ޑިމޮކްރަސީން ދިވެހީންނަށް ދަސްވި އެއްޗަކީ މިއީތަ؟

ޤައުމަށް ހެޔޮއެދޭކަމަށް ބުނާމީހާގެ ބަހާއި ޢަމަލު ދިމާނުވާނަމަ އެއީ ޤައުމަށް ހެޔޮއެދޭ ފަރާތެކޭ ނުބުނެވޭނެ -- ފޮޓޯ / ދަވަޔަރ.އިން

އެންމެންކަހަލަގޮތަކަށް މިތިބީ ސިޔާސީ ވެފައެވެ. ކުރިމަތިވަމުން އަންނަ ބޮޑު ބިޔަ އިންތިޚާބުގެ އަވާގައި ޖެހިފައެވެ. ދެމީހަކު އެއްތަންވެއްޖެނަމަ އެނޫންވާހަކައެއް ނުދައްކައެވެ. މިސްކިތުން ފައިބައިގޮތަށާއި މަދަރުސާދޮށަށް ގޮސް ތިބެގެންނެވެ. ބަހާއި ޓެކްސީއާއި ސައިހޮޓާ ކެފޭތަކުގައި ތިބެގެންވެސް ދައްކަނީ ހަމަ އެ ވާހަކައެވެ. އެއީ ކޮންމެ ފަސްއަހަރަކުން އަންނަ، ޤައުމުގެ ނިސްބަތުގައި ވަރަށް މުހިއްމު ކަމަކަށްވުމާއެކު އެދަރަޖަރައަށް އެކަމާ ލާމެހުން އެއީ ހަމަ ވާނެވެސްގޮތެވެ.

ކޮންމެ ޤައުމެއްގެވެސް މެޖޯރިޓީ ރައްޔިތުންނަކީ މާބޮޑު ޢިލްމެއް ލިބިފައިނުވާ އަދި ދުނިޔެއަށް ލޯހުޅުވިފައިނުވާ މީހުންނެވެ. މި ޙަޤީޤަތުގެ ބޭނުން ސިޔާސީ ވެރީން ވަރަށް ރަނގަޅަށް ހިފައެވެ. އެގޮތުން، ފަސޭހައިން މީހުން ހެއްލޭކަހަލަ "އިނާމެއް" ދިނުމާއެކު، ނަށަނަށާފައި ކިޔާނެ ލަވަތަކާއި ތަކުރާރުކޮށް ގޮވާނެ ގޮވެލިތައް ބުނެދީ މަގުތަކަށް މީހުން ނެރެ ގުނބޯ ހައްދުވާފައި ބައިތިއްބައެވެ. ތަރައްޤީއަކީ ކޮންމެ ދެރަށަކުން އެއްރަށުގައި އެއާޕޯޓެއް އެޅުމާއި ކޮންމެ ރަށެއްގައި ބަނދަރެއް ހެދުންކަމަށް ވިސްނައިދީ ރައްޔިތުންގެ ސިކުނޑިތަކަށް ސަވާރުވެއެވެ. ބުރިޖާއި އުސްވެގެންވާ އިމާރާތްތައް ތަސްވީރުކޮށްދީ، ފުންވިސްނުމާ ތަންކޮޅެއް ދުރު މިސްކީނު ރައްޔިތުންގެ ޖަޒުބާތުތަކާ ނިކަން ރަނގަޅަށް ކުޅެލައެވެ. ނަތީޖާއެއްގެގޮތުން، ވެރިކަން ލިބިއްޖެނަމަ ކޮށްދޭނެކަމަށް އެބުނާ ބައެއް ކަންކަމަކީ އެއްގޮތަކަށްވެސް ނުވާނެ (މުސްތަޙީލު) ކަންކަންނަމަވެސް، އެއީ ހަމަ ތެދުކަމަށް ޤަބޫލުކޮށްގެން ކެންޕޭނުކުރުމުގައި އަވަދިވާމީހުން ފިސާރި ފޯރީގައި އެކަމުގައި އުޅޭނެއެވެ.

