މުއިއްޒު ކާށިދޫއަށް: ފަޅުތެރޭގައި ރިސޯޓަކާއެކު ދަނޑުވެރިކަން ކުރިއަރުވާނެކަމުގެ ޔަގީންކަން

ޑރ. މުއިއްޒު ކާށިދޫގައި ވާހަކަ ދައްކަވަނީ --

ކ. ކާށިދޫއިން, އާލިމް އަބްދުއްލަތީފް

ކ. ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކޮށް ޓޫރިޒަމްގެ އިތުރު ފުރުސަތުތައް ހޯއްދަވައިދެއްވާނެކަމަށާއި އެ ރަށުގައި ފުޅާ ދާއިރާއެއްގައި ކުރާ ދަނޑުވެރިކަން އިތުރަށް ކުރިއަރުވާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ދަތުރުގައި ކ. އަތޮޅުގެ ފުރަތަމަ ރަށަކަށް ކާށިދުއަށް ވަަޑައިގެން މުއިއްްޒު ވިދާޅުވީ ކާށިދޫގައި އިގްތިސޯދީ ގޮތުން ގިނަ މަޝްރޫތަކެއް ކުރިއަށް ގެންދެވިދާނެކަމަށެވެ.

މި ރަށުގައި ދަނޑުވެރިކަން މިހާރު ވެސް ގިނަ ބަޔަކު ކުރާ ކަމަށާއި އެ ކަން ފުޅާކޮށް މިހާރުގެ ސަރުކާރުން ދޭ އިސްކަމަށްވުރެ މާ ބޮޑު އިސްކަމެއް ދީގެން ތަރައްގީކޮށްދެއްވާނެކަމަށް އޭނާ ވިދާޅުވިއެެވެ.

ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީންވާވަރަށް ދަނޑުވެރިކަމުގެ ބާވަތްތައް ގައުމުގައި އުފެއްދުމަކީ އަމާޒެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"މި ރަށަކީ ވަރަށް ބޮޑު ހިއްސާއެއް އެ ކަމުގައި އަދާކުރާނެ ރަށަކަށް ވެގެންދާނެ. އެހެންވީމަ ތިޔަބޭފުޅުންގެ އުންމީދުތަކުގައި އަޅުގަނޑު ދަންނަވާނީ ހަގީގީ ކުލަ ޖެއްސުމަކީ އަޅުގަނޑުމެންނަށް ލިބޭނެ އުފަލަކަށް ވާނޭ، ޝަރަފަކަށް ވާނެ ވާހަކަ ދަންްނަވަމޭ،" މުއިއްޒު ވިދާޅުވިއެވެ.

ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި އަލަށް އެ ދާއިރާއަށް ނުކުންނަން ބޭނުންވާ މީހުންނަށް ވެސް ހުރިހާ ކަމެއް ފަހިކޮށްދެއްވާނެެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ކަމުގެ ސަބަބުން ޒުވާނުންނަށް އާމްދަނީ ހޯދުމަށް ވެސް ފަހި ފުރުސަތުތަކެއް ލިބޭނެކަމަށް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ކާށިދޫގައި ވާހަކަ ދައްކަވަނީ --

ޓޫރިޒަމާއި ލޯކަލް ޓޫރިޒަމް ވެސް މި ރަށުގައި ފުޅާވަމުންދާ ކަމަށާއި މި ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ވެސް ލޯކަލް ޓޫރިޒަމަށް ތަން ހުސްކޮށްފައިވާ ކަމަށެވެ.

"އެހެންވީމަ އެ ގޮތަށް ކަނޑައަޅައިފައި ހުރިި ބިންތައް އެހެން ކަނޑައަޅައިފައި އޮތުމުގެ ބަދަލުގައި އެ ތަންތަނަށް އިންވެސްޓަރުންނަށް އާދެވޭނެ ގޮތް ހެދުން އަޅުގަނޑުމެންގެ އަމާޒަކަށް ވާނީ،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންވެސްޓަރުން ހޯދުމުގައި ދަތިތަކާ ކުރިމަތިވަނީ ގައުމުގެ އިގްތިސޯދު އޮތް ހާލަތުން ކަމަށެވެ. މިހާރު އިންވެސްޓަރުންގެ އިތުބާރު ނެތްކަމަށާއި ނަމަވެސް އެ އިތުބާރު އުފައްދަވާ އިންވެސްޓަރުން ގެންނަވާނެކަމުގެ ޔަގީންކަން ވެސް މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ރަށުގެ ފަޅުތެރޭގައި ބިން ހިއްކައިގެން ރިސޯޓެއް ތަރައްގީކުރުމަކީ ރަށަށް ވަރަށް ފައިދާވާނެކަމެއް ކަމަށެވެ. އެ ކަން ކޮށްދެއްވާނެކަމަށް ވެސް ވައުދުވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް