ހަރުގައި އެއްޗެހިތައް ހިއްކަން އަޅާފައި، ނިޔަމް ގޮސް އަރުޝާގެ ކައިރީގައި އިށީނެވެ. އޭނާ އިނީ މާޔޫސްވެފައެވެ. މޫނުން ފެންނަމުން ދިޔައީ ގޮތް ހުސްވެފައިވާކަމުގެ އަސަރުތަކެވެ. ގޭގެ ބެލް އަޅައިލި އަޑު އިވުނީ އެވަގުތުއެވެ. ހާމައަށް ދޫކޮށްލާފައިވާ ފަން އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުން، ނިޔަމް ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރި މީހަކު ފެނުމާއިއެކު، އިސްތަށިގަނޑުން ނިޔަމްގެ އަތް ދޫވިއެވެ. ފަންކާގެ ވަޔާއިއެކު އިސްތަށިގަނޑު ވިހުރިގެންދިޔައެވެ.
********
"ދައްތާ!..." ނިޔަމް ހުރީ ދޮރުމަތިން ދުރަށްޖެހިލަންވެސް ނޭނގިފައެވެ.
ނިޔަމްގެ ގައިގައި ޖެހިގަނެފައި ނުޒުހަތު ގޭތެރެއަށް ވަނެވެ. އަރުޝާއަށް ނިޔަމްގެ ކޮޓަރިއަށް ވަދެ، ދޮރު ލައްޕައިލެވުނީ ކިރިޔާއެވެ. ދާވިއަން އޮތީ އަރާމުކޮށް ނިދާލާފައެވެ. ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލައިގެން އަރުޝާ ހުރީ ބޭރުން ދައްކާ ވާހަކަ އަޑު އަހާށެވެ. އެހެން ހުރެ، ދޭތެރެއަކުން ދާވިއަންއަށް ބަލައިލައެވެ.
"ތިއުޅެނީ އަހަރެންގެ ދިރިއުޅުން ބަރުބާދުކުރާނެ ގޮތެއް ނުފެނިގެންތަ؟..." ނުޒުހަތު ހަޅޭއްލަވައިގަތެވެ.
ނިޔަމް ދޮރު ލައްޕާފައި އައިސް މަޑުމައިތިރިކަމާއިއެކު ނުޒުހަތުގެ ކުރިމަތީގައި ހުއްޓިލިއެވެ. އެއީ އައުކަމެއް ނޫނެވެ. ނުޒުހަތުގެ ނުރުހުމުގެ ބަސްތައް ނިޔަމްގެ ކަންފަތަށް އިވޭ ފުރަތަމަ ފަހަރެއްވެސް ނޫނެވެ. ކުރިއެކޭ އެއްގޮތަށް ނުޒުހަތަށް ދޭނެ ޖަވާބެއް މިއަދުވެސް ނިޔަމްއަކަށް ނޭނގުނެވެ. ނުޒުހަތާއި އޭނާގެ އާއިލާ ބަރުބާދުކުރަން ނިޔަމްއަށް ކުރެވުނީ ކޮން ކަމެއް ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް، ނިޔަމް ނުޒުހަތަށް އިހުތިރާމު ކުރެއެވެ.
"ކަލޭވެސް ތިއުޅެނީ ހަމަ ކަލޭގެ މަންމަ އުޅުނުހެން... މީހުންގެ ދިރިއުޅުމަށް ވިހަލާން ފިސާރި މޮޅު އަންހެނެއް އެވެސް... ކަށްވަޅުގަވެސް ނޯވެވޭނެ އެފާޑަށް އުޅޭހިތުން..." ނުޒުހަތުގެ އަޑުގައިވި ނުރުހުން އޭނާގެ މޫނުންވެސް ފެންނަން ހުއްޓެވެ.
"ދައްތާ!..." ނުޒުހަތަށް ބަލައިލިއިރު، ނިޔަމްގެ ދެލޯ ފެންކަޅިވެއްޖެއެވެ.
ނިޔަމްދެކެ ރުޅިއަންނަ ކޮންމެ ފަހަރަކު، ނުޒުހަތުގެ ވާހަކަ ނިމޭނީ ނިޔަމްގެ މަންމައާއި ހަމައިންނެވެ. ނުޒުހަތު އޭނާގެ މަންމަދެކެ އެހާ ރުޅި އަންނަނީ ކީއްވެ ހެއްޔެވެ؟ ކަށްވަޅުގައިވާ މަންމައަށް އެފަދަ ހުތުރުގޮތަކަށް އެއްވެސް މީހަކު މުހާތަބުކުރާ އަޑު އަހަން ނިޔަމްއަކަށް ފަސޭހައެއް ނޫނެވެ.
"ދައްތަ ކީއްވެތަ އަބަދު މަންމައަށް ދެރަބަސް ބުނަނީ؟..." ނިޔަމްއަށް ޝަކުވާކުރެވުނެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލީއެވެ. ހިތަށް ތަދުވީވަރުން އަޑު ނުކުތީ ކުރެހިގެންނެވެ.
މަންމަގެ ހަނދާން އައުވާ ކޮންމެ ފަހަރަކު ނިޔަމްގެ ހިތް ފޮތިފޮތިވެއެވެ. އެންމެފަހު ދުވަހާއި ހަމައަށްވެސް އެ މަންމަ އުޅުނު ހިތްދަތި ދިރިއުޅުން ނިޔަމްއަށް ވަނީ ފެނިފައެވެ. އެހާލުގައިވެސް މަންމަގެ ފަރާތުން ނިޔަމްއަށް ފެނިފައިވަނީ ކެތްތެރިކަމާއި، އޯގާތެރިކަމެވެ. ދުވަހަކުވެސް އެ މަންމަގެ ދުލުން މީހަކަށް ނުބައި ބަހެއް ބުނާ އަޑު ނިޔަމްއަށް އިވިފައެއް ނުވެއެވެ.
"ހޫން، ކަރުނަ ބާލަން ފެށީ..." ނުޒުހަތުގެ އަޑުގައި ކުޑަވެސް ރަހުމެއް ނެތެވެ. އެކަމަކު، އެއްޗެއް ވިސްނޭފަދައިން ނިޔަމްގެ މަންމަގެ ވާހަކަ ދެއްކުން ހުއްޓައިލިއެވެ. "ކިހާވަރެއްގެ މުސާރައެއް ދިނިއްޔާ އަހަރެމެންގެ ދިރިއުޅުމުން ދުރަށްދާނީ؟..."
"ދައްތަ ކީއްވެތަ އަހަންނާ، އަހަރެންގެ މަންމަދެކެ އެހާ ރުޅި އަންނަނީ؟..." ނިޔަމް ބޭނުންވީ ހަގީގަތާއި ކުރިމަތިލާށެވެ. ހިތްވަރު ލިބުނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ.
ނުޒުހަތު ނިޔަމްއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ކުރިމަތީގައި ހުރީ ނިޔަމްކަން ގަބޫލުނުކުރެވިފައި ހުރި ކަހަލަ ގޮތަކަށެވެ. އެ ނަޒަރުން ނިޔަމްއަށް ފެނުނީ ބިރާއި ސިހުމެވެ. އެކަމަކު، ނިޔަމްދެކެ ނުޒުހަތު ބިރުގަންނަންޖެހޭ އެއްވެސް ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.
"ހޫން... ބޮޑު އަންހެނަކަށްވީމަވެސް އެހެން މީހުންނަށް ވަނީ ތުރާލަކަށް... ކާންދީ ބޮޑުކުރީމަވެސް ޝުކުރުވެރިވާން ނޭނގި، އަހަރެންގެ އާއިލާފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ ކީއްވެތަ؟..." ނުޒުހަތުގެ ލޭ ކައްކުވައިލިއެވެ. ރުޅިގަދަވެގެން މުޅި މީހާ ތުރުތުރުއަޅަން ފެށިއެވެ.
"މާ މާތްވެގެން މިއޮއްހާ ދުވަހު އަނގައިން ނުބުނެ ހުރެފަ އަސްލު ކުލަ ދައްކަން ފެށީ ދޯ؟.... އަހަރެންގެ ދަރިއާ ފިރިމީހާއަށް ޖެއްސުންނުކޮށް ކަލޭގެ ދުނިޔެއަށް ދޭ..." ނުޒުހަތު އޭނާގެ ދަބަހުން ނެގި ސިޓީއުރަ ސޯފާމައްޗަށް ހޫރައިލިއެވެ. "މާ މަތީ މީހަކަށްވެގެން މާލޭގަ އުޅެން އުޅޭނެކަމެއް ނެތް... އެ ފެންވަރެއް ކަލޭ ގަޔަކު ނެތް..."
ނުޒުހަތު ދަމުން ފަސްއެނބުރި ނިޔަމްއަށް ބަލައިލިއެވެ. އިންޒާރެއްދޭފަދަ ނަޒަރަކުންނެވެ.
"އޯ މައި ގޯޑް..." ނުޒުހަތު ދިޔުމުން، ސިކުންތެއްވެސް މަޑުނުކޮށް އަރުޝާ ބޭރަށް ނުކުތެވެ. ސޯފާގައި އޮތް ސިޓީއުރަ ނަގައިގެން އޭގައި އޮތް ފައިސާތައް ގުނިއެވެ. އޮތީ ފަސްސަތޭކައިގެ ހަތަރު ނޫޓެވެ. "ރަށަށް ދާން އެންމެ ދެހާސް؟... އަހަރެންވެސް މިވަރު ދީފާނަން... ޔަގީންތަ އެއީ ނިޔަމްގެ ބޮޑުދައިތަ ކަން؟..."
"އަހަންނަކަށް ނޭނގެ ދައްތަ އަހަރެންދެކެ އެހާ ރުޅި އަންނަނީ ކީއްވެ ކަމެއްވެސް... ކުޑައިރުން ފެށިގެންވެސް ދައްތަ އަހަރެންދެކެ ރުޅިއާދޭ..." ނިޔަމް އިސްޖަހައިލީ ދެލޮލަށް ޖަމާވި ކަރުނަތައް އަރުޝާއަށް ފޮރުވުމަށެވެ.
"ތިހާވަރުކުރަން ކީއްކުރަންތަ ޔަމް ރަށުގަ ހުއްޓާ މާލެ ގެނައީ؟... ޔަމް މަންމަ ނިޔާވިޔަސް، މާމަ ޔަމް ބެލިއެއްނު..." އަރުޝާ ހުރީ ނުޒުހަތުދެކެ އިންތިހާއަށް ފޫހިވެފައެވެ.
"ޔާމީންބެ ބުނެގެން ކަންނޭނގެ ގެނައީ..." ނިޔަމް އޭނާއަށް ހީވާގޮތް ހާމަކުރިއެވެ.
"ދުރުހިލޭ މީހާވެސް މާ ރަނގަޅު ދޯ... އަނެއްކާ ޔަމް ތީ އެ ޔާމީންގެ ޓިންޓިން ދަރިއެއްތަ؟... ނޫނީ ޔަމް މަންމަގެ އެކްސްއެއްތަ؟... އެހެންޏާފަހެ، ނުޒުހަތު އެހާ ރުޅިއަންނަންވީ ދެން ކޮން މޮޔައެއްވެގެންތަ؟..." ނިޔަމް ހެއްވައިލަން އަރުޝާ ހީގަތެވެ. ނިޔަމްއަކަށް ނުހެވުނެވެ. އަރުޝާ ބުނި އެއްޗަކާއިމެދު ވިސްނައިލަން ނިޔަމްއަށް މަޖުބޫރުވިއެވެ.
********
"އޭތް... މަންމަ މަރުވެފަ އޮތް ފިޔޮއްގަނޑެއްހެން ތިއޮތީޔޯ؟..." ޒައިލް ސިހުނީ ޝަރަފް އޭނާގެ ބުރަކަށީގައި ބޮނޑިއެއް އަޅައިލުމުންނެވެ.
"އޭނަ އަހަންނަކަށް މާފެއް ނުކުރާނެ..." ޒައިލް އަނެއްކާވެސް މޭޒުގައި ބޯ އަޅައިލިއެވެ.
"ކޯނަ؟..." ޝަރަފް އަހައިލިއެވެ. "ހޫމްމް، ބައި ވަން ގެޓް ވަންތަ؟..."
"ކަލޭ ހާދަ ފާޑަކަށް އަނގަގަދަވެގެން އުޅޭ ދުވަހެކޭ ދޯ؟..." ޒައިލް އޭނާގެ ކައިރީގައި އޮތް ގަލަން ޝަރަފާއި ދިމާއަށް ހޫރައިލިއެވެ. ގަލަން ގޮސް ޖެހުނީ ޝަރަފްގެ މޭގައެވެ.
"މެޔަށް ތި ހަރާލީ ހަންޖަރެއް..." ޝަރަފް ތަދުވާކަމަށް ހެދުނެވެ.
"ބުނެފީމެއްނު އެއީ އަހަރެންގެ ދަރިއެކޭ..." ޒައިލް ކޮމްޕިއުޓަރުން އެއްޗެއް ހޯދަން ފެށިއެވެ.
"އާނ އާނ، ފުރަތަމަކޮޅު އުޅޭނެ ތިހެން... އެއް ފާހާނާ ތައްޓެއް ނޫނީ ބޭނުންވެސް ނުކުރާނެ..." ޝަރަފް ހީގަތެވެ. ނުހޭން އިނަސް، ޒައިލްއަށްވެސް ހެވުނެވެ. "އެކަމަކު އިނދެގެން އަމިއްލަ ދަރިއަކު ލިބޭއިރަށް އެއްކަލަ ރަންކޮށްގެން އުޅުނު ދަރިވެސް ބާކީވާނެ..."
"ޝީ އިޒް މައި އެކްސް ވައިފް..." ޒައިލް ދައްކައިލީ ނިޔަމްގެ ތަސްވީރެކެވެ. "ދާންއަކީ އަހަރެމެން ދެމީހުންގެ ދަރިއެއް... ހީ އިޒް މައި ސަން... މިހާރު އެނގިއްޖެތަ؟..."
ޝަރަފް ހުރީ ހުއްޓުން އަރާފައެވެ. ޒައިލް ކުރިން މީހަކާ އިންކަމެއް ޝަރަފަކަށް ނޭނގެއެވެ. ޒައިލް އެވާހަކަ ނުވެސް ދައްކައެވެ.
"އެހެންވެގެންތަ މިއޮއް ހުރިހާ ދުވަހު އަންހެންކުއްޖަކާ ދިމާއަށް ބަލާވެސް ނުލާ ތިއުޅުނީ؟..." ޝަރަފްގެ މޫނުން ފެނުނީ ޝައުގުވެރިކަމެވެ. "އެ ނައްފަ އެހާ ވަރަށް ސިގްނަލް ދޭއިރުވެސް ބުރަކި ޖައްސާވެސް ނުލާ... އަހަރެން ހީކުރީ އަހަރެން މާ ކާމިޔާބުކަމަށް... އެހެނެއް ނުވިތާ..."
"ބުރަކި މިހުރީ ޖެހިފައޭ... އަހަރެން ފެނުނީމަވެސް މަންޖެ ހުރީ އަށްޑިހައިގަ... ވާހަކަ ދައްކަން ފުރުސަތެއް ދޭކަށްވެސް ބޭނުމެއް ނުވޭ..." ޒައިލް އިނީ މާޔޫސްވެފައެވެ.
"ތިކަހަލަ ކަންތަކާ އެންމެ ކުޅަދާނަވާނީ ހަމަ މި ޝަރަފްބެ..." ޝަރަފް ފަހުރުވެރިވެލިއެވެ. "މީހަކާ އަދި ނީނަސް ލައްކަ ކުޅަދާނަވާނެ... އަންހެންކުދިން ރުއްސަން ލައްކަ ތަޖުރިބާ ހުންނާނެ... ގެނޭ އެޑްރެސް...."
********
ދޮރު ހުޅުވީ ޝަރަފް ދެފަހަރަކު ބެލް އެޅި ފަހުންނެވެ. ހުދުކުލައިގެ އަތްދިގު ގަމީހަކާއި، ކަޅުކުލައިގެ ޓައީއެއް އަޅައިގެން ހުރިއިރު، ޝަރަފް ހުރީ ބެގީކޮށްލައިގެންނެވެ. ދާވިއަންގެ އަތުގައި ހިފާލައިގެން އައިސް ދޮރު ހުޅުވައިލި އަރުޝާއަށް ޝަރަފްގެ ފައިން ފެށިގެން މޫނާއި ހަމައަށް ބަލައިލެވުނެވެ. ޝަރަފް ހީކުރީ އަރުޝާއަކީ ނިޔަމް ކަމަށެވެ.
"މިގެއަކު ނެތް ތި ޕާޓީއަށް ވޯޓުދޭނެ މީހެއް..." ޝަރަފް އެއްޗެއް ބުނަން އަނގަ ހުޅުވައިލި ވަގުތު އަރުޝާ ބުންޏެވެ. ޝަރަފް އިތުރު އެއްޗެއް ބުނުމުގެ ކުރިން އަރުޝާ ދޮރު ލެއްޕިއެވެ.
ޝަރަފް އެނބުރި ދިޔައިރު، ޒައިލް ހުރީ ހީހީ ވަރުބަލިވެފައެވެ.
"ކެނޑިޑޭޓް ނަންބަރު ކިތަކެއްތަ ލިބުނީ؟..." ހެމުން ހެމުން ޒައިލް ބުންޏެވެ. "އެހެންނު ވާނީ، އިންތިހާބު ދުވަސްކޮޅު ތިހުރީވިއްޔަ ފެންނަން ހުރިގޮތް..."
"ހާދަ ފޮނި އަންހެނެކޭ... މިގެއަކު ނެތޯ ދޭނެ ވޯޓެއް... އަޅެ އަހަރެން ބޯކޮށާފަ ހުރިގޮތުންވެސް ފުލުހެއް ވައްތަރު ނުޖަހާތަ؟..." ޓައީގެ ގޮށް މޮހައިލަމުން ޝަރަފް ވާހަކަ ދެއްކިއެވެ.
ޒައިލްއަށް ނިޔަމް ފެނުނީ، ފިހާރައަކުން ނުކުމެގެން ގެއާއި ދިމާއަށް ދަނިކޮށެވެ. ދެއަތުގައި ބައިވަރު ކޮތަޅު އޮތެވެ. ޒައިލް ކުޑަކޮށް ދުވެލާފައި ނިޔަމްއާއި ދިމާއަށް ދިޔައެވެ. ޒައިލްއަށްވުރެ ކުރިން ލޫކް ގޮސް ނިޔަމްގެ އަތުން ކޮތަޅުތައް އަތުލިއެވެ. ނިޔަމްއަށް ފެނުމުގެ ކުރިން ޒައިލްއަށް އަނެއްފަރާތަށް އެނބުރެވުނީ ކިރިޔާއެވެ. އޭނާ ގޮސް ޕާކުކޮށްފައި އޮތް ކާރެއްގެ ފަހަތަށް ވަނެވެ. ޒައިލްއަށް ނޭނގުނީ ނިޔަމްއަށް އޭނާ ފެނުނު ކަމެވެ.
"އަރޫ ބުނި ފިހާރައަށޭ އައީ... އެހެންވެ މިއައީ..." ލޫކް ހަދިޔާކޮށްލީ ފުޅާ ހިނިތުންވުމެކެވެ.
ޒައިލް ހުރީ މާޔޫސްވެފައެވެ. ނިޔަމް އެހެން ފިރިހެނަކާއިއެކު އުޅޭތަން ބަލަން އޭނާއަށް ކެތްވާނީ ކިހިނެއް ހެއްޔެވެ؟ ނިޔަމް ފެނޭތޯ ބަލައިލާފައި އަނެއް ފަރާތަށް އެނބުރުނު ޒައިލް ސިއްސައިގެން ދިޔައީ ކުރިމަތީގައި ހުރި ނިޔަމް ފެނުމުންނެވެ. ނިޔަމް ހުރީ ދެބުމަ ކައިރިކޮށްލައިގެންނެވެ. ޒައިލް ރީއްޗަށް ރަކިވިއެވެ. ބޯ ކަހައިލިއެވެ. ބުނާނެ އެއްޗެއް ނޭނގިގެން އުޅެނިކޮށް، ނިޔަމް އެތަނުން ދާން ހިނގައިގަތެވެ.
"ޑޯންޓް ގޯ..." ޒައިލްއަށް ހިފައިލެވުނީ ނިޔަމްގެ އަތުގައެވެ. ކުރެވުނު ކަންތައް އެނގުނުއިރު، ނިޔަމް ހުރީ ޒައިލްގެ އަތުތެރެއަށް ގެނެވިފައެވެ.
ކުޑަ އިރުކޮޅަކަށް ހުއްޓުން އެރި ނަމަވެސް، ނިޔަމް އަވަސް އަވަހަށް ޒައިލްއާއި ދުރަށްދާން އުޅުނެވެ. ޒައިލް ނިޔަމްގެ ބޮލުގެ ފުއްކިބައިގައި ހިފައި ގެންގޮސް، މޭގައި ޖައްސައިލިއެވެ.
"އައި ސްޓިލް ލަވް ޔޫ..." ޒައިލްއަށް ބުނެވުނެވެ.
(ނުނިމޭ)