ނަން ހިނގާ "ޝައިޚް"އަކު ފޭސްބުކްގައި ޖަހާފައި އޮތް ގޮތުން ނަމަ، ވޯޓުލާ ގޮތަކުން ވެސް ދީނުން ބޭރު ވެދާނެއެވެ. އޭނާ ބުނެފައި އޮތީ، "ތިޔަ ކުރާ ތާއީދަކުން ވެސް އަދި ލާ ވޯޓަކުން ވެސް ދީނުން ބޭރު ވެދާނެ" ކަމަށެވެ.
ސިޔާސީ ބޭބޭފުޅުން ބާރުވެރިކަމަށް ކޮށައި މަގުގެ އެކި ހިސާބުތަކުން ދީން ހަތިޔާރަކަށް ނަންގަވައެވެ. އެއީ، މި ގައުމުގައި އަލަށް ހިނގާ ކަމެއް ނޫނެވެ. ރަސްރަސްކަލުން ޒަމާނުން ފެށިގެން، ސިޔާސީ ކަންކަމަށް އަހުލުވެރިވެ، ޒަމާނީ ޑިމޮކްރަސީއާއި ހައްގުތައް އައިސް، މިއަދު މިދެކޭ މިނިވަންކަމުގައި ވެސް އެ ކަން ކުރެއެވެ. އެކި ބޭބޭފުޅުންނަށް ހުތުރު ތުހުމަތުތައް ކުރެއްވުމާއި "ދީނުން ބޭރުވި" ކަމުގެ ތުހުމަތުތައް އެޅުވުމަކީ އިންތިޚާބުތަކަށް ސިޔާސީ ބޭބޭފުޅުން އަޑީގައި ތިއްބަވައިގެން "ސިޔާސީ ޝައިޚުން" ލައްވާ ޖަހާ މަޅިއެކެވެ.
މިދިޔަ 2013ގެ އިންތިޚާބުގައި "ދީނީ ޢިލްމުވެރިން"ނާ އެކު ކޯލިޝަނެއް ހެދީ 18 މިލިއަން ރުފިޔާ ގަނޑުކޮށް ދީގެން ކަމަށް އޭރު ޕާޓީއެއްގެ ކެމްޕޭން މެނޭޖަރަކަށް ހުންނެވި ބޭފުޅަކު ވިދާޅުވިއެވެ.
މަސްލަހަތާއި މިހާރު ތިއްބެވި މަގާމާއި އޭރު ކުރެއްވި ސިޔާސީ މަސައްކަތަށް އިހްތިރާމު ކުރާތީ، އެ ވާހަކަތަކުގެ ތަފުސީލަށް ދާކަށް އެ ބޭފުޅާ ބޭނުންފުޅެއް ނުވެއެވެ. އަދި، އެއީ ކާކުކަން ތިލަވާކަށް އެ ބޭފުޅާ ނޭދެއެވެ. އެކަމަކު، ކޮންމެ އިންތިޚާބެއްގައި 'ކައިބޮއެ' ހަދަނީ ދީނީ ކާޑުންނެވެ.
މިއީ، ދިވެހި ސިޔާސީ ތާރީޚުގައި އަބަދުމެ ކުރާ ކަމެކެވެ. އެކެއްގެ ޒަމާން ދުއްވާލައި، އަނެކެއް ބާރަށް ގެންނަން ޖަހާ ނުރައްކާތެރި މަޅިއެކެވެ.
މައުމޫނަށް "މުސްލިމެއް ނޫން" ކަމުގެ ތުހުމަތު
ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރަޓިކް ނިޒާމު ރާއްޖެއަށް ގެނައުމުގެ ކުރީގައި އެ ކަން މަޖުބޫރު ކުރުވީ ވެސް "ދީނީ ކާޑު" ޖަހައިގެންނެވެ.
