(ޅ. ނައިފަރުން، ޢާލިމް އަބްދުއްލަތީފް)
ރާއްޖެެއިން ހައްޖުގެ އަޅުކަމަށް ސައުދީއަށް ދިއުމަށް މިހާރު އޮތް 1000 ކޯޓާ އިތުރުކޮށް، 2000 ކޯޓާއަށް އިތުރުކޮށްދިނުމަށް އޭނާގެ ވެރިކަމެއްގައި މަސައްކަތްކުރައްވާނެކަމަށް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޅ. ނައިފަރުގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ހައްޖަށްދިއުމަށް ބޭނުންވެ ނަންނޯޓުކޮށްފައިވާ ބޮޑު ބެކްލޮގެއް އެބައޮތް ކަމަށެެވެ.
"މިއީ އަޅުގަނޑަށް ސީދާ މިހެން ހެދޭނެއޭ ނުދެންނެވޭނެ ކަމެއް. އެހެން ނަމަވެސް މަސައްކަތް ކުރާނެކަމަށް އަޅުގަނޑަށް ވައުދުވެވޭނެ،" މުއިއްޒު ވިދާޅުވެވެ.
އޭނާ ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ އެންމެ ފުރަތަމަ ކުރައްވާނެ އެއްކަމެއްގެ ގޮތުގައި ހައްޖު ކޯޓާ 2000އަށް އިތުރުކުރުމަށް ސައުދީ ސަރުކާރާއެކު މަޝްވަރާކުރައްވާނެ ކަމަށެވެ.

މިހާރު އޮތް ބެޖް، ވެއިޓިން ބެކްލޮގް ފިލުވައިލުމަށް ވަގުތީ ގޮތުން އިތުރު ކޯޓާ ހޯދައި އެ ހުރިހާ ރައްޔިތުން ހައްޖަށް ފޮނުވަން މަސައްކަތްކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކަން އަހަރު ދުވަހަކުން ނުވާނެކަމަށާއި ނަމަވެސް ދެ އަހަރަށް ބަހައިލައިގެން ބެކްލޮގްގައި ހުރި އެންމެން ހައްޖަށް ފޮނުވަން މަަަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ރައީސް ޔާމީނާ ކިންގް ސަލްމާނާ ވަލީއަހްދު މުހައްމަދާ ވަރަށް ގާތްގުޅުމެއް ނޫންތޯ އޮތީ. އެމަނިކުފާނުގެ އޮތް ގާތްގުޅުމާއި ހަރުދަނާ ޚާރިޖީ ސިޔާސަތުގެ އެހީތެރިކަމާއެކު އަޅުގަނޑަށް ހަމަ ޔަގީން ކިންގް ސަލްމާން އަޅުގަނޑުމެންގެ ގައުމާމެދު މި އޮންނަ ގާތްގުޅުމާއެކު މަސައްކަތްކޮށްފިނަމަ އަޅުގަނޑަށް ހަމަ ޔަގީން މި ކަން ހާސިލުކުރެވޭނެކަން،" މުއިއްޒު ވިދާޅުވިއެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖޭން ސައުދީއަށް ދިއުމަށް ހަަމަޖެހުނީ 1،000 ރުފިޔާއެވެ. ކޮވިޑްގެ ކުރިން އާންމުކޮށް ރާއްޖޭން ކޮންމެ އަހަރަކު ވެސް ހައްޖަށް ދިއުމަށް ފުރުސަތު ލިބެނީ ހާހެއްހާ މީހުންނަށެވެ. ނަމަވެސް ކޮވިޑާއެކު ސައުދީން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު އެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. އެގޮތުން 2022ވަނަ އަހަރު އަހަރު ހައްޖަށް ދިއުމަށް ފުރުސަތު ލިބުނީ 453 ކޯޓާއެވެ.
މީގެ ކުރިން މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ 1000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުއްވައިދެއްވާނެކަމަށް އިއުލާންކުރައްވައިފައެވެ.