ވެމްކޯގެ އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

ވެމްކޯގެ އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިފްތިތާހުކޮށްދެއްވަނީ --- ފޮޓޯ/ ވެމްކޯ

މާލޭގައި ވެމްކޯއިން ގާއިމުކުރި ވޭސްޓް ޓްރާންސްފާ ސްޓޭޝަން މިރޭ ހުޅުވައި، ބޭނުން ކުރަން ފަށައިފިއެވެ.

މާލޭ އިންޑަސްޓްރިއަލް ޒޯންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މިތަން އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމުކުރުމުގެ މަޝްރޫއު ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީސީއީސީ)އާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން 24ގައެވެ. މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ޒޯން ތިނެއްގެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް ހިންގަމުންދާ، ގްރޭޓާ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މޭޖްމަންޓް މަޝްރޫއުގައި ހިމެނޭ މަސައްކަތެކެވެ.

ވެމްކޯގެ އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަން --- ފޮޓޯ/ ވެމްކޯ

މާލެ އާއި ވިލިމާލެ އަދި ހުޅުމާލެއިން ނަގާ ކުނި ވަގުތީ ގޮތުން ބަހައްޓާ ތަނެއްގެ ގޮތުގައި ހެދި މި ސްޓޭޝަންގެ އަގު 184 މިލިއަން ރުފިޔާއަށް އަރައެވެ.

ކޮންޓޭނަރުގައި ބަންދުކޮށްގެން ތިލަފުއްޓަށް ކުނި އުފުލޭ ގޮތަށް ހަދާފައިވާ އެ ސްޓޭޝަނަކީ، 65،000 އަކަފޫޓުގެ ޖާގައިގެ ތަނެކެވެ. އެ މަރުކަޒު ފަރުމާކޮށްފައި ވަނީ، ތިމާވެއްޓާ ރައްޓެހި، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ.

މިސެންޓަރުން ތިލަފުއްޓަށް ކުނިއުފުލާނީ ކޮންޓޭނަރުތަކުގައި ކުނި ބަންދުކޮށްގެންނެވެ.

މީގެ އިތުރުން މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގައި ހިމެނޭ އިދާރީ މަސައްކަތްތައް ހިންގައި އިމާރާތަކީ، ކާރިސީ އަދި މޫސުމީ ހިރާސްތަކުން ރައްކާތެރިކަން ހޯދޭނޭ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ ކުނި މެނޭޖްކުރުމާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ސަރުކާރުން ހިންގާ މަޝްރޫއު ނިމޭއިރު ކުންޏަކީ ފައިދާހުރި އެއްޗަކަށް ވާނެ ކަމަށެވެ.

ވެމްކޯގެ އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ވެމްކޯ

ކުނީގެ މައްސަލައަށް ހައްލުކުރުމަށް ކުނި އުފެދޭ މިންވަރު މަދުކުރުމާއި، ކަނޑުފަޅާއި، ގޮނޑުދޮށްތަކާއި، އާންމު ތަންތަނަށް ކުނި ނޭޅުމުގެ މުހިއްމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކުނި މެނޭޖް ކުރުމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ތިލަފުށީގައި ފެށީ މިދިޔަ ޑިސެމްބަރު 15 ގައެވެ.

މުޅިއެކު ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ބިޔަ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތިލަފުށީގައި އައު ބަނދަރެއް ހެދުމުގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމުކުރުމާއި ގްރޭޓާ މާލެ ސަރަހައްދާއި ކ. އަތޮޅާއި އއ، އދ އަދި ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުނި ކޮށި ގާއިމުކުރުމާއި މަރާމާތުކުރުން ހިމަނާފައިވެއެވެ.

comment ކޮމެންޓް