ބ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފެޅި މައްސަލައިގައި ޖޫރިމަނާ ކުރި ހަތް މީހުންގެ ޖޫރިމަނާގެ އަގު 33،000ރ. (ތިރީސް ތިންހާސް ރުފިޔާ)އަށް ކުޑަކޮށްފިއެވެ.
ކެޔޮދޫގައި ވެލާތަކެއް ފަޅައިގެން އެ ތަކެތި ކައްކަމުންދާ ކަމަށް އާންމު ފަރާތްތަކުން ދިން މައުލޫމާތަކާ ގުޅިގެން ފުލުހުން ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު 16:38 ހާއިރު ކެޔޮދުއަށް ގޮސް އެކަން ބަލައިފައެވެ.
އެކަމާ ގުޅިގެން ފުލުހުން ތައްޔާރުކޮށްފައިވާ ޕޮލިސް ރިޕޯޓުގައި ސީންއަށް ދިޔަ ފުލުހުން ދީފައިވާ ބަޔާންތަކުންނާ ސީންއިން ފެނުނު ހެކިތަކާއި އަދި ސީންގައި ވެލާތަކަށް ގޯނާކުރުމުގައި ބައިވެރިވި ފަރާތްތަކާ ސުވާލުކުރުމުން، އެ ފަރާތްތަކުން އެ ވެލާތައް މަރާލައި ކެއްކުމުގައި ބައިވެރިވެފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަން ވަނީ ބަޔާންކޮށްފައެވެ.
މިކަމާ ގުޅިގެން އެންމެ ފުރަތަމަ އީޕީއޭއިން ވަނީ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން މި ހަތް މީހުންގެ ތެރެއިން ކޮންމެ މީހަކު، 198،000ރ. (އެއްލައްކަ ނުވަދިހަ އަށްހާސް ރުފިޔާ) ދައްކާ ގޮތަށް ޖޫން މަހުގެ 20 ވަނަ ދުވަހު ޖޫރިމަނާ ކޮށްފައެވެ. މި ހަތް މީހުން ޖޫރިމަނާކޮށްފައި ވަނީ 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ޖޫރިމަނާ ދައްކާ ގޮތަށެވެ.
އެހެންނަމަވެސް އެ ގަވާއިދު ބުނާގޮތުން ނަމަ ހިމާޔަތްކޮށް ރައްކާތެރިކޮށްފައިވާ ދިރޭ އެއްޗަކަށް ގޯނާކޮށްފިނަމަ ޖޫރިމަނާ ކުރެވޭނީ 30،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުންނެވެ. އެގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އެޓާނީ ޖެނެރަލްގެ އޮފީލުން ލަފާ ހޯދައި އަލުން މުރާޖައާ ކުރުމަށް ފަހު ކުރިން ޖޫރިމަނާ ކުރި އަދަދު ކުޑަކުރަން ނިންމައިފައެވެ.
އެގޮތުން ނިންމި ނިންމުމަކީ ޖޫރިމަނާ ކުރި ހަތް މީހުންގެ ތެރެއިން ކޮންމެ މީހަކު 33،000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދެއްކުމަށެވެ. އީޕީއޭއިން ވަނީ މި ޖޫރިމަނާ އިއްޔެ އިން ފެށިގެން 30 ދުވަހުގެ ތެރޭ ދެއްކުމަށް އަންގައިފައެވެ.