އެމެރިކަން ކޮމިކް ސީރީސް "ދާ އާޗީސް" އަސްލަކަށް ބަލައިގެން ނެޓްފްލިކްސްއިން ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ފިލްމި "ދަ އާޗީސް" ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.
ޓައިގާ ބޭބީ ޕްރޮޑަކްޝަންސްއިން ޕްރޮޑިއުސްކޮށް ޒޯޔާ އަޚްތަރު ޑައިރެކްޓްކުރާ މިފިލްމަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ އާއިލާތަކަށް ނިސްބަތްވާ ޒުވާނުންތަކެއް ފިލްމީ ދާއިރާ ތަޢާރަފުކުރާ ފިލްމުވެސްމެއެވެ.
ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން، ކުރީގެ ބަތަލާ ސްރީދޭވީއާއި ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ ދަރިފުޅު ޚުޝީ ކަޕޫރުގެ އިތުރުން އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތްޔާއަކީ "ދަ އާޗީސް"އިން ހިންދީ ސިނަމާއަށް ތައާރަފުވާނެ އާ މޫނުތަކެކެވެ.
މިއަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ނެޓްފްލިކްސްގައި ފިލްމު ޕްރިމިއާކުރުމަށް ނިންމާފައިވާއިރު ފިލްމަށް ޚާޢްޞަ ކައުންޓްޑައުންއެއްވެސްވަނީ ފަށާފައެވެ. އެގޮތުން ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާނުކުރެވޭ ކައުންޓްޑައުން ފެންނާނެ ޚާއްޞަ ބިލްބޯޑެއް ވެސް މުމްބާއީގެ އެކްސްޕްރެސް ހައިވޭގައި ފިލްމުގެ ޓީމުންވަނީ ބަހައްޓާފައެވެ. މި ބިލްބޯޑާއެކު ފިލްމު ރިލީޒްކުރުމަށް ބާކީއޮތީ ކިތައް ދުވަސްކަން ފަސޭހަކަމާއެކު އެނގޭނެއެވެ.
ފިލްމު ރިލީޒްކުރެވޭ ދުވަސް އިއުލާނުކުރަމުން "ދަ އާޗީސް"ގެ އެކްޓަރު މިހީރު ބުނެފައިވަނީ ފިލްމަށް ޚާއްޞަ ކުރި ކައުންޓްޑައުންއާއެކު ކޮންމެ ދުވަހަކުވެސް "ދަ އާޗީސް"ގެ މަތިން ހަނދާންއާކޮށްދޭނެކަމަށެވެ. މިފިލްމުގައި ޝާހުގެ ދަރިފުޅު ސުހާނާ ޚާން ފެންނާނީ ކޮމިކް ސީރީސްގެ ވެރޮނިކާގެ ރޯލްއިންނެވެ.
އަގަސްތިޔާ އެންޑްރޫގެ ރޯލްއިން ފެންނާނެއިރު ޚުޝީ ކަޕޫރު ފެންނާނީ ބެޓީ ކޫޕާގެ ރޯލްއިންނެވެ. 1960އިގެ އަހަރުތަކުގެ ދިރިއުޅުން ދައްކުވައިދޭ މިފިލްމު ބިނާކޮށްފައިވަނީ އެކުވެރިކަމުގެ ގުޅުމުގެ ތެރެއިން އުފެދޭ ލޯބީގެ ގުޅުންތަކާއެކު ލޯބީގައި ނާކާމިޔާބީއާ ކުރިމަތިވުމުން ރަޙްމަތްތެރިންގެ ފަރާތުން ލިބޭ އެހީތެރިކަމާއެކު މިނިވަން ޚިޔާލު ގެންގުޅޭ ޒުވާނުންތަކެއްގެ ހަޔާތުގެ މައްޗަށެވެ.