"ޕޮލިސް ކާރަށް އަރާނަންތަ؟... ދާން އަދި ނާރަން ދޯ ޕޮލިސް ކާރަކަށް... ހިނގާ، ގެއަށް ގެންގޮސްދޭނަން..." ޒައިލް އެދުނެވެ. "މަންމި ކައިރިވެސް ބުނޭ އަރާށޭ..."
"މަންމީ އާދޭ އަރަން..." ދާވިއަން ގޮވައިލިއެވެ.
********
ދާވިއަންގެ އެދުމަކަށްވީތީ ދެކޮޅު ހަދާކަށް ނިޔަމްއަކަށް ނުކެރުނެވެ. ދާވިއަން ފުލުހުންގެ ކަންކަމަށް އެހާ ޝައުގުވެރިވާކަން އެނގިހުރެ، ކުރަން ބޭނުންވާ ކަމެއް ހުއްޓުވާކަށް އޭނާ އަމުދުން ބޭނުމެއް ނުވިއެވެ. ހުރިހާވެސް މައްސަލައަކީ ޒައިލްއެވެ. ޒައިލް ގަސްދުގައި ނިޔަމްގެ ދިރިއުޅުމަށް ވަންނަން މަސައްކަތް ކުރަނީއެވެ. އެއީ ނިޔަމް ބޭނުންވާގޮތެއް ނޫނެވެ. ދާވިއަންއާއި ގުޅުން ބަދަހިކުރުމަށް ކުޑަވެސް ފުރުސަތެއް ޒައިލްއަށް ދޭކަށް އޭނާ ބޭނުމެއް ނުވެއެވެ.
ޒައިލް ކާރުން ފައިބައިގެން ފަހަތު ޝީޓުގެ ދޮރު ހުޅުވައިދިނެވެ. ނިޔަމް ކާރު ވަށާލާފައި ގޮސް ކާރުގެ އަނެއް ފަރާތުން ދޮރު ހުޅުވައިލިއެވެ. އޭނާ ގަސްދުގައި ޒައިލްގެ ހިތަށް ތަދުކޮށްލީއެވެ. ކުރީ ދުވަހު ޒައިލްއާއިއެކު ސްކޫލުން ނުކުތް ކުޑަ އަންހެންކުއްޖާ ފަހަތު ޝީޓުގައި އިނެވެ. އެކުއްޖާގެ ނަޒަރު ހުއްޓިފައިވީ އަތުގައި އޮތް ޓެބްލެޓަށެވެ. ނިޔަމް ދޮރު ހުޅުވައިލުމުން، ޓެބްލެޓުން ނަޒަރު ވަކިކޮށްލުމެއްނެތި، ނިޔަމް އިށީންނަން ޖާގަ ދިނެވެ. ކާރަށް އެރިއިރު، ޒައިލްގެ ތުންފަތަށް ވެރިވެފައިވަނީ މާނަފުން ހިނިތުންވުމެކެވެ. ނިޔަމް ވާހަކަ ނުދެއްކި ނަމަވެސް، ކާރަށް އެރުންވެސް އެއީ އޭނާއަށް ލިބުނު ކާމިޔާބީއެކެވެ.
ދާވިއަން އިނީ ޒައިލްގެ ކައިރީގައި ކުރީ ސީޓުގައެވެ. ކާރުގެ އެކި ބައިތަކާއި ބެހޭގޮތުން ދާވިއަން ވަކިވަކިން ޒައިލްއާއި ސުވާލުކުރަމުން ދިޔައެވެ. ނިޔަމް ސިއްރުން ކައިރީގައި އިން ކުޑަ ކުއްޖާއަށް ބަލައިލިއެވެ. ޒައިލްއާއި ވައްތަރު އެންމެ ސިފައެއްވެސް އެކުއްޖާއަށް ލިބިފައިނުވެއެވެ. އެކަމަކު އެއީ ޒައިލްގެ ކުއްޖެއްހެން ހީވެ، ނިޔަމްގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. ބޭއިހުތިޔާރުގައި ޒައިލްދެކެ ރުޅި އާދެވުނެވެ. ކާރުގެ ލޯގަނޑުން ޒައިލް ބަލައިލުމުން އޭނާ ލޯ އަޅައިލިއެވެ. ޒައިލްއަށް ވީގޮތް އެނގުނީ ނިޔަމް ސިއްރުން އެކުއްޖާއަށް ބެލިތަން ފެނުނީމައެވެ.
"އައި ނޯ ޔޫ ސްޓިލް ލަވް މީ..." ޒައިލްއަށް ހިތާއިހިތުން ބުނެވުނެވެ.
ކާރު ހުއްޓީ، އުސް އިމާރާތެއްގެ ކުރިމައްޗަށެވެ. ދޮރުމަތީގައި އަންހެނަކު ހުއްޓެވެ. ޒައިލް ކާރުން ފައިބައިގެން ގޮސް ފަހަތު ޝީޓުގެ ދޮރު ހުޅުވައިލިއެވެ. ކުޑަ ކުއްޖާ ފޭބީ ނިޔަމްއަށް އަތުން ހަނާ އަޅައިލާފައެވެ. ޒައިލް އެކުއްޖާގެ އަތުގައި ހިފައިގެން ކުރިމަތީގައި ހުރި އަންހެންމީހާގެ ކައިރިއަށް ގެންދިޔައެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ..." އަންހެންމީހާ ޝުކުރުއަދާކުރިއެވެ.
ޒައިލް އެނބުރުމުން ނިޔަމް އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. އޭނާ އިނީ ޒައިލްއާއި އެ އަންހެންމީހާގެ ހަރަކާތްތަކަށް ބަލާށެވެ.
"މަންމީ... އެއީ ދާންގެ ޑެޑީތަ؟..." ދާވިއަން އަހައިލިއެވެ.
ނިޔަމް ދިޔައީ ސިއްސައިގެންނެވެ. ޒައިލް ކާރަށް އެރި އިރުވެސް ދާވިއަން ކުރި ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި އޭނާ އިނެވެ. ދާވިއަންވެސް ކާރަށް އަރާފައި ފަހަތަށް އެނބުރިގެން ނިޔަމްއަށް ބަލަން ފެށިއެވެ. ލޫކް ގުޅީ އެވަގުތުއެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ނިޔަމް އަވަސް އަވަހަށް ފޯނު ނެގިއެވެ. ޒައިލް ކާރު ދުއްވައިލިއެވެ. ނިޔަމް ހީހީފައި ލޫކާއި ވާހަކަ ދައްކަމުން ދިޔައެވެ.
ކާރު ގޮސް ހުއްޓައިލީ ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ. ރެސްޓޯރެންޓް ފެނުމާއިއެކުވެސް ދާވިއަންގެ މޫނުން އުފާވެރިކަން ފެނުނެވެ.
"ފަހުން ގުޅާނަން..." ނިޔަމް ފޯނު ބޭއްވިއެވެ.
"ދަރިފުޅާ... މިގަޑިއަކު ނޫން..." ދާވިއަން ކާރުން ފައިބަން އުޅުމުން ނިޔަމް ބުނެލިއެވެ.
ދާވިއަންގެ މޫނު މިލައިގެން ދިޔައެވެ. އެކަމަކު ނިޔަމް ބުނީތީ، އިހުތިރާމުކުރާ ފަދައިން އޭނާ ގޮނޑީގައި ހަމަޖެހިލިއެވެ. ޒައިލްގެ ހިތަށް ތަދުވިއެވެ. ދާވިއަންއަކީ އަމިއްލަ ދަރިއެއްކަން އެނގުމުން، އެ ކުއްޖާ ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭން އޭނާ ބޭނުންވެއެވެ. ބައްޕަނެތި އެކުއްޖާގެ ހަޔާތުން ވޭތުވެފައިވާ ދުވަސްތައް އަނބުރާ ހޯދައިދޭން އޭނާގެ ހިތް އިންތިހާއަށް އެދެމުން ދިޔައެވެ.
ދާވިއަން ތުންކޮޅު ފިއްތާލައިގެން އިން މަންޒަރު ބަލަން ނިޔަމްއަށް ފަސޭހައެއް ނުވިއެވެ. އޭނާ ހިތްހަމަނުޖެހުނީ ޒައިލް ދެކެއެވެ.
"އަހަރެން ބޭނުން ވާހަކަ ދައްކާލަން..." ނިޔަމް ކާރުގެ ލޯގަނޑުން ޒައިލްއަށް ބަލައިލިއެވެ. ހިތުތެރޭގައި އޮތް ރުޅިވެރިކަން ބޭރަށް ފާޅުވިޔަނުދީވޭތޯ އޭނާ މަސައްކަތް ކުރިއެވެ.
ދެމީހުން ކާރުން ފޭބީ މީހެއްގެ އުނދަގުލެއް ނުވާ ހިސާބަކަށް ގޮސްފައެވެ. ދާވިއަން އިނީ ކާރުގައެވެ. އެއްވެސް ޝައުގުވެރިކަމެއް އަޅުވާފައިވާ ކާޓޫނަކަށް ނެތެވެ. ދާވިއަންއަށް ބެލެމުން ދިޔައީ، މަންމަމެންނާއި ދިމާއަށެވެ. ދާވިއަންއަށް އޭނާގެ މަންމަ ފެނިފައިވަނީ، މީހުންނާއި ގުޅޭ، ރަނގަޅު މީހެއްގެ ގޮތުގައެވެ. އެކަމަކު، ޒައިލްދެކެ ރުޅިއަންނަ ސަބަބެއް އެކުޑަކުޑަ ސިކުނޑިއަކަށް ނުވިސްނުނެވެ.
"ޏަމް، ކީއްވެ އަހަންނަށް ސިއްރުކުރީ؟..." ޒައިލްގެ އަޑުގައިވަނީ ކުރިން އެ އަޑުގައިނުވާ އޯގާތެރިކަމެކެވެ. "ކީއްވެ އަހަރެން ކައިރީ ނުބުނީ؟..."
"ޒައިލް ޕްލީޒް... އަލުން އަހަރެންގެ ދިރިއުޅުމަށް އަންނަން މަސައްކަތް ނުކުރޭ... އަހަރެން ބޭނުމެއް ނޫން ޒައިލް ދާންއާ މީޓް..." ނިޔަމްއަށް ބުނެވުނީ އެހިސާބަށެވެ. ޒައިލް ވާހަކަ ދައްކަން ފެށިއެވެ.
"ކީއްވެ؟... އެއީ އަހަރެންގެ ދަރިއެއްނު..." ޝަކުވާގެ ރާގެއްގައި ޒައިލްއަށް ބުނެވުނެވެ.
ނިޔަމްގެ ހިތް ހުއްޓުނު ކަހަލައެވެ. އެއްޗެކޭ ބުނަން އުޅުނު ނަމަވެސް ޒައިލްގެ ފަހު ޖުމުލަ އަޑު އިވިފައި އޭނާ ހިމޭންވިއެވެ. ޒައިލް ނިޔަމްގެ އަތުގައި ހިފައިލަން އުޅުމުން، ނިޔަމް އެ އަތް ފޮޅުވައިލިއެވެ.
"އެއީ ހަމައެކަނި އަހަރެންގެ ދަރިއެއް..." ނިޔަމް ހިތްހަމަނުޖެހިފައި ބުނެލިއެވެ.
ޒައިލް އޭނާގެ ފޯނުން އެއްޗެއް ހޯދައިލާފައި ނިޔަމްއަށް ދައްކައިލިއެވެ. އެއީ ދާވިއަންގެ އައިޑީކާޑުގެ ކޮޕީއެކެވެ. މަންމަ އާއި ބައްޕަގެ މައުލޫމާތު ކާޑުން އެނގެން އޮތެވެ. ބައްޕަގެ ބައިގައި ލިޔެފައިވަނީ ޒައިލްގެ މައުލޫމާތެވެ.
"ދާންއަށް ބައްޕައެއްގެ ލޯބި ބޭނުންވާނެ..." ޒައިލް މަޑުމަޑުން ބުނެލިއެވެ.
"އަހަރެން ބޭނުމެއްނޫން ތީ ދާންގެ ބައްޕަ ކަން އޭނައަށް އެނގޭކަށް..." ނިޔަމް އިތުރަށް ހަގީގަތް ފޮރުވާކަށް މަސައްކަތެއް ނުކުރެއެވެ. "މިއޮއް ހުރިހާ ދުވަހުވެސް އެކުއްޖާ އުޅުނީ ޒައިލްގެ ލޯބި ލިބިގެން ނޫން... ދެންވެސް އުޅެވޭނެ..."
