މައާލް ރޮމުން އާދޭސް ކުރި ނަމަވެސް، އެ ކަރުނައިން ވިޝާމްއަށް އެއްވެސް އަސަރެއް ނުކުރެއެވެ. އެއަށްވުރެ އޭނާ ގެ ހިތުގައި ވަނީ މައާލްއާ ގާތްވުމުގެ އެދުންވެރިކަން ބޮޑުވެފައެވެ. ކުއްލިއަކަށް ވިޝާމް މައާލް ލާފައިވާ ޓީޝާޓްގައި ހިފާ ދަމައިގަތުމާއެކު، ޓީޝާޓް ވީދައިގެން ގޮސް މައާލްގެ ކޮނޑާ ދިމާލުން ބައެއް ކަޝްފުވެގެން ދިޔައެވެ.

ވިޝާމްގެ ކިބައިން ސަލާމަތްވުމަކީ މައާލްއަށް ފަސޭހަކަމަކަށް ނުވިއެވެ. އެ ހިތް ކެނޑިނޭޅި ގޮވަމުންދަނީ ރާދިންއަށެވެ. މައާލް ގަދަހަދަމުން ދިޔަވަރަކަށް ވިޝާމްގެ ރުޅިވެެރިކަންވެސް ދިޔައީ އިތުރުވަމުންނެވެ. މައާލްގެ ގައިގައި ހިފައްޓާ ކައިރިކުރަން އޭނާ މަސައްކަތް ކުރަމުން ދިޔައިރު، މައާލް ގަދަހަދަމުން ދިޔައީ ދުރަށް ދިޔުމަށެވެ.

*****

"ރާދިން، އެންމެން ތިއްބާ ތީ ކޮންކަމެއް؟ ކީއްކުރަން ގެއަށް ތި ދަނީ؟" އެންމެން މަޖާކުރަން ތިއްބާ އޭނާ އެބަ އަންނަން ކަމުގައި ބުނެ ގެއަށް ވަންނަން ރާދިން ހިނގައިގަތުމުން ސަޖާވެސް ރާދިންގެ ފަހަތުން ދިޔައެވެ.

"ސަޖާ ދޭބަލަ، އަހަރެން މި އަންނަނީ އޭ…" ރާދިން ބޭނުންވީ ސަޖާ ފޮނުވާލާށެވެ. އެހެންނަމަވެސް ރާދިންގެ ފަހަތުން ސަޖާވެސް ގެއަށް ވަނެވެ. ކޮޓަރިއާ ދިމާލަށް ހިނގައިގަތް ރާދިންއަށް މައާލްގެ އަޑު އިވުމާއެކު، ފިޔަވަޅުތައް އަވަސްކޮށްލެވުނެވެ. ކައިރިވި ވަރަކަށް މައާލްގެ ހަޅޭކުގެ އަޑު ގަދަވެގެން ދިޔައެވެ. އެއާއެކު ސަޖާއަށް ބަލައިލުމަށްފަހު، ރާދިން ދުއްވައިގަތެވެ.

ކޮޓަރީގެ ދޮރުހުރީ ލައްޕާފައެވެ. ތަޅުގައި ހިފާލުމާއެކު ހުޅުވިގެން ދިޔައީ ފަސޭހަކަމާއެކުގައެވެ. އެތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކުވެސް ރާދިންގެ ނަޒަރު ހުއްޓުނީ މައާލްގެ ގައިގައި ހިފައްޓައިގެން ހުރި ވިޝާމްއަށެވެ. މައާލް ހުރި ގޮތުންނާއި ކޮނޑާ ދިމާލުން ވީދިފައި އޮތް ހެދުމާއި އެ ދެލޮލުގައި ވި ރިހުމާއި ކަރުނައިގެ ސަބަބުން ރާދިންއަށް ވީ ގޮތް ނަގައިގަނެވުނެވެ. އެއާއެކު އޭނާގެ ނަފްސުގެ މައްޗަށް ރުޅިވެރިކަން ގަދަވެގެން ދިޔައެވެ. ހުޅުވައިލި ދޮރާއެކު، ވިޝާމްއަށް ވެސް އެ ދިމާލަށް ބަލައިލެވުނެވެ. ތަޅުނުލެވުނުކަން ވިސްނުނީ ދެނެވެ.

ރާދިން އެ އައި ގޮތަށް ވިޝާމްގެ މޫނުމައްޗަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލައިލުމާއެކު، ވިޝާމްގެ ބޮލަށް ވެސް އެނބުރުން އަރައިގެން ދިޔައެވެ. އޭނާ މައާލްގެ އަތަށް ދަމާލާފައި އެނދުގައި އޮތް ބެޑްޝީޓު ނަގާފައި މައާލްގެ ގައި ނިވާކޮށްލިއެވެ. އެއަށްފަހު، މައާލް ބަހައްޓާފައި އޭނާ އަނެއްކާވެސް ކުރިމަތިލީ ވިޝާމްއާއެވެ. ވިޝާމްގެ އަތުގައި ހިފާ އޭނާ ވިޝާމް ހޫރައިލިއެވެ. އެއާއެކު ވިޝާމް ގޮސް ޓައިލްސްތަކު މައްޗަށް ވެއްޓުނެވެ. އޭނާ ތެދުވާކަށް ރާދިން ފުރުސަތެއް ނުދިނެވެ. އެދިޔަ ގޮތަށް ގޮސް އުއްޑުން ވެއްޓިފައި އޮތް ވިޝާމްގެ ގިރުވާނުގައި ހިފާ ހަޅޭއްލަވައިގަނެފައި ވިޝާމްއަށް ހަމަލާދޭން ފެށިއެވެ. ރާދިންގެ ހަމަލާއިން ސަލާމަތް ވާން ވިޝާމް ގަދަހަދަން ފެށިނަމަވެސް، އޭނާއަށް އެއީ ފަސޭހަކަމަކަށް ނުވިއެވެ. ރާދިން، ވިޝާމްގެ ކަރުގައި ހިފާ ބާރުކޮށްލުމާއެކު، އޭނާގެ ނޭވާ ހާސްވެގެން ދިޔައެވެ.

