ކާރަށް އެރިއިރު، ރޭގަނޑު ބާރަޖަހަނީއެވެ. މައާލްގެ ތުންފަތްމަތީގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ. ރާދިންގެ ލޯތްބާއެކު، ދިރިއުޅުމުގެ އުފާވެރިކަން އޭނާއަށް އިޙްސާސްކުރެވޭނެކަމުގައި ހީކުރިނަމަވެސް، ފަރުދާގެ ފަހަތުގައި ފޮރުވިފައިވާ އެއްވެސް ކަމެއް މައާލްއަކަށް ނޭނގެއެވެ. ރާދިންގެ ސިއްރު ފަޅާއަރާ ދުވަހަކުން އެދެމީހުންގެ ޙަޔާތަށް އަންނާނީ ކިހާ ވަރު ގަދަ ކޮޅިގަނޑެއްކަމެއްވެސް ނޭނގެއެވެ. އަދި އެކޮޅިގަނޑުގައި ޙަޔާތުގެ ނައުގެ މިސްރާބު ބަދަލުވާނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު