ހާސް ތަރިތަކުގެ އަލީގައި 19

ހާސް ތަރިތަކުގެ އަލީގައި

"އޯގާތެރިކަމާއި ކުލުނަކީ މުސްލިމުންގެ ގައިގާ އަށަަގަންނަވަން ޖެހޭ ރީތި ސިފައެކެވެ."

***

"އެއީ ގޯސްކުއްޖެއްނޫން...އޭނަގެ ބޭބެ މަސައްކަތްކުރަނީ ކެންސަރުވޯޑުގައި. ރާހާއަށްވެސް ވަރަށް ހެޔޮ. ހަމަ ބޭބެއެއްހެން ރާހާއަށް ފީލްވެގެން އެވާހަކަ ދައްކާ.."

"ހޫމް...."ކާއިނާތު އަޑުއަހަން އިނެވެ. އެ ވާހަކަދަނީ ކޮން ދިމާލަކަށްކަން މާ ކުރީއްސުރެ އޭނަގެ ޟަމީރުދެނެގަތެވެ.

"ބާސިލް ޕްރޮޕޯސްކުރީ..މަންމާ..އަހަރެން...." ޒާދާ ތެދުވެ ޗޮކްލެޓްގެ ބާކީ އޮތް ބައި ހުސްކޮށްލުމަށްފަހު ކަރުދާސްގަނޑު ގުޅަކޮށްލާފައި ޑަސްބިނަށް އަމާޒުކޮށް ފޮނުވާލައިފިއެވެ.

"ޒާދާ...ތިކުއްޖާގެ އެއްވެސް ހަގީގަތެއް މަންމައަކަށް ނޭގޭ. ފުރަތަމަ ބައްޕަގެ ލަފާ ތިކަމުގައި ހޯދާފައި ޖަވާބެއް ދެވޭނީ...."ކާއިނާތުވެސް ކޮފީތަށި މޭޒުމަތީގައި ބެހެއްޓިއެވެ.

"ކިތަންމެވަރަށް ހަގީގަތް ހޯދިޔަސް އެންމެ ޕާފެކްޓް ހަޒްބެންޑެއް ނުލިބޭނެއްނު މަންމާ. އެންމެ މުހިއްމުވާނީ ލޯބިވުމާއި އަޅާލުން.."

"ކޮންތަނެއްގައި ތި ލޯބިކިޔާ ލަފުޒު އޮންނަނީ؟ އެއީ ހަމައެކަނި ވާހަކަތަކުގައާއި ސީރީޒްތަކުގައި ދައްކާ ހެއްލުންތެރި ދަޅައެއް. ހަގީގަތެއްނެތް މަކަރެއް. ލޯބި ތިއީ ތިބުނާހާ މާތް އެއްޗެއްނޫން. އެލޯބީގެ ނަމުގައި އަނެކަކު ޖައްސައިގެން އޮޅުވާލުމާއި ކެހިވެރިކަމުގެ މަޅިއެއްގައި ޖައްސާ އުމުރުދުވަހަށް ހިތްދަތިކުރުވާ އެއްޗަކަށް ވެދޭ. ލޯތްބަކީ އޮންނަ އެއްޗެއްނޫން. އެއީ ޑިކްޝްނަރީ ރީތިކުރަން ހިމަނާފައިވާ ލަފުޒެއް. މިބުނީ އިޝްގީ ލޯތްބެއް ނޯވެއޭ..."ކާއިނާތުގެ ނިތަށް ރޫއެރިއެވެ."ޒާދާ ލޯތްބަކީ އޮންނަ އެއްޗެއްނޫން..އާއިލާއިން ރަގަޅުމީހެއް ދައްކައިގެން ކައިވެނިކުރީމަ އުފާވެރި ދިރިއުޅުމެއް ހޯދިދާނެ. ލޯބީގެ ދަލުގައި ޖެހިއްޖެއްޔާ އަބަދަށް ހިތާމަކުރަން ޖެހިދާނެ.."

"އޯލްރައިޓް މަންމާ...އިޓް ވޯންޓް ހެޕެން."

"ދެން ކީއްކުރަން މީހަކާއި އިންނަން ތިއުޅެނީ؟"

"އެއީ........"ޒާދާ ހީލީ ޖަވާބެއްދޭން ނޭގުމުންންވެ. ބާސިލްއާއިމެދު އޭނަ ދެކެނީ ވަރަށް މާތް ޒުވާނެއްކަމުގައެވެ. އެއީ ޒާދާ ފިރިހެނެއްގެ ފަރާތުން ދުށުމަށް އެންމެ އެދޭ ފުރިހަމަ ސިފައެވެ.

"މަންމަވެސް ޒުވާން އުމުރު ތިކަހަލަ ބޮނޑިއެއް ބުއިން. އަދިވެސް އެކަމުން އަރައިނުގަނެވޭ އެހެންވެ މަންމަ އެހެންބުނީ.." ކާއިނާތު ތެދުވެފައި ޒާދާގެ ނިތްކުރިއަށް ބޮސްދިނެވެ."ޒާދާ. އަވަސް އަރުވާލައިގެން ތިހާބޮޑު ކަމެއް ނުނިންމާ ކިޔެވުމަށް އިސްކަންދިނިއްޔާ އަދި ރަގަޅުވާނީ...."

ކާއިނާތު ސްޓޯރރޫމުން ނެގި ފޮށިގަނޑެއްގެންގޮސް ހުޅުވާލުމާއެކު އޭގެ ތެރޭގައި ވަކިން އޮތް ރަންކުލައިގެ ޑިޒައިންކޮށްފައިވާ ފޮށްޓަކަށް ނަޒަރު ހުއްޓުނެވެ. އޭނަ ސައިރަސްއަށް ދޭން ލިޔުނު ސިޓީތަކެވެ. އޭގެތެރޭގައި ކާޑާއި ޑައިރީއާއި ދެމީހުންގެ ދޭތެރޭ ބަދަލުކުރެވުނު ހަދިޔާތައްވިއެވެ. އަނގޮޓީއާއި ގަހަނާތައްވެސްމެއެވެ. ކާއިނާތުއަށް ފިރުމައިލެވުނީ ހާޑްގައެވެ. އޭނައާއި ސައިރަސްގެ ރީތި ހަދާންތައް ވީޑިއޯގެ ގޮތުގައި ޚަޒާނާކުރެވިފައިވަނީ މީގައެވެ. އޭނަ ހާޑު ލެޕާއި ގުޅައިލުމާއެކު ހިތަށް ނުބައިގޮތެއްވިއެވެ. އެހާޑް ހުޅުވުނުކަމަކަަށްނުވިއެވެ. މަސައްކަތްކޮށްކޮށް އެއިން އެއްވެސްއެއްޗެއް ފެންނަގޮތް ނުވުމުން ވަގުތުން ތަބީއަތު ގޯސްވިއެވެ. މެޔަށް ވާންވެ ބޮލުގައި ރިއްސަންފެށިގޮތަށް ކޮޓަރިއަށްވަދެ ބޮކިތައް ނިވާލިއެވެ. ބޮލުގެ ރިހުން ގަދަވެގަތްގޮތަށް ފަޅައިގެންގޮސްދާނެހެން ހީވުމުން ބޭސް ކެއުމަށްފަހު އައިސްޕެކެއް ނިތްމަތީގައި ބާއްވައިގެން އޮތަސް ނިދީގެ އަސަރެއް ލޮލަކު ނެތެވެ. އެންމެފަހުން ސައިރަސްގެ ހަނދާންތަކާއެކު ބޭވަފާތެރިއަކަށްޓަކާ ހިތުގައި އުފެދުނު ވަރުގަދަ ލޯތްބެއްގެ ނިމުން ނައި ކަމުގެ ޝަކުވާއާއި ހެއްދެވިފަރާތަށް އޮތް ގުޅުން ކުޑަކަމުގެ ޚިޔާލުތައް ސިކުނޑިއަށް ފިތަމުންގޮސް އޭނަގެ ލޮލުން ކަރުނަ އޮހޮރުވާލައިފިއެވެ. ކަރުނަ އޮހިގަތްގޮތަށް ހިފެހެއްޓުން ފަސޭހައެއްނުވިއެވެ. ބިރާއި ހިތާމަތަކާއި ރުޅިވެރިކަމާއި މާޔޫސްކަން މަސްހުނިވެ ހުރިހާ ޖަޒުބާތުތަކެއް ކަރުނައިގެ ސިފައިގާ ލޮލުން އަންނަން ފެށުމުން ސިކުނޑިއަށް ތަންކޮޅެއް ލުއިވިއެވެ. ކަރުނައިން ހުރިހާ ސްޓްރެސްއެއް ދޮވެލީ ސްނޯއިން ހަޑިމިލަތައް ސާފުކޮށްލާފަދައިންނެވެ.

***

އަދްރިއަން ގޮވުމުންވެސް ކާއިނާތު ރުޅިގަދަވިއެވެ."ޕްލީޒް ލީވް މީ އެލޯން...ބޮލުގައި ރިއްސަނީއޭ. މައިގްރެއިން...."

"ކުރިން ވާކަމެއްނޫނެއްނު. އެމްއާރުއައިއެއް ހަދާލަންވީނު.."

"ބޭނުމެއްނޫން އެއްވެސް އެއްޗެއްހަދަން. މަރުވެއްޖެއްޔާ މާ ބޮލަށް ފަސޭހަ...ޕްލީޒް މިތަނުން ދޭ...."ކާއިނާތުއަށް ބާރަށް ބުނެވުނެވެ. އަދްރިއަންވެސް އަދި އެހެން އިންސާނެއްވެސް އެވަގުތު ފެންނާކަށް އޭނަނޭދެއެވެ. ހަގީގަތުގައި އަދްރިއަންގެ އިހުސާންތެރިކަމާއި އޯގާތެރިކަމަކީ އޭނަގެ ދިރިއުޅުން ބޮއްސުންނުލާ މިހިސާބަށް އައި ސަބަބެވެ. ނަމަވެސް ރުޅިގަދަވާވަގުތު ހެޔޮ ވިސްނުމަކަށް ތަނެއް ނުދޭނެއެވެ."ބައިދަވޭ ޒާދާ އެބައުޅޭ މެރީކުރަން. ބައްޕަ ގާތުން ހުއްދަ ހޯދަދޭށޭ...ބާސިލްއަކާއި...އެނގެއެއްނު އޭނަގެ ބޭބެ ޑޮކްޓަރ އިދްރާކް އާއި އެދެބެންގެ މަންމަ.....ޕްލީޒް ޓޯކް ޓު ހާރ...އަދްރިއަން ޑިސައިޑްކުރާގޮތަކާއި އަހަރެން އޯކޭވާނެ. އިތުރަށް ދެން އެއްވެސް ކަމަކާއި ވިސްނާނެ ވަރެއް މިވަގުތު ބޮލަކުނެތް...."

"އޯލްރައިޓް...."

އަދްރިއަން އިތުރު އެއްޗެއް ބުނުމެއް ނެތި ދޮރު ލައްޕާލިތަން ފެނުމުން ކާއިނާތުގެ ލޮލުން ކަރުނަ ތިއްކެއް ފޭބިއެވެ. ހަގީގަތުގައި އޭނަގެ ފިރިމީހާ ހާދަ "ކޫލް"އެވެ. ވިސްނެއެވެ. އިތުރަށް ސުވާލުކުރަންވެސް ނޫޅެ އެދިޔައީ ނޫންހެއްޔެވެ؟ ޖަދަލުކުރުމުގެ ކުނޑިފަށެއްވެސް ނުހުރެއެވެ. ކޮންމެ އަންހެނަކުވެސް އެދޭނެ ފަދަ ބައިވެރިއެކެވެ. އޭނަ އެވަރަށް އަދްރިއަންގެ ބޮލުގައި އެކި ކަންތައްތައް އަޅުވާއިރުވެސް އަމިއްލަ ނަފުސް ދިފާއުކުރަން ކޮންމެހެން ނޫޅެއެވެ. އަދި އޭނަގެ ބޮލުގައި އެއްވެސް ކަމެއް އަޅުވާކަށް ނޫޅެއެވެ. އެހާ ދަރިންނަށް ހެވެވެ. ރާހާގެ ކަންތައްތަކާއި އަޅާނުލެވުނަސް އެލޯތްބާއިމެދު ކާއިނާތުގެ ހިތަކުވެސް ޝައްކެއްނެތެވެ.