"ކަލޭ މިގެއަށް އަންނަ ބޭނުމަކީ މީތަ؟ މަށަށް ނުބުނެވޭތަ އޭނައާ ވައިވެސް އެޅިގެން ނުވާނެޔޭ…" އޭގެ ކުރިން ކަންތައްވީ ގޮތް ރާދިންގެ ސިކުނޑީގައި ކުރެހިއްޖެއެވެ. އައިސްފައިހުރި ރުޅީގެ މައްޗަށް އޭނާގެ ނަފްސު ގަދަކޮށްލުން ރާދިންއަށް ވީ އުނދަގޫކަމަކަށެވެ. އޭނާ ދިޔައީ ވިޝާމްއަށް ހަމަލާދެމުންނެވެ.

އެ ހުރިހާ މަންޒަރެއް ބަލަހައްޓައިގެން ސަޖާ ހުއްޓެވެ. ރާދިން އެހާ ރުޅިއައިސް ހުއްޓާ މީގެ ކުރިން ދުވަހަކުވެސް އޭނާ ނުދެކެއެވެ. އެހެންކަމުން އޭނާވެސް ވަނީ ނުތަނަވަސްވެ ހާސްވެފައެވެ. އަނެއްކާ ވިޝާމް އޭނާ އެދޭތެރެއަށް ވައްދަފާނެހެއްޔެވެ؟ ވިޝާމް މައާލްގެ ކައިރިއަށް ފޮނުވީ އޭނާކަމަށް ރާދިންގެ ކައިރީގައި ބުނެފިނަމަ ވާނެ ގޮތެއް ވެސް ނޭނގެއެވެ.

"ރާދިން… ރާ… ރާދިން…" އޭނާގެ ރައްކާތެރިކަމަށް އެވަގުތު ރާދިން އައިކަން އެނގުމުން މައާލް އަށް ހިތްހަމަޖެހުން ލިބުނު ނަމަވެސް، އޭރުވެސް އޭނާ ދިޔައީ ބިރުން ރޫރޫ އަޅަމުންނެވެ. ކޮޅަށް ހުންނަން ދަތިވުމާއެކު، ނޭވާ ލާންވެސް އޭނާއަށް ވަނީ ދަތިވެފައެވެ. މައާލްގެ ބޮލަށް ވެސް އެނބުރުން އަރަން ފެށިހެން ހީވިއެވެ. ނުފެނުނު ނަމަވެސް، އެކޮޓަރިތެރޭގައި އަރައިރުން ވަމުންދާކަށް އޭނާއަށް އެނގެއެވެ. އެކަކު އަނެކަކަށް ހަމަލާދޭކަންވެސް އެނގުނެވެ. އެހެންކަމުން އެ ނުތަނަވަސްކަންވެސް އޭނާގެ ހިތުގައިވެއެވެ.

"ރާދިން…." މައާލްއަށް ތަންކޮޅެއް ބާރަށް ގޮވާލެވުނެވެ. މައާލްގެ އަޑު އިވުމާއެކު ރާދިން މައާލްއަށް ބަލައިލިއެވެ. އޭރުވެސް ކަރުނަތައް ދެލޮލުން ފައިބަމުން ދިޔަ މައާލްގެ އަތާ ތުންފަތުގައިވެސް ތުރުތުރު އެޅުމެއް ވެއެވެ. މައާލްގެ އެ ޙާލަތު ފެނުމާއެކު ރާދިންއަށް ކެތެއް ނުކުރެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް މައާލް އޭނާގެ ގަޔާ ކައިރިކޮށްލެވުނެވެ.

"އައި އެމް ސޮރީ ބޭބީ…. ދެން އޭނާއަކަށް ނުކެރޭނެ އެއްވެސް ކަމެއް ކުރާކަށް…" ރާދިން މައާލްއަށް އޭނާގެ އަތުގެ ހިމާޔަތް ދިން މަންޒަރު ބަލަން ހުރި ސަޖާގެ ލޭ ކެކިގަތެވެ. މައާލްގެ ނިތުގައި ބޮސް ދިނުމާއެކު، ރާދިން ވިޝާމްއަށް ބަލައިލިއެވެ. އޭރު ވެސް ވިޝާމް އޮތީ ޓައިލްސްތަކު މަތީގައެވެ. އޭނާގެ ތުންފަތުން ލޭ އަންނަމުން ދިޔައެވެ. ކެއްސާލުމާއެކު، ކޮންމެވެސް ވަރަކަށް ލޭތައް އަނގައިން ވެސް ފޭބިއެވެ. ހީވަނީ ކޮލާ ދުލަށްވެސް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބުނީހެންނެވެ. ތެދުވަން އުޅުނު ނަމަވެސް އެނބުރުން އަރާފައި އޮތުމުންނާއި ހަށިގަނޑުގައި ވަރު ނެތުމުން އެކަން ކުރަން އޭނާއަށް އުނދަގޫވިއެވެ.

"ރާދިން… އޭނަ އުޅުނީ… އޭނަ އުޅުނީ އަހަރެން….." މައާލްއަށް ވާހަަކަ އެއް ނުދެއްކުނެވެ.

"އިޓްސް އޯކޭ… ދެން ހުރިހާކަމެސް ވެސް ރަނގަޅުވާނެ، އޭނާއަކަށް ދެން ނުކެރޭނެ މައާލްއަށް އުނދަގުލެއް ކުރާކަށް. އަހަރެން މިހުރީ..." ރާދިން މައާލް މަސަލަސް ކުރެވޭތޯ އުޅުނުއިރު، އިރުއިރުކޮޅަކާ މައާލްގެ ކޯތާފަތުގައި ފިރުމާލައެވެ. ނިތަށް ބޮސްދެއެވެ. އަތުގައި ހިފާލާފައި ގާތްކޮށްލައެވެ. އެ މަންޒަރު ބަަލަން ހުރި ސަޖާގެ ލޭ އިތުރަށް ހޫނު ވުމާއެކު، އެ ނާޒުކު ވަގުތުގައިވެސް އެއްޗެއް ނުބުނެ ހުންނަން އޭނާއަށް ދަތިވިއެވެ. މައާލްއާ ރާދިންގެ އެ ގާތްކަމުން އޭނާގެ ދެބުމަ ގޮށް ޖެހިގެން ދިޔައެވެ.

"މާ ރަނގަޅު މީހަކަށް ހެދިގެން ކުރެވުނު ކުށް ފަޅާއެރީމަ ރާދިންގެ ކައިރީގައި….."

"ސަޖާ…" ސަޖާގެ ޖުމްލަ ފުރިހަމަކުރަން ރާދިން ފުރުސތެއް ނުދިނެވެ. އޭނާ ސަޖާއާ ދިމާލަށް ވެސް ހަޅޭއްލަވައިގަތެވެ. ސަޖާގެ އަޑު މީގެ ކުރިން އިވުނު ނަމަވެސް، އެވަގުތު އެކަމާ ވިސްނޭވަރަށް ވުރެ މައާލްގެ ޙާލަތު ބޮޑެވެ. އެހެންކަމުން އޭނާ ނިންމީ އެއީ ރާދިންގެ އެކުވެރިއެއްކަމަށެވެ. އެހެންނަމަވެސް، ސަޖާ އެބުނި ޖުމްލައިގެ ސަބަބުން އޭނާއަށް އިތުރަށް ރޮވޭ ގޮތްވިއެވެ.

"ރާދިން… އަހަރެން ނުކުރަން.. އޭނަ…"

"އަހަންނަށް އެނގޭ… ދެން ނުރޮއި…"

"ތި އަންހެނާ އެކޭ އެއްގޮތަށް ރާދިން ގެ ލޯވެސް އަނދިރިވީތަ؟ އޭނަ އެހެން ނޫޅެންޏާ ހަމަ ހުރެހުރެފަ ފިރިހެނަކު އައިސް ގަޔަކަށް އަތެއް ނުލާނެ. މައާލްވެސް އެހެން އުޅުނީމަ އޭނަ ވެސް ކައިރިވާނީ…" ސަޖާ ބޭނުންވީ އެވަގުތުވެސް އެއްޗެކޭ ކިޔައިގެން ރާދިންގެ ބޮލަށް ސަވާރުވުމަށެވެ. އެއީ ކިތަންމެ ނާދިރުކަމެއްކަމުގައި ވިޔަސް ސަޖާ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ.

"ސަޖާ! މިކަމަށް ސަޖާ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ… ހަމަ މިހާރު މިތަނުން ދޭ…"

"ކީއްވެގެން. އޭނަ އުޅޭ ގޮތުގެ ވާހަކަ މިބުނަނީ… އެ ހުރިހާއިރު ވިޝާމްގެ އަތުތެރޭ ހުރެފަ ރާދިން އަންނަކަން އެނގުނީމަ ރޯން ފެށީ…"

ރާދިން ރުޅިއައެވެ. އޭނާ އަނެއްކާވެސް ސަޖާއާ ދިމާލަށް ހަޅޭއްލަވައިގަތެވެ.

މައާލްއަށް ނިސްބަތްކޮށް ސަޖާ ރައްދުކުރަން ފެށި ހުތުރު ބަސްތަކުން ރާދިންގެ ރުޅިގަނޑު ހިލެން ފެށިއެވެ.

"މައާލް އެއި ސަޖާއެއް ނޫނޭ ފިރިހެނެއް ފެންނައިރަށް ފަހަތުން ދުވާކަށް." ރާދިންއަށް އެ ޖުމްލަ ބުނެވުނީ އެހެންޏާ ދުވަހަކުވެސް ސަޖާއާ ވާހަކަދެއްކި ގޮތަކަށް ނޫނެވެ. އެހެންކަމުން ރާދިން އޭނާއަށް ނިސްބަތްކޮށްލާ ބުނެލި ވާހަކައިން ސަޖާއަށް ސިހުން ލިބުނެވެ. އޭނާ ހިދުކޮޅަކަށް ބަސް ވެސް ހުއްޓުނެވެ.

