މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް, ޕީއެންސީއާއެކު ކޯލިޝަން ހަދައިގެން ކުރިއަށް ދާން އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ ގިނަ މެމްބަރުން ޚިޔާލު ފާޅުކޮށްފިއެވެ.
އެމްއެންޕީގެ ސްޕޯކްސްޕާސަން އިބްރާހީމް އާޒިމް ވިދާޅުވީ މިރޭގެ ބައްދަލުވުމުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މެމްބަރުން ޚިޔާލުފާޅުކޮށް މަޝްވަރާ ކުރި ކަމަށެވެ.
އާޒިމް ވިދާޅުވީ ގިނަ މެމްބަރުންގެ ޚިޔާލުތަކަށް ބަލާއިރު، ޕީޕީއެމް، ޕީއެންސީއާ އެކު ކޯލިޝަން ހެދުމަށް ގިނަ މެމްބަރުންނަށް ފެންނަ ކަމަށް ޚިޔާލުފާޅުކޮށްފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި 51 މެންބަރުންގެ ތެރެއިން 35 މެންބަރަކު ވަނީ ޕީޕީއެމް ޕީއެންސީއާއެކު ކޯލިޝަން ހަދަން ވޯޓު ދީފައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއެކު ކޯލިޝަން ހަދަން އެއްވެސް މެންބަރަކު ވޯޓު ދީފައިނުވާއިރު، އެއްވެސް ބަޔަކާ ކޯލިޝަން ނަހަދަން ހަ މެންބަރަކު ވޯޓު ދީފައި ވެއެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓު ނުދޭ 10 މެންބަރަކު އެބަތިއްބެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ރިޔާސީ ޓިކެޓްގައި ވާދަ ކުރައްވައިގެން ނާޒިމަށް ލިބުނީ 1،907 ވޯޓެވެ.