***

މެހެރާޒް ޕިއްޒާ ހިފައިގެން އައިސް ބެލް ޖަހައިލިއެވެ. މާބްލް ހަރުފަތްތަކުގެ އަނެއްފަރާތުގައި ހުރި އާފަލުގަހުގައި ކުރިން ފިޔާތޮށިކުލައިގެ މާތައް އަޅާ ފުރާލާފައިވީއިރެއްވެސް އައެވެ. އިންސާނުންގެ ހަޔާތަށް ބަދަލު އަންނަފަދައިން މިހާރު އެގަސް ބަރާވެފައިވާނީ އާފަލުންނެވެ. ޚަރީފުމޫސުމްގެ އާފަލުތަކެވެ. ކުރިންވެސް އެގަސް ރީއްޗެވެ. މިފަހަރު ތަފާތު ރީތިކަމެކެވެ. މެހެރާޒް ވިސްނުމެއްގައި ހުއްޓާ އަންހެނަކު ނުކުމެގެން އައެވެ. އެއީ ޒާދާމެންގެ މަންމަ ކާއިނާތުކަން އޭނައަށް ވަގުތުން އެނގުނެވެ. ކާއިނާތުގެ މޫނަށް ވަގުތުން ނުރުހުމުގެ ކުލަވަރުވެރިވިއެވެ.

"ކަލޭ ޖަލުން ސަލާމަތްވީ ކިހިނެއްތަ؟" ކާއިނާތު ހަރު އަޑަކުން ސުވާލުކުރިއެވެ. ޒާދާއާއި ރާހާވެސް ލިވިން ރޫމްގައި ތިބެފައި ނުކުމެގެން އައީ މަންމަގެ އަމަލުން ހާސްވެފައިތިބެއެވެ. ޒާދާ އާއި މެހެރާޒްގެ ނަޒަރު ބައްދަލުވިއެވެ. އެ މަންޒަރު ފެނުމުން ކާއިނާތުއަށް ކެތްކުރުން ދަތިވިއެވެ. ދެކުދިންގެ ނަޒަރުގައި ގާތްކަމެއްވިއެވެ.ކާއިނާތު މެހެރާޒްގެ އަތުގައި ހުރި ޕިއްޒާފޮށި ޖަހައިގަތްގޮތަށް އަތުކޮޅަށް ހޫރާލައިފިއެވެ. ދެވަނަ ސިކުންތުކޮޅުގައި މެހެރާޒްގެ މޭގައި އަތް އަޅާ ބާރަކަށް ކޮށްޕާލައިފިއެވެ. އޭނަ ފަތްތަރުމަތިން ފަހަތަށް ދިޔަގޮތަށް ހަށިގަނޑު ސަމާލުކުރެވުނީ ހުޝިޔާރުކަމުންނެވެ." މަގޭދަރިންގެ ބޮލަށް އެރެން މިގެއަށް ނާންނާތި. ދެވަނަފަހަރަށް މިގެއާއި ހިސާބުން ފެނުނަސް...................."

"މަންމާ ޕްލީޒް ސްޓޮޕް ދިސް....."ޒާދާ ލަދުން މަރުވާވަރުވިއެވެ.

"ޒާދާއަކަށް ނޭގޭނެ. މީނައާއިހެދި ޒާދާ ކިޑްނެޕްކުރެވުނީ. މިއީ ގޭންގްމީހެއް.............................."

"މަންމަ ތިކަހަލަ އިލްޒާމް ކުށެއްނެތް ކުއްޖެއްގެ ބޮލުގައި އަޅުވަން ހެޔޮނުވާނެ. މިހާރު އެއޮތް މީރު ޕިއްޒާ އެހަލާކުކޮށްލީ..މަންމަވެސް......"ޒާދާ މެހެރާޒްގެ އަތުގެ މުލައްދަނޑީގައި ހިފައިގެން ދުރަށް ދާން ހިނގައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. ފިރިހެނުންނާއި އެހާ ގާތްވެގެން އުޅުމަކީ ޒާދާގެ އުސޫލެއްނޫނެވެ. އިނގިލިކުރިން ބީހެންވެސް އޭނަ މަރުހަބާނުކިޔާނެއެވެ. ނަމަވެސް މެހެރާޒްއާއެކު މިހުރެވުނީ ބުރުގާ ނާޅާކަންވެސް ޒާދާ ހަދާނެއްނެތެވެ. މެހެރާޒްގެ ސައިކަލާއި ހަމަޔަށް އެކީ ހިނގާފަައިގޮސް ޒާދާ މާފަށް އެދުނެވެ. މަންމަ މިފަހަކަށް އައިސް ރުޅިއަވަސްވެ މާޔޫސްވާގޮތްވިޔަސް މަންމަގެ މިޒާޖަކީ އެއީ ނޫންކަމުގައި ބުނެދިނެވެ. ދަރިންގެ ލޯބީގައި މައިންބަފައިން ބައެއްފަހަރު މީހަކު މަރައިލަންވެސް ފަސްނުޖެހޭނެހެން ހީވާކަމަށް ބުނެ ޒާދާވެސް ހިނިގަނޑެއް ޖަހައިލިއެވެ. މެހެރާޒްއަށް އެ ވާހަކަ ގަބޫލުކުރަން ފަސޭހައެއްނުވިއެވެ. އޭނަގެ މައިންބަފައިންގެ ހަނދާންތައް އާވުމުން ތަފާތު އިހުސާސްތަކެއްކުރެވުނެވެ. ނަމަވެސް އެވަގުތު އެވާހަކަ ޒާދާއާއި ހިއްސާކުރަން ބޭނުމެއްނުވިއެވެ.

***

އެންމެން އެކީގައި ކާން މޭޒުދޮށަށް އައުމަކީ މިފަހުން އެގެއިން ފިލާގޮސްފައިވާ އާދައަކަށްވިޔަސް އާދީއްތަ ދުވަހު އަދްރިއަންއާއި އޭނަގެ އާއިލާގެ އެންމެން ކާންތިބީ އެކީގައެވެ. ބަރަބޯ ޕައިއާއި ލާޓޭގެ އިތުރުން ސުފުރާމަތި ފަޅުފިލުވާފައިވަނީ ތަފާތުބާވަތްބާވަތުގެ މޭވާތަކާއި މޭވާތަކުންނެވެ. ކުޑަދޮރުތަކުން ފެންނަން އޮތީ ޚަރީފުގެ ހިތްގައިމު މަންޒަރެވެ.

"އަދިވެސް ޒާދާ ތުން ފިތާލައިގެން މިއިންނަނީ؟" ކާއިނާތު ހީލިއެވެ.

"އައި ވޯޒް އެމްބެރޭސްޑް މަންމާ. ނިކަމެތިވިޔަސް އެހެން ހަދާކަށްނުވާނެއްނު. އެކުއްޖާ މިގެއަށް އައީ އޯޑަރުހިފައިގެން އެކަމަކު މަންމަ ޕިއްޒާވެސް އެއްލައިލީ. އޭނަވެސް ހުރީ ލަދުން....ކިހާ ދެރަވާނެ..."ޒާދާ ގެ ތަބީއަތު އަދިވެސް ރަގަޅެއްނުވެއެވެ.

"އެހެން މީހަކާއި ކައިވެނިކުރަން އުޅުނަސް ޒާދާ އެކުއްޖާއާއި މާ ގަޔާވާހެން މަންމައަށް ހީވާން ފަށައިފި...."

"މަންމާ........."ޒާދާއަށް ބާރަށް ބުނެވުނެވެ. ހަގީގަތުގައި އޭނަ އެވަރަށް ކަންބޮޑުވީ މަހްރާ މެހެރާޒްދެކެ ރުހޭކަން ޔަގީންވެފައިވާލެއް ބޮޑުކަމުންނެވެ. ވީއިރު އެގޮތަށް އޭނައާއި އަޅާކިޔުން އެއްގޮތަކަށްވެސް ބަލައިގަންނަން އުދަގޫވީއެވެ. އެހެންނޫންނަމަ ބާސިލްއަށްވުރެ މެހެރާޒްއަށް އޭނަ ކުރާ ގަދަރާއި ކުލުނު މާބޮޑެވެ."މަންމަ ތިގޮތަށް ވާހަކަދައްކަން ހެޔޮނުވާނެ ޕްލީޒް. މަންމަގެ ޕާސެނެލިޓީ ވަރަށް ޗޭންޖް އެބަވޭ. ކުރިން މަންމަ ތިގޮތަށް ޝައްކުވެސް ނުކުރޭ. މެހެރާޒްއަކީ ހަމަ ވަރަށް މާތް ރަގަޅު ޒުވާނެއް. ނިކަމެތިން އަސްލު މާރަގަޅު. ގިނަފަހަރަށް މުއްސަދި ޒުވާނުން ބޮޑާވާނެ އެކަމަކު މެހެރާޒް ތަފާތު، ހެއްދެވިފަރާތާއި އޮތް ގުޅުންވެސް މާރަގަޅު...ބައެއްފަހަރު ޕޮވާޓީއަކީ ނޭގުނަސް ބްލެސިންއެއް. ތިމާމެންނަށް ނޭގިވެސް އެކަމާއި ޝުކުރުވެރިވާންޖެހޭވަރުގެ ކަމެއް..މެހެރާޒް މީހަކު ކިޑްނެޕްކުރަން ހިތަކަށްވެސް ނާރާނެ. ހިޒް ބެސްޓްފްރެންޑަކީ އެލިޒަބަތް. އޯލްޑް ލޭޑީއެއް. އެ މާމައަށް އެހީތެރިވެ ސްޕީކާސްކޯނާއަށް ގެންގޮސް ދީނީ ކަންތައްތައް އޮޅުން ފިލުވައިދީހަދާ.. އެ ފްރެންޑްޝިޕްވެސް ކިހާ ލޯބި. ވަރަށް އިންސަޕަޔަރިން. މަންމާ. ޕްލީޒް މެހެރާޒްއަށް އެހެން ނަހަދަބަލަ.."

"މަންމަ ރުޅި އަންނާނެއްނު. އޭނައާއިމެދު ފުލުހުންވެސް ޝައްކުކުރީ؟"

"އެ މޮޔައިން އަޅުގަނޑު ދިޔައީ ސީރިޔާއަށް ކަމަށްވެސް ބުނީ. އަދިވެސް މަންމަމެން ކާފަރުން ބުނާ އެއްޗަކަށް އިތުބާރުކުރަނީ؟"

"ދަރިފުޅު....މަންމަ މިދުވަސްކޮޅު ތަންކޮޅެއް އިމޯޝަނަލްވީމަ އެހެންވެދާނެ. ހިތާމައާއި ކުރިމަތިލާންވީމަ ބައެއްފަހަރު ބްރެއިން ޑީލްކުރާގޮތް ތަފާތުވަނީ...ޒާގެ ބޯއިފްރެންޑާއި ފެމިލީއަށް އިންވައިޓްކޮށްބަލަ...މިއަންނަ ސަންޑޭ ކިހިނެއްވާނެ؟ ބައްޕަވެސް ފްރީވާނެ. މިއަދު އަދި ކުޑަކޮށް ބިޒީކޮށް އުޅެން ޖެހިފައި އޮތީމަ މިއަދު ޑިނާއަށްވެސް މަޑެއްނުކުރެވޭނެ.." އަދްރިއަންގެ ތުންފަތަށް ލުއި ހިނިތުންވުމެއްވެރިވިއެވެ.

"އާނ. ބައްޕައަށް ދުވަހަކު ވަގުތުވާކަަމަކަށް ނުވޭ...އެނީވޭސް އައި ކެން އަންޑަސްޓޭންޑް...." ކާއިނާތު އަވަހަށް ބުނެލިއެވެ.

"ޑޭޑް....އަޅުގަނޑު އުމްރާއަށް ދާން ބޭނުން...އާޔާ އާންޓްމެންވެސް ޕްލޭން އެބަކުރޭ.."

"ބައްޕަމެން ނުލާ ރާހާއަށް އެހާ ދުރަށް ދެވޭނެ؟"

"އެހެން އެއްވެސް ތަނަކަށް ނުދެވޭނެ. އެކަމަކު އެއީ ތަފާތުތަނެއް..އަޅުކަމަށް ދަނީ. އުމްރާއަށް..އެކަހަލަ ތަންތަނަށް އެކަނިވެސް ދެވިދާނެ. މަރުވީމަވެސް އެކަނިދާންޖެހޭނީ..ނޫންތަ ޑޭޑް؟"

"ރާހާ....ޑެތްގެ ވާހަކަ ނުދައްކަބަލަ ޕްލީޒް..." ޒާދާއަށް އެސްފިޔަތައް ޖަހައިލެވުނެވެ.

"ހެހެ...އޯކޭ ޒާ...އެހެންވީމަ ޒާގެ ވެޑިން އޮންނަންވާނީ އަޅުގަނޑުމެން އުމްރާއިން އައީމަ ދޯ..............." ރާހާ އެހިއެވެ.

"އޯކޭ ޑާލިން....ތިގޮތަށް ޕަޕީ އައިސް އިން ނުބެލިޔަސް ހަމަ ވެޑިން ފަސްކޮށްލެވިދާނެ. އަދި އެންގޭޖްމެންޓްވެސް ނުބޭއްވޭތާ...ރާހާ ފުރުމުގެ ކުރިން އޮންނާނީ އެންގޭޖްމެންޓް..." ޒާދާ ހިނިގަނޑެއްޖަހައިލިއެވެ.

އެންމެ ގާތުގައި ވާ އެއްޗަކީ މަރުކަން އެނގޭއިރު އެކަމާއިމެދު އެންމެ ބޮޑަށް ޒާދާ ވިސްނެންފެށީ ރާހާ ބަލިވުމުންނެވެ. ނަމަވެސް ބޮޑެތި ބަލިތަކައި ކުރިމަތިވުމަކީ މާޔޫސްވާން ޖެހޭކަމެއްނޫނެވެ.އެ މީހެއްގެ މަރުޖެހުމުން ނޫނޫ ދުނިޔެއާއި ވަކިވެގެން ދާނެ މަޚުލޫގެއް ނެތެވެ. މަރުގެ އަނގަޔަށް ވެއްޓިފައިވެސް އަލުން އަރައިގަންނަ މީހުން އެބަތިއްބެވެ.އެފަދަ ބަލިމީހުން ދުނިޔޭގައި ތިއްބާ ކުއްލިއަކަށް މަރުވެގެންދާ ޒުވާނުންވެސް މިހާރު އޮތީ ގިނަވެފައެވެ. ރާހާ އަދި ޒާދާއަށްވެސް އެފަދަ އެތައް ދަރުސްތަކެއް އަޑުއަހަން ޖެހުނެވެ.

***

ބާސިލްއާއި ޒާދާ ވާހަކަދައްކަން ފެންސްްކައިރީ މަޑުކޮށްލައިގެން ތިބިއިރު ދެޒުވާނުންވެސް ތިބީ އެއްކުލައެއްގެ ޖެކެޓްލައިގެންނެވެ. ފަޒާގައިވަނީ އަރާމު ފިނިކަމެކެވެ. ޒާދާއާއި ބައްދަލުކުރަން ބާސިލްއައުމުން ޒާދާ އުފާވިއެވެ. ބާސިލްއާއި ދިމާލަށް މިއަދު ބެލުނީވެސް ތަފާތު ނަޒަރަކުންނެވެ. އަލަށް ފެނިގެން ބަލާފަދައެވެ. އެވަގުތު އެތަނަށް އައި ޔަޒީދުއަށް އެމަންޒަރު ފެނުމާއެކު ލޭކެކިގަތެވެ. ކާރުން ފައިބައިގެން އެދިމާލަށް އައީވެސް ޚަރީފުގެ ވައިރޯޅިއެއްހެންނެވެ.

"ޒާ...ކާކާއި ތި ވާހަކަދައްކަނީ؟ މިއީ ކާކުތަ؟"

"ކަލެއަކީ ކާކު؟"ބާސިލްގެ ބުމަ ކައިރިވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު