އެ ވާހަކަތަކުން މައާލްއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔުމާއެކު، އޭނާ ހިނިތުންވެލިއެވެ.

ރާދިންގެ ހިތަށް އަރާ ފައިބަމުން ދިޔަ ޝުޢޫރުތަކުގެ ސަބަބުން، އޭނާގެ ހިތަށް އުނދަގޫތަކެއް ވިއެވެ. ހަމައެއާއެކު, އޭނާ މައާލްގެ އަތަށް ބާރުކޮށްލިއެވެ. ސަޖާއާއި މައާލްއާ ދެމެދުވާ ތަފާތު އިޙްސާސްކޮށްލެވުނު ރާދިންގެ ހިތް ގޮވަން ފެށީ ސަޖާގެ ބާބު އޭނާގެ ޙަޔާތުން ނިންމާލުމަށެވެ. ހަމައެއާއެކު, މައާލްއާއެކު އާ ޙަޔާތެއް ފެށުމަށެވެ. މައާލްއަށްޓަކާ އޭނާގެ ހިތުގައި ލޯބިވާކަން މިރޭ ފުރަތަމަ ފަހަރަށް އެހިތަށް ފަހުމްވެގެން ދިޔައީ މައާލް ވީ ޙާލަތު ހިތަށް އަރާފައެވެ. އެހެން ފިރިހެނަކު މައާލްއަށް އަނިޔާވެރިވާތަން ބަލާކަށް އޭނާގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. މައާލްގެ ކަރުނަތައް އޭނާގެ ހިތަށް ތަދުކުރުވީ މީގެ ކުރިން ދުވަހަކުވެސް އިޙްސާސް ނުކުރެވޭހާ ބޮޑަށެވެ. އެ ހޫނުކަރުނަތަކުގެ އިޙްސާސްކުރެވޭ ކޮންމެ ފަހަރަކު، ރާދިންގެ ހިތުގައި މައާލްއާ މެދު ވާ ޖަޒުބާތުތައް ހޭލައްވާލައެވެ. މިރޭ އަދި ވަކިން ބޮޑަށެވެ. މައާލްއަށްޓަކައި އަބަދުވެސް އޭނާގެ ހިތުގައިވާ އިޙްސާސްތައް ބަނޑުންވެއެވެ. މީގެ ކުރިން ރާދިން އެ އިޙްސާސްތަކަށް ދިނީ ފުރަގަހެވެ. ނޫނީ ގަބޫލުކުރަން ބޭނުންނުވީއެވެ. އެއީ ހަމައެކަނި ޙަމްދަރުދީކަމުގައި އޭނަ ހީކުރިނަމަވެސް، އެއީ އެއަށްވުރެ ފުން ޖަޒުބާތުތަކެއްކަން މިއަދު އޭނާއަށް ޔަޤީންވެއްޖެ އެވެ.

