ހިތުގެ އެދުމޭ ތީ... 10

ކުޑަ އިރުކޮޅަކަށް ހުއްޓުން އެރި ނަމަވެސް، ނިޔަމް އަވަސް އަވަހަށް ޒައިލްއާއި ދުރަށްދާން އުޅުނެވެ. ޒައިލް ނިޔަމްގެ ބޮލުގެ ފުއްކިބައިގައި ހިފައި ގެންގޮސް، މޭގައި ޖައްސައިލިއެވެ.

"އައި ސްޓިލް ލަވް ޔޫ..." ޒައިލްއަށް ބުނެވުނެވެ.

********

ނިޔަމްގެ ދެލޯ ވަނީ ބޮޑުފައެވެ. އެސްފިޔަ ޖަހައިލަންވެސް ނޭނގުނެވެ. ތިރިކޮށްލެވިފައިވާ ނިޔަމްގެ ދެއަތް ވަނީ މުށްކެވިފައެވެ. އެފަދަ ކަމެއް ކުރަން ޒައިލްއަށް ހިތްވަރު ލިބުނީ ކިހިނެއް ހެއްޔެވެ؟ ނިޔަމްގެ އަތްފައި ފިނިވަމުން ދިޔައެވެ. ޖެހި ބުދެއްހެން ޒައިލްގެ މޭގައި ލައްވެލައިގެން ހުރިއިރު، ވަށައިގެންވި މާހައުލުގެ މަތިންވެސް އޭނާ ހަނދާނެއް ނެތެވެ. ޒައިލްއާއި ދުރަށްޖެހިލަންވެސް ނޭނގުނެވެ. މާޒީގެ އެތައް ހަނދާނަކުން ނިޔަމްގެ ސިކުނޑި ވަނީ ފުރި ބާރުވެފައެވެ.

ޒައިލްގެ ހާލަކީ ތޯއެވެ. އޭނާގެ ހިތުގެ ތެޅުން އިތުރުވެފައިވީ ކައިރީގައި ހުންނަ މީހަކަށްވެސް ސިއްރުނުވާ ވަރަށެވެ. އެތައް ދުވަހެއްވީ އިރުވެސް އޭނާގެ އިހުސާސްތައް ބަދަލެއް ނުވިއެވެ. ނިޔަމްއަކީ ހާއްސަ އަންހެންކުއްޖެކެވެ. ޒައިލް ކިތަންމެ މަސައްކަތްކުރި ނަމަވެސް އެ ހަނދާންތަކާއި ދުރަކަށް ނުދެވުނެވެ.

"އައި މިސްޑް ޔޫ... އަހަރެން ބޭނުމެއް ނޫން ދެން ޏަމްޏަމް ގެއްލޭކަށް... ދެން އެއްވެސް މީހަކަށް މިދޭތެރެއަކަށް ނުވަދެވޭނެ..." ޒައިލް ދެލޯ މަރައިލިއެވެ.

"އަހަރެންމީ ޒައިލް ބޭނުންހާގޮތެއް ހަދަން ހުރި މީހެއް ނޫނޭ..." ނިޔަމް ކުއްލިއަކަށް ޒައިލްގެ މޭގައި އަތްއަޅައި ދުރުކޮށްލިއެވެ. "އަހަރެން ޒައިލްއަށް ކުރި އިތުބާރު ގެއްލިއްޖެ... އައި ހޭޓް ޔޫ..."

ޒައިލް ހުރީ ނިޔަމް އެފަދަ ކަމެއް ކޮށްފާނެކަމަށް ވިސްނައިގެނެއް ނޫނެވެ. ނިޔަމް ދާދި ފަސޭހައިން ޒައިލްގެ އަތްދަށުން ދެމިގަތެވެ. އަދި ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ގެއަށް ވަނެވެ.

"މަންމި ގެއްލިގެން ކުއްޖަކު ވަރަށް ހާސްވެފަ މީނީ..." ނިޔަމް ފެނުމުން ދާވިއަންއެކޭ އެއްވަރަށް ލޫކްގެ މޫނުވެސް އުޖާލާވިއެވެ. ނިޔަމް ޒައިލްގެ ފަހަތުން ދިޔަ މަންޒަރު ލޫކަށް ފެނުނެވެ. އޭނާ ހާސްވީ، ނިޔަމް ނައިސް ގިނައިރުވުމުންނެވެ.