"ޏަމް..." ޝަކުވާގެ ރާގަކަށް ޒައިލް ގޮވައިލިއެވެ. "ދާންގެ ހައްގެކޭ ތި ނިގުޅައިގަންނަނީ... ބައްޕައެއްގެ ލޯބި އެކުއްޖާ ބޭނުންވާވަރު ޏަމްއަކަށް ނުފެނޭތަ؟..."
"އެހެންވެތަ އަހަރެން ވަރިކޮށްފަ ދިޔައީ؟... އެހެންވެތަ އަހަރެންގެ ހާލެއް ބަލާނުލީ؟... އަހަރެން ހިއެއް ނުކުރަން އެއީ އަމިއްލަ ދަރިއެއްކަން ގަބޫލުކޮށްފާނެކަމަކަށްވެސް..." ނިޔަމްއަށް ރޮވޭގޮތްވިއެވެ. ހިތުގެ ޝަކުވާތައް ދުލާއި ހަމައަށް އައީ ގަސްދުގައެއް ނޫނެވެ. އެއީ ޒައިލްގެ ކުރިމަތީގައި އޭނާ ދުވަހަކުވެސް ކުރަން ބޭނުންވި ކަމެއް ނޫނެވެ.
ނިޔަމް ކަރުނަ ފޮހެމުން ގޮސް ކާރަށް އެރިއެވެ. ޒައިލް ހުރީ ނޭވާލާންވެސް އުނދަގޫވެފައެވެ. ނިޔަމްގެ ކަރުނައިން އޭނާގެ ހިތަށް ދުވަހަކު ނުކުރާހާ އަސަރުކޮށްފިއެވެ. ހަގީގީ ކުށްވެރިއަކީ ކާކު ހެއްޔެވެ؟ ނިޔަމް ހެއްޔެވެ؟ ނޫނީ ޒައިލް ހެއްޔެވެ؟
********
ރޭގަނޑުގެ ކެއުމަށް އިންސާފުކުރެވެމުން ދިޔައެވެ. މޭޒުމަތީގައި އަތުރާފައިވާ ތަށިތައް އެހެން ދުވަސްދުވަހަށްވުރެ މަދެވެ. އާޔަތު އިނީ ކާހިތްނުވެފައެވެ. ތައްޓަށް އެޅި ބަތްކޮޅު ސަމުސަލުން ހާވާލަހާވާލާ އޭނާ އިނެވެ. ފިކުރެއްގެ ތެރޭގައި އިނުމުން، ޔާމީން ދެއްކި ވާހަކައިގެ އަޑުވެސް އޭނާއަށް ނީވުނެވެ.
"ދަރިފުޅާ!... ކޮން ދުނިޔެއެއްގަ؟..." ޔާމީން ކައި ނިންމައިގެން ދަމުން، އާޔަތުގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ. "ބައްޕަ ދެއްކި އެއްވެސް ވާހަކައެއް ދަރިފުޅަށް ނޭނގޭހެން ހީވަނީ... ކާއެއްޗެހި ނުބައީތަ؟..."
"ސޮރީ ބައްޕާ..." އާޔަތު މާފަށް އެދުނެވެ. "ހުރިހާ އެއްޗެއްވެސް ވަރަށް މީރު... އެކަމަކު މިގަޑީ ކާހިތެއް ނެތް..."
"ޒައިލްއާ މައްސަލައެއް ޖެހުނީތަ؟..." އާޔަތުގެ ކައިރީގައި އިށީންނަމުން ޔާމީން އަހައިލީ ގާތް އެކުވެރިއަކުވެސް ސުވާލުކުރާނެފަދަ ރާގެއްގައެވެ.
ނުޒުހަތުގެ ހަރަކާތް ހުއްޓުނެވެ. ޒައިލްގެ ނަން އަޑު އިވުމުންވެސް އޭނާގެ ލޭ ކެކެއެވެ. ތަބީއަތު ހަރާބުވެދެއެވެ. މޫޑު ގެއްލެއެވެ. ކާހިތް ކެނޑުނެވެ.
"ތިއްތަ މިރޭ ވަރަށް އެހެން ގޮތަކަށް އުޅުނީ..." އާޔަތުގެ ހިތަށް އުނދަގޫކުރަމުންދިޔަ ވާހަކަ އެންމެފަހުން ބޭރުކުރަން ފެށިއެވެ. "ޒައިލްއާއެކީ ކާން ތިއްބާ، ވަރަށް ބާރަށް އައިސް ދާން ގެންދިޔައީ... ޒައިލް ހީކުރާނީ ކީކޭތަ؟... ފޫހިވާނެ ކަންނޭނގެ..."
ނުޒުހަތު ކޮށިނޭރީ ކިރިޔާއެވެ. އޭނާ ކުއްލިއަކަށް ތެދުވެގެން ސިންކު ކައިރިއަށް ހިނގައިގަތެވެ. ނުޒުހަތުގެ މޫނުން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. ވަގުތުން ވަގުތަށް ކަމެއް ނިންމަން އޭނާގެ ހިތް ބުންޏެވެ. އަތްމަތި އަވަސްކޮށްލައިގެން ނުޒުހަތު ކާގެއިން ނުކުތްއިރުވެސް އާޔަތާއި ޔާމީން އޮލަ ވާހަކައިގައި ތިއްބެވެ.
"ދަރިފުޅު އަޅެ ތިއްތައާ ވާހަކަ ދައްކާލަބަލަ... ވެދާނެއެއްނު ތާކަށް ދާން ލަސްވެގެން ބަލާ އައީ ކަމަށްވެސް.... ދަރިފުޅަށް ގޯސްކޮށް ވިސްނުނީ ކަމަށްވެސް..." ޔާމީން އާޔަތަށް ވިސްނައިދިނެވެ. "ދެކުދިން ވަރަށް ގުޅިގެން އުޅެންވާނީ... އެއީ ހަމަ ދަރިފުޅުގެ އަސްލު ދައްތަކަމަށް ދެކިގެން..."
"ބައްޕަ އަބަދުވެސް ތިއްތަ ރަނގަޅުކޮށްފަ ވާހަކަ ދައްކާނީ... އެއްފަހަރުވެސް އާޔާ ރަނގަޅުކޮށްފަ އެއްޗެއް ނުބުނޭ..." އާޔަތު ތުންދަމައިލި ނަމަވެސް އިސާހިތަކު ހިނިތުންވެލިއެވެ.
"ބައްޕަ މިއަދު ދާނަން ތިއްތައާ ވާހަކަ ދައްކާލަން... ދަރިފުޅު ދެން އެކަމާ މާ ބޮޑަށް ނުވިސްނާ..." ޔާމީން ތެދުވިއެވެ. އާޔަތުގެ ބޮލުގައި ފިރުމައިލިއެވެ.
********
"އަހަރެން އޭރުވެސް ބުނީމެއްނު އެމީހުންނަށް ރެކޯޑުތައް ހޯދާލުން ވާނީ މެޓައެއް ކާލުންހާ ފަސޭހަ ކަމަކަށޭ..." އަރުޝާ ދެފަރާތަށް ބޯ ހޫރައިލިއެވެ. "ސީދާ އައިޑީކާޑާ ހަމައަށް ރީޗް އެވީ..."
ހަރުގައި އެއްޗެހިތައް ހިއްކަން އަޅާފައި، ނިޔަމް ގޮސް އަރުޝާގެ ކައިރީގައި އިށީނެވެ. އޭނާ އިނީ މާޔޫސްވެފައެވެ. މޫނުން ފެންނަމުން ދިޔައީ ގޮތް ހުސްވެފައިވާކަމުގެ އަސަރުތަކެވެ. ގޭގެ ބެލް އަޅައިލި އަޑު އިވުނީ އެވަގުތުއެވެ. ހާމައަށް ދޫކޮށްލާފައިވާ ފަން އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުން، ނިޔަމް ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރި މީހަކު ފެނުމާއިއެކު، އިސްތަށިގަނޑުން ނިޔަމްގެ އަތް ދޫވިއެވެ. ފަންކާގެ ވަޔާއިއެކު އިސްތަށިގަނޑު ވިހުރިގެންދިޔައެވެ.
(ނުނިމޭ)