ސަޖާއާ މައާލްއާ އަޅާކިޔެމުން ދިޔަ ރާދިންގެ ހިތް އެދި ގޮވަނީ މައާލްއަށެވެ. މައާލްއާ އެކުގައިވުމަށެވެ. ރާދިންދެކެ ހަޤީޤީ ލޯބިވަނީ މައާލްކަމުގައި އޭނާއަށް މިއަދު ވިސްނިއްޖެއެވެ. ސަޖާއޭ ކިޔައިގެން އޭނާގެ ކަންފަތަށް ފޯރާފައިވާ އަޑުތަކަށް ބީރުކަންފަތެއް ދެވުނީ އޭނާއަށް ނުވިސްނުނީމައެވެ. ހަމަޖެހިލައިގެން ވިސްނައިލުމުން، އެދެމީހުންގެ އުޅުމަށް ބަލާފައި އެކަނިވެސް، އޭނާ ދެކެ ހަޤީޤީ ލޯބިވަނީ މައާލްކަން އެހިތަށް ފަހުމްވެއްޖެއެވެ. ހަމައެއާއެކު، ޚުދު އޭނާގެ ހިތުގެ ރާނީއަކީވެސް މައާލްކަން އޭނާއަށް އެނގިގެން ހިނގައްޖެއެވެ. ކިޔަމަން ކުރުން އުނދަގޫ އެ ޖަޒުބާތަކީ ލޯތްބެވެ. މައާލްއަށްޓަކައި އޭނާގެ ހިތުގައިވާ ފުން ލޯތްބެވެ. ފުރަތަމަ ފަހަަރަށް ރާދިންއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވެން ފެށިއެވެ. އެނިކަމެތި އަންހެން ކުއްޖާއަށް އޭނާގެ ފަރާތުން މުޅިންވެސް ލިބިފައިވަނީ ވޭނާ ހިތާމައެވެ. އަމިއްލަ ގޭގައިވެސް މައާލްއަށް ރައްކާތެރިކަމެއް ނެތެވެ. އޭނާގެ އެކުވެރިންގެ ފަރާތުންވެސް މައާލްއަށް ލިބުނީ ގޯނާއެވެ. ފުރަތަމަ ފަހަރަށް އެ ހުރިހައިކަމަކާ މެދު އޭނާއަށް ވިސްނައިލެވުނެވެ. އެންމެ ބޭނުންވި ދުވަހު އަނބިމީހާއަށް ހިމާޔަތް ނުދެވުމަކީ ފިނޑި ފިރިހެނެއްގެ ސިފައެކެވެ. ކުށްވެރި އިޙްސާސްއާއެކު ރާދިން މައާލްގެ ކިބައިން މާފަށް އެދުނެވެ.

"އައި އެމް ސޮރީ މައާލް…" ރާދިން މާފަށް އެދުނުއިރުވެސް، އޭނާ ހުރީ މައާލްގެ އަތުގައި ހިފައްޓާލައިގެންނެވެ. އެ އަތުން ދޫކޮށްލަން ބޭނުންނެވެފައެވެ. ރާދިން މީގެ ކުރިންވެސް މައާލްގެ ކިބައިން އެތަކެއް ފަހަރަކު މާފަށް އެދިފައިވެއެވެ. އެހެންނަމަވެސް، މިރޭ އެ އަޑުގައި ތަފާތު ގޮތެއް އެބަހުއްޓެވެ. ހަމަ ހަޤީގަތުގައިވެސް ރާދިން ހުރީ އިންތިހާއަށް ދެރަވެފައެވެ. އެކަން ރާދިންގެ އަޑުން އެކަނިވެސް މައާލްއަށް ދޭހަވިއެވެ.

"އަހަންނަށް މާފުނުކުރާނީތަ؟" ރާދިން ސުވާލުކޮށްލިއެވެ. އޭނާ ސީދާ މައާލްގެ ދެލޮލަށް ބަލައިލިއެވެ.

"ނޫން، އަހަރެންގެ ހިތް ރާދިންއަށްޓަކައި ސާފު. ރާދިންއަށް އެނގޭތަ؟ ކިތަންމެ ރެއަކު އޭނަގެ ފަރާތުން އަހަންނަށް ގޯނާ ލިބުނު. އެކަމަކު އެ ވާހަކަތައް ބުނާކަށް އަހަންނަކަށް ފުރުސަތެއް ނުލިބުނު. އެ އެކުވެރިންގެ އުޅުމާމެދު އަހަރެން ހިތްހަމައެއް ނުޖެހޭ… ނުފެނުނަސް އެވަރު އަހަންނަށް އިޙްސާސްވޭ… އެހެންވެ ކިތަންމެ ފަހަރަކު އެ ވާހަކަ ބުނަން ވެސް އުޅުނިން. އެކަމަކު އެމީހުން ރާދިންއަށް އެހާ މުހިންމު އިރު އަހަރެން ކިހިނެއް އެވާހަކަތައް…"

"ޝްޝްޝް… މައާލްއަށް ބުނެވެން ޖެހޭނެ، އަހަރެންމީ މައާލްގެ ފިރިމީހާ…" މައާލްގެ ވާހަކަ ހުއްޓުވާ އެ ތުންފަތުގައި އިނގިލި ޖައްސާލުމާއެކު، ރާދިން ބުނެލިއެވެ.

"އަހަންނަށް އެނގޭ މައާލްއަށް ނުކެރުނީކަން. އެކަމަކު މިއަދުން ފަށައިގެން ޔޫ ހޭވްޓު ޕްރޮމިސް މީ. އަހަރެންގެ ފަރާތުން އެއްވެސް ނޭދެވޭ ސިފައެއް މައާލްއަށް ފެންނަ ނަމަ އެކަންތައް ޖެހޭނެ ވަގުތުން އަހަރެންގެ ކައިރީގައި ބުނަން. ހެޔޮ އަހަރެންގެ އެކުވެރިއަކަށްވެސް. އެމީހުންނަށް ވުރެ އަހަންނަށް މުހިންމީ މައާލް… ހަމަ ހަޤީގަތުގައިވެސް މިއަދު އަހަރެން ވަރަށް ދެރަވެއްޖެ. އެނގޭ ކިތަންމެ ވަރަކަށް މާފަށް އެދުނަސް އަހަންނަށް ކުރެވުނީ މާފު ހައްޤު ކުށެއް ނޫންކަންވެސް. އެކަމަކުވެސް މިއަދު ބޭނުންވޭ ހުރިހާކަމަކަށް މާފަށް އެދިފައި ހުރިހާކަމެއް އަލުން ފަށަން. އަހަރެންގެ ދިރިއުޅުމަށް ގެންނަން ބޭނުންވާ ހަމައެކަނި އަންހެން ކުއްޖަކީ މައާލްކަން އަހަންނަށް ޔަޤީންވެއްޖެ. މައާލްގެ ގޭގައި މީގެ ފަހުން މައާލްއަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ. އައި ޕްރޮމިސް…" ރާދިން އަމިއްލަ ނަފްސަށްވެސް ވަޢުދުވިއެވެ. އޭނާ ސަޖާއާ އޭނާއާ ދެމެދު އޮތް ގުޅުން ނިންމާލާނެއެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ވެސް މެއެވެެ. މައާލް އޭނާއަށް މާފުކުރާނެއެވެ.

އެހިތުން ޖާގަ ދެވޭނެ ހަމަ އެކަނި އަންހެން ކުއްޖަކީ މައާލްއެވެ. ބޭނުމީ މުޅި އުމުރު މައާލްއާ އެކު ހޭދަކޮށްލާށެވެ. މައާލްއަށް ލިބުނު ހުރިހާ ހިތާމަތަކެއް ފިލުވާލާށެވެ. އޭނާ މައާލްގެ އުނަގަނޑުގައި ހިފާ ކައިރިކޮށްލުމާއެކު، މައާލް އައިސް ތަތްވީ ރާދިންގެ މޭގައެވެ. ރާދިންގެ ވާހަކަތަކުން މީގެ ކުރިން ދުވަހަކުވެސް ނުލިބޭފަދަ އުފަލެއް މައާލްއަށް ލިބިފައިވެއެވެ. އޭނާ އުންމީދުކުރި ދުވަސް އައީއެވެ. ކެތްތެރިކަމުގެ މޭވާ އޭނާއަށް ލިބިއްޖެއެވެ. މައާލް އަޒުމު ކަނޑައެޅީ ދުވަހަކުވެސް އެހެން މީހެއްގެ ކުރިމަތީގައި ތިމާގެ ނިކަމެތިކަން ހާމަނުކުރުމަށެވެ. ދުނިޔެއަކީ ފާޑެއްގެ ތަނެކެވެ. ތިމާއަކީ ނިކަމެތި މީހެއްކަމުގައި ދައްކައިފިނަމަ، ދުނިޔެވެސް އެމީހަކަށް ކެހިދީފާނެއެވެ. މިއަދުން ފެށިގެން އޭނާ ވާނީ ހިތްވަރުގަދަ އަންހެން ކުއްޖަކަށެވެ.

"އައި ލަވް ޔޫ… މާލް..." ރާދިންގެ ދެތުންފަތް ފޫ އަޅުވާލާފައި ފުރަތަމަ ފަހަރަށް އެބަސްތައް ނުކުތެވެ. އެހިނދު އޭނާގެ މުޅި ފުރާނަވެސް އެކަމަށް އިޤުރާރުވެއްޖެއެވެ.

އެ އަޑުގައިވީ ޖާޒުބީ އަސަރާއި ތެދުވެރިކަމެއްގެ ސަބަބުން މައާލްގެ ހިތަށް އުފާވެރިކަން ގެނުވިއެވެ. ޚާއްސަކޮށް ރާދިން އޭނާގެ ނަން ކިޔައިލީ މީގެ ކުރިން ނުކިޔާ ގޮތަކަށެވެ. ޖެހެމުންދިޔަ ތެތްފިނި ވައިރޯޅިތަކުން ތަނުގައިވި މަސްތުކަން އިތުރުކޮށްދެމުން ދިޔަފަދައެވެ. ރާދިންގެ ދުލުން އެބަސްތައް އޭނާއަށް އިވުނީވެސް ހުވަފަނެއް ފަދައިންނެވެ. އެއީ އޭނާ ރާދިންގެ ކިބައިން އަޑުއަހަން ހާދަ އުންމީދުކޮށްގެން ހުރި ބަސްތަކެކެވެ. ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ. ކޯތާފަތަށް ފައިބަން ފެށިކަރުނަތައް ރާދިން އޯގާތެރިކަމާއެކު، ފުހެދިނެވެ.

"އަދިވެސް ރޮނީތި…"

"އަހަންނަށް އުފަލުންނޭ ރޮވުނީ…"

"އުފަލުން ރޯ ކުއްޖަކާ އަދި އަލަށް މި ދިމާވީ. ތިހާ ނާޒުކު ކުއްޖެއް ގެންގުޅެންވެސް ޖެހޭނީ ވަރަށް ވެސް ބަލައިގެން އެހެންވީމަ." ރާދިން ސަމާސާކޮށްލިއެވެ.

"އަހަރެން ހާދަ އިންތިޒާރެއްކުރީމޭ ރާދިންގެ ފަރާތުން ތި އޯގާތެރިކަމަށް އެދި. ލޯބިވާ ވާހަކަ ބުނާނެ ދުވަހަކަށް ވެސް." މައާލްއަށް ބުނެވުނެވެ.

"ލޯބިވާކަން އެނގެނީ ހަމައެކަނި ދުލުން ބުނީމަތަ؟ ނޫނެއްނު. އެކަަމަކު ލޯބިވަންޏާ އެހެން ބުނުމަކީ ވެސް މުހިންމުކަމެއް. އެހެންވީމަ އަހަރެން މީގެ ފަހުން މައާލް ދެކެ ލޯބިވާކަން ބުނެފަ އަމަލުން ވެސް އެކަން ދައްކާނަން." ރާދިންގެ އަޑުގައިވަނީ ޔަޤީންކަމެވެ.

އެތަނުގައި ގިނައިރު ވާންފެށުމުން މައާލް ހީކަރުވާގޮތްވިއެވެ. ދެއަތް މޭގައި ހުރަސްކޮށްލުމާއެކު، އެއްއަތް އަނެއްއަތުގައި ކާއްތައިލިއެވެ. މައާލްގެ ކުޑަކޮށް ތުރުތުރުއަޅަމުން ދިޔަ ދެތުންފަތާއި، ހަށިގަނޑުގެ ސަބަބުން މައާލްއަށް ފިނިވެފައިހުރި ވަރު ރާދިންއަށް އިޙްސާސްކޮށްލެވުނެވެ.

"ފިނިވަނީތަ؟" ރާދިން ސުވާލުކޮށްލުމާއެކު، މައާލް ބޯ ޖަހައިލިއެވެ. ރާދިން މައާލް އޭނާއާ ކައިރިކޮށްލިއެވެ. ރާދިންގެ އެ އަމަލުން މައާލްގެ ހިތް އަވަސްވެލިނަމަވެސް، އެކަމުން އޭނާއަށް އަރާމުވިއެވެ.

"ހިނގާ އެތެރެއަށް ދާން… އެހެންނޫނީ އަނެއްކާ ރޯގާޖެހިދާނެ… ޕޫލަށް އެރުނު ދުވަހުވެސް މައާލް ބަލިވީ…" ރާދިން ބުނެލިއެވެ. އެ ދުވަހުގެ ހަނދާންތައް އާކުރަމުން ރާދިން، އެ ވާހަކަ ދައްކަން ފެށުމުން މައާލްގެ ތުންފަތް މައްޗަށް ލަދުވެތި ހިނިތުންވުމެއް ވެރިވި އެވެ. މައާލްގެ އަތުގައި ހިފާލައިގެން ތިރިއަށް ގޮސް ކޮޓަރިއަށް ވަދެފައި ރާދިން ދޮރު ލައްޕާލިއެވެ.

*****

ޖެހިގެން އައި ދުވަހު ރާދިން އޮފީހުން ޗުއްޓީއެއް ނެގިއެވެ. އޭނާ ބޭނުންވީ މައާލްއާއެކު، ގިނަ ވަގުތު ހޭދަކޮށްލާށެވެ. ސަޖާގެ ފަރާތުން އަންނަ އެއްވެސް ކޯލަކަށް ޖަވާބު ދޭން ބޭނުންނުވާތީ ފޯނުވެސް ނިއްވާލިއެވެ. ކަމެއް ބޭނުންވެއްޖެނަމަ ގޭގެ ލޭންޑް ލައިނަށް ގުޅަން އޭނާ އޮފީހުގައި ބުނެލިއެވެ.

ހެނދުނުގެ ނާސްތާކުރުމަށް ދެމީހުން ދިޔައިރު ނުވައެއް ޖަހަނީއެވެ. ސައިބޮއިގެން ދެމީހުން ނުކުމެލީ ބަގީޗާއަށެވެ. ފަތިހު ވާރޭ ވެހިފައިހުުރުމުގެ ސަބަބުން ގަސްތަކުގެ ފަތްތަކުގައި ތެތްކަމެއް ވާއިރު، ފަތްތަކުގެ ކުލަވެސް ހީވަނީ އިހުނަށްވުރެ ގަދަވެފައި ވާހެންނެވެ. ވައިނުޖެހުނެއް ކަމަކު އަވިނިވާލާފައި އޮތުމުން އޭރުވެސް، ތެތްފިނިކަން ރަސްކަން ކުރަމުން ދިޔައެވެ.

"ރޭގަ އެހާ ރީތިކޮށް އޮވެފައި ފަތިހު ވާރޭ ވެހުނީ ދޯ…." މައާލް ބުނެލިއެވެ. ރާދިން އާއެކޭ ބުނެ އެ ސުވާލަށް ޖަވާބު ދިނެވެ.

"އިސްތަށިގަނޑު ކޮށާލަން ބޭނުމީ. ވަރަށް އުނދަގޫކަމެއް މީ ދިގު އިސްތަށިގަށިގަނޑެއް ގެންގުޅެން. އަދި ވަކިން މިހާރު." ހިނގަމުން ހިނގަމުން ގޮސް އޭނާގެ ދިގު އިސްތަށިގަނޑުގައި އަތް ހިންގާލި މައާލްއަށް ބުނެވުނެވެ.

"އަހަރެން ކޮށާލަދެންތަ؟" ރާދިން ސުވާލުކޮށްލިއެވެ.

"ރާދިންއަށް ކުރަން އެނގޭކަމެއްތަ؟"

"އަހަންނަށްވެސް ޓްރައިއެއް ކުރެވިދާނެ. އެއް ދުވަހު މައާލްގެ އިސްތަށިގަނޑާ ބެހޭގޮތުން ވާހަކަ ދެއްކި ހަނދާންވޭތަ؟ އޭރު ވީޑިއޯއެއްވެސް ބެލިން."

