އިނގުރައިދޫ މަގު ހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފި

އިނގުރައިދޫ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރްޑީސީ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ-- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ރ. އިނގުރައިދޫ މަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ، ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު ޙަސަން ސަޢީދެވެ.

ހަ ސަތޭކަ ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އިނގުރައިދޫ މަގު ހެދުމުގެ މަސައްކަތަކީ، 56.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫއުގެ ދަށުން 1.9 ކިލޯ މިޓަރުގެ މަގުގައި ތާރު އެޅުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމް ކުރުމުގެ އިތުރުން މަގުތަކުގައި ބައްތި ޖަހާނެއެވެ.

މަގުތަކުގައި ތާރުނާޅާ އޮތުމުގެ ސަބަބުން ރައްޔިތުންނަށް އެތައް ދަތިތަކަކާ ކުރިމަތި ލާން ޖެހެއެވެ. އެގޮތުން ވާރޭ ވެހިއްޖެ ނަމަ މަގުތަކުގައި ފެން ބޮޑުވެގެން ސުކޫލް ކުދިންނަށާއި އާންމުންނަށް ހިނގާ އުޅެން އުނދަގޫވާ ހިސާބަށް ދެއެވެ. ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިނގައިބިނގައިވެ ނޫޅެވެއެވެ.

comment ކޮމެންޓް