ނުއުފަން ދަރީގެ ހަނދާނުގައި ގިސްލާ ރޮނީ!

ނިދާފަ އޮއްވާ ސިއްސައިގެން ގޮސް ހޭލެވެއެވެ. ކުއްލިއަކަށް ހުރެ ރޯން ފެށެއެވެ. މީހުންނާ ވާހަކަ ދައްކާ ހިތެއް ނުވެއެވެ. ނުކެވެއެވެ. އެހެން މީހުނަށް ނުފެންނަ މަންޒަރުތައް އޭނައަށް ފެންނަ ކަމަށް ބުނެއެވެ. އެކަނި ހުރެ ވާހަކަ ދައްކައެވެ. އޭނާ އުޅޭ ގޮތް ފެނިއްޖެ މީހެއްގެ ހިތަށް ވެސް ކެތްނުވާނެއެވެ. ދަރިފުޅު ބައިގެން ދިއުމާ އެކު އޭނާގެ ދިރިއުޅުން ބަދަލުވީ ހީވެސް ނުކުރާ ގޮތަކަށެވެ.

އޭރު އައިޝަތު އީފާގެ އުމުރުން 19 އަހަރެވެ. އޭގެ ފަހުން މިހާރު ދެ އަހަރު ފާއިތުވެގެން ދިޔައީއެވެ. ބަނޑުބޮޑުވެ މާބަނޑު މީހެއްގެ ގޮތުގައި ކިތަންމެ މަދު ދުވަހެއް ހޭދަކުރި ނަމަވެސް އެ ހިތުގައި އޭނާގެ ދަރިފުޅާމެދު އުފެދުނު މައި ކުލުނަކީ ދަރިފުޅު ވެއްޓުނު ހިސާބުން ނެތިގެން ދާވަރަށް ވުރެ މާ ވަރުގަދަ ކުލުނެކެވެ. ދަރިފުޅު ބީވެގެން ދިއުމާއެކު އޭނާ ވެއްޓުނު ހިތާމައިގެ އަނދަވަޅުން އަރައިގަންނަން އީފާގެ ދެމަފިރިންނަށް އެތައް ދުވަހެއް ނެގިއެވެ.

މިއީ އީފާގެ އޭރުގެ ފިރިމީހާއަށް ވެސް ފަސޭހަ ދަނޑިވަޅެއް ނޫނެވެ. އެ ދަރިފުޅުގެ ވަކިވުމުން އެ ކުއްޖާގެ ބައްޕައަށް ވެސް ގެނުވީ ފުން ހިތާމައެކެވެ.

"ދުވަހަކު ވެސް ނުބުނެވޭނެ މިދުވަހު އޭ އީފާ އެކަމުން އަރައިގަތީ އެއް. އިޓްސް އޯލެވޭސް ދެއާ. ކުދިކުދި ކަންތައްތައް ވީމަ ވަރަށް ބޮޑަށް މީހާ ދެރަވޭ އަދިވެސް،" އީފާ ބުންނެވެ.

މިހާރު ވެސް ކުޑަ ކުދިން ފެނުމުން ހިތުގައި ޖެހެއެވެ. އޭނާގެ ދަރިފުޅު ހުންނާނީ ކިހިނެތް ބާއޭ ހިތަށް އަރައެވެ. އެ ކުއްޖާގެ މަތިން ހަނދާންވެ ދެރަވެއެވެ. ރޮވެއެވެ.

މިއީ ކުޑަކަމެއް ނޫން

މިއީ ބައިގެންދިއުން ނުވަތަ ބަނޑަށް ދަރިފުޅު މަރުވުމުގެ ހިތާމަވެރި ވޭނީ ތަޖުރިބާ ކޮށްފައިވާ އެތައް ބައެއްގެ ހާލެވެ. މިފަދަ ހާދިސާތަކަކީ ދެމަފިރިންނަށް ނަފްސާނީ ގޮތުން އެތައް އަސަރެއް ކުރުވާ ކަމެކެވެ. މި ހިތާމައިގައި އެތައް ދުވަހެއް ގިނަ މީހުން ހޭދަކުރާއިރު އެ ހަނދާންތައް އަބަދު ވެސް އެމީހުންނާ އެކު ވެއެވެ. ބައިގެންދިއުމަށް ފަހު ދެމަފިރިން އެ ކުރާ ހިތާމަ އާއި އަޅާ ވޭނަކީ މުޖުތަމައުގެ ގިނަ މީހުން ދައްކަން މާ ގަޔާވާ ވާހަކައެއް ނޫނެވެ.

އެއީ ބައެއް މީހުނަށް އެ ތަޖުރިބާ ނުކުރެވޭތީއެވެ. ނުވަތަ އެކަން ތަޖުރިބާ ކުރާ މީހުން އެ ވާހަކަ ދައްކާ އަޑު ނީވޭތީއެވެ. ނުވަތަ އެއީ ދައްކަން ޖެހޭ ވާހަކައެއް ކަމަށާއި އެއީ މާބޮޑުކަމެއް ނޫންކަމަށް ގަބޫލު ކުރެވެނީއެވެ. ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ދެމަފިރިންނާ ބައްދަލު ނުވާ ދަރިއަކު ވަކިވެ ދިއުމުން އެކަން ހަނދާން ނައްތާލަން ވަރަށް ފަސޭހަ ވާނެއެވެ.

ބައިގެންދިއުމުން ނުވަތަ ބަނޑަށް ދަރިފުޅު މަރުވުމުން ކުރާ ހިތާމައިގައި ނަފްސާނީ ގޮތުން އަސަރު ކުރަނީ، ލޯބިވާ މީހަކު ދުނިޔެއިން ވަކިވުމުން އެ ކުރެވޭ އިހުސާސް ބައިގެންދިއުމުން ވެސް މައިންބަފައިންނަށް ކުރެވޭތީއެވެ. އެމީހުންގެ ދަރިފުޅު ދުނިޔެއަށް އުފަންވެ އެ ކުއްޖާގެ ސޫރަ ނުފެނުނު ކަމުގައި ވިޔަސް އަދި ކުއްޖާގެ ރުއިމުގެ އަޑު ކަންފަތުގައި ނުޖެހުނު ކަމުގައި ވިޔަސް ދަރިއަކު އުފަންވާން އުޅޭކަން އެނގޭ ހިސާބުން މައިންބަފައިންގެ ހިތުގައި ދަރި ކުލުނު އުފެދެއެވެ.

ބައިގެންދިއުމުގެ ސަބަބުން ދެމަފިރިންނަށް ނަފްސާނީ ގޮތުން ކުރިމަތިވާ ކަންކަމުގެ ތެރޭގައި މާބޮޑަށް ކަންބޮޑުވުން، ބިރުގަތުން، އަމިއްލަ ނަފްސު އެކަހެރި ކުރުން، އަމިއްލަ ނަފްސު ކުށްވެރިކުރުން އަދި ނުނިދުން ފަދަ ކަންކަން ހިމެނެއެވެ. މި ކަންކަމަށް މެދުވެރި ވަނީ ބައިގެންދިއުމުގެ ސަބަބުން އިހުސާސްވާ އިހުސާސްތަކުގެ ސަބަބުންނެވެ.

އެގޮތުން އެފަދަ މީހުނަށް ތިމަންނަ "ފެއިލް" ވެއްޖެއޭ އިހުސާސް ކުރެވޭ ފަހަރު އާދެއެވެ. ނުވަތަ އޭނާގެ ދަރިފުޅު ބައިގެންދިޔައީ އޭނާ ކުރި ކަމަކުން ނުވަތަ އޭނާގެ ކިބައިގައި ހުރި ސިއްހީ މައްސަލައެއްގެ ސަބަބުންނޭ ވެސް ގަބޫލު ކުރެވެއެވެ. އެފަދަ ހާލަތްތަކުގައި އެކަން ތަޖުރިބާ ކުރާ މީހާ އެ ވާހަކަ އެހެން މީހަކާ ދައްކަން ބޭނުން ނުވާ ފަހަރު އާދެއެވެ. އަދި އެއީ "ޕާސަނަލް" ވާހަކައަކަށް ވުމުން އެ ވާހަކަ ގިނަ ފަހަރަށް ބޭއްވެނީ ވެސް ބައިގެންދިއުން ތަޖުރިބާ ކުރާ ދެމަފިރިންގެ ދޭތެރޭގައެވެ.

