މާލޭ ހުޅަނގުފަރާތު ތޮށިމައްޗަށް ނުކުމެ ބަލާލައިފި މީހަކަށް ބުރިޖުގެ މާބޮޑެތި މަސައްކަތްތަކެއް ހިނގާތަނެއް ނުފެންނާނެއެވެ. މޫދުން ހައެއްކަ ތަނބު މައްޗަށް އަރާ ހުއްޓެއް ކަމަކު އެ ތަނުގައި އަދި ބުރިޖެއްގެ ސިފަ ޖެހޭކަށް ނޫޅެއެވެ.
މީހުން ތިލަމާލޭ ބުރިޖުގެ މަސައްކަތް ލަހޭ، ނުނިމޭނެޔޭ ކިޔަނީ އެހެންވެއެވެ.
އެކަމަކު، ބުރިޖު އިމާރާތް ކުރާ މަގުން ދުއްވާލައި، މަސައްކަތު ސައިޓުތަކަށް ޒިޔާރާތް ކޮށްލުމުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ކަނޑުމަތީގައި ކުރަމުންދާ މަސައްކަތް ހިމެނޭހެން ޖުމުލަ ހަތް ސައިޓެއްގައި ބުރިޖުގެ އެކި ބައިތަކުގެ މަސައްކަތް ރެއާއި ދުވާލު މެދުނުކެނޑި އެބަ ކުރިއަށްދެއެވެ. ތައްގަނޑުތަކާއި، ތަނބުތަކާއި، ބެރިތަކުގެ މަސައްކަތް އެއް ފަހަރާ ކުރިއަށް އެބަދެއެވެ.
ލަސްތަކެއް އެބަހުރި، އެކަމަކު ގަޑިނުޖެހޭ
ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތަކީ ތިލަމާލެ ބުރިޖުގެ މާލެ-ވިލިނގިލި ބައި ނިންމަން އެފްކޮންސްއަށް ދީފައި އޮތް މުއްދަތަކީ މި އަހަރުގެ އިންތިޚާބުގެ ކުރިން ކަމަށެވެ.
އެހެން ހީކުރެވެނީ، މި އަހަރުގެ ޖުލައި ނުވަތަ އޮގަސްޓަށް އެ ހިސާބަށް މަސައްކަތް ނިންމާލެވޭނެ ކަމަށް އޮފިޝަލުން އެކި ފަހަރު މަތިން ވިދާޅުވެފައިވާތީއެވެ. އަދި، އެއީ ސިޔާސީ ގޮތުން އެންމެ ދެކޮޅުޖެހޭ ގޮތް ކަމުގައި ވެސް ވެދާނެއެވެ.
އެކަމަކު އެފްކޮންސްއިން ދޭ އިތުބާރަކީ، މިހާތަނަށް މަޝްރޫއުގެ ތެރެއިން ފާހަގަ ޖަހާފައި އޮތް ދެ ސުންގަޑިއަށް ވެސް މަސައްކަތް ނިންމާލުމެވެ.
ބުރިޖުގެ މަސައްކަތާ 2021 ވަނަ އަހަރު އޯގަސްޓު މަހު ހަވާލުވުމަށް ފަހު، އެންމެ ފުރަތަމަ ކުރަން ޖެހުނު ކަމަކީ ބުރިޖު އަޅާ ސަރަހައްދުގެ ދިރާސާކޮށް، ސާވޭތައް ނިންމާ، ފަަރުމާ ކުރުމެވެ. އެއާ އެކު، ހުހަށް އޮތް ގުޅީފަޅުގައި މާސިންގާ ޕްރީކާސްޓިން ސެޓަޕެއް ހަދައި، ތައްޔާރުވާން ޖެހުނެވެ.
އެއަށް ފަހު، މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޓެސްޓު ޕައިލްތައް ޖަހަންފެށި ގޮތަށް މިހާތަނަށް ވަނީ ޖުމްލަ 68 ތަނބުގެ ތެރެއިން ފުރަތަމަ 40 ތަނބާ ހަމައަށް ޕައިލިންގެ މަސައްކަތް ނިންމުމާ ގާތްކޮށްފައެވެ. އޭގެ ތެރެއިން އަދި މަސައްކަތް ނުފެށި ހުރީ ހަމައެކަނި ތިންހަތަރު ތަނބެކެވެ. އެއީ އެ ކަނޑުއޮޅީގެ އެންމެ ފުނުގައި ޖަހަންޖެހޭ ތަނބުތަކެވެ.