ލޫކަށް ބަލަން ނިޔަމްއަށް ހުރެވުނީއެވެ. އޭނާއާއި ދާވިއަންގެ ކޮންމެ ކަމެއްގައި ލޫކް އަބަދުވެސް އެހީތެރިވެއެވެ. ނިޔަމްގެ ހަޔާތުގައި އައި އެންމެ ދަތި އުނދަގޫ ދުވަސްތަކުން އަރައިގަނެވުނީ ލޫކްގެ އެހީތެރިކަން ލިބިގެންނެވެ. އެ ކަންކަމަށް ބަދަލަކަށް ނޭދުނު ނަމަވެސް ލޫކްގެ ހިތުން ނިޔަމް ލިބުމަށް އެދޭވަރު އޭނާއަށް ސިއްރެއް ނުވެއެވެ. ނިޔަމްއަށް ހިންދިރުވައިލެވުނީ، ލޫކްފަދަ އޯގާތެރި މީހަކަށް އޭނާގެ ސަބަބުން އަނިޔާ ލިބޭތީއެވެ. އޭނާއަށް ލޫކްދެކެ ލޯތްބެއް ނުވެވުނެވެ. އެ ހިތް ވަނީ، ދުވަހަކުވެސް މީހަކުދެކެ ލޯބި ވެވިދާނެ ހާލަތެއްގައެއް ނޫނެވެ. އައު ހަޔާތެއް ފަށާކަށް ނިޔަމްގެ ހިތް އެއްބަހެއް ނުވެއެވެ. ވީއިރު، ލޫކްގެ ހިތުގެ މުރާދު އޭނާ ފުރިހަމަކޮށްދޭނީ ކިހިނަކުން ހެއްޔެވެ؟

"ދިމާވިތަ އޭނަޔާ؟..." ޕޮޕްކޯން ތައްޓެއް ހިފައިގެން ބަދިގެއިން ނުކުތް އަރުޝާއަށް ނިޔަމް ފެނުމުން އަހައިލިއެވެ.

"އޭނ؟...." ނިޔަމް ދިޔައީ ސިއްސައިގެންނެވެ. ނިޔަމް ސިހުނުވަރުން ލޫކަށްވެސް ނިޔަމްގެ މޫނަށް ބަލައިލެވުނެވެ. ވީގޮތް އޭނާއަށް އެނގުނެވެ.

"ޔޭ... ޕޮޕްކޯން..." ދާވިއަން އުފަލުން ފުންމައިލިއެވެ.

"ކާކުތަ އެއީ؟... ބެގީކޮށްލާފައޭ އަދި ހުރީވެސް..." އަރުޝާ ރިމޯޓު ނަގައި ޓީވީ އެޅުވިއެވެ. ނިޔަމް ނޭނގޭކަމަށް ހަދާފައި އަރުޝާގެ ކައިރީގައި އިށީނެވެ. "ޔަގީން ވޯޓު ހޯދަން އައި މީހެއްކަން..."

ނިޔަމްއަށް ހެވުނީ ދެނެވެ. އޭގެ ކުރިން އޭނާ އިނީ ނުތަނަވަސްވެފައެވެ. ނިޔަމް ހީކުރީ ޒައިލްއާއިއެކު ހުއްޓާ އަރުޝާއަށް ފެނުނީ ކަމަށެވެ. ނިޔަމްއަށް ބަލަން އިނދެފައި ލޫކް އިސްޖަހައިލިއެވެ. އޭނާގެ ހިތަށް ތަދުވިއެވެ. އެތައް ދުވަހެއްވީއިރުވެސް ނިޔަމްގެ ހިތް ބަދަލެއް ނުވިއެވެ. އެހާ ވަރަށް ސިގްނަލް ދޭ އިރުވެސް، އެކުވެރިއެއްގެ ހައިސިއްޔަތުން ނޫންގޮތަކަށް ނިޔަމް އޭނާއާއި ދިމާއަށް ބަލައިވެސް ނުލައެވެ.

********

ޔާމީން ކޮޓަރިއަށް ވަންއިރު ނުޒުހަތު އިނީ އަލްބަމެއް ހުޅުވައިގެން ބަލާށެވެ. ފަހަކަށް އައިސް، ނުޒުހަތުގެ މޫނުން ކުރިން ފެންނަ އުފާވެރިކަމެއް ޔާމީނަކަށް ނުފެނެއެވެ.

"ކޮން ކަމަކާ ފިކުރުބޮޑުވެފަ؟..." ދޮރު ލައްޕައިލުމަށްފަހު، އެނދާއި ދިމާއަށް ހިނގައިގަންނަމުން ޔާމީން އެހިއެވެ. ނުޒުހަތު ވަގުތުން އަލްބަމް ލެއްޕިއެވެ.

