މޯލްޑިވިއަން އިން އިތުރު ދެ އޭޓީއާރު ގަނެފި

މޯލްޑިވިއަނުން އެންމެ ފަހުން ގެނައި އޭޓީއާރް 600-42 މަރުކާގެ ބޯޓު -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތަކަށް އިތުރު ދެ އޭޓީއާރު ގަނެފިއެވެ.

އެ ކުންފުނިން މިއަދު ބުނީ އޭޓީއާރާއެކު، އެ ދެ ބޯޓު ގަތުމާ ގުޅޭ އެއްބަސްވުން ހަދައި ނިންމާފައިވާ ކަމަށެވެ. މި ދެ ބޯޓަކީ ވެސް އޭޓީއާރު600-42 މަރުކާގެ ދެ ބޯޓެވެ. އެއީ 48 މީހުންގެ ޖާގައިގެ ބޯޓެކެވެ.

މޯލްޑިވިއަނުން ބުނީ އޭގެތެރެއިން އެއް ބޯޓު މި އަހަރުގެ ޑިސެންބަރު މަހު، ރާއްޖެ ގެނެވޭނެ ކަމަށެވެ. އަދި، ދެވަނަ ބޯޓު ގެނެވޭނީ 2025ވަނަ އަހަރު ކަމަށެވެ.

މޯލްޑިވިއަނުން މީގެ ކުރިން ބޭނުންކުރަމުން އައި ޑޭޝް-8 މަރުކާގެ ބޯޓުތައް އުފެއްދުން ހުއްޓާލުމާއެކު، ސްޕެއާ ލިބެން ދަތިވުމުގެ ސަބަބުން މުޅި ފްލީޓު އޭޓީއާރަށް ބަދަލުކުރުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން އަންނަނީ ކުރަމުންނެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ އޭޓީއާރް 600-72 މަރުކާރުގެ ދެ ބޯޓު ގެނެސްފައިވެއެވެ. އަދި މިއަހަރުގެ އޭޕްރީލް މަހު 600-42ގެ ބޯޓެއް ގެނައެވެ.

މި ތިން ބޯޓު ގަތުމަށް 925 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައިވާއިރު މި ފަހަރުގެ ބޯޓުތަކުގެ އަގު އަދި ހާމަކޮށްފައެއް ނުވެއެވެ. އެ ފައިސާ ދައްކަން ހަމަޖެހިފައިވަނީ ލޯނަކުންނެވެ.

comment ކޮމެންޓް