"ހަމަ މިހާރު މިތަނުން ދޭ..." އިތުރަށް އެތަނުގައި މަޑުކުރާކަށް ސަޖާ ބޭނުންނުވިއެވެ. އެހެންކަމުން އޭނާ އެތަނުން ނުކުމެގެން ދާން ހިނގައިގަތެވެ. އެގޭގައި އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް ސަޖާ ބޭނުމެއް ނުވިއެވެ. އޭނާ ބާރުބާރަށް ގޮސް އެގެއިން ނުކުތެވެ. ރާދިންއާ މައާލްގެ ގާތްކަން އޭނާއަށް ހަޖަމެއް ނުކުރެވުނެވެ. މައާލްގެ ދިފާޢުގައި ރާދިން ވާހަކަ ދައްކާ ގޮތުން ސަޖާގެ ހިތުގައި މައާލްއާ މެދު އިންތިހާ ނަފްރަތު އުފެދުނެވެ. މައާލްއަކީ ނުކުޅެދޭ އަންހެނަކަށް ވީއިރު، ރާދިންގެ ހިތުގައި މައާލްއާ މެދު އެހާ ފުން އިޙްސާސްތަކެއް ވަނީ ކީއްވެހެއްޔެވެ؟ ރާދިން އޭނާގެ މުށުތެރޭގައި ހައްޔަރުކޮށްލުމަށް މައާލް ބޭނުންކުރި އުކުޅަކީ ކޮަބަައިހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް އެ ދެމެދަށް ވަތް މީހަކާ މައާލްއެވެ. އޭނާ އެހާ ރުޅި އަންނަނީ އެހެންވެގެންނެވެ. އަނެއްކޮޅުން ރާދިންގެ ހިތަށް އަރަނީ ކީކޭކަމަށްހެއްޔެވެ؟ އޭނާ ދުރުކޮށްލާފައި ހަމަޖެހިލައިގެން އުޅެވޭނެކަމަށް ހެއްޔެވެ؟ ނޫނެކެވެ. ލިބޭ ކޮންމެ ފުރުސަތެއްގައި އޭނާ އެ ދެމީހުންގެ ދިރިއުޅުމަށް ޒަހަރު ލާނެއެވެ. މައާލްއަށް ހަޤީގަތް ކިޔައިދޭން އުޅެފައިވެސް ސަޖާ މަޑުކޮށްލީ އިތުރު ޕްލޭންއެއް ވިސްނާލުމުގެ ނިޔަތުގައެވެ. އަދިވެސް އެ ދެމީހުން ދުރުކުރެވޭތޯ އޭނާ މަސައްކަތް ކުރާނެއެވެ. މިހާރު ރާދިން އެ ހުރި ހިސާބުން ހަޤީގަތް ކިޔައިދީނަމަ، ރާދިން ދުރުވާނީ އޭނާއާއެވެ. ހުރިހާކަމަކާ ވެސް އޭނާ ވިސްނަން ޖެހެެއެވެ.

މައާލް އެނދުމަތީގައި ބައިންދާފައި ރާދިން ގޮސް ވިޝާމް ނެގިއެވެ.

"މައާލް މަޑުކުރޭ. އަހަރެން އަންނާނަން މީނަ މިގެއިން ބޭރުކޮށްފަ." ރާދިންއަށް ބުނެވުނެވެ. އެއަށްފަހު، އޭނާ ވިޝާމްގެ ގިރުވާނުގައި ހިފައިގެން ކޮޓަރިން ނުކުމެގެެން ބޮޑުކޮޓަރިއާ ދިމާލަށް ހިނގައިގަތް ވަގުތު، އެތަނަށް އައި ސުމާގެ ލޮލުގައި އެ މަންޒަރު އަޅައިގަތެވެ. އޭނާ އައީ ސަޖާއާއި ރާދިންއާ ލަސްވެގެން އެދެމީހުންނަށް ގޮވާލުމުގެ ބޭނުމުގައެވެ. އޭރު ދެން ތިބި މީހުން ތިބީ ލަވަބާޒީ ކުޅޭށެވެ. ވިޝާމް ހުރި ގޮތުންނާއި، ރާދިންގެ ރުޅިވެރިކަމުން ބޮޑުކަމެއް ވީކަމުގައި އޭނާއަށް ޔަޤީން ކުރެވުނެވެ. އެއާއެކު އޭނާ އަށް ދުއްވައިގަނެވުނީ އެހެން މީހުންނަށް އެ ޚަބަރު ދޭށެވެ. ދުވެފައި ގޮސް އެންމެނަށް އެޚަބަރު ދިނުމާއެކު އެންމެންވެސް ހާސްކަމާއެކު އަތުވެއްޖެއވެެ. އޭރު ރާދިން ވިޝާމް ގޮވައިގެން ގޭޓާ ހިސާބަށް ދަނީއެވެ. ގޭޓޫން ބޭރަށް ވިޝާމް ހޫރާލުމާއެކު، ރާދިން ޝަހާދަތް އިނގިލި ދިއްކޮށްލާ ވިޝާމްއަށް އިންޒާރެއް ދިނެވެ. އެއަށްފަހު، އޭނާ ދޮރުވާނަކަށް ހުރި މީހާއަށް ބަލައިލާފައި އޭނާ އެގެއަށް މީގެ ފަހުން ވައްދައިގެން ނުވާނެކަމުގައި ބުނެލިއެވެ. އެވަގުތު އެތަނުގެ އެއްފަރާތުގައި ހުރި ސަޖާ އޭނާގެ ލޮލުގައި އަޅައިގަތުމާއެކު، އެއްޗެއް ބުނަން އުޅުނުނަމަވެސް، ހުއްޓުނީ ސަޖާ ބުނެލި ވާހަކައިންނެވެ.