މުސްލިމު ޖަމާޢަތުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ރަނގަޅު ވެރިޔަކު ޢައްޔަނުކުރުމަކީ ވާޖިބެއްނަމަވެސް މިވާޖިބު އަދާކުރުމަށްޓަކައި ކުރެވޭ މަސައްކަތުގައި އިސްލާމްދީނާ ޚިލާފު އެތައް ޢަމަލުތަކެއް ފެންނަމުން ދެއެވެ. މީގެ އެއްކަމަކީ ނުބައިކަން ބޮޑުވެގެންވާ ރިޝްވަތު ދިނުމާއި އޭގައި ހިފުމެވެ. ބައެއްމީހުން ބުނެއެވެ. "ވޯޓޭ ކިޔާފައި ލާރިއެއް ދީފިއްޔާ އޭގައި ހިފައްޗެވެ. އެއީ ހަމަ އަހަރެމެންގެ ފައިސާއެވެ." ސީރިޔަސް ވިސްނުމަކުން ބަލާއިރު މިއީ ކިހައި ނުބައި ވާހަކައެއްހެއްޔެވެ؟ ތިމާއަށް ލިބިފައިވާ ވޯޓު ދިނުމުގެ ޙައްޤަކީ ވިއްކާ ވިޔަފާރިކުރާ އެއްޗެއްނޫނެވެ. ވޯޓާ ގުޅުވައިގެން އެއްވެސް މީހެއްގެ އަތުން މުދަލާއި ފައިސާ ނުވަތަ އެނޫންވެސް މަންފާއެއް ހޯދާނަމަ އެއީ ހުއްދަ އެއްޗަކަށްނުވާނެއެވެ. އެއީ ތިމާ ނުބުނަނީސް ކެންޑިޑޭޓެއްގެ ފަރާތުން ލިބުނު ހަދިޔާއެއްކަމަށްވިޔަސް ކަންއޮތީ މިހެންނެވެ. ވޯޓާ ގުޅުވައިގެންނަމަ އެ އެއްޗެއް ހިފުން ހުއްދައެއްނުވާނެއެވެ

ޤައުމުގެ ވަލިއްޔުލްއަމްރަކީ އެޤައުމެއްގެ ރައްޔިތުންނާ ގުޅޭ ކަންކަން ނިންމުމުގެ އެންމެ މަތީ ވިލާޔަތު (އޮތޯރިޓީ) ލިބިފައިވާ ފަރާތެވެ. އެ ބޮޑު ޒިންމާ ޙަވާލުކުރާނެ ފަރާތެއް އިންތިޚާބުކުރުމަކީ އަމާނާތެކެވެ. އަމާނާތަށް ޚިޔާނާތްތެރިނުވުމަށް ޤުރުއާނުގައި އަންގަވާފައިވެއެވެ.(އަންފާލު: 27) މުދަލާއި ފައިސާ ނުވަތަ މަންފާއެއް ހޯދުމަށްޓަކައި ވޯޓު ވިއްކާމީހުން، ވޯޓު ދެނީ ވެރިކަމަށް އެންމެ އެކަށީގެންވާ ފަރާތަށްތޯއެއް ނުބަލާނެއެވެ. ތިމާއަށް ލިބޭން އޮތް މަންފާއަކަށް ވޯޓު ވިއްކައިގެން ހޮވާ ވެރިމީހާއަކީ އެކަމަށް އެކަށީގެންވާ މީހަކަށްނުވާނަމަ އެއީ ޤައުމަށާއި މުޅި އިސްލާމީ އުއްމަތަށް ދެވޭ ދެރައެކެވެ. ބޮޑުވެގެންވާ ޚިޔާނާތެކެވެ. "އަމާނާތްތެރިކަން ގެއްލި ގޮސްފިނަމަ ޤިޔާމަތަށް އިންތިޒާރުކުރުމަށް" ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. އެހިނދުގައި ސުވާލު ދެންނެވުނެވެ. އެކަން ގެއްލި ދަނީ ކިހިނަކުންތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކަމުގެ އަހުލުވެރިނޫން މީހުންނާ ކަންކަން ޙަވާލުކުރެވިއްޖެނަމަ ޤިޔާމަތަށް އިންތިޒާރުކުރާށެވެ!"(ބުޚާރީ: 6496) މުސްލިމު ޖަމާޢަތުގެ އެންމެ މަތީ ވެރިއަކަށް، ކުފޫ ހަމަނުވާ މީހަކު ޢައްޔަނުކުރުމަކީ ކޮށްގެންވާނެކަމެއްނޫންކަން މި ޙަދީޘްފުޅުން އެނގެއެވެ.

