އުމަރުގެ ވެރިކަމެއްގައި ވިޔަފާރިތަކަށް ހުރަސް އެޅޭގޮތަށް ހުރި ގަވާއިދުތައް ނައްތާލާނެ: މާޒް ސަލީމް

އުމަރުގެ ރަނިންމޭޓް އަހްމަދު ސަލީމް (މާޒް ސަލީމް) -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަ ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ވެރިކަމެއްގައި ވިޔަފާރިތަކަށް ހުރަސް އެޅޭގޮތަށް ހުރި ގަވާއިދުތައް ނައްތާލާނެ ކަމަށް އުމަރުގެ ރަނިން މޭޓް، އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެއެވެ.

"ސަން ރިޕޯޓަރު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ނައިބުކަން ވެސް ކުރައްވާފައިވާ މާޒް ސަލީމް ވިދާޅުވީ ވިޔަފާރިތަކަށް ހުރަސް އެޅޭ ގޮތަށް ގާތްގަނޑަށް 50 ގަވާއިދު ހަދާފައި އެބައޮތް ކަމަށެވެ. އެހެންވެ، އުމަރުގެ ވެރިކަމެއްގައި އެގޮތަށް ހުރި ގަވާއިދުތައް ބާތިލް ކުރުމަށް ފަހު، ފަސޭހަކަމާއެކު އެކަން ކުރެވޭނެ ވަރަށް ފުރިހަމަ ނިޒާމެއް ގާއިމުކޮށްދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އުމަރުގެ ދައުލަތެއްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގައި ވިޔަފާރިތައް ހުއްޓާލައި އެ ވިޔަފާރިތައް ޕްރައިވަޓައިޒް ކުރާނެ ކަމަށާއި އެނޫން ގޮތަކަށް ކަންތައް ކޮށްގެން ނޫނީ ގައުމު ކުރި ނާރާނެ ކަމަށެވެ.

"ދައުލަތުން ނަގާ ފީ ތައް ކުޑަ ކުރާނަން. އަދި ކުދި ވިޔަފާރިތަކުން އެއް މިލިއަނުން މައްޗަށް ދިޔައިމަ މި ނަގައި އަޅުގަނޑުމެން ނުނަގައި އޭތި ޖައްސާނަން ފަސް މިލިއަނަށް. މިގޮތަށް ހެދީމަ ކުދިކުދި ވިޔަފާރިތަކާ މި ދުއްވާ އޮޑި ދޯނި ފަހަރުން ޓެކްސް އެއް ދައްކާކަށް ނުޖެހޭނެ،" މާޒް ސަލީމް ވިދާޅުވިއެވެ.

މާޒް ސަލީމް ވިދާޅުވީ ޓްރާންސްޝިޕްމެންޓް ބަނދަރެއްގެ ވާހަކަ ދައްކާތާ 30ހަކަށް އަހަރު ވެދާނެ ކަމަށާއި ނަމަވެސް އެ ބަނދަރު މިތަނުގައި ނެހެދުނު ކަމަށެވެ. އަދި އޭރު އެ ބަނަދަރު ވުޖޫދު ކުރި ނަމަ ރާއްޖެއަކީ މި ސަރަހައްދުގައި އޮތް މުއްސަނދި ގައުމަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މިހާތަނަށް ވެސް އެ ބަނދަރުގެ މަސައްކަތް ނުކުރެވި އޮތީ ސަރަހައްދުގެ ގައުމުތަކުގެ އުނގުގައި ސަރުކާރުތަކުން އިށީނުމުންނެވެ.

"އުތުރަގައި ބޮޑެތި އާގު ބޯޓު ފަހަރު އެލޯންގްސައިޑް ކުރެވޭ ފެންވަރުގެ ޓްރާންސްޝިޕްމެންޓް ބަނދަރެއް އަޅުގަނޑުމެން ހަދާނަން. ހަމަ އެއާއެކު ފްރީ ޓްރޭޑް ޕޯޓެއް، ޒޯނެއް، އަޅުގަނޑުމެން ގާއިމު ކުރާނަން ދެކުނުގަ،" ސަލީމް ވިދާޅުވިއެވެ.

ރާއްޖޭގެ އިގުތިސާދު ފުނޑުފުނޑުވެގެން މި ދަނީ އެވަރުގެ ވިޝަން އެއް ނެތް ވެރިން އައިސް ސަރުކާރުތަކާ ހަވާލުވާތީ ކަން ފާހަގަ ކުރައްވަމުން މާޒް ސަލީމް ވިދާޅުވީ މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މެނިފެސްޓޯގައި ވެސް މައިގަނޑު ގޮތެއްގައި ދައްކަނީ ބަނބުކެޔޮ ބޮނޑިބަތާއި ބިރިޔާނީ ކާންދޭ ވާހަކަ ކަމަށެވެ.

comment ކޮމެންޓް