ވެރިކަން ލިބިއްޖެ ނަމަ ޅ. އަތޮޅު ހިންވަރާއި ނައިފަރާ ދެމެދުގައި ހުރި ފަޅުތައް ބުރިޖަކުން ގުޅާލާ އެ ސަރަޙައްދު ސިޓީއެއްގެ ގޮތުގައި ތަރައްގީ ކޮށްދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޅ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި މަޑިވަރު އެއާޕޯޓުގައި އިންނަވައި ގާސިމް ވިދާޅުވީ, އެ މަނިކުފާނު ވެރިކަމަށް ހޮވިވަޑައިގެންފިނަމަ ހިންނަވަރުން ފެށިގެން ނައިފަރާ ދޭތެރޭ މިއޮތް މަޑިވަރާއި, ފެލިވަރާއި, ގާއެރިފަރު ބުރިޖަކުން ގުޅައިލާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ރަށްތަށް ގުޅައިލުމަކީ ބޮޑެތި ފަސޭހަތަކާ އެކު އިގްތިޞާދީ ކުރިއެރުން ވެސް އެ ސަރަޙައްދަށް ލިބޭނެ ކަމެކެވެ.
"މި ރަށްތަކުގެ ދެމެދުގައި މި އޮންނަނީ ކުޑަ ކަނޑުއޮޅިތަކެއް. ގާތްގަނޑަކަށް 300 މީޓަރު އެއް ފަޅު އަނެއް ފަޅާ ދޭތެރޭ ހުންނަނީ. އެންމެ ދިގު ދޭތެރޭ ވެސް ހުރީ 500 މީޓަރު. އަޅުގަނޑުގެ ވެރިކަމެއްގައި މިތަން އެއްކޮށް ބުރިޖުން ގުޅައިލަދޭނަން،" ގާސިމް ވިދާޅުވިއެވެ.
ހިންނަވަރާއި ނައިފަރާ ދެމެދު ހުރި ރަށްތައް ހިމެނޭހެން ގުޅައިލުމުން, އެ ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑެތި ފަސޭހަތަކެއް ވާނެކަން ފާހަގަކުރައްވާ ގަސިމް ވިދާޅުވީ އެ ކަމަކީ މާ ބޮޑު ހަރަދުތަކެއް ވެސް ދާނެ ކަމެއް ނޫން ކަމަށެވެ. އަދި، ތަރައްގީގެ ގޮތުން ބަލާނަމަ ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ސަރަހައްދުގެ ރަށްތަކުގައި ބޮޑެތި ފަޅުތަކެއް ވެސް އޮންނަ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ހިއްކަން ޖެހިއްޖެ ނަމަ، ހިއްކާ ބޮޑު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ގާސިމް އަންނަނީ އަތޮޅު ތެރޭގެ ރަށްތަކުގެ އިތުރުން ވެސް ބޮޑެތި ވައުދުތަކެއް ވަމުންނެވެ.
އެގޮތުން ރައީސްކަމަށް އިންތިޚާބުވެއްޖެ ނަމަ, ސަރުކާރުން ދިން ހުރިހާ އެސްއެމްއީ ލޯނުތަކެއް މައާފު ކޮށްދެއްވަން ވިދާޅުވެފައެވެ.
އެ މަނިކުފާނުގެ އަމިއްލަ ޚަރަދުގައާއި، ވިލާ ކުންފުންޏާއި، ވިލާ ފައުންޑޭޝަނުން ދޭ ސްޓޫޑެންޓު ލޯނުގެ އެހީގައި، ތައުލީމު ހާސިލްކޮށް އަދި މިހާރުވެސް ލޯނުގެ ދަށުން ކިޔަވަމުންދާ ހުރިހާ ދަރިވަރުންގެ ސްޓޫޑެންޓް ލޯނުތައް މައާފްކޮށްދެއްވާފައިވާ ކަމަށް ވެސް ގަސިމް ވަނީ މި ފަހުން ވިދާޅުވެފައެވެ.