އެއާޕޯޓަކާއި، މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްއެއްގެ އިތުރުން ރިސޯޓެއް ހިންގާ ގއ. ކޫއްޑޫއާއި، އެ އަތޮޅު ވިލިނގިލި ގުޅާލައި، އެ ރަށަށް ބޮޑެތި ތަރައްގީތަކެއް ގެނައުމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވައުދުވެވަޑައިގެންފިއެވެ.
ވިލިނގިލީގައި މިރޭ އޮތް ކެންޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އެ ރަށަށް ފާއިތުވި 25އަކަށް އަހަރު ދުވަހުގެ ތެރޭ މާ ބޮޑު ތަރައްގީއެއް އައިސްފައިވާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އަދި، އެ ރަށް ތަރައްގީ ކުުރުމުގައި، އެންމެ މުހިއްމު ކަމަކީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުން ކަމަށެވެ.
"މި ރަށަށް ގެންނަންޖެހޭ ތަރައްގީ ގެނައުމުގައި އެންމެ ބޮޑު ނާރެހެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރެވެނީ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައުން. ދަތުރުފަތުުގެ ނިޒާމަށް ބަދަލު ނުގެނެހެއް މި ރަށެއް ތަރައްގީއެއް ނުކުރެވޭނެ"،
"އަޅުގަނޑުގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ މި ނަފާ ކުރުމަށްޓަކައި، އަދި އިގުތިސާދު ސިންދަފާތު ކުރުމަށްޓަކައި ކޫއްޑޫއާ ވިލިނގިލި އިރާދަކުރެއްވިއްޔާ ބުރިޖަކުން ގުޅާލާނަން،" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބުރިޖުން ގުޅާލުމާ އެކު، ވިލިނގިލީގެ އިގުތިސާދަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.
މީގެ އިތުރުން އެ ރަށުގައި ޓޫރިޒަމް ކުރިއެރުވުމަށް، ކޫއްޑޫ އެއާޕޯޓަށް ޖައްސާ ފްލައިޓުގެ އަދަދު އިތުރުކޮށްދޭނެ ކަމަށާއި، އަގުތައް 20 ޕަސެންޓަށް ކުޑަކުރައްވާނެ ކަމަށް ނާޒިމް ވަނީ ވައުދުވެ ވަޑައިގެންފައެވެ.
ނާޒިމްވަނީ އެ ސަރަހައްދުގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ގެންނާނެ ބައެއް ބަދަލުތައް ވެސް ހާމަކުރައްވާފައެވެ.
އެގޮތުން އެރަށުގެ ކޯލްޑް ސްޓޯރޭޖު 10،000 ޓަނަށް އިތުރުކޮށްދީ، ދަޅުގައި މަސް ބަންދުކުރާ ފެކްޓްރީއެއް ގާއިމު ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި، ކޫއްޑޫ ބަނދަރަށް އެއްފަހަރާ 1500 ޓަނުގެ މަސް ކިރޭނެ ގޮތަށް ތަރައްގީ ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް އަޅާނުލައި، ދޫކޮށްލާފައި އޮތްކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ، މަސްވެރިކަމަށް ނުކުންނަން ތިބި ޒުވާނުން މިއަދު ތިބީ ސަރުކާރު ކުންފުނިތަކުގައި "ކަސްތޮޅު" އެޅިފައި ކަމަށެވެ.
"ކުންފުނިތަކުން މި ވަނީ މަސްވެރިކަމަށް ދާން ތިބި ހުރިހާ ޒުވާނުން އަތުލައިގަނެ، ކަސްތޮޅު އަޅުވައި، 8000 ރުފިޔާއަަކީ އެ މީހުންނަށް ހައްގު މިންވަރު ކަމުގައި ބުނެދީފައި. އެ 8000 ރުފިޔާގައި ޖެހި އެ ކުދިން އެ ތިބީ ތާށިކޮށްލާފައި،" އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއްގައި މަސްވެރިކަމަކީ ނަފާވާނެ ދާއިރާއަކަށް ހަދައިދޭނެ ކަމަށެވެ. އެގޮތުން މަސްވެރިކަން ކުރަން ބޭނުންވާ މީހުންނަށް މަސް އޮޑިތައް ބަނދެދީ، ދިގުމުއްދަތަށް ފައިސާ ދައްކާގޮތަށް ދޫކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އަދި، އޮޑިފަހަރަށް ބޭނުންވާ ފެން ފިނިކުރާ ނިޒާމާއި، ބްރައިން ފްރީޒިން ޓޭންކު ވެސް އެ އުސޫލުން ލިބޭނެ ގޮތް ހެދުމަށް ވައުދުވެވަޑައިގަތެވެ.
ވިލިނގިއްޔާއި ކޫއްޑޫ ބުރިޖަކުން ގުޅާލުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު 2018 ވަނަ އަހަރުގެ އިންތިޚާބުގައި ވެސް ވައުދުވެވަޑައިގަތް ކަމެކެވެ.
އެއަށް ފަހު، މަޝްރޫއު ނުހިނގާ ގިނަ ދުވަސްތަކެއް އޮތުމަށް ފަހު، މި އަހަރުގެ ކުރީކޮޅު އެ މަޝްރޫއު އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް އަދި އެ މަސައްކަތް ފަށާފައެއް ނުވެއެވެ.
ސަރުކާރުން މިހާރު ވެސް އަންނަނީ ކޫއްޑޫގެ ބަނދަރު ބޮޑު ކުރުމަށާއި، އެރަށުގެ ކޯލްޑް ސްޓޯރޭޖަށް 4000 ޓަނު އިތުރު ކުރުމަށް މަޝްރޫއެއް ހިންގަމުންނެވެ.