ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރާއިރު ތިމާވެއްޓަށް ގެއްލުން ލިބޭ އަމަލުތަކުން ދުރުހެލި ވުމަށް, އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ގޮވާލައިފިއެވެ.
އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ބައެއް ރަށްރަށުގައި ހިމާޔަތް ކޮށްފައިވާ ގަސްގަހާ ގެއްސަށާއި ދުވަސްވީ ބޮޑެތި ގަސްތަކަށް މޮހޮރު ފަދަ އެއްޗެހި ޖަހާ ގެއްލުން ދޭކަން އެ އެޖެންސީއަށް ފާހަގަ ކުރެވިފައި ވާކަމަށެވެ.
އަދި، ރުއްގަހަށް ސްޕްރޭކޮށް ދަވާދު ލުމާއި ކެމްޕެއިން ހަރަކާތްތަކަށް ބޭނުން ކުރާ ބައެއް ލީފްލެޓާއި ޕޯސްޓަރު ފަދަ ތަކެތި މަގުމައްޗަށް އަޅާކަން ވެސް ފާހަގަ ކުރެވިފައި ވާކަން އެ ބަޔާނުގައި ވެއެވެ.
"މީގެ އިތުރުން އެކި އިވެންޓުތަކުގައި ގިނަ އަދަދަކަސް ސިންގަލް ޔޫސް ޕްލާސްޓިކް ފެންފުޅި ބޭނުން ކުރުމަށް ފަހު ކުނީގެ ގޮތުގައި ބޭނުން ކުރުމަށް ފަހު އުކާލުމަށް ފަހު އެ ތަކެތި ރަނގަޅަށް މެނޭޖް ނުކުރާކަން ވެސް ވަނީ ފާހަގަ ކުރެވިފައި،" އެ ބަޔާނުގައި ވެއެވެ.
އެހެންކަމުން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާއިރު މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް ސަމާލު ވުމަށް އީޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އީޕީއޭއިން މިފަދައިން އިލްތިމާސް ކޮށްފައި ވާއިރު، މިއަހަރުގެ އިންތިޚާބީ މަރުކަޒުގެ ގޮތުގައި ބޭނުންކުރާ ދަރުބާރުގެ އަދި ޕޯޓް ކޮމްޕްލެކްސް އިމާރާތުގައި ހުންނަ، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މައި އޮފީސް ސަރަހައްދުގައި ކެމްޕެއިން ބެނާ އަދި ދިދަ ދެމުން ފަދަ ކަންކަން ނުކުރުމަށް އީސީން ވެސް ވަނީ އަންގާފައެވެ.