"ވީޑިއޯ ބަލައިގެން ދަހެއްނުވާނެ. ތިއުޅެނީ އަހަރެންގެ އިސްތަށިިގަނޑު ހަލާކުކޮށްލަންތަ؟" މައާލް ހީނގަތެވެ.

"ނޫނެކޭ ނުވާނެޔޭ … ދެން ބުނޭ އާއެކޭ…" ރާދިން ކިޔަން ފެށުމުން މައާލް އެއްބަސްވިއެވެ.

މައާލްގާތު މަޑުކޮށްލަން ބުނެފައި ރާދިން ގޭތެރެއަށް ވަދެފައި އައީ މައާލްގެ ގައިގައި އަޅާނެ ފޮތިގަނޑަކާއި، ކަތުރެއްގެ އިތުރުން ފުނައެއް ހިފައިގެންނެވެ. އެތަނުގައި ހުރި ގޮނޑިއެއް ގެނެސް އޭގައި މައާލް ބައިންދާފައި، ރާދިން އޭނާ ގެނައި ހުދުކުލައިގެ ފޮތިގަނޑުން މައާލްގެ ކަރު ނިވާކޮށްލިއެވެ. އެއަށްފަހު، އޭނާ މައާލްގެ އިސްތަށިގަނޑު ކޮށަން އަވަސްވެގަތެވެ.

ރާދިން މައާލްގެ އިސްތަށިގަނޑު ކޮނޑުން ތިރިއަށް އަންނަ ވަރަށް ބުރިކޮށްލިއެވެ. އެއަށްފަހު، ލޭޔާސް ތަކަށް ކޮށާލިއެވެ. އެ ކަޅުކަން ގަދަ އިސްތަށިގަނޑު ބޯ ވެފައި ވަރުގަދައެވެ. ވަރަށް ވިސްނައިގެން ހުރެ ރާދިން އެ ކަންތައް ކޮށް ނިންމާލާފައި، މައާލް ގޮނޑިން ނަގާ އޭނާއާ ދިމާލަށް އަނބުރާލިއެވެ. ފޮތިގަނޑު ގޮނޑި މަތީގައި ބާއްވަމުން އޭނާ އިސްތަށިގަނޑުގައި ފުނާ އަޅައިލިއެވެ.

"މިހާރު ލޯބި…" ރާދިން ބުނެލިއެވެ.

"ފެންނާނެނަމަ އެއްނު ރާދިން ތިކުރި ކަމެއް." މައާލްއަށް ބުނެވުނެވެ.

"ވެއިޓް..." އެހެން ބުނެލާފައި ރާދިން ގޮސް ގޭތެރެއަށް ވަދެފައި ދެން އައީ އޭނާގެ ފޯނު ހިފައިގެންނެވެ. މައާލްގެ ފޮޓޯއެއް ނަގާލުމަށްފަހު، އޭނާ ފޯނު އަނެއްކާވެސް ނިއްވާލީއެވެ.

"ކީތްތިކުރީ؟" މައާލްއަށް ސުވާލުކޮށްލެވުނެވެ.

"ނުކުރަންކަމެއް. މައާލް ލޯބިކަމުން ބެލެނީ ހަމަ." ރާދިން ލާނެތްގޮތަކަށް ބުނެލުމާއެކު މައާލް ލަދުގަންނަ ގޮތްވިއެވެ.

"ތެންކިއު ރާދިން…." މައާލްއަށް ބުނެވުނެވެ. ދުނިޔޭގެ އުފާތައް އޭނާގެ މުށުތެރޭގައި ހައްޔަރުވެފައި ވީފަދަ އިޙްސާސްއެއް މައާލްއަށް ކުރުވިއެވެ. ރާދިންއަށްޓަކައި އޭނާގެ ހިތުގައިވާ ލޯބި ފުންވަމުން ދިޔައެވެ.

އެކުގައި އެތަކެއް ވަގުތެއް ދެމީހުން ހޭދަކުރިއެވެ. އެތަކެއް ސަކަރާތެއް ޖެހިއެވެ. ރާދިންގެ މިޒާޖާ އެ އޯގާތެރިކަމުގެ ސަބަބުން، މައާލްގެ ހިތް ހީވަނީ އާސްމާނުުގައި އުދުހެމުން ދިޔަހެންނެވެ. އަނެއްކޮޅުން ރާދިންވެސް ހުރީ އުފާވެފައެވެ. އެހިތް ބޭނުންވާ ގޮތް މިހާރު އޭނާއަށް އެނގިއްޖެއެވެ. އިތުރަށް އެހެން މީހަކަށް އެ ދޭތެރެއަށް ވަނުމުގެ ފުރުސަތު ދޭކަށް ބޭނުމެއް ނޫނެވެ. ނުތަނަވަސްވަނީ އަދިވެސް ސަޖާ މަތިން ހަނދާންވެފައެވެ. ސަޖާއާ ވާހަކަ ނުދައްކާ އެއްކޮށް ދުރުވުމަކީ ހައްލެއް ހެއްޔެވެ؟ ނޫނީ ވާހަކަ ދައްކާލާފައި ދުރުވާންވީއެވެ. ނޫނެކެވެ. ސަޖާ އެގޮތަށް އެއްބަހެއް ނުވާނެއެވެ. ކޮންމެ ގޮތެއް ވިޔަސް، މިއަދު ރާދިންއަށް ވަރިހަމައެވެ. އޭނާގެ ޙަޔާތަށް ބޭނުންވަނީ މައާލްއެވެ. ހަމައެކަނި މައާލްއެވެ. އެދުވަހު ހަތަރުދަން ދެމީހުން ހޭދަކުރީއެކުގައެވެ.

ޖެހިގެން އައި ދުވަހު މައާލްގެ ގާތުގައި ހުންނަން ބޭނުންވި ނަމަވެސް، ރާދިން އެގޮތަށް ކަންތައް ނުކުރީ، އޭނާ ޒާހިދާ ދައްކަން ބޭނުންވެފައި ހުރި ވަރަށް ގިނަ ވާހަކަތައް ހުރީތީއެވެ.

****

އޮފީހަށް ދިޔުމަށްފަހު ރާދިން، ގޮސް ޒާހިދުގެ ކެބިންއަށް ވަތްއިރު، ޒާހިދެއް ނެތެވެ. އޭނާ އެތަނުން ކުއްޖަކު ކައިރީގައި ސުވާލުކޮށްލުމުން ބުނީ އިއްޔެއާ މިއަދު ޒާހިދު އޮފީހަށް ނާންނަކަމުގައެވެ.

ރާދިން އޭނާގެ ކެބިންއަށް ގޮސް ޒާހިދަށް ގުޅާލިއެވެ. ފޯނު ނެގީ ޒާހިދު ނަަމަވެސް، އެ އަޑުން ވަރުބަލިކަން ފާޅުވަމުން ދިޔައެވެ. ރާދިން ސުވާލުކޮށްލުމުން ޒާހިދު ބުނީ އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ކަމުގައެވެ.

އޮފީސް ނިންމާލާފައި ރާދިން، ޒާހިދާއި ބައްދަލުކުރަން ހޮސްޕިޓަލަށް ދިޔައިރު، އެތަނުގައި ޒާހިދުގެ އަންހެނުން މީޒާ ހުއްޓެވެ. ރާދިންއައުމުން އޭނާ އެ ދެމީހުންނަށް ވަގުތު ދޭން ވެގެން ނުކުމެލިއެވެ. ވީގޮތާ ބެހޭގޮތުން ރާދިން ސުވާލުކުރުމުން ޒާހިދު ބުނީ އެނބުރުން އަރައިގަނެގެން ވެއްޓުނީކަމުގައެވެ. އަދި ހޮސްޕިޓަލަށް ގެނައިއިރު، ހަކުރު ކޮންޓްރޯލް ނުވެ ހުރިކަމުގައެވެ. މިހާރު ވެސް ހަކުރު ކޮންޓްރޯލް ކުރެވެނީ، އިންސުލިންގެ އިތުރުން ބޭހާއެކު، ވަރަށް އުނދަގުލުން ކަމުގައެވެ. އަދި ހަކުރު ކޮންޓްރޯލް ނުވާނަމަ ކިޑްނީއަށް ވަރަށް ބޮޑަށް އަސަރުކުރާނެކަމަށާއި މިހާރުވެސް، ކޮންމެވެސް ވަރަކަށް އެކަމުގެ ގެއްލުން ލިބިފައި ހުރިކަމަށެވެ.