ޢިލްމުވެރިން ޖަލަށް ގެންގޮސް ތުނބުޅީގައި މިރުސް ސޯސް އުނގުޅައި، ތުނބުޅި އުފުރި ވާހަކައަކީ އަދިއަދަށް ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިޔާސީ ހަޔާތުގައި ޖެހުނު އެންމެ ބޮޑު ލައްގަނޑެވެ. އަދި، ދީނީ ބައެއް ހުކުމްފުޅުތަކާ ގުޅިގެން އެ މަނިކުފާނު ފާޅު ކުރައްވާ ބައެއް ހިޔާލުފުޅުތަކަކީ "ކާފިރު"ކަން ކަމަށް ތުހުމަތު ކުރަން ފެށިއެވެ.
ސިޔާސީ ޕާޓީތައް އުފެދުމާ އެކު އެ އަރައިރުންތައް ވީ ހައްތަހާ ބޮޑެވެ. އެ ނަފުރަތުގެ ތެރޭގައި ސިޔާސީ ބާރުވެރިކަމަށް ޖެހި އެއް މަޅިއަކީ، މައުމޫނަކީ ސުންނީ ޖަމާއަތުގެ މުސްލިމެއް ނޫން ކަމަށް ބުނެ އަދާލަތު ޕާޓީން ސުޕްރީމް ކޯޓަށް އޭރު ހުށަހެޅި މައްސަލައެވެ. އެ ޕާޓީން އެދުނީ މައުމޫނަށް 2008ގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެކަމަކު، އެކަން ސާބިތު ކުރެވޭނެ ހެއްކެއް އެ ޕާޓީއަށް ކޯޓަށް ހުށަހެޅިފައެއް ނުވެއެވެ. މިއީ، ސިޔާސީ ބާރުވެރިކަމަށް ޖެހި ދީނީ ކާޑުގެ އެއް މަޅިއެވެ.
ނަޝީދަށް "ލާދީނީ" ޓެގު
މައުމޫނަށް ފަހު ދެން އުފެދުނު އެންމެ ވަރުގަދަ ސިޔާސީ ޝަހްސަކީ ޑިމޮކްރަޓިކް އިންތިޚާބަކުން ފުރަތަމަ ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އޭރު އެ މަނިކުފާނަށް އޮތް ލޯތްބާއި ގަދަރު ކަނޑުވާލައި، ފިތުނައިގެ ހުޅުކޮޅު ރޯ ކުރަމުން ކުރަމުން ގޮސް ނިމިދިޔައީ ހަތެއް ފެބްރުއަރީ 2012 ގެ ނާމާންކަމުންނެވެ.
ވެރިކަމުގައި ހިނގާ ދިޔަ ކަންކަމާއި އަދި ނަޝީދަށް ހެއްދެވުނު ބައެއް ގޯސްތަކުގެ ފައިދާ ނަގައިގެން އެ މަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވީ "ލާދީނީ"އެވެ.
ފުރަތަމަ ވެރިކަމަށް ވަޑައިގެންނެވި އިރު ވެސް އޭރު އިދިކޮޅު ބޮޑު ޕާޓީ ޑީއާރުޕީން އޮތީ ނަޝީދަކީ ހުޅަނގުގެ އެޖެންޓެއް ކަމަށް ސިފަ ކޮށްފައެވެ. އެ މަނިކުފާނަށް ފަންޑު ކުރަނީ ހުޅަނގުގެ ފައްޅިތަކުން އެ މީހުންގެ ނަޒަރިއްޔާތު ފަތުރަން ކަމަށް ތުހުމަތު ކުރިއެވެ. އެ ނަފުރަތުގެ ހުޅުކޮޅުގައި އެމްޑީޕީގެ ވެރިކަމާ ދެކޮޅަށް "މަދަނީ އިއްތިހާދު" އުފެއްދީ ބާކީ ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުން އެކައްޗެއް ކިޔުއްވައިގެންނެވެ.
ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި "ބުދު" ބެހެއްޓި ކަމަށާއި އެ މަނިކުފާނު އުޅުއްވަނީ އިތުރު ދީންތަކަށް ފުރުސަތު ދޭން ކަމަށް ބުނެ އެ އިއްތިހާދުން ވަނީ ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރާ ދެކޮޅަށް ނުކުމެ، "ބަޣާވާތް" ކުރުމަކީ ވެސް ކުށެއް ނޫން ކަމަށް ވިސްނައިދީފައެވެ. އަދި، ނަޝީދާއި އެމްޑީޕީގެ ވެރިކަން ދަމަހައްޓައިފި ނަމަ ރާއްޖޭން އިސްލާމް ދީން ނެތިދާނެ ކަމަށް ބުނެ، ރައްޔިތުންގެ ހިތްތަކުގައި ދިޔައީ ނަފުރަތުގެ ހުޅުކޮޅު ރޯކުރަމުންނެވެ.
ދީނާއި ގައުމަށްޓަކައި ކަމަށް ބުނެ އުފެއްދި އިއްތިހާދުން ނުކުމެ، ސިލްސިލާކޮށް މަގުމަތީގައި ހިންގި ހަމަނުޖެހުންތައް ނިމިގެން އައީ ނާމާންކަމާއި ބިރުވެރިކަމުންނެވެ. މަޖުބޫރު ކަމުގެ ތެރެއިން ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވީއެވެ.
އެއަށް ފަހު ޖެހިގެން އައި 2013 ވަނަ އަހަރުގެ އިންތިޚާބުގައި ވެސް ކާމިޔާބު ޔަގީން ކުރީ ދީނީ ކާޑުންނެވެ.
އިންތިޚާބަށް ކުޑަ ވަގުތު ކޮޅަކަށް ވެފައި އޮއްވައި ބޭއްވި "އަންދަލުސް" އަކީ އެންމެ ސާފު މިސާލެވެ. ޖަމިއްޔަތުއް ސަލަފުން ބޭއްވި އެ ދަރުސްގެ މަގުސަދެއް ކަމަށް ބުނީ، 800 އަހަރު ވަންދެން އިސްލާމް ދީން އޮތް ސްޕޭނުން ދީން ނެތިދިޔަ ގޮތުން އިބުރަތް ހާސިލު ކުރުމެވެ. އެކަމަކު، އެ ދަރުހަކީ އިންތިޚާބަކަށް ޖަހައިލެވޭނެ އެންމެ ވަރުގަދަ އެއް ދީނީ ކާޑުގެ މިސާލެކެވެ.
ސިޔާސީ ބޭފުޅުންނަށް އޮންނަ ކަނު ލޯބި
ކޮންމެ ވެރިކަމެއްގައި ވެސް ގޯސްތަކެއް ހިނގައެވެ. އަދި، ހާއްސަކޮށް ދުރުން ބަލަން ހުންނައިރު އެ ފެންނަހާ ސާދާކޮށް ސީދާކޮށެއް ވެރިކަމެއް ނުކުރެވޭނެއެވެ. އެކަމަކު، ދީނީ ކާޑު ނަންގަވައިގެން ވިއްކަވަން އަންބާ ކިޔުއްވާ ބޭބޭފުޅުންނަށް ތާއީދު ކުރާ ކެންޑިޑޭޓުންގެ ކިބައިން އެއްވެސް ގޯހެއް ނުފެންނަނީއެވެ.
މިދިޔަ ސަރުކާރުގައި ހިނގި ގޯސްތަކުގެ ވާހަކައެއް ސަލަފު ޖަމިއްޔާއަކުން ނުދައްކައެވެ. އެ ފަސް އަހަރު ސިޔާސީ އެއްވެސް ކަމެއްގައި ބަހެއް ނުބުނެއެވެ.
ހަމަ އެއާ އެއްގޮތަށް މި ދައުރުގައި ހިނގާ އެއްވެސް ގޯހެއް މި ސަރުކާރަށް ތާއީދު ކުރާ ޢިލްމުވެރިންނަކަށް ނުފެނެއެވެ. އަދި، ބައެއް ފަހަރު ނުކުންނަވައިފާ އެބަގެން ދިފާއު ވެސް ކުރެއެވެ. މި ވެރިކަމުގައި ހިނގި ކަންކަން ފެނުނީ ވެސް އިދިކޮޅުގައި ތިއްބެވި ބޭބޭފުޅުންނަށް އެކަންޏެވެ.
މި އިންތިޚާބުގައި ވެސް ޖައްސަވަން އެ އުޅުއްވަނީ ހަމަ އެ ކާޑެވެ. މަޝްހޫރު ކަމަށް ދައުވާ ކުރާ ބޮޑެތި ޢިލްމުވެރިން އެގެން މީސްމީޑިއާގައި ޒުވާބު ކުރައްވަނީ ތާއީދު ކުރުން "ހައްގުކަން ބޮޑު" ކެންޑިޑޭޓަކީ ކާކު ކަމާ މެދެވެ. އެންމެ ގިނަ ޢިލްމުވެރިން ތާއީދު ކުރައްވަނީ ކޮން ކެންޑިޑޭޓަކަށް ކަމާ މެދެވެ.
ގާނޫނުލްއުގޫބާތުގައި ބުނާ ގޮތުން މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅު ނުކުރާހާ ހިނދަކު، ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު، އާންމު ތަނެއްގައި، އެ މީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތު ކުރުމަކީ ވެސް ޖިނާއީ ކުށެކެވެ. އެއީ، އަދަބު ލިބެން ޖެހޭ ކުށެކެވެ.
އަދަބު ހަރުކަށިކޮށް، ގާނޫނުލްއުގޫބާތުގައި އޮތް ގޮތް ތަންފީޒު ނުކުރާހާ ހިނދަކު ސިޔާސީ ކެމްޕޭންތަކުގައި ޖަހާ ދީނީ ކާޑުގެ މަޅިއެއް ނުހުއްޓޭނެއެވެ.
ދީނާ ކުޅެ، ސިޔާސީ އުކުޅެއް ގޮތުގައި ދީނީ ކާޑު ޖަހަނީ ދީނަކަށް އަދި ގައުމަކަށް ވެސް ހެވެއް އެދިގެނެއް ނޫނެވެ. ސިޔާސީ މަންފާއާއި ސިޔާސީ ސަބަބުތަކަށްޓަކައެވެ. ނޫން ނަމަ، މައުމޫން 30 އަހަރު ވަންދެން ވެރިކަން ކުރެއްވީއިރު ދީން މުގުރައިލީސް ތާއެވެ. އަދި، ނަޝީދުގެ ވެރިކަމުގައި މި ގައުމަށް އެހެން ދީންތައް ވެސް ގެނެވުނީހެވެ. އެއީ، ހައްތަހައި ވެސް އެކިއެކި ސިޔާސީ ބޭބޭފުޅުން ބާރުވެރިކަމަށް ކުރެއްވި ދަތުރުގައި ޖެހި މަޅިއެކެވެ.
އެ ބޭފުޅުން ކުރައްވާ ގެރި ޒުވާބާއި ދައްކަވާ ނިފާގުކަމުގެ ނަތީޖާއަކީ ޢިލްމުވެރިން ދަމަހައްޓަން ޖެހޭ މުރުއްވަތްތެރިކަން ނެތުމެވެ. އާންމުން ޢިލްމުވެރިންނަށް ކުރާ އިހްތިރާމާއި ގަދަރު ކުޑަ ވުމެވެ. ސިޔާސީ ކަންކަމުގައި ދީނީ ބޭބޭފުޅުން ދައްކަވާ ނިފާގުކަމުގެ ނަތީޖާއަކީ ދީނާ މެދު އާންމުންގެ ހިތުގައި ނަފުރަތުވުމެވެ. އެއް އިރެއްގައި ނުރުހުން ފާޅުކުރުމަށް ފަހު، ފަހުން ނުކުމެ އެެއް މޭޒެއްގައި ވެސް ތިއްބަވަނީއެވެ. އެހެންވެ، އެ ޢިލްމުވެރިން ހިފަހައްޓަން ޖެހޭ އަހްލާގީ މިންގަނޑެއް އޮންނަން ޖެހެއެވެ.