ކުދި ވިޔަފާރިތަކަށް ހާއްސަ އިސްލާމިކް ބޭންކެއް ގާއިމުކުރަނީ

އެސްޑީއެފްސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސީއޯއޯ ނާޒިމް ހަބީބް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިސްލާމިކް ބޭންކެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުގެ އެސްއެމްއީ ބޭންކު، އެސްޑީއެފްސީގެ ސީއޯއޯ، ނާޒިމް ހަބީބް ވިދާޅުވެއްޖެއެވެ.

އެސްޑީއެފްސީގެ އާ ލޯނު ޕްރޮޑަކްޓުތައް ލޯންޗުކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އެ ބޭންކު ގާއިމު ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެންނާ އެއްކޮށް އިންޓަނޭޝަނަލް ކޮންސަލްޓެންޓުން މިހާރު މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ އަޅުގަނޑުމެން އެމްއެމްއޭއަށް ހުށަހަޅަން ބޭނުންވާ، ލައިސަންސްއަށް ބޭނުންވާ ޑޮކިއުމެންޓޭޝަން ތައްޔާރު ކުރުމަށްޓަކާ" އޭނާ ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އެންމެ ބޭނުންވާ ދުވެލީގައި އެކަން ނުދިޔަ ނަމަވެސް، މި އަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމައިލެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މި އުންމީދުކުރަނީ 2024ވަނަ އަހަރާ އަޅުގަނޑުމެން ބައްދަލުކުރާނީ އިރާދަކުރެއްވިއްޔާ އެ ބޭންކު އެސްޓެބްލިޝްކޮށްގެން" އޭނާ ވިދާޅުވިއެވެ.

އެ ބޭންކުން، އެހެން ކޮމާޝަލް ބޭންކުތަކުން ލިބޭ ހުރިހާ ޚިދުމަތެއް ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްލާމިކް އެސްއެމްއީ ބޭންކެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ދާކަން ރޭ އިއުލާނުކުރިއިރު، އާ ޓިޔާ-ވަން އެސްއެމްއީ އިސްލާމިކް ބޭންކެއް ގާއިމުކުރުމަކީ އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ.

މީގެ އިތުރުން އިސްލާމިކް ފައިނޭންސް ފުޅާކުރުމަށް ގައުމީ ޕްލޭނެއް އެކުލަވާލައި، ރާއްޖެއަކީ އެ ދާއިރާއިން ހަބަކަށް ހެދުމަށް ވެސް އެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

comment ކޮމެންޓް