"އޮފީހުގެ ކަމެއްގައިނަމަ ފޯނުންވެސް ވާހަކަ ދައްކާލެވުނީސް." ޒާހިދު ބުނެލިއެވެ.

"އޮފީހުގެ ކަމެއްގައެއް ނޫން. ގޮވާލަންވެގެންނާ އެކީ މިއައީ. ދެން އަދި ދައްކާލަންޖެހޭ ވާހަކައެއް ވެސް އޮތުމާއެކީ…" ރާދިން ބުނެލިއެވެ. ޒާހިދު ބޯޖަހައިލީ އޭނާ އަޑު އަހަމޭ ބުނާ ފަދަ ގޮތަކަށެވެ.

"އަޅުގަނޑު ބައްޕައާ ވާހަކަ ދައްކާލިން މައާލްގެ އާއިލާއާ ބައްދަލުކުރަން ބޭނުންވީމަ. ބައްޕަ އެކަމަކާ ދެކޮޅެއް ނުހައްދަވާ. އެކަމަކު މައާލްގެ ބައްޕަ އެއްބަސްކުރުވަން އުނދަގޫވާނެހެން ބައްޕަގެ ވާހަކަތަކުން ހީވަނީ."

"އިރާދުކުރެއްވިއްޔާ ރާދިންއަށް ތިކަން ވާނެ." ޒާހިދު ބުނެލިއެވެ.

"އެކަމަކު އަޅުގަނޑު ކަންބޮޑުވަނީ ކުންފުނިން އެތަކެއް ފައިސާއެއް ކޮންމެ މަހަކު އެމީހަކަށް ދޭން ޖެހޭތީ… އެނގެން ބޭނުން ޝައްކުކުރެވޭ އެއްވެސް މީހަކު ހުރިތޯ…" ރާދިން ބުނެލިއެވެ. ޒާހިދު ވިސްނަން އޮތްގޮތުން ރާދިންއަށް އަނެއްކާވެސް އެ ސުވާލު ތަކުރާރުކޮށްލެވުނެވެ. ކުންފުނީގެ ޒިންމާ އަދާކުރަން ހުރިމީހަކީ ރާދިންއަށް ވީހިނދު އެގޮތަށް ފައިސާ ނަގައިގެން އުމުރު ދުވަހު އޭނަގެ އެދުންތައް ފުއްދައިދިނުމަކީވެސް ހައްލެއް ނޫންކަން ރާދިންއަށް ގަބޫލުކުރެވެއެވެ.

"އަޅުގަނޑުމެން ދެމީހުން ދެމެދުގަ ދެކެވޭ އެއްވެސް ވާހަކައެއް އިތުރު މީހަކށް ނޭނގޭނެކަމުގެ ޔަޤީންކަންދެން. ކުޑަވެސް ޝައްކެއް ވާ މީހަކު އެބަހުރިތަ؟ ހުރިނަމަ އަޅުގަނޑުބޭނުން އެނގެން." ރާދިން އަނެއްކާވެސް ބުނެލިއެވެ.

"ހީވާ ހީވުމެއްގެ މައްޗަށް ވާހަކަ ދައްކާކަށް ނުވާނެ!"

“އެނގެންޏާ ބުނެދެއްވާ، ކޮންމެ މަހަކު ކުންފުނީގެ ފައިސާ ބޭކާރުގޮތުގައި ޚަރަދު ކުރާކަށް ބޭނުމެއް ނޫން."

" ރާދިން ތި ސުވާލުކުރީމަ މި ބުނަނީ… ޝައްކުވާ މީހަކު އެބަ ހުރި."

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު