ފިރިހެން ބެޑްމިންޓަން ޓީމަށް ވެސް ރިހި މެޑަލް

އައިއޯއައިޖީގައި ރިހި މެޑަލް ހޯދައިދިން ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު -- ފޮޓޯ/ ސުއާދު އަބްދުލް ސައްތާރު، އެމްއޯސީ

މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމުން ރިހި މެޑަލް ހޯދައިފިއެވެ.

ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ މީގެ ކުރިން 2015ގެ އައިއޯއައިޖީގައި ވެސް ރިހި މެޑަލް ހޯދައިފައެވެ. އެންމެ ފަހުން ބޭއްވި 2019ގެ އައިއޯއައިޖީގައި ބެޑްމިންޓަން ޓީމަށް ލިބުނީ ލޯ މެޑަލްއެވެ.

ރާއްޖޭގެ ފިރިހެން ޓީމުން އިއްޔެގެ ފައިނަލުގައި ނުކުތީ މޮރިޝަސްއާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ގޭމްގައި 10-21 އަދި 9-21 އިން ރާއްޖޭގެ ޒަޔާން ހުސައިން ޒަކީ ބަލިވި އިރު، ދެވަނަ ގޭމްގައި ނިބާލް އަހުމަދު ބަލިވީ 21-13 އަދި 21-18 އިންނެވެ.

ފަހު ގޭމްގައި ރާއްޖެއިން ނުކުތީ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަޖުފާން ރަޝީދެވެ. މަޑަގަސްކަރައިގެ ކެމްޓިޝް ނަންދާ އަތުން 21-13 އަދި 21-13 އިން ބަލިވެ، ރިހި މެޑަލް ލިބުނު ނަމަވެސް، އެއީ ރާއްޖެއަށް މުހިންމު މެޑަލްއެކެވެ.

މިފަހަރުގެ އައިއޯއައިޖީގައި ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމުން ވެސް ވަނީ ރިހި މެޑަލް ހޯދައިފައެވެ.

comment ކޮމެންޓް