އޭވިއޭޝަން އޮތީ ފުޅާވާން، އެކަމަށް މީހުން ބިނާ ކުރަންޖެހޭ: ނާއިބު ރައީސް

މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ ދަސްވެނިވުމުގައި ނާއިބު ރައީސް ފައިސަލް ނަސީމް ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަށް އޮތްތަނުގައި އޮތީ އިތުރަށް ފުޅާވާން ކަމަށާއި، އެހެންކަމުން އެ ދާއިރާއިން ފަންނީ މީހުން ބިނާ ކުރުމަކީ މުހިއްމު ކަމެއް ކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޭވިއޭޝަން އެކެޑަމީ އިން ޕައިލެޓު ކޯސް ފުރިހަމަކުރި ފުރަތަމަ ބެޗުގެ ދަސްވެނިންނަށް ސެޓްފިކެޓު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ މިހާރު ރާއްޖޭގައި ގިނަ އެއާޕޯޓުތަކެއް ތަރައްގީ ކުރައްވަމުންދާ ކަމަށެވެ.

އެއާއެކު، އޭވިއޭޝަންގެ ދާއިރާއަށް ބޮޑު ކުރިއެރުންތަކެެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަސްލު ފިއުޗާއަށްޓަކައި މީހުން ބިނާ ކުރުމުގެ މަސައްކަތް ކުރަން އެބަ ޖެހޭ. އަޅުގަނޑުމެން ހިތްހަމައެއް ނުޖެހޭ އަދިވެސް މިހާރު މިދާ މިންވަރަކީ އަޅުގަނޑުމެން ހިތްހަމަ ޖެހޭ މިންވަރެއް ނޫން"

"އެކަމަކު މީގަ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަމަކީ އެހާވަރަށް [ގިނަ] އަދަދުގެ އެއާކްރާފްޓުތަކާ އެކުވެސް ނުފެށި ނަމަ މިކަން އޮންނާނީ ނުފެށި" ފައިސަލް ވިދާޅުވިއެވެ.

ނާއިބު ރައީސްގެ ވިދާޅުވީ މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އަކީ އައްޑޫގައި ކުރިން ހިންގި އެކެޑަމީ ހުއްޓުމުން ދިމާވި ދަތިތަކަށް އަލިއަޅުއްވާލެއްވިއެެވެ.

ކޮވިޑު ތެރޭގައި ފައިސާގެ ދަތިކަމާއި، ފަންނީ މީހުންގެ ދަތިކަން އޮތް އިރުވެސް ސަރުކާރުން އެ އެކެޑަމީ އުފެއްދުމުގެ މަސައްކަތް ކުރީ އެކަމުގެ މުހިއްމުކަން އިހުސާސް ކުރެވޭތީ ކަމަށެވެ.

ސަރުކާރުން އެ އެކެޑަމީ ގާއިމުކުރީ 2021ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. އެ ތަނުން ދަސްވެނިވި ފުރަތަމަ ބެޗުގައި 18 ދަރިވަރުން ހިމެނެއެވެ.

comment ކޮމެންޓް