ގިނަ ގައުމީ ރެކޯޑުތަކަކާއެކު، ސްވިމިން ޓީމަށް އިތުބާރު ބޮޑު!

އައިއޯއައިޖީގައި ދިވެހި ފެތުންތެރިޔަކު ވާދަކުރަނީ -- ފޮޓޯ/ އެމްއޯސީ

މަޑަގަސްކަރާގައި މި މަހު ފަށަން ނިންމާފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރާއްޖޭގެ ގައުމީ ސްވިމިން ޓީމު ފައިނަލް ކޮށްފައިވާ އިރު، ޓީމު މުބާރާތަށް ދަނީ މިދިޔަ ދެ ތިން އަހަރު ދުވަހުގެ ތެރޭގައި ވެސް ރަނގަޅު ކުރިއެރުންތަކެއް ހޯދައިގެންނެވެ. ހާއްސަކޮށް މި އަހަރު ވެސް ރާއްޖޭގެ ގައުމީ ސްވިމިން ސްކޮޑުގައި ހިމެނޭ އެތުލީޓުން ވަނީ ރަނގަޅު މުބާރާތްތަކެއްގައި ވާދަކޮށް، ގައުމީ ރެކޯޑުތަކެއް ވެސް ހަދައިފައެވެ.

މި މަހު 25 އިން އަންނަ މަހު ތިން ވަނަ ދުވަހަށް މަޑަގަސްކަރައިގައި ކުރިއަށްދާ އައިއޯއައިޖީއަށް ދާ ފެތުންތެރިންގެ ސްކޮޑުގައި ހިމެނެނީ ހަ އަންހެން ފެތުންތެރިންނާއި ހަ ފިރިހެން ފެތުންތެރިންނެވެ. ޓީމުގައި ހިމެނޭ ފިރިހެން ފެތުންތެރިންނަކީ މުހައްމަދު ރިހާން ޝިހާމް، އަލީ އިމްއާން، އަހުމަދު ނީގް ނިޔާޒް، މުބާލް އައްޒާމް އިބްރާހިމް، މުހައްމަދު އާން ހުސެއިން އަދި މުހައްމަދު ޖޫދު ފަޔާޒެވެ.

އަންހެން ފެތުންތެރިންނަކީ މިރާލް އައިން ލަތީފް، ހަމްނާ އަހުމަދު، އީން އައްބާސް ޝަރީފް، ހަނާން ހުސެއިން ހަލީމް، ޒައިނަބް އަބްދުﷲ ޝަފީގު އަދި އައިޝަތު ސައުސަނެވެ. ގިނަ އެތުލީޓުން ޕާސަނަލް ކޯޗުންނާއެކު ތަމްރީނުކުރަމުންދާ އިރު، ޓީމުން އެންމެ ބޮޑަށް އުންމީދުކުރަނީ އަނެއްކާވެސް ގައުމީ ރެކޯޑުތަކެއް އާކޮށް، އައިއޯއައިޖީގައިވެސް ފެންވަރު ސާބިތު ކޮށްދިނުމަށެވެ.

މިއަހަރު ތެރޭގައި ރާއްޖޭގެ ފެތުންތެރިން މިހާތަނަށް ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ވާދަކޮށް ރަނގަޅު ރެކޯޑުތަކެއް ހަދާފައިވާ އިރު، އޭގެ ކުރިން މިދިޔަ އަހަރު ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައިވެސް ގައުމީ ފެތުންތެރިން ވަނީ 10 ރެކޯޑެއް ހަދައިފައެވެ. އޭގެ އިތުރުންވެސް މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސް އާއި ތުރުކީގެ ކޮންޏާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައިވެސް ފެތުންތެރިން ވަނީ ގައުމީ ރެކޯޑުތައް އާކޮށްފައެވެ.

ގިނަ އެތުލީޓުންގެ ނަޒަރުގައި ކުރިއެރުން މި އަހަރު ތެރޭގައި ފެނުނަމީ އުފާވެރި މަންޒަރެކެވެ، ހާއްސަކޮށް ރަނގަޅު މުބާރާތަކަށްފަހު އައިއޯއައިޖީ އަށް ދާން ޖެހުމަކީ ވެސް އިތުބާރު ބޮޑުވާ ސަބަބެއް ކަމަށްވެސް އެތުލީޓުން ބުނެފައިވެއެވެ.

މި ވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ޒުވާން ފެތުންތެރިޔާ މެރާލް ވެސް ބުނީ އައިއޯއައިޖީއަށް ވަރަށް ބުރަކޮށް، ދެއިރު ތަމްރީނުކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު އެންމެބޮޑަށް ފޯކަސް ހުރީ ޓެކްނީކް ރަނގަޅުކުރުމަށް ކަމަށެވެ. އަދި ގައުމީ އަންހެން ފެތުމުގެ ސްކޮޑުގައި ހިމެނޭ ހަމްނާ ބުނީ އައިއޯއައިޖީގެ ކުރިން ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށްލަން ލިބުމަކީ ރަނގަޅު ފުރުސަތެއް ކަމަށާއި، މިހާރު ފޯކަސް އޮތީ އައިއޯއައިޖީއަށް ކަމަށެވެ. ހަމްނާ ބުނީ މަޑަގަސްކަރައިގެ މޫސުމީ ބަދަލުތަކުގެ ސަބަބުން ޗެލެންޖްތަކެއް ހުންނާނެ ކަމަށާއި، ޕޫލް ހޫނު ނުކޮށް އޮތުމުގެ ސަބަބުންވެސް ޗެލެންޖްތަކަކާ ކުރިމަތިވާނެ ކަމަށެވެ. އެހެން ނަމަވެސް، އެކަމަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށް ހަމްނާ ބުންޏެވެ.

ފިރިހެން ޓީމުގައި ހިމެނޭ އިމްއާން ބުނީ އައިއޯއައިޖީއަށް ކުރަމުންދާ ފަރިތަކުރުންތައް ރަނގަޅު ކަމަށާއި، އާ ރެކޯޑުތަކަކަށް ފޯކަސް ބޮޑުވާނެ ކަމަށެވެ.

"އައިއޯއައިޖީއަށް ކުރާ ޕްރެކްޓިސްތައް ވަރަށް ރަނގަޅަށް ކުރިއަށް ދަނީ. މިހާރު މިހާތަނަށް އައި އިރު، އިވެންޓުތައް ބަހައި ނިންމާފައި، ރިލޭއަށްވެސް ޓީމުތައް ނިންމާފައި އޮތީ. އެހެންވީމަ އެ ކުއްޖަކު ވާދަކުރާ އިވެންޓަކުން ރަނގަޅު ނަތީޖާއެއް ހޯދަން މަސައްކަތް ކުރަމުން މިދަނީ. ހުރިހާ ކުދިންގެވެސް އުންމީދަކީ ރަނގަޅު ރެކޯޑުތަކެއް ބްރޭކްކޮށް ރަނގަޅަށް ޕާފޯމް ކުރުން. ފަރިތަކުންތައް މިއަހަރު ފެށުނީއްސުރެވެސް ވަރަށް ބޮޑަށް އައިއޯއައިޖީއަށް ވަރަށް ބޮޑަށް، ވީކްލީ، އަދި މަންތުލީވެސް ބަލައިގެން ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ،" އިމްއާން ބުންޏެވެ.

އިމްއާން އިތުރަށް ބުނީ މިހާރު އާންމު ދިރިއުޅުމުގައިވެސް އަމިއްލައަށް ފިޓްނަސްގެ ކަންކަމަށް ސަމާލުކަން ދޭ ކަމަށާއި، މިހާރު ގައުމީ ޓީމުގެ ގިނަ ފެތުންތެރިންގެ ކުރިއެރުންތައް ހުރި ގޮތުން، ރަނގަޅު ވާދައެއްކޮށް، ސްވިމިންއިން މެޑަލްއަކާ ހަމައަށް ދެވިދާނެކަމުގެ ބޮޑު އުންމީދެއްވެސް އެބައޮތް ކަމަށެވެ. އެއީ މިފަހަރުގެ ޓާގެޓް ނޫން ނަމަވެސް، އިމްއާންގެ ނަޒަރުގައި އެއީ ކައިރި މުސްތަގުބަލެއްގައި ހާސިލުކުރަން ބޭނުންވާ ޓާގެޓެކެވެ.

ރިހާން ޝިހާމް ވެސް މިއަހަރު ތެރޭގައި ބޮޑެތި މުބާރާތްތަކެއްގައި ވާދަކޮށް، ރެކޯޑުވެސް ހޯދާފައިވާ އިރު، އައިއޯއައިޖީގެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ. ރިހާންވެސް ބުނީ އެންމެ ބޮޑު ޓާގެޓަކީ އައިއޯއައިޖީގައިވެސް ރެކޯޑުތަކެއް މުގުރާލުން ކަމަށާއި، ޓައިމިން ރަނގަޅުކުރުމަށް ކޯޗުންނާއެކު ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

comment ކޮމެންޓް