އަދީބުގެ ފަރުވާއަށް ދިން މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

އޭޕްރީލް 28، 2019: ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ރާއްޖޭން ބޭރުގައި ހުންނަވައިގެން ބޭސްފަރުވާ ހޯއްދަވަން ދީފައިވާ މުއްދަތު އަނެއްކާ ވެސް އިތުރު ކޮށްފިއެވެ.

ނާރުގެ ބައްޔަކަށް ފަރުވާ ކުރެއްވުމަށް ގައުމުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަންސްއިން ދިނީ މިދިޔަ މަހުގެ 12 ގައެވެ. އެ ސާވިސްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މުއްދަތު އަނެއްކާ ވެސް އިތުރު ކުރަން މެޑިކަލް ބޯޑުގެ ލަފަޔާ އެކު ނިންމާފައިވާ ކަމަށެވެ.

ބޭސް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގަންނަވަން އަދީބަށް ފުރަތަމަ ދިނީ 10 ދުވަހެވެ. އެކަމަކު، ފަހުން އެ މުއްދަތު އިތުރު ކުރީއެވެ. އަދި، ދެވަނަ ފަހަރަށް އިތުރު ކުރި މުއްދަތު އިއްޔެއަށް ހަމަވުމުން، ސެޕްޓެމްބަރު 15ގެ ނިޔަލަށް އެ މުއްދަތު އިތުރު ކޮށްދޭން ކަރެކްޝަންސްއިން މިއަދު ވަނީ ނިންމައިފައެވެ.

އަދީބު ބޭސްފަރުވާއަށް ވަޑައިގަތީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން، ފުލުހުންގެ ސެކިއުރިޓީއާ އެކުގައެވެ.

އޭނާގެ ޕާޓީ، އެމްޓީޑީން ބުނި ގޮތުގައި އަދީބު ނާރުގެ ބައްޔަކަށް ފަރުވާ ހޯދަން ޖެހުނީ 2015 ވަނަ އަހަރުން ފެށިގެން އޭނާ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނު ދުވަސްވަރު އެކަށިގެންވާ ބޭސްފަރުވާ ކުރުމުގެ ފުރުސަތު ނުލިބުމުންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އެކަމަކު، އެ ހުކުމް އިއްވިއިރު ވެސް ދައުލަތާ އެކު ހެދި އިއުތިރާފުގެ އެއްބަސްވުމާ އެކު ބަލި ހާލާތު ހުރި ގޮތުން ކަމަށް ބުނެ އަދީބު ހުންނެވީ ގޭ ބަންދުގައެވެ.

comment ކޮމެންޓް