ބުރިޖުގެ ތަނބުތައް އެކުލެވިގެންވަނީ ކަނޑުގެ އަޑިން ފަށާ ޕައިލްތަކުގެ އިތުރުން އޭގެ މަތީގައި ބަހައްޓާ ބެރި/ ޕިއާގެ މައްޗަށެވެ. ވިލިނގިއްޔާ ކައިރިން މިހާރު ބައެއް ތަނބުތައް ހުރީ ޕައިލް ކެޕު ޖަހަން ތައްޔާރުކޮށްފައެވެ. އެއަށް ފަހު އެ ތަނުގައި ބަހައްޓާނީ ޕިއާތަކެވެ.
ގުޅިފަޅާއި، ތިލަފަޅާއި، ވިލިނގިލިން ބިންހިއްކައިގެން ހަދަންޖެހޭ ހުރިހާ މަގުތަކެއް ހިއްކުމުގެ މަސައްކަތް މިހާރު ހުރީ ނިމިފައެވެ. ފަސް ހަރުވިހާ އަވަހަކަށް އެ ތަނުގައި މަގުހަދަން ފަށަންވީއެވެ.
މީގެ ހަތަރު މަސް ކުރިން ފެށި ޕްރީކާސްޓިންގެ މަސައްކަތުން ހެދި 70 ސެގްމެންޓު މިހާރު ގުޅީފަޅުގައި ބަރި ޖަހާލާފައި އެބަހުއްޓެވެ. ތައްޔާރުކޮށްފައި އެހެރީ މީގެ ތިން މަސް ފަހުން، ބުރިޖުގެ އޮނިގަނޑާ ގުޅުވާލުމަށެވެ.
ދެން އެ ކުންފުނިން އެންމެ އަވަހަށް އަތުލަންޖެހޭ ތާރީޚަކީ ޑިސެންބަރު 2023އެވެ. އެއީ ކޮންޓްރެކްޓުގައި މާލެ-ވިލިނގިލި ގުޅާ ނިންމާލުމަށް އޮތް ސުންގަޑިއެވެ.
މަސައްކަތެރިންނާ ވާހަކަދައްކާލުމުން އެނގުނު ކަމަކީ، ހުޅަނގު މޫސުމުގައި މާލެ-ވިލިނގިލި ކަނޑުއޮޅީގެ އޮއެވަރާއި ބާނި ހުންނަ ގޮތުން މަޝްރޫއުގެ ފުރަތަމަ ދުވަހުން ފެށިގެން ދަތިތަކެއް ހުރިކަމެވެ. އަދި، އޮމިކްރޯން ފެތުރު ދުވަސްވަރު ކުރިމަތިވި ދަތިތަކާ ހެދި ވެސް ލަސްތަކެއް އައެވެ.
އެކަމަކު، މަޝްރޫއާ ހަވާލުވެ، ވޭތުވެދިޔަ ދެ އަހަރު ކުރެވުނު މަސައްކަތާ އެކު، އެފްކޮންސްގެ ރޫހު ހުރީ ސުންގަޑިއަށް އެކަން ވެސް ނިންމާލުމަށެވެ. ލަސްވިޔަސް ދެތިން މަހަކަށް ވުރެ އިތުރު ނުކުރުމަށެވެ.
ކޮލިޓީގެ ސުވާލަށް އޮތް ޖަވާބު
ބުރިޖުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް ފަރަށް އެރުމާއި، ކެރޭނެއް ފަށްފަށްޖެހިގެން ވެއްޓުން ފަދަ ކަންކަމަކީ އެ މަޝްރޫއުގެ ފެންވަރާ މެދު ގިނަ ބައެއްގެ ހިތުގައި ސުވާލުއުފެއްދި ހާދިސާތަކެވެ.
އެކަމަށް އެ މަސައްކަތުގައި އުޅޭ މީހުން ބުނަނީ މިހެންނެވެ؛ ދިގުމިނުގައި ހަތް ކިލޯމީޓަރު ހުންނަ ބޮޑު ބުރިޖެއްގެ މަސައްކަތަށް އެއްފަހަރާ ވިހި، ފަންސަވީސް ކެރޭނު/ ޕްލެޓްފޯމް ނެރެގެން އުޅޭއިރު އެކަހަލަ ކަމެއް، ދެކަމެއް ނުވެ ނުދާނެއެވެ.
ދިވެހިން ބުރިޖެެއް އަޅާތަން ދެކޭ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ފެނުނު، ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށް ދިޔައިރު އޮތް ފަދަ ވަގުތީ ބުރިޖެއް މި މަސައްކަތުގެ ތެރެއިން ނުފެނެއެވެ. މިއީ ވެސް ގިނަ ބައެއްގެ ހިތުގައި ޝައްކުތައް އުފަންވާ ހިސާބެކެވެ.
އެކަމަކު، މިހާރު ތަނބުތަކުގެ މަސައްކަތް ކުރަމުންދާ ޕްލެޓްފޯމަކާ ކައިރިވެލުމުން އެއަށް ވެސް ޖަވާބު ލިބެއެވެ.
މިހާރު ބުރިޖުގެ 12 ވަނަ ތަނބުގެ މަސައްކަތުގައި އޮތް "މަހާރާނީ" ޕްލެޓްފޯމް އޮތީ ކަނޑުގެއަޑިން ބިމަށް އޭގެ ފައިތައް ހަރުކޮށްލާފައެވެ. ޕައިލްތައް އެޅުމަށް ބޭނުންވާ ތައްގަނޑު ކަނޑުގެ އަޑިން ބިމުގެ 20 މީޓަރު އަޑިއަށް ތޮރުފައި، އެ ހިސާބުން ސީދަލަށް ފެންމަތިކޮށް، ކޮންކްރީޓު އޮއްސާލަން ތައްޔާރުގައެވެ. ކައިރީގައި ކޮންކްރީޓު ބެޗިން ޕްލާންޓެއް ބަނޑެއްގައި ކައިރިކޮށްފައި އޮތެވެ.
މިއީ ވިލިނގިލީ ކައިރިން ކުޑަ ތަންކޮޅަކަށް އަޅާފައި އޮތް ވަގުތީ ބްރިޖާ ކައިރީ ހުރި ތަނބުތައް ފިޔަވައި، އެހެން ހުރިހާ ތަނބުތަކެއް ބެހެއްޓުމުގައި ކަންކުރާނެ ގޮތެވެ. މިހެން ހެދުމުން، ވަގުތީ ބުރިޖެއްގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުން ކުޑަވެއެވެ. އަދި އެއީ ކޮލިޓީން އުނިވާ ކަމެއް ވެސް ނޫނެވެ.
މަޝްރޫއުގައި ބޭނުންކުރާ މެޓީރިއަލްއާއި، އުކުޅުތަކަށް، އަދި ނަތީޖާއަށް ފާރަވެރިވުމަށް ޕްލޭނިން މިނިސްޓްރީން އައްޔަނުކޮށްފައިވާ މިނިވަން ކޮންސަލްޓެންސީ ފާމެއް ކަމަށްވާ އަރޫޕްގެ 48 މުވައްޒަފުންގެ ޓީމެއް ހަރަކާތްތެރިވެއެވެ.
ބުރިޖުގެ މަސައްކަތަށް ބޭނުންކުރާ ކޮންމެ ކޮންކްރީޓް ބެޗަކުން ފެށިގެން، ޕްރީކާސްޓް ސެގްމެންޓުތައް، އަދި މަސައްކަތުގެ ވެއްޓާއި، މާހައުލުގެ ފެންވަރު އެ ޓީމުން ކޮންމެ ދުވަހަކު ޔަގީން ކުރެއެވެ. އެއީ ސިނަމާލެ ބްރިޖު މަޝްރޫއު ވެސް ބެލެހެއްޓި ކުންފުންޏެވެ.
އެހާ ގާތުން ކޮލިޓީ ޓެސްޓުކޮށް، ބަލަމުންދާއިރު ވެސް އެފްކޮންސް އިން މަސައްކަތް ކުރަނީ އޭގެން އެންމެ މަރުހަލާއެއް ވެސް ވައްޓައިނުލައެވެ. މުޅި މަޝްރޫއާ ހަވާލުވެ ހުންނެވީ، ހިމާލަޔާ ފަރުބަދަތަކުގައި، ޗޭނާބް ކޯރު ހުރަސްކޮށް އެޅި، ދުނިޔޭގެ އެންމެ އުސް އާކް ބްރިޖުގެ ޗީފް އިންޖިނޭރެވެ. އޭނާގެ އަތްދަށުން މަސައްކަތް ކުރަން ތިބީ ވެސް، އިންޑިއާއާއި، މެދުއިރުމަތީގައި، އެފްކޮންސްއިން ހިންގި ބޮޑެތި މަޝްރޫއުތަކުގެ ތަޖުރިބާ ހުރި މީހުންނެވެ.
ރެއާއި ދުވާލު، ހަތް ސައިޓުގައި އެއް ފަހަރާ، އެ އެންމެން މަސައްކަތް ކުރަނީ އެއް މަސައްކަތެކެވެ. ކޮލިޓީ ކަށަވަރުކޮށް، ކޮންޓްރެކްޓުގައި އޮތް ތާރީޚު ކަމުގައިވާ، އަންނަ އަހަރުގެ މެއި މަހަށް ބުރިޖުގެ މަސައްކަތް ނިންމާލުމަށް ކުރެވެން އޮތްހާ ކަމެއް ކުރުމެވެ. ދެނީ، ކޮލިޓީއާ އެކު ވަގުތަށް ބުރިޖު ނިންމާނެ ކަމުގެ ޔަގީން ކަމެވެ.