"އަހަރެންވެސް މީގެ ފަހުން މިގެއަށް ނުވައްދާށޭ ބުނަންތަ ތިއުޅެނީ؟ އަހަރެންގެ އިންޒާރު ހަނދާންއެބަހުރި؟ އެގޮތް ބޭނުމިއްޔާ ބުނޭ... މިހާރުވެސް މައާލް ކައިރިއަށް ދެވިދާނެ. އެ ހިތްވަރު އެބަހުރި؟..." ރާދިންގެ ބަސް އަނގައިގާ އޮއްވާ އެ ދުލުގައި ސަޖާ ތަޅު އަޅުވައިފިއެވެ. ރާދިންއަށް އިތުރަށް އެއްޗެއް ނުބުނެވުނެވެ.

"ކިހިނެއްވީ ރާދިން؟" އަނޫފް ވެސް ވަނީ ހާސްވެފައެވެ. އޭނާއަށް ވިޝާމް ހުރި ގޮތްވެސް ފެނުނެވެ. އެ އެންމެންނަށް ބަލައިލާފައި ވިޝާމް ދުރަށް ހިނގައިގަތެވެ. ރާދިން އެއްޗެއް ނުބުނުމުން، އަނޫފް ރާދިންގެ ކޮނޑުގައި އަތް ޖައްސާލިއިރު، ދެން ތިބި މީހުން ތިބީ ވާނުވާގައެވެ.

"މަށަށް ރަނގަޅީ އެންމެންވެސް މިތަނުން ދިޔައިއްޔާ… "

ކަންތައް ވީ ގޮތް ނޭނގުނު ނަމަވެސް، ބޮޑު ކަންތައްގަނޑެއް ހިނގައިފިކަން އެންމެނަށް ވެސް އެނގުނެވެ. އަނޫފްއަށް ރާދިންގެ ރުޅިގަނޑު އަންދާޒާކޮށްލެވުނެވެ. މިވަގުތު ވާހަކަ ދައްކަން ވެއްޖެނަމަ ކަންތައްތައް އިތުރަށް ގޯސްވާނެކަން އޭނާއަށް އެނގުނެވެ. އޭނާ މަޑުން ހުރިނަމަވެސް، ދެން ތިބި މީހުންނަކަށް ވާނުވާ ނުބަލައެއް ކެތެއް ނުވިއެވެ. އެހެންކަމުން ފަހަރަކު މީހަކު ސުވާލުކުރަން ފެށިއެވެ.

"އަހަރެމެން އެންމެންގެ އެކުވެރިކަން މި ހަލާކުވަނީ ރާދިން، ވީ ގޮތެއް ބުނެ…" ލީވާންއަށް ބުނެވުނީ އެވަރަށެވެ. ރާދިން އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. އަދިވެސް އޭނާގެ ސިކުނޑީގައިވަނީ ވިޝާމް މައާލް ހިފައްޓައިގެން ހުރި ގޮތެވެ. އަދި ވިޝާމްގެ އަތުތެރެއިން ވީއްލިގަންނަން މަސައްކަތްކުރަމުން ދިޔަ މައާލްއެވެ.

އަމިއްލަ އިޙްސާސްތައް ރާދިންއަށް ކޮންޓްރޯލް ނުކުރެވުނީ އެހެންވެގެންނެވެ. އަނޫފް އެތާހުރި ސަޖާއަށް ވެސް އަަވަސް ނަޒަރެއް ދީފައި އަވަސްވެގަތީ އެންމެން ގޮވައިގެން އެގެއިން ދިޔުމަށެވެ. އެމީހެއް އެމީހެއްގެ ކާރަށް، ނުވަތަ ސައިކަލަށް އަރައިގެން އެގެއަށް ނުކުތުމާއެކު، ރާދިން ބަލައިލީ ދޮރުވާނަށެވެ.

"މީގެ ކުރިން އަހަރެން ބުނީ އާއިލާ މީހަކު، ނުވަތަ އަހަރެންގެ އެކުވެރިއެއް އަތުވެއްޖެނަމަ، އިތުރު ސުވާލެއް ނުކޮށް އެތެރެއަށް ވައްދަން. މިއަދުން ފެށިގެން މިބުނަނީ މިގެއަށް މީހަކު ވައްދަން ޖެހޭނީ އެއީ ކާކުކަން އޮޅުންފިލުވާފަ. އަހަރެންގެ އެކުވެރިން ފެނިފަ ހުންނާނީ. އޭގެތެރެއިން މިގެއަށް ނުވައްދަން ޖެހޭނީ ކާކުކަން ވެސް އެނގިއްޖެއެއްނު ދެންމެ." ރާދިން ބުނެލުމާއެކު، ދޮރުވާނަަކަށް ހުރި މީހާ ކިޔަމަންތެރިކަމާއެކު، ބޯ ޖަހައިލިއެވެ.

"ދެން، އެ އަންހެން ކުއްޖާ… އަހަރެން ނޫޅޭ ވަގުތަކު އަތުވެއްޖެ ނަމަވެސް ވަގުތުން އަހަންނަށް ގުޅާތި." ރާދިން އެ ނިސްބަތްކުރީ ކާކަށްވެސް ދޮރުވާނަކަށް ހުރި މީހާއަށް އެނގުނެވެ. އެއާއެކު އޭނާ ބޯ ޖަހައިލިއެވެ.

ރާދިން އަނބުރާ ކޮޓަރިއަށް ދިޔައިރު، ކޮޓަރީގެ ދޮރުކައިރީގައި އޭވާ ހުއްޓެވެ.

"އޭވާ ހުން އޯކޭތަ؟" ރާދިން ސުވާލުކޮށްލިއެވެ.

"ނޫން." އޭރުވެސް ހުމާ ހުރި އޭވާ ބުނެލިއެވެ. އޭނާ އައީ ގޭތެރެއިން ފެނުނު މަންޒަރު ގްރޭސީގެ ފަރާތުން އޭނާއަށް އިވުމުންނެވެ. ގްރޭސީއަށް އެވަގުތު ގެ ނާޒުކުކަމުން އެތަނުގައި ހުންނަން ނުކެރިގެން ގޮސް ބުނީ އޭވާގެ ގާތުގައެވެ. އެ ކޮޓަރިން ރާދިން ވިޝާމް ގޮވައިގެން ނުކުތްތަން ގްރޭސީއަށް ފެނުނީ އޭނާ ކުޑަކަމަކު ގޭތެރެއަށް އައި ވަގުތުގައެވެ. އެހެންނަމަވެސް، އެތަނަށް ދާން ނުކެރި އޭނާ ނިވާވެލީއެވެ. ރާދިންމެން ދިޔުމުން ގޮސް ކޮޓަރި ބަލާލިއިރު މައާލް އިން ގޮތުން ގްރޭސީއަށް ފުރަތަމަވެސް ދެވުނީ އޭވާ ކައިރިއަށެވެ. ހުމާ ހުރެވެސް އޭވާ އައީ މައާލްއަށް ކަމެއް ވީތީއެވެ. އެހެންނަމަވެސް މައާލް އިންގޮތުން އޭނާ މަޑުޖެހިލި ވަގުތު ރާދިން ފެނިގެން މަޑުކޮށްލީއެވެ.

"އޭވާ ދިޔަޔަސް އެންމެ ރަނގަޅު…" އޭރުވެސް މޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔަ އޭވާއަށް ބަލައިލަމުން ރާދިން ބުނެލިއެވެ. އޭވާ ބޯ ޖަހާލާފައި އެތަނުން ދާން ހިނގައިގަތުމުން، ރާދިން އަނެއްކާވެސް އޭވާއަށް ބަލައިލިއެވެ.

"މިވާހަކަ އިތުރު މީހަކަށް އެނގިގެން ނުވާނެ، އިތުރު މީހަކަށް މަންޒަރު ފެނުނު ނަމަވެސް، އެމީހަކު ކައިރީގައިވެސް ބުނާތި." ކިޔަމަންތެރިކަމާއެކު ރާދިންގެ ވާހަކައަށް އާބަސްދީފައި އޭވާ ދިޔައެވެ.

ރާދިން ކޮޓަރިއަށް ވަތްއިރުވެސް، މައާލް އިނީ އޭނާ ބެއިންދި ގޮތަށެވެ. އިތުރު ހަރަކާތެއްވެސް ކޮށްނުލަ އެވެ. ދޮރު ލައްޕައިލި އަޑަށް ވެސް މައާލް ދިޔައީ ސިއްސައިގެންނެވެ. އެކަން ރާދިންއަށް އެނގުމާއެކު، ވާހަކަ ދެއްކިއެވެ.

"މީ އަހަންނޭ... މައާލް…"

ބާރަށް ނުރުޔެއްކަމަކު މައާލްގެ ދެލޮލުން އޭރުވެސް ކަރުނަތައް ފައިބަމުން ދިޔައެވެ. އެއްވެސް ހުއްޓުމެއް ނެތިއެވެ. ރާދިން ގޮސް މައާލްގެ ކައިރިއަށް ހުއްޓުމަށްފަހު، ޓައިލްތަކު މަތީގައި ކަކޫ ޖައްސާލަމުން އިށީނދެ މައާލްގެ އުނގާ ދިމާލުގައި ބާއްވާލާފައިއޮތް އަތުގައި ހިފާލިއެވެ. އޭރުވެސް ބިރުން އެފަކީރު ދިޔައީ ރޫރޫ އަޅަމުންނެވެ.

"އަހަރެން މިހުރީ މައާލް ކައިރީގައޭ… ދެން ނުރޮއި…" މައާލްގެ ރަތްވެ ދުޅަވެފައިވާ ދެލޮލާއި އެ މޫނު ފެނުމުން ރާދިންގެ ހިތަށް ހީވީ އެއްފަހަރާ އެތައް ހާސް ހަންޖަރެއް ހަރައިލިހެންނެވެ. ތޫނު އެއްޗަކުން އޭނާގެ މޭ ފޮތި ފޮތި ކުރަމުން ދިޔަ އިޙްސާސްއެއް އެވަގުތު އޭނާއަށް ކުރެވިގެން ދިޔައެވެ. މައާލްގެ ކަރުނަތައް އޭނާގެ ހިތަށް ވެސް ތަދުކުރުވިއެވެ. މިއިން ދުވަހަކު އެހިތަށް ތަދު ނުވާވަރަށް ތަދުވިއެވެ. އެ ނާޒުކު އަންހެން ކުއްޖާއަށް ވެފައި އިން ގޮތް ފެނި ކުލުނާއި، ޙަމްދަރުދީ އިން އޭނާގެ ހިތް ފުރިގެން އައެވެ. ހަމައެއާއެކު ލޯތްބާއި އޯގާތެރިކަމާއެކު، އެ އަންހެން ކުއްޖާގެ ހުރިހާ ހިތާމަތައް ފިލުވައިދޭން ރާދިން ބޭނުންވިއެވެ.

މައާލްގެ އަތަށް މަޑުމަޑުން ފިތާލުމާއެކު، ރާދިން އެދުނީ ރުއިން ހުއްޓާލުމަށެވެ. ތެދުވެލާފައި މައާލްގެ ކަރުނަތައް ފުހެލާފައި އޭނާ މައާލްގެ ކައިރީގައި އިށީނދެލިއެވެ. ގަޔާ ކައިރިކޮށްލުމާއެކު، އޭނާ މައާލް މަސަލަސްކުރިއެވެ. އުނދަގޫކަމަކަށް ވިޔަސް، އެތަކެއް ވާހަކަތަކެއް ދައްކައިގެން އެންމެ ފަހުން މައާލް ހަމައަކަށް އެޅުނެވެ.

"ދެން ހިނގާ އެއްޗެހި ބަދަލުކުރަން ދާން…" މައާލްގެ އަތުގައި ހިފާ ނަގަމުން ރާދިން ބުނެލިއެވެ. މައާލްވެސް ތެދުވެލިއެވެ. ރާދިންގެ އަތް މައާލްގެ ކަނދުރާގައި ބީހިލީ ވަގުތު މައާލްއަށް ސިހުން ލިބިގެން ދިޔަކަން ރާދިންއަށް ވެސް އެނގުނެވެ. މައާލް ހަނދާންވީ ވިޝާމް މަތިންނެވެ. ކުޑަ ހިނދުކޮޅަކަށް އެ ހަނދާންވެރިވެ ސިހުނު ނަމަވެސް، އެއީ ރާދިންކަން ހަނދާންވުމާއެކު، އެހިތް ހަމައަކަށް އެޅުނެވެ.

ފެންވަރާ ތާޒާ ވެލުމުން ކުޑަކޮށް ހަމަޖެހުނު މައާލް ނިދަން ތައްޔާރުވުވެގެން އެނދުގައި އޮށޯވެލީ ރާދިންއާ އެކީގައެވެ. އެހެން ތިބެފައި ރާދިން، ކަރުހިއްކާކަމަށް ބުނެ ސައިޑް ކަބަޑު މަތި ބަލައިލިއިރު، ފެންޖަގު ހުރީ ހުސްވެފައެވެ.

"އެބަ އަންނަން…" އެނދުން ރާދިން ތެދުވަން އުޅުނު ވަގުތު އެ އަތުގައި މައާލް ހިފެއްޓިއެވެ.

"ނުދޭ…" މައާލް އެހެން ބުނެލުމާއެކު، ރާދިންއަށް އަދިވެސް، އެ ހާދިސާގެ ސަބަބުން މައާލް ބިރުގަންނަނީކަން އެނގުނެވެ.

8"މި އަަންނަނީ ފެން ހިފައިގެން…" ރާދިން އޯގާތެރިކަމާއެކު، ބުނެލިއެވެ.

"ނޫން… ނުދޭ… އަހަރެންވެސް ގޮވައިގެން ދޭ…" އާދޭހުގެ ރާގެއްގައި މައާލް ބުނެލިއެވެ.

"މައާލް ނިދިއައިސްފަތަ؟" ރާދިން ސުވާލުކޮށްލުމާއެކު، ނޫނެނޭ ބުނެ މައާލް ދެކޮޅު ހެދިއެވެ.

"އެހެންވިއްޔާ ހިނގާ ޓެރެސްއަށް ނުކުމެލަން." ރާދިން ޚިޔާލެއް ދިނެވެ. އޮށޯވެ ތިއްބަސް ދެމީހުންގެ ލޮލާ ނިދިވަނީ އެތައް ހާސް މޭލެއްގެ ދުރުގައެވެ. އަދިވެސް މައާލްގެ ސިކުނޑީގައި ވަނީ ހާސްކަމާއި ނުތަނަވަސްކަންކަން އެނގޭތީ ރާދިން ބޭނުންވީ ގަދަކަމުން ނިންދެވުމުގެ ބަދަލުގައި ކޮންމެެވެސް ވާހަކައެއް ދައްކައިގެން މައާލް ހިތްހަމަޖއްސުވާދިނުމަށެވެ. ޓެރެސްއަށް ދިޔުމުގެ ޚިޔާލު އޭނާ ދިނީ އެހެންވެއެވެ.

މައާލް ރާދިންގެ އެހީގައި ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ނުކުމެ ދޮރު ލައްޕާލުމާއެކު، ރާދިން ވާހަކަ ދެއްކިއެވެ.

"އެކަމަކު ފެންބޮއިގެން ދެވޭނީ… ވަރަށް ކަރުހިއްކާފަ މިހުރީ…" ރާދިން ބުނެލިއެވެ. ކާކޮޓަރިއަށް ގޮސް ފެންބޮއިގެން ދެމީހުން ވެސް އެރީ ޓެރެސްއަށެވެ. އޭރު އެކެއް ޖަހާ ބޮޑުވެއްޖެއެވެ. ތެންފިނި ވައިރޯޅިތަކުން ފަޒާގެ ފިނިކަން އިތުރަށް ގަދަކޮށްލާފައިވާ ފަދައެވެ. ސާދަ ފަނަ ވިލޭރޭގެ ހަނދު ފަލަކުގައި ރަސްކަން ކުރަމުން ދިޔައިރު އެ ހަނދުގެ އިސްތިޤްބާލުގައި ކުރިކުދި ޖަވާހިރުތަކެއްފަދަ އެތައް ހާސް ތަރިތަކެއް ފިޔަޖަހަމުން ދިޔައެވެ. ވިލާ ރޮއްޖެއް ނުވާ އުޑުމަތި ސާފެވެ.

ދެމީހުން ގޮސް ހުއްޓުނީ ރެއިލިންކައިރީގައެވެ. އަންނަމުން ދިޔަ ތެތްފިނި ވައިރޯޅިތައް މައާލްގެ ގައިގައި ބީހެން ފެށުމާއެކު، އޭނާގެ ގައިން ހީބިހިނެގިއެވެ. ހަށިގަނޑު ރޫރޫ އަޅައިގެން ދިޔައެވެ. މޭގައި އަތް ހުރަސްކޮށްލުމާއެކު، މައާލް ދެލޯ މަރައިލިއެވެ. ލޮލަށް ނުފެނުނު ނަމަވެސް، އެ މާހަލުގެ ހިމޭންކަމާއި، އަރާމުކަން އޭނާގެ ހިއްސުތަކަށް އިޙްސާސްކުރެވުނެވެ. މައާލް ފިނިވީކަން ރާދިންއަށް އެނގުނެވެ. މަޑުމަޑުން އޭނާ މައާލްއާ ގާތް ވެލިއެވެ. ރާދިން ހުރީ އޭނާގެ ފުރަގަހުގައި ނުހަނު ގާތުގައިކަން މައާލްއަށް އިޙްސާސްވާހާ ގާތަށް އޭނާ ޖެހިލިއެވެ.

"މައާލްއަށް އެނގޭތަ މައާލްގެ މައުސޫމްކަމުގެ ފައިދާ އެހެން މީހުން ނަގަނީ ކީއްވެގެންކަން؟" އެ ހުރި ގޮތަށް ހުރެ ރާދިން ސުވާލުކޮށްލިއެވެ. އެހެން ބުނެލިއިރު އޭނާއަށް އެހެންކަހަލަ އިޙްސާސްއެއް ކުރުވިއެވެ. އެ ސުވާލު އަމިއްލަ ނަފްސަށް ވެސް ރައްދުވަމުން ދިޔައީތީއެވެ.

"އަހަރެން ނުކުޅެދޭ މީހަކަށް ވީމަ." މައާލް ބުނެލިއެވެ.

"ނޫން… މައާލް ނުކުޅެދޭ މީހަކަށް ވީމައެއް ނޫން، މައާލްއަށް އަދިވެސް އަމިއްލަ ނަފްސަށް އިތުބާރުނުކުރެވޭތީ، މައާލް ޖެހޭނީ ސްޓްރޯންގް އަންހެން ކުއްޖަކަށް ވާން. އެހެން މީހަކަށް މައާލްއަށް ގެއްލުން ނުދެވޭވަރަށް މައާލް ވީ ސްޓްރޯންގް ވާން. އަމިއްލަ ނަފްސަށް އިތުބާރުކުރަންވީ. ތިމާއަކީ އެއްވެސް ކަމެއް ނުކުރެވޭނެ މީހެއް ކަމަށް ހީކޮށް އެހެން މީހުންގެ ކުރިމަތީގައި ނިކަމެތިވެގެން އުޅެންޏާ ކޮންމެ މީހަކުވެސް އެކަމުގެ ނާޖާއިޒް ފައިދާ ނަގާނެ… މައާލްއަށްވެސް އެނގޭނެ، ނުކުޅެދޭ ކިތަންމެ ކުއްޖަކު އެބަ ހުރި ހިތްވަރާއެކު އެތައް ކާމިޔާބެއް ހާސިލްކޮށްފަވެސް." ރާދިން ބުނެލިއެވެ. އޭނާ މަޑުމަޑުން މައާލް އޭނާއާ ދިމާލަށް އަނބުރުވާލުމަށްފަހު، މައާލްގެ އަތުގައި ހިފާލިއެވެ.

"މިއަދުން ފަށައިގެން މައާލް ކުރަންވީ ކަމަކީ އެއީ… މައާލްއަށްޓަކައި ނޫނަސް.... އަހަންނަށްޓަކާވެސް، އަހަންނަށް އެނގޭ މައާލް މަސައްކަތް ކުރާކަށް. އަމިއްލައަށް ކަންތައްތައް ކުރަން މަސައްކަތް ކުރާކަން. އަދިވެސް ބޮޑަށް އެކަންތައްތައް ކުރަންވީ… އަދި އެހެން މީހަކު މައާލްއާ މެދު ގޯސްކަން ކަންތައް ކުރަންޔާ މަޑުން ނުހުރެ އެ ވާހަކަ ބުނަންވީ. " ރާދިންގެ އަޑުގައި ވަނީ އޯގާތެރިކަމެވެ. އެ ވާހަކަތަކުން މައާލްއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔުމާއެކު، އޭނާ ހިނިތުންވެލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު