މެޓާއިން ބައެއް ގައުމުތަކުގައި ''ފޭސްބުކް ނިއުސް'' ހުއްޓާލަނީ

މެޓާ އިން ބައެއް ގައުމުތަކުގައި "ފޭސްބުކް ނިއުސް" ފީޗާ ހުއްޓާލަން ނިންމައިފިއެވެ.

މެޓާ ޕްލެޓްފޯމްސްއިން އިއްޔެ ބުނީ އިނގިރޭސިވިލާތާއި ފްރާންސްއާއި ޖަރުމަނުވިލާތުގައި "ފޭސްބުކް ނިއުސް" ފީޗާ މި އަހަރުގެ ފަހުކޮޅު ހުއްޓާލާނެ ކަމަށެވެ.

މެޓާ އިން ބުނީ ފޭސްބުކުން ޚަބަރުގެ އާޓިކަލްތަކުގެ ލިންކްތައް އަދިވެސް ބަލާލެވޭނެ ކަމަށާއި ޑިސެމްބަރު މަހު މި ބަދަލަށް އަމަލުކުރަން ފެށުމަށް ފަހުވެސް ޔޫރަޕްގެ ނިއުސް ޕަބްލިޝަރުންނަށް އެ މީހުންގެ ފޭސްބުކް އެކައުންޓްތަކާއި ޕޭޖްތަކަށް އެކްސެސް ލިބެމުންދާނެ ކަމަށެވެ.

ނަމަވެސް ފޭސްބުކްގައި ވަކި ޓެބެއްގެ ގޮތުގައި ހުންނަ "ފޭސްބުކް ނިއުސް" ފީޗާ ނެގުމަށްފަހު ޚަބަރު ކޮންޓެންޓްތަކަށް އާ ކޮމާޝަލް ޑީލްތަކެއް ނުހަދާނެ ކަމަށާއި އެ ގައުމުތަކުގެ ނިއުސް ޕަބްލިޝަރުންނަށް ޕްރޮޑަކްޓް އިނޮވޭޝަންތަކެއް ވެސް ނުދޭނެ ކަމަށް މެޓާއިން ބުންޏެވެ.

މެޓާގެ ބްލޮގް ޕޯސްޓެއްގައި ބުނެފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ބަލަނީ އެމީހުންގެ ފޭސްބުކް ފީޑުން ފެންނަ މަންޒަރުތަކުގެ ތިން ޕަސެންޓަށް ވުރެ ވެސް ކުޑަ މިންވަރެއްގެ ޚަބަރުތައް ކަމަށާއި އެހެންކަމުން ނިއުސް ޑިސްކަވަރީއަކީ ގިނަ ބަޔަކަށް ފޭސްބުކްގެ ތަޖުރިބާގެ ކުޑަ ބައެއް ކަމަށެވެ.

މެޓާއިން މިބަދަލު ގެންނަން ނިންމާފައިވާއިރު، ދުނިޔޭގެ ޓެކްނޮލޮޖީގެ އެންމެ ބޮޑު އެއް ކުންފުނި އަލްފަބެޓަށްވެސް ވަނީ އެ ކުންފުންޏަށް އިޝްތިހާރުން ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ނިއުސް ޕަބްލިޝަރުންނާ ހިއްސާ ކުރުމަށް ޕްރެޝަރު ބޮޑުވެފައެވެ.

އިންޓަނެޓް ކުންފުނިތަކުން ޚަބަރު ޕަބްލިޝަރުންނަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ކެނެޑާގައި ހަދާފައިވާ ގާނޫނަކާ ގުޅިގެން މެޓާ އިން ވަނީ އެގައުމުގެ ކަސްޓަމަރުންނަށް ފޭސްބުކް އާއި އިންސްޓަގްރާމް ޕްލެޓްފޯމްތަކުގައި ޚަބަރު ބްލޮކް ކުރަން ފަށައިފައެވެ. އޮސްޓްރޭލިއާއިން ވެސް ވަނީ 2021 ވަނަ އަހަރު އެފަދަ ގާނޫނެއް ތަންފީޒުކޮށްފައެވެ.

މެޓާގެ ބްލޮގްގައި ބުނެފައި ވަނީ އާ ބަދަލަކީ އެ ކުންފުނީގެ އުފެއްދުންތަކާއި ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ގެނެސްފައިވާ ބަދަލެއް ކަމަށެވެ.

ފޭސްބުކް ބޭނުންކުރާ މީހުން ފޭސްބުކަށް ވަންނަނީ ޚަބަރާއި ސިޔާސީ ކޮންޓެންޓް އެއްކުރުމަށް ނޫން ކަމަށާއި އޭގެ ބަދަލުގައި އެ ޕްލެޓްފޯމް ބޭނުންކުރަނީ މީހުންނާ ގުޅުން ބަދަހިކޮށް، އާ ފުރުސަތުތައް ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށް އެ ބްލޮގް ޕޯސްޓްގައިވެއެވެ.

comment ކޮމެންޓް