ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ ޖާހު އިންވެސްޓްމެންޓްސް އިން އިމާރާތް ކުރަމުންދާ "ދަ ގާޑެންސް" ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް ކޮންސަލްޓެންޓަކު ހޯދަން އިއުލާނުކޮށްފިއެވެ.
އާބަންކޯއިން މިއަދު ކުރި އިއުލާނެއްގައި ވަނީ، އަލަށް ނަގާ ކޮންސަލްޓެންޓުގެ މަސައްކަތަކަށް ވާނީ ނުނިމި ހުރި މަސައްކަތްތައް އަގުކޮށް، އެ މަސައްކަތް ކުރާނެ ގޮތެއް ކަނޑައެޅުމެއް ކަމަށެވެ. އަދި، އެ މަސައްކަތް ނިމުމުން، ކޮންސަލްޓެންޓުގެ ހޯދުންތަކުގެ މަައްޗަށް ބިނާކޮށް، އާ ކޮންޓްރެކްޓަރަކާ މަސައްކަތްތައް ހަވާލުކުރެވޭނެ ކަމަށެވެ.
އާބަންކޯއިން ބުނީ، ފްލެޓުތައް ގަތް މީހުންނަށް ވީހާވެސް ގެއްލުން ކުޑަވާނެ ގޮތަކަށް، އަވަހަށް މަސައްކަތް ނިންމުމަށް ޖާހުއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެއާއެކު، އެ މީހުންނަށް ޖާހު މެދުވެރިކޮށް ބަދަލުދިނުން ކުރިއަށް ދާނެ ކަމަށް ވެސް އާބަންކޯއިން ބުނެއެވެ.
"މި ކޯޕަރޭޝަންގެ އަމާޒަކީ މި މަސައްކަތުގައި މިހާރު ވެވިފައިވާ އެއްބަސްވުންތަކާއި ޑިވެލޮޕަރުގެ ފަރާތުން ފުލެޓުތައް ގަނެފައިވާ ފަރާތްތަކާއި ދެމެދު ވެފައިވާ މުއާމަލާތްތައް ބަލާ ދެ ފަރާތައްވެސް ގެއްލުން ނުވާނެހެން، 2024 ވަނަ އަހަރު ޖަނަވަރީ މަހު ނިންމާލުމެވެ." އާބަންކޯގެ ބަޔާނުގައި ވެއެވެ.
ކޮންސްޓްރަކްޝަން ދާއިރާގައި ނަންހިނގާ ޖައުސާ ކުންފުންޏާ އެއް ކުޑައިގެ ދަށުގައި އޮންނަ ޖާހު އިންވެސްޓްމެންޓްސަ އަށް އެ ބިން ހަވާލުކޮށްފައިވަނީ 2017ވަނަ އަހަރުގެ ތެރޭގައި، ދެއަހަރު ތެރޭ ނިންމާ ގޮތަށެވެ. ނަމަވެސް، މިހާތަނަށް ވެސް އެތަން ނިމިފައި ނުވެއެވެ.
އޭގެފަހުން އެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން، ފުލެޓު ގަތް މީހުން ވަނީ އެކި ފަހަރު މަތިން މުޒާހަރާ ވެސް ކޮށްފައެވެ. އަދި އެ މަސައްކަތުގައި އުޅޭ ލޭބަރުން ވެސް އެކި މައްސަލަތަކުގައި ދޭތެރެއަކުން އިހުތިޖާޖު ކުރެއެވެ.
އެންމެ ފަހުން އާބަންކޯއިން މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ އެ މަސައްކަތް ނިންމާ ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ ނޯޓިސް އެއް ދީފައެވެ.
އެ މަސައްކަތް ނިންމުމާ އާބަންކޯއިން ހަވާލުވިއިރު، އެ ފްލެޓުތަކާ އެކު ފެށި ކޭޕާކު ފްލެޓުތަކާ ގުޅޭ، މަކަރާ ހީލަތުގެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.