"ހާދަ އަވަހަށް ތިއައީ؟..." ނުޒުހަތު ކޮޅަށް ތެދުވިއެވެ.

"އާނ... މިއަދު އެމަންޖެ ކައިރިއަށް ގޮސްލަންޖެހޭނެއެއްނު..." ނުޒުހަތާއި ވާހަކަ ދެއްކި ނަމަވެސް ޔާމީންގެ ނަޒަރު ހުއްޓިފައިވީ އަލްބަމަށެވެ.

ނުޒުހަތު އަލްބަމް ހިފައިގެން އަލަމާރިއާއި ދިމާއަށް ހިނގައިގަތެވެ.

"ތީ ކުރީގެ އަލްބަމްދޯ؟..." ޔާމީންގެ މޫނުން ފެނުނީ ސައުގުވެރިކަމެވެ. އޭނާ ނުޒުހަތުގެ އަތުގައި ހިފެހެއްޓިއެވެ. "ދައްކަބަލަ ބަލާލަން..."

"ހިނގާ ކާން..." ނުޒުހަތު އަލްބަމް ދޭކަށް ބޭނުމެއް ނުވިއެވެ.

"އަދި ނުވެއެއްނު ކާކަށް..." ނުޒުހަތުގެ އަތުން އަލްބަމް އަތުލަމުން ޔާމީން ގޮސް އެނދުގައި އިށީނެވެ. "އެމަންޖެވެސް އަދި ގެއަށް ނާދެއެއްނު..."

ޔާމީން އަލްބަމުގެ ފަހަރަކު ގަނޑެއް އުކަމުން ދިޔައެވެ. ނުޒުހަތަށް ހިންދިރުވައިލެވުނީ އުނދަގޫ ގޮތަކަށެވެ. އޭނާގެ އަތް މުށްކެވެން ހިނދުކޮޅެއްވެސް ނުނެގިއެވެ.

"މާޒީ ހަނދާންވީމަ މިހާރުވެސް ގައިން ހީބިހި ނަގާ..." ޔާމީން ދޫކޮށްލީ ފުން ނޭވާއެކެވެ.

ހުރިހާ ތަސްވީރެއްގެ ތެރެއިން އޭނާގެ ލޮލުގައި އަޅައިގަތީ އެންމެ ތަސްވީރެއްގައެވެ. އެއީ، ޔާމީންގެ ޒުވާން ދުވަސްވަރު ނަގާފައިވާ ތަސްވީރެކެވެ. އޭނާ ހުރީ، ދިގު ހެދުމެއް ލައިގެން ހުރި ޒުވާން އަންހެނަކާއި ލިބާހެއް ލައިގެން ހުރި މެދު އުމުރުގެ އަންހެނަކާއި އެކުގައެވެ. ޔާމީނެކޭ އެއްގޮތަށް އޭނާގެ ކައިރީގައި ހުރި އަންހެންމީހާގެ ތުންފަތުގައިވެސް ވީ ފުޅާ ހިނިތުންވުމެކެވެ.

"ބަލާބަލަ އޭރު އަހަރެން..." ނުޒުހަތަށް ތަސްވީރު ދައްކައިލަމުން ޔާމީން އެއްޗެއް ބުނަން އުޅުނެވެ. ނުޒުހަތު ހުރީ ރުޅި އައިސްގެން ލޭ ކެކޭވަރު ވެފައެވެ. ޔާމީންގެ ޖުމުލަ ފުރިހަމަނުވަނީސް އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިން ނުކުތެވެ.

އަލްބަމް ލައްޕައިލުމުގެ ކުރިން ޔާމީން އެ ތަސްވީރު ނެގިއެވެ. ޖީބުގައި އޮތް ވޮލެޓުގެ ތެރެއަށް ތަސްވީރުލާފައި ނުޒުހަތުގެ ފަހަތުން ކޮޓަރިން ނުކުތެވެ.

********

ޝަރަފް ހޮސްޕިޓަލުގައި ހުރެގެން ކޮންމެވެސް މީހަކަށް ގުޅޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ބޭސްއަޅާ ކޮޓަރީގެ ދޮރުގައިވެސް ދެތިން ފަހަރަކު ޓަކި ޖެހިއެވެ. އަރުޝާ ދޮރު ހުޅުވައިލިއެވެ. އޭނާގެ ފަހަތުން ނުކުތީ، ކުޑަ އަންހެންކުއްޖަކާއި، އެކުއްޖާގެ މަންމައެވެ.

"ލައްބަ؟... ކީއްކުރަންތޯ ގޮވީ؟... ކޮން ކަމަކުތޯ؟..." ޝަރަފާއި ދިމާއަށް ފާޑަކަށް ބަލައިލަމުން އަރުޝާ ސުވާލުކުރިއެވެ. ކޮންމެވެސް ތަނަކުން ޝަރަފް ފެނުނު ހަނދާނެއް އޭނާ ވިއެވެ.

"ނުގޮވަން..." ޝަރަފް އަވަސް އަވަހަށް ބުނެލިއެވެ. "މި، ފަހީމާ ކިޔާ މީހަކު އައިތޯ ބަލާލަންވެގެން..."

"ނާދެ..." އަރުޝާ ދިނީ ކުރު ޖަވާބެކެވެ.

އެތަނުން ދިޔުމަށް އޭނާ ހިނގައިގަތީ، ޝަރަފަކީ ކާކުކަން އެނގުމުންނެވެ. ދެ ދުވަހު އެފަދަ ގޮތަކަށް ބައްދަލުވުމުން އަރުޝާ ހީކުރީ، ޝަރަފަކީ އޭނާގެ ފަހަތުން ނެއްޓެން ނޭނގިގެން އުޅޭ މީހެއް ކަމަށެވެ.

ޝަރަފަށް ފޯނެއް އައީ އެވަގުތުއެވެ. ފޯނުގެ އަނެއްކޮޅުން ބުނި ވާހަކައަކުން ޝަރަފްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

"މަންމަ ކީއްވެތަ ދޮގުހެދީ؟... އެކްސިޑެންޓްވެގެންނޭ ބުނީމަ އަހަރެން ޑިއުޓީގަ އުޅެފައޭ މި އައީވެސް..." ޝަރަފް ފޯނު ބޭއްވިއެވެ. އަރުޝާއާއި އަރާ ހަމަކުރިއެވެ.

"އަހަރެން ބޭނުން ވާހަކައެއް ދައްކާލަން..." އަރުޝާ ބަލައިލުމުން ޝަރަފް ބުންޏެވެ.

"ކޮން ވާހަކައެއް؟..." އަރުޝާ ނުހުއްޓެއެވެ. ސުވާލުކުރިއިރު، ޝަރަފްގެ މޫނަށް ބަލައިވެސްނުލައެވެ.

"މިތާ؟..." ވަށައިގެން ނަޒަރު ހިންގައިލަމުން ޝަރަފް އަހައިލިއެވެ.

އަރުޝާ ކުއްލިއަކަށް ހުއްޓުނެވެ. ދެބުމަ ގާތްކޮށްލަމުން ޝަރަފަށް ބަލައިލިއެވެ. ޝަރަފަށް ހިންދިރުވައިލެވުނެވެ. ފުލުހެއްކަމަކު އޭނާ އަރުޝާދެކެ ޖެހިލުންވީ ކީއްވެކަމެއް ނޭނގުނެވެ.

"އެންމެ ރަނގަޅު... އާދޭ..." އަރުޝާ ހިނގައިގަތެވެ.

އަރުޝާ ވަނީ ބޭސްއަޅާ ކޮޓަރިއަށެވެ. ފަހަތުން ވަންއިރު، ޝަރަފްގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އުފެދިފައިވިއެވެ.

********

ނިޔަމް އިނީ ޕާކުތެރޭގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެންނެވެ. އެ ނަޒަރު ހުއްޓިފައިވީ، ކުރިމަތީގައި ދުވަން ހުރި ދާވިއަންއަށެވެ. އެއް އުމުރެއްގެ ކުދިންތަކަކާއިއެކު ދާވިއަން ހީ ސަކަރާތްޖަހާ މަންޒަރު ފެނުމުން، ނިޔަމްގެ ހިތަށް ފިނިކަން ލިބުނެވެ.

ނިޔަމްގެ ފޯނު ރިންގުވާން ފެށިއެވެ. އިސްކްރީން ފެނުމުން ނިޔަމްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އައީ އޭނާ އިންތިޒާރުކުރި ކޯލެކެވެ.

"ހަލޯ މާމާ..." ކަންފަތުގައި ފޯނު ޖަހައިލިގޮތަށް ނިޔަމް ބުނެލިއެވެ. "ކީއްވެ ފޯނު ނުނެގީ؟... ހާދަ ވަރަކަށް ގުޅައިފީމޭ... މާމަ ބަލީތަ؟..."

"މާމަ ރަނގަޅޭ ދަރިފުޅާ..." ރަށު ރާގުގައި ހަދީޖާ ބުނެލިއެވެ. "މިއަދު މިއުޅެނީ ގޭތެރެ ސާފުކުރުމުގަ... ދަރިފުޅު އަންނަ ވާހަކަ ބުނީމަ މާމަ މިހުރީ ވަރަށް ކަންތައް ބޮޑުވެފަ... ހުރިހާ ކަމެއް ރަނގަޅުތަ ދަރިފުޅާ؟..."

"މާމަމަތިން ހަނދާންވާތީއޭ ދާން މިއުޅެނީ... ދާންވެސް ބޭނުންވާނެއެއްނު މާމަ ދެކިލަން..." ނިޔަމް ބަހަނާއެއް ހޯދިއެވެ.

"މާމަ ވަރަށް އުފާވޭ ދަރިފުޅުމެން ފެންނާތީ..." މުސްކުޅިވުމުގެ ސަބަބުން ހަދީޖާއަށް ވާހަކަދެއްކެނީ ހުއްޓަމުން ކަހަލަ ގޮތަކަށެވެ. "ކޮންއިރަކުން ދަރިފުޅުމެން އަންނަނީ؟... އެސޮރު ސްކޫލް ބަންދުވެއްޖެތަ؟..."

"އަންނަ ހަފްތާ... މިހާރު ޓިކެޓްވެސް ނަގާފަ އޮންނާނީ... ސްކޫލްވެސް ބަންދުވާނެ އޭރަށް..." ނިޔަމް ހިނިތުންވެލިއެވެ.

"ދަރިފުޅާ!..." މުހިއްމު ވާހަކައެއް އަހަން އުޅޭ ފަދައިން ހަދީޖާ ގޮވައިލިއެވެ. "އަދިވެސް އެސޮރު ބައްޕައާ ބައްދަލުނުކުރުވަންތަ؟..."

ނިޔަމް ހުއްޓުން އެރިއެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. އެތައް ދުވަހަކު އެ ސުވާލު ނުކޮށް ހުރެފައި، ކުއްލިއަކަށް ހަދީޖާ އެވާހަކަ ފެށީ ކީއްވެ ހެއްޔެވެ؟

"މާމައަށް ހީވަނީ ދަރިފުޅު އެކަން ލަސްކޮށްފިއްޔާ ދެން ދުވަހަކުވެސް..." ހަދީޖާގެ ވާހަކަ ފުރިހަމަކުރާނެ ފުރުސަތެއް ނިޔަމް ނުދިނެވެ.

"މާމާ... ބައްޕައެއް މުހިއްމުތަ؟... ޔަމްވެސް ބައްޕަގެ ވާހަކައެއް ނާހަމެއްނު... ކާކު ކަމެއް ނޭނގޭއިރުވެސް..." ނިޔަމްގެ އަޑުގައިވަނީ ރިހުމެވެ. ހަދީޖާ ގުޅިއިރު، އެ ތުންފަތުގައިވި ހިނިތުންވުން މިހާރު ފެންނާކަށް ނެތެވެ.

ވާހަކައިގައި އިނދެފައި ނިޔަމް ދާވިއަންއަށް ކަޅިއެއް އެއްލިއެވެ. ދާވިއަން ފެންނާކަށް ނެތެވެ. ނިޔަމް އެކި ދިމަދިމާއަށް ބަލަމުން ކޮޅަށް ތެދުވިއެވެ. އޭރު ހާސްވެގެން ނިޔަމްގެ ނިތްކުރިމަތިން ދާ ހިއްލާލައިފިއެވެ. ހަދީޖާ ފަހުން ދެއްކި އެއްވެސް ވާހަކައެއް އޭނާއަށް ނުވެސް އެނގުނެވެ.

"މާމާ... ފަހުން ގުޅާލާނަން... ދާން ކޮންމެސްތާކަށް ގޮސްގެން..." ނިޔަމް ފޯނު ބޭއްވިއެވެ.

"ޕޮއް..." ކުއްލިއަކަށް ދާވިއަންގެ އަޑު އައީ ނިޔަމްގެ ފަހަތުންނެވެ.

"ދަރިފުޅާ.. މަންމަ ކިރިޔާ ބިރުން..." ފަހަތަށް އެނބުރެމުން ނިޔަމް ބުންޏެވެ. އޭނާގެ ޖުމުލަ ފުރިހަމައެއް ނުވިއެވެ. ދާވިއަން އުރާލައިގެން ޒައިލް ހުރީ ވަރަށް ހިނިއައިސްފައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު