ވަޓްސްއެޕުން ޓެލެގްރާމް އާއި ސިގްނަލް ފަދަ އެހެނިހެން ޕްލެޓްފޯމްތައް ބޭނުން ކުރާ މީހުންނާ ފަސޭހަކަމާއެކު މުޢާމަލާތް ކުރެވޭނެ ފީޗާއެއް ޓެސްޓް ކުރަމުންދާކަމަށް އޮންލައިން ރިޕޯޓްތައް ބުނެފިއެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އާ ގަވައިދުތަކާ އެއްގޮތަށް އަމަލު ކުރުމުގެ ގޮތުން މެޓާ ހިއްސާވާ ވަޓްސްއެޕުން އެންޑްރޮއިޑަށް ތާޑް ޕާޓީ ޗެޓް ސަޕޯޓް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނާއިރު، ޑަބްލިއުއޭބީޓާއިންފޯ އިން ބުނީ އާ ފީޗާގެ ސަބަބުން އެކި އެޕްލިކޭޝަންތައް ބޭނުންކޮށްގެން އެކަކު އަނެކަކާ މުއާމަލާތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މިސާލަކަށް، އެ ފިޗާ މެދުވެރިކޮށް، ވަޓްސްއެޕް އެކައުންޓެއް ނެތް މީހަކަށް ވެސް ސިގްނަލް އެޕްލިކޭޝަނުން މެސެޖެއް ފޮނުވިދާނެއެވެ.
މި ފީޗާ ތައާރަފު ކުރުމަށް ޓެސްޓްތައް ކުރަމުން މިދަނީ އީޔޫގެ ޑިޖިޓަލް މާކެޓްސް އެކްޓް (ޑީއެމްއޭ)ގެ ދަށުން މެޓާ އަކީ "ގޭޓްކީޕަރެއް"ގެ މާނައަށް ފެތޭ ޕްލެޓްފޯމެއްކަން ޔޫރަޕިއަން ކޮމިޝަނުން ކަށަވަރުކޮށްދީފައި ވަނިކޮށެވެ.
މިފީޗާ ޓެސްޓް ކުރަމުން ދިޔަކަމުގައި ވިޔަސް އަދި މި ފީޗާ ދަނީ ތަރައްގީ ކުރަމުން ކަމުން ކަސްޓަމަރުންނަށް މި ފީޗާ ދޫކޮށްފައިނުވެއެވެ. ނަމަވެސް އާންމުވެފައިވާ ސްކްރީންޝޮޓުން އެނގެނީ ޓެލެގްރާމާއި ސިގްނަލް ފަދަ އެހެން އެޕްލިކޭޝަންތަކުގެ ހުރިހާ ޗެޓްތަކެއް ފެންނާނެ ވަކި ސެކްޝަނެއް އެ އެޕްލިކޭޝަންގައި ހުންނާނެ ކަމެވެ.
މި ފީޗާ ފުރަތަމަ ތައާރަފު ކުރަނީ އީޔޫގެ ގައުމުތަކަށް ކަމަށްވީ ނަމަވެސް ފަހުން އެހެން ގައުމުތަކުގައި ވެސް އެ ފީޗާ ބޭނުން ކުރެވޭ ގޮތް ހަދާނެ ކަމަށް ބެލެވެއެވެ.