ހަފީޒް، ފަރުވާ ނިންމުމަށް ފަހު މާލެ އަތުވެއްޖެ

އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު، ހަފީޒް -- ފޮޓޯ/ ގައުމީ ޔުނިވާސިޓީ

މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއްވި، ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒް، އަވަށްޓެރި އިންޑިއާއިން ފަރުވާ ހޯދުމަށް ފަހު ރޭ މާލެ އަތުވެއްޖެއެވެ.

މިއަހަރުގެ ޖޫން 28 ވަނަ ދުވަހު ހަފީޒް އެކްސިޑެންޓުވީ ހީނާމާގޭ ޕާކިން ޒޯނު ކައިރީގައި ހުންނަ މިސްކިތުގައި ފަތިސް ނަމާދު ކުރުމަށް ފަހު، ކަފިހި ހުރަހުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ހަފީޒަށް ލިބުނު ސީރިއަސް ޒަޚަމްތަކަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ. އެއަށް ފަހު އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިޔައީ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އޭނާއަށް ފަރުވާ ދިނީ ކޮޗިންގައި ހުންނަ އެސްޓާ މެޑިސިޓީ ހޮސްޕިޓަލުންނެވެ.

ހަފީޒްގެ ގާތް އެކުވެރިއަކު "ސަން"އަށް ބުނީ އިންޑިއާއިން ކުރަންޖެހޭ މައިގަނޑު އޮޕަރޭޝަންތައް ނިމި، ހަފީޒުގެ ހާލު މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ.

"ހަޒީޒު މާލެ ވަޑައިގަތީ ރޭގަ. އޭނާގެ ހާލު ވަރަށް ބޮޑުތަނުން ރަނގަޅުވެއްޖެ. މިހާރު އަސާއެއްގެ އެހީގައި ހިނގާ އުޅެވޭ. ނަމަވެސް އިތުރު ޗެކަޕްތަކެއް ހަދަން އަދި ދާންޖެހޭ،" ހަފީޒުގެ އެކުވެރިޔާ ބުންޏެވެ.

އެ އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ވެފައި ވަނީ ހަފީޒްގެ ބޮލަށާއި މޫނަށެވެ.

ފުލުހުން ބުނެފައިވަނީ އެ ހާދިސާގައި ތުހުމަތު ކުރެވޭ އުމުރުން 22 އަހަރުގެ ޝަމްއާން އަބްދުއްޝަކޫރަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށެވެ.

އެ މައްސަލައިގައި އޭނާ ޖުލައި މަހުގެ ތެރޭގައި ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް، ފަހުން ފުލުހުންގެ އެދުމުގެ މަތިން އޭނާ ވަނީ ޝަރުތުތަކާއެކު، ކޯޓުން ދޫކޮށްލާފައެވެ.

comment ކޮމެންޓް