ޗާގޯސް މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ސޯޝަލް މީޑިއާގައި ލީކް ކޮށްލާފައިވާއިރު އިދިކޮޅުން ކުރި ތުހުމަތުތަކަކީ ދޮގެއް ކަން ހާމަވެއްޖެއެވެ.
ޗާގޯސް އާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ، މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް، އދ. ގައި ނަގާ ވޯޓުގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް ރާއްޖޭން ތާއީދުކުރާނެ ކަމަށް ވިދާޅުވެ، ސަރުކާރުގެ ސްޓޭންޑް ބަދަލުކުރިކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސިޓީފުޅެއް ފޮނުއްވި ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ. އަދި އެކަމުގައި އިން ވަކިކުރި މައްސަލައިގައި ސަރުކާރުން ގޯސް ހަދާފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ސިޓީއަކީ އަސްލެއް ކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ 'ސަން' އަށް ކަށަވަރު ކޮށްދެއްވާފައެވެ. އަދި އެ ސިޓީ ލީކްވި މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެ ސިޓީ ލީކްވި މައްސަލަ މިދަނީ ބަލަމުން،" މިއުވާން ވިދާޅުވިއެވެ.
ލީކްވެފައިވާ އެ ސިޓީގައި ރައީސް ވިދާޅުވެފައިވަނީ ޗާގޯސްގެ މައްސަލައިގައި އދ. ގައި ނަގާ ވޯޓެއްގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެ ކަމަށެވެ. ނަމަވެސް ކަނޑުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާނެ ކަމަށް އެ ސިޓީގައި ރައީސް ވިދާޅުވެފައިވެއެވެ.
ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރުހިނގާ ތަނަކަށް ހަދަން އެގައުމުން ކުރަމުން އައި މަސައްކަތަށް މީގެ ކުރިން ރާއްޖެ އިން ވަނީ ދެކޮޅު ހަދާފައެވެ. އެމައްސަލައިގައި 2019 ވަނަ އަހަރު ނެގި ވޯޓުގައި ރާއްޖެއިން ވޯޓު ދީފައިވަނީ ވެސް މޮރިޝަސްއާ ދެކޮޅަށެވެ.
ކަނޑު ބައިކުރުމުގެ މައްސަލައިގައި ސަރުކާރުން ގޯސް ހަދާފައިވާ ކަމަށް ތުހުމަތު ކުރި ނަމަވެސް، ސަރުކާރުން ވަނީ އެ ހުރިހާ ތުހުމަތެއް ދޮގުކޮށްފައެވެ. އިޓްލޮސްގެ ނިންމުމަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ބަލައިގަންނަން ރާއްޖޭން ނިންމީ އެ ޓްރައިބިއުނަލުން އެކަން ބަލައިގަނެ، ކަނޑުގެ ސަރަހައްދު ބައިކުރެވޭނެ ކަމަށް ކަނޑައެޅުމުން ކަމަށެވެ.