16 މާޗު 2016: އައިޖީއެމްއެޗު ސަރަހައްދުން ދެމީހަކު މާސްކު އަޅައިގެން ހިނގާފައި ދަނީ: ބައިގެން ދިއުން ރާއްޖޭގައި ވަރަށް އާއްމު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގިނަ ފަހަރަށް މިފަދަ ވާހަކަތައް ރައްޓެއްސަކާ ހިއްސާކުރި ނަމަވެސް އެކަމުގައި އެކުލެވޭ ޖަޒުބާތުތައް އެ މީހުނަށް ފަހުމެއް ނުވެއެވެ. ރަހުމަތްތެރިޔާ ހަމައަކަށް އަޅުވައިދިނުމަށް ވެސް އެމީހުނަށް ބައެއް ފަހަރު ބުނެވެނީ އެހެން ކުއްޖަކު ހޯދުމުން އެ އެކަނިވެރިކަމާ މާޔޫސްކަމުން ދުރުވާނެ ކަމަށެވެ.

"މުޖުތަމައުގެ ގިނަ މީހުންނަކަށް ނޭންގޭ ދަރިފުޅު ބައިގެން ދިއުމުން ލިބޭ ހިތާމައަކީ ކިހާ ވޭން ހުރި ކަމެއްކަން. މިފަދަ ހިތާމައެއް ތަޖުރިބާ ކުރަމުން ދާ މީހަކު އަލުން ދަރިމައި ވުމުގެ ހިޔާލު ކުރުން ވެސް އެމީހަކަށް ވަރަށް ބިރުވެރި ކަމެއްގެ ގޮތުގައި އިހުސާސް ކުރެވިދާނެ،" ބައިގެންދިއުމުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ އުނދަގޫތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ތިބާ ސައިކޮލޮޖީގެ ކޯ ފައުންޑާ އަދި ސައިކޮލޮޖިސްޓް ޝުޒްނާ މަޖްދީ ވިދާޅުވިއެވެ.

ޝުޒްނާ ވިދާޅުވީ، ކުރިން ކޮށްފައިވާ ބައިގެންދިއުމުގެ ތަޖުރިބާގެ ބިރުވެރިކަން ހަނދާންވެ ހާސްކަން މަތީ ތިބެވޭތަން އަންނަ ކަމަށެވެ.

ޝުޒްނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ބައިގެންދިއުމުގެ ސަބަބުން ނަފްސާނީ އެހީތެރިކަން ހޯދާ މީހުން މަދެވެ. މިކަމުގެ ސަބަބުތައް ވެސް ބައިވަރެވެ. އަހަރެމެންގެ މުޖުތަމައިގައި ބައިގެންދިއުން ސިފަކޮށްފައި ވަނީ އެއީ ވަރަށް ކުޑަ ކަމެއްގެ ގޮތުގައެވެ. އަދި އެ ހިތާމަ ކުރަންޖެހޭނީ ސިއްރުގައި ކަމަށާއި ބައިގެންދިއުމަކީ މާބޮޑު ހިތާމައެއް އެކަމުން ނުލިބޭ ކަމެއްގެ ގޮތުގައި ސިފަކޮށްފައި ވެއެވެ. ބައިގެންދިއުމުގެ ސަބަބުން މި ކުރިމަތިވާ ނަފްސާނީ އުނދަގޫތަކަށް ފަރުވާ ހޯދިދާނެކަން ވެސް އަދި އެހީއަށް އެދޭނީ ކިހިނެތް ކަން ވެސް ބައެއް މީހުނަށް ނޭންގެއެވެ.

ބައިގެންދިއުމުގެ ސަބަބުން ފިރިހެނުން ކުރާ ހިތާމައަކީ ވެސް މުޖުތަމައުތެރޭ ދައްކަން ބޭނުން ނުވާ ވާހަކައެކެވެ. މި ހިތާމައާ އެކި މީހުން ކުރިމަތިލާނީ އެކި ގޮތައްކަމަށް ބޭރުގެ ބައެއް ރިސާޗްތަކުން ދައްކައެވެ. އެގޮތުން އަންހެނުން އެމީހުންގެ އިހުސާސްތަކުގެ ވާހަކަ ދައްކައިގެން އެކަމާ ކުރިމަތިލާއިރު އެއާ ޚިލާފަށް ފިރިހެނުން އެމީހުންގެ ވިސްނުންތަކުން ދުރަށް ދިއުމަށް ކޮންމެވެސް ކަމެއްގައި ގިނަ ފަހަރު ޝާމިލްވެއެވެ.

ނަމަވެސް އަހަރެމެންގެ މުޖުތަމައުގައި ފިރިހެނުން ސިފަކޮށްފައި ވަނީ މިފަދަ ހާލަތްތަކުގައި ވަރަށް ވަރުގަދަ ބައެއްގެ ގޮތުގައެވެ. އަދި އެއީ ކަރުނަ ތިއްކެއް ވެސް ވައްޓައިގެން ވާނެ ބައެއް ނޫންކަމަށް ސިފަވެ ބައެއް ފިރިހެނުންނަށް އެފަދައިން ގަބޫލު ވެސް ކުރެވެއެވެ. މި ގަބޫލު ކުރުންތަކުގެ ސަބަބުން ފިރިހެން މީހާއަށް ކުރިމަތިވާ ނަފްސާނީ މައްސަލަތަކާ ކުރިމަތި ލުމުގެ ފުރުސަތު އެމީހުނަށް ގިނަ ފަހަރު ނުލިބެއެވެ.

"އާއިލާ އަދި ރައްޓެހިންގެ ތެރޭގައި ވެސް ގިނަ ފަހަރަށް ސިފަވެފަ އިންނަނީ އަންހެން މީހާއޭ ބޮޑަށް ހިތާމަ ކުރަނީ. އަދި ގިނަ ފަހަރަށް ފިރިހެން މީހާއަށް ވެސް ގަބޫލު ކުރެވެނީ ތިމަންނަ ވަރަށް ސްޓްރޯންގް ވާން ޖެހޭނެ އޭ. އެހެން ކަމުން އަމިއްލަ އިހުސާސްތައް އޮއްބާލެވޭ. އެހެންކަމުން އާއިލާ އަދި ރައްޓެހިންގެ ސަޕޯޓް ވެސް ލިބެނީ ގިނަ ފަހަރަށް އަންހެން މީހާއަށް،" ޝުޒްނާ ވިދާޅުވިއެވެ.

މިފަދަ ކަންކަން ތަޖުރިބާ ކުރާ މީހުނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކި ބައިގެންދިއުމާ ގުޅިގެން ސަރުކާރުން ވަޒީފާގެ ލުޔެއް ނުދޭ ކަމެވެ. އެހެންކަމުން މިފަދަ އެތައް ކަމަކާ އެކު ވެސް ޖެހެނީ ވަޒީފާއިން ޗުއްޓީ އެއް ނަގާ ނުވަތަ ބަލިވުމުން އެ ލިބޭ ސިކް ލީވެއް ނަގާށެވެ. އެހެންކަމުން ބައިގެންދިއުމާއި މިފަދަ ނަފްސާނީ މައްސަލަތައް ކުރިމަތި ވުމުން އަލުން ވަޒީފައަށް ނުކުމެ މަސައްކަތް ކުރަން ވެސް މީހާ މުޅިން ތައްޔާރެއް ނުވެއެވެ.

"ކުޑަކުޑަ ކަމެއްގެ ގޮތުގައި ސިފަ ވިއަސް ވަރަށް ބޮޑު ކަމެއް އަސްލު މި ތަޖުރިބާ ކުރަނީ. އެހެންވީމަ ސަރުކާރުން އެފަދަ މީހުނަށް ލީވް އެއް ދޭން ޖެހޭނެ ކަމަސް ގަބޫލު ކުރަން. އެއީ ވަރަށް ރަނގަޅު ކަމެއް،" މިފަދަ މީހުނަސް ސަރުކާރުން މުސާރައާ އެކު ޗުއްޓީއެއް ދިނުމާ ގުޅިގެން ޝުޒްނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އެގްޒެކެޓިވް ޑިރެކްޓާ އައިޝަތް މިހްނާ ނާސިހް ވިދާޅުވީ، ރާއްޖޭގެ ނިސްބަތުން ބައިގެންދިއުން ތަޖުރިބާ ކުރާ މީހުން މިގައުމުގައި ގިނަ ކަމަށެވެ. އަދި ސަރުކާރުން އެމީހުނަށް ލީވްއެއް ނުދިނުމަކީ އެފަދަ ހިތްދަތި ކަންކަން ތަޖުރިބާ ކުރާ މީހުނަށް ވެސް ކުރިމަތި ވެފައިވާ ވަރަސް ބޮޑު ގޮންޖެހުމެއް ކަމަށް މިހްނާ ވިދާޅުވިއެވެ.

"އާއިލާ މީހަކު މަރުވެއްޖެއްޔާ ވަރަށް ފަސޭހައިން ލީވްއެއް އެބަ ލިބޭ. ވިހައިގެން ވެސް ދެމަފިރިންނަށް އެބަ ލިބޭ ލީވްތަކެއް. ދެން އަމިއްލަ ދަރިފުޅު ހަމަ ލޮލަށް ނުފެނުނު ކަމުގައި ވިޔަސް ބައިގެންދިޔައީމަ ނަފްސާނީ ގޮތުންނާ ޖިސްމާނީ ގޮތުން ވަރަށް ވަރަށް ބޮޑެތި އަސަރުތަކެއް އެބަ ކުރޭ އެ ކުއްޖާގެ މަންމަ އާއި ބައްޕައަށް. އެހެންވީމަ އެއީ ހަފުތާއެއްގެ ލީވްއަކަސް ވިއަސް އަދި އެއަށްވުރެ ކުރު ލީވައަކަސް ވިއަސް ވަގުތާ ހާލަތައް ބަލާފަ ހަމަ ލީވް އެއް ދޭން ޖެހޭނެކަމަށް ގަބޫލުކުރަން" މިހްނާ ވިދާޅުވިއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ވަނީ ބައިގެންދިއުމުގެ ސަބަބުން "ޕެއިޑް-ލީވް" ދޭން ފަށާފައެވެ. އެގޮތުން ބައިގެންދިއުމުގެ ސަބަބުން ލީވްއެއް ދޭން އެންމެ ފުރަތަމަ ނިންމި ގައުމަކީ ނިއު ޒީލޭންޑެވެ. އެއީ 2021ވަނަ އަހަރެވެ.

ބައިގެންދިއުމަކީ އެކަމުގައި އެތައް ވޭނަކާއި ހިތާމައެއް އެކުލެވޭ ކަމެކެވެ. މިކަމުގެ ސަބަބުން ދެމަފިރިންގެ ހުރިހާ އުންމީދެއް އުންމީދު ނުކުރާ ގޮތަކަށް ބަދަލުވެގެން ދެއެވެ. ބައިގެންދިއުމުގެ ހިތާމައާއި އެކަމުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ ކަންތައްތައް އެތައް ބަޔަކު ތަހަންމަލް ކުރަނީ ސިއްރިއްޔާތުގައެވެ. އުފާވެރިކަން ބޭރުފުށަސް ދައްކައިގެން ހުރި ނަމަވެސް ނުއުފަން ދަރިގެ ހަނދާމިގައި އެމީހުން ގިސްލާ ރޮނީއެވެ.

މިފަދަ ކަންކަން ސިއްރު ކުރުމުގެ މާޒީ އަހަރެމެންގެ ތެރެއިން މިހާރު ވަނީ ނައްތާލަން ޖެހިފައެވެ. އަދި އެހީ ބޭނުންވާ ހާލަތްތަކުގައި އެހީއަށް އެދުމުގެ މުހިންމުކަމުގެ ވާހަކަ މިހާރަށްވުރެ ތަންކޮޅެއް އަޑު ހަރުކޮށް ދައްކަން ވެއްޖެއެވެ. އީފާގެ ހާލުގައި އެތައް ބަޔަކު އެބަތިއްބެވެ.

comment ކޮމެންޓް