ހަންސަލް މެހެތާ ޑައިރެކްޓްކޮށް ބަތަލާ ކަރީނާ ލީޑް ރޯލްއިން ފެންނަ ފިލްމު "ދަ ބަކިންގްހަމް މާޑާސް" މިއަހަރުގެ ބީއެފްއައި ލަންޑަން ފިލްމު ފެސްޓިވަލުގައި ޕްރިމިއާކުރާގޮތަށް ނިންމައިފިއެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގައި ބާއްވަމުން އަންނަ މިފެސްޓިވަލްއަކީ ބްރިޓިޝް ފިލްމު އިންސްޓިޓިއުޓްއާ ގުޅިގެން ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުތެރޭ ބާއްވަމުން އަންނަ ފެސްޓިވަލްއެކެވެ.
ހަންސަލް މެހެތާ ޑައިރެކްޓްކޮށް އެކްތާ ކަޕޫރު ކޯ-ޕްރޮޑިއުސަރެއްގެ ރޯލް އަދާކޮށްފައިވާ މިފިލްމު ލަންޑަން ފިލްމު ފެސްޓިވަލުގައި ޕްރިމިއާކުރުމަށް ނިންމާފައިވަނީ އަންނަ މަހުގެ 14 އަދި 15 ވަނަ ދުވަހުއެވެ. އަދި މިފިލްމަކީ ކަރީނާ ޕްރޮޑިއުސަރެއްގެގޮތުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމުވެސްމެއެވެ.
މިފިލްމުގައި ކަރީނާ ކަޕޫރު ކުޅެފައިވަނީ ވަރަށް ހިތްވަރުގަދަ ފުލުހެއްގެ މީހެއްގެ ރޯލްއެވެ. އެކަނިވެރި މައެއްގެ ގޮތުގައި މަސައްކަތްކުރާ ފުލުހަކަށް މަސައްކަތުގެ މައިދާނުގައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލާންޖެހޭ ޝައުގުވެރި ގިނަ ހާދިސާތަކެއް ފިލްމުން ދައްކުވައިދޭނެއެވެ. ހަންސަލް މެހެތާގެ މިފިލްމު ހާއްސަވާ ސަބަބުތަކުގެތެރޭ ލަންޑަން ފެސްޓިވަލްގައި ޕްރިމިއަކުރެވޭ ތިން ފިލްމުގެތެރޭ ހިމެނުން ހިމެނެއެވެ. ބަތަލާ ކަރީނާ ބުނެފައިވާގޮތުގައި މިފިލްމަކީ ހުރިހާ ގޮތަކުންވެސް ބަތަލާއަށް ހާއްސަ ފިލްމެކެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގައި ފިލްމުގެ ބޮޑު ބައެއް ޝޫޓްކޮށްފައިވާއިރު އިނގިރޭސިވިލާތުގެ ހުރިހާ ޝެޑިއުލްތަކަށްވެސް ކަރީނާ ދިޔައީ ހަގު ދަރިފުޅު ޖޭ ގޮވައިގެންނެވެ.
މިފިލްމު ޕްރިމިއަކުރުމުގެ ކުރިން ކަރީނާގެ ފިލްމު "ޖާނެ ޖާ" މިމަހުގެ 21ގައި ނެޓްފްލިކްސްގައި ޕްރިމިއަކުރުމަށްވަނީ ނިންމާފައެވެ. ވިޖޭ ވަރުމާ އަދި ޖައިދީޕް މުހިއްމު ރޯލް ކުޅޭ މިފިލްމަކީ ސްޓްރީމިންގް ޕްލެޓްފޯމެއްގައި ރިލީޒްކުރެވޭ ކަރީނާގެ ފުރަތަމަ ފިލްމުވެސްމެއެވެ.