ކެންޕޭނުގެތެރެއިން ފާހަގަކުރެވޭ އަނެއް މުންކަރާތަކީ ހަޑިހުތުރު ބަސްތަކާއި ނަންތަކާއި ލަޤަބުތައް ބޭނުންކުރުމެވެ. ހުރިހައި އަޑުތަކާއި މަންޒަރުތައް އެންމެންނަށް ހުޅުވިގެންވާ މި ޒަމާނުގައި ސިޔާސީ ބޭނުމަށްޓަކައި، ޓީވީ ޕްރޮގުރާމުތަކާއި އެކިއެކި ބައްދަލުވުންތަކުގައި މީހުންނަށް ހުތުރު ލަޤަބުތަކުން މުޚާޠަބުކުރުމާއި ލަވަތައް ހަދައިގެން ފޮނުވުން ވަރަށް އާއްމެވެ. މިގޮތުން؛ ޤައުމުގެ ވެރިކަން ކުރައްވާފައިވާ ފަރާތްތަކަށާއި އެވަގުތަކު ވެރިކަމުގައި ހުންނަވާ ފަރާތަށް ނިސްބަތްކޮށްވެސް އެކަން ކުރަމުން ގެންދެއެވެ. ނަމަވެސް ފުރައްސާރަކުރުމާއި ޢައިބު ކިޔުމާއި ނުރުހޭކަހަލަ ލަޤަބުތަކުން ގޮވުމަކީ ﷲ ޙަރާމްކުރައްވާފައިވާ ކަމެކެވެ.(ޙުޖުރާތު: 11) މުސްލިމެއްވިއްޔާ އެފަދަ ކަންކަމާ ދުރުހެލިވާންޖެހޭނެއެވެ.

ބައެއްމީހުންނަށް ހީވެފައި އޮންނަގޮތުގައި، ދޮގު ހެދުމާއި ފުރައްސާރަކުރުމާއި ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމާއި ރިޝްވަތުދިނުންފަދަ ކަންކަމަކީ ސިޔާސީ ބޭނުމަށްޓަކައި ހުއްދަވާ ކަންކަމެކެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ކުށްހީއެކެވެ! ސިޔާސީ ބޭނުމަކަށް ކުރިނަމަވެސް އެ ވާނީ ހަމަ ފާފަވެރިވާ ޙަރާމްކަންތައްތަކަށެވެ. މި ނުބައި ޢަމަލުތައް އާއްމުވުމުން އޭގެ ނޭދެވޭ އަސަރުތައް މިދަނީ ފެންނަމުންނެވެ. ދޮގުހެދުން އާއްމުވެފައިވާލެއް ބޮޑުކަމުން، އިތުބާރުކުރާނީ ކާކު ދައްކާ ވާހަކައަކަށްކަން ދެނެގަންނަން ދަތިވެއްޖެއެވެ. ރިޝްވަތު ހަދިޔާއަށް ބަދަލުވެއްޖެއެވެ. ވެރިއަކަށް އިޙުތިރާމުކުރުމެއް މިއަދަކު ނެތެވެ. އެމީހަކު ހިތަށް އެރި އެއްޗެއް ހިތަށް އެރި މީހަކާ ދިމާލަށް ގޮވަންވީއެވެ. މިއީ އިއްޔެއަކު މިއަދަކު ވެގެންއުޅޭ ކަމެއްނޫނޭ މާކުރީންވެސް އެކަންކަން އެގޮތަށް އޮތޭ ބުނެ ދިފާޢުކުރާ ބަޔަކުވެސް ތިބެދާނެއެވެ. ނަމަވެސް ބަޔަކު އިރެއްގައި ގޯހެއް ހަދާފައި އޮތުމަކީ އެ ނުބައިކަން އިތުރަށް ފުޅާކޮށް ކުރިއަށް ގެންދަންޖެހޭނެ ސަބަބެއްނޫނެވެ. މުސްލިމުންގެ ގޮތަކަށްވާންޖެހޭނީ އަބަދުވެސް މުންކަރާތްތައް މަނާކޮށް ހެޔޮ ކަންކަމަށް އަމުރުކުރުމެވެ.(އާލުޢިމްރާން: 110) ކެންޕޭނުގައި އެންމެ ގިނައިން ގޮވަނީވެސް އެހެންނެވެ. ކުރިން ހިނގާފައިވާ ނުބައިކަންކަން އިޞްލާޙުކުރާނެކަމަށެވެ. ނަމަވެސް ގޮނޑީގައި ހަމަޖެހުމުން އެ ހުރިހައިކަމެއް ހަނދާންނެތި އިހުނަށްވުރެ ގޯސްވުމަކީ ފެންނަމުންދާ ޙަޤީޤަތެވެ.

ހުތުރު ނަންތަކާއި ލަޤަބުތަކުން މުޚާޠަބުކޮށް ލަވަ ހަދައި އާއްމުކުރާ ފަރާތްތަކާމެދު ފިޔަވަޅެއް ނާޅާ ވެރިންނާއި ލީޑަރުން އެ ހަދަނީ ބޮޑު ގޯހެކެވެ. އެފަދަ ނޭއްގާނީކަން ދައްކާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅައި އެމީހުން ހަންމަތަކުރުމަކީ ރައްޔިތުންނަށް ހެޔޮ އެދިވަޑައިގެން ވެރިކަން ކުރައްވާ ފަރާތަށް އޮތް ވާޖިބެކެވެ. އަދި އެފަދަ ޢަމަލުތައް ކުރާ، ތިމާގެ ޕާޓީގެ މީހުންނަށް ނަސޭހަތްދީ ފިޔަވަޅު އެޅުމަކީ، ރައްޔިތުންނަށް ހެޔޮ އެދިވަޑައިގެން ވެރިކަން ކުރައްވާފައިވާ ފަރާތްތަކާއި، ހަމަ އެ ނިޔަތުގައި ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާ ލީޑަރުންނަށް އޮތް ވާޖިބެކެވެ. އިސްލާމީ އަގުތައް ފުނޑުފުނޑުކޮށް ﷲ ގެ އަމުރުފުޅުތަކަށް ގޮންޖަހާއިރު، ޑިމޮކްރަސީ އުޒުރަކަށް ދައްކައިގެން އެކަންކަމާ ފިޔަވަޅެއްނާޅާ ލީޑަރުންނަކީ ޙަޤީޤަތުގައި ޤައުމަށް ހެޔޮއެދޭ ބައެއްތޯ ސުވާލުކުރެވިދާނެއެވެ.

މިއީ ޑިމޮކްރަސީގެ މޮޅުދެރަ ބަޔާންކުރާ ލިޔުމަކަށްނުވިޔަސް، ސުވާލެއް ކޮށްލަންޖެހެއެވެ. "ޑިމޮކްރަސީގެ ރީތި އުސޫލޭ" ކިޔައިގެން ވާހަކަ ދައްކާމީހުންނަށް ދަސްވެފައި އެވަނީ ޙަޤީޤަތުގައިވެސް ޑިމޮކްރަސީގެ ނިޒާމުގައި އޮންނަ ސިފަތަކެއްހެއްޔެވެ؟ ރިޝްވަތު ދިނުމާއި އޭގައި ހިފުމާއި، ދޮގާއި މަކަރާއި ހީލަތް ހެދުމާއި، ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމާއި، މީހުންގެ އަބުރު ނަގައިލުމާއި، ނުރުހޭފަދަ ނަންތަކާއި ލަޤަބުތަކުން ގޮވުމާއި، އެއްބަޔަކު އަނެއްބައެއްގެ މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމާއި، އަނިޔާވެރި ޢަމަލުތައް ހިންގުންފަދަ ކަންކަންމަކީ ޑިމޮކްރަސީ ދަސްކޮށްދިން ކަންކަން ކަމުގައިވަނީނަމަ ... އެއީ ރީތި އުސޫލުތައް ދަސްކޮށްދޭ ނިޒާމެއްނޫނެވެ. އެހުރިހައި ޢަމަލުތަކެއް އިސްލާމްދީނުގައި ވަނީ ނަހީކުރައްވާފައެވެ. އެންމެހައި މުސްލިމުން އެފަދަ ޢަމަލުތަކާ ދުރުހެލިވާންޖެހޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް