ގައުމީ ޕޭމަންޓު ނިޒާމު، ފަވަރައިގެ ދެވަނަ ފިޔަވަހީގައި އެ ނިޒާމަށް ޚާއްސަ އެޕްލިކޭޝަނަކާއެކު، އިތުރު ޚިދުމަތްތައް ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަމަށް، މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބުނެފިއެވެ.
ރޭ ތައާރަފު ކުރި، ފަވަރަ ޕޯޓަލްއިން އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވެއެވެ. އަދި، ފަވަރަ އައިޑީގެ ޚިދުމަތް މެދުވެރިކޮށް، ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެސް ބޭނުންކޮށްގެން، އެކައުންޓު ނަންބަރު ހިއްސާ ކުރުމަކާ ނުލައި ފައިސާގެ މުއާމަލާތް ކުރެވޭނެއެވެ.
މީގެ އިތުރުން، އިތުރު މައުލޫމާތެއް ހިއްސާ ކުރުމެއް ނެތި، ރިކުއެސްޓެއް ފޮނުވާލައިގެން ފައިސާ ހޯދޭނެ ގޮތް ވެސް ވަނީ ހަދާފައެވެ.
އަދި، އޮޅިގެން ފައިސާއެއް ފޮނުވިއްޖެ ނަމަ ފަސޭހައިން "ރިކޯލް" ކުރެވޭނެ ފީޗާއެއް ވެސް ވަނީ ހިމަނާފައެވެ.
މި ޚިދުމަތް ދޭން ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އެމްއެމްއޭއިން ގާއިމުކޮށްދީފައިވާއިރު، މިހާރު ޚިދުމަތް ދެމުން އަންނަނީ ބޭންކުތަކުގެ އިންޓަނެޓު އަދި މޯބައިލް ބޭންކިން އެޕްތައް މެދުވެރިކޮށެވެ.
މިއަދު އެމްއެމްއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ޕޭމަންޓު ސިސްޓަމްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ހައްވާ ލަތީފް ވިދާޅުވީ އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިމޭއިރު، އޯޕަން ބޭންކިންގެ ޚިދުމަތް ލިބޭނެކަމަށެވެ. އެއާއެކު، ކޮންމެ ބޭންކެއްގެ އެޕަކުން ވެސް ހުރިހާ އެކައުންޓުތަކެއް މެނޭޖުކުރެވޭނެއެވެ.
މީގެ އިތުރުން ހައްވާ ވިދާޅުވީ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި އެ ޕޯޓަލް އަށް ހާއްސަ އެޕެއް ލޯންޗު ކުރާނެ ކަމަށެވެ.
"އޭގަ ހަމަ މިހުރިހާ ޚިދުމަތްތަކެއް ލިބިގެންދާނެ އަދި އޭގެ އިތުރުން ކިއުއާރު ކޯޑު ބޭނުން ކޮށްގެން ވެސް ޓްރާންސެކްޝަން ހެދޭނެ،"،
"ހުރިހާ ބޭފުޅުންނަށް ވެސް ފަސޭހައިން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން އެއް ދިނީމަ އެ ބޭފުޅުންގެ އިންވެސްޓްމެންޓް ކޯސްޓު ކުޑަވެގެންދޭ އަދި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދޭ،" އޭނާ ވިދާޅުވިއެވެ.
ފަވަރަގެ ޚިދުމަތް މިހާރު ދެމުން އަންނަނީ ތިން ބޭންކަކާ ގުޅިގެންނެވެ. އެއީ، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާއެވެ. ބާކީހުރި ބޭންކުތަކުން އެ ޚިދުމަތާ ގުޅުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
މީގެ އިތުރުން ވަރަށް އަވަހަށް، ޕޭމަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އެހެން ކުންފުނިތަކަށް ވެސް ގުޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.