އެމްއެންޔޫއިން ސިއްރު ފެންފުއްޓާއެކު އެމްއޯޔޫ އެއްގައި ސޮއި ކޮށްފި

އެމްއެންޔޫ ސެންޓްރަލް-- ފޮޓޯ/އެމްއެންޔޫ

ދަރިވަރުންގެ މަސައްކަތުގެ ތަޖުރިބާ އިތުރުކޮށް މަސައްކަތުގެ މައިދާނަށް ތައްޔާރު ކުރުވުމަށްޓަކައި، އެމްއެންޔޫއިން ފެއާމޮންޓް ސިއްރު ފެންފުއްޓާ އެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.

އެމްއެންޔޫއިން ބުނީ އެ އެމްއޯޔޫގެ ސަބަބުން އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ދަރިވަރުންނަށް ވަޒީފާގެ މައިދާނުގައި މަސައްކަތް ކުރުމުގެ ތެރެއިން ގިނަ ކަންތައްތަކެއް ދަސްވެގެން ދާނެ ކަމަށެވެ.

މި އެއްބަސްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ، ހޮސްޕިޓަލިޓީ ފެކަލްޓީގައި ކިޔަވަމުންދާ ދަރިވަރުންނަށް އެ ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރުންގެ ފަރާތުން ބޭނުންތެރި އަދި މުހިންމު ހުނަރުތަކެއް ދަސްކޮށް، އެފަދަ ލަގްޒަރީ ރިސޯޓެއް ހިންގުމުގެ ކަންކަން ކުރިއަށްދާ ގޮތް އެ ފެކަލްޓީގެ ދަރިވަރުންނަށް ދަސްކޮށްދިނުމެވެ.

މިގެ އިތުރުން މި ފެކަލްޓީން ކޮލިފައިވާ ދަރިވަރުންނަށް ފެއާމޮންޓު ސިއްރު ފެންފުށިން އިންޓާންޝިޕްތަކާއި، ވޯކް ޕްލޭސްމަންޓުތައް ވެސް ތަފާތު ޑިޕާޓުމަންޓުތަކުން ލިބޭނެއެވެ.

އޭގެ ތެރޭގައި، ފްރޮންޓް އޮފީސް އޮޕަރޭޝަންއާއި، އެފްއެންބީ ހިދުމަތާއި، ހައުސްކީޕިންނާއި، ކަލިނަރީ އާޓްސް އަދި ސްޕާގެ އިތުރުން އަދިވެސް އެހެން މުހިންމު ދާއިރާތައް ހިމެނެއެވެ.

މި ހިންގާ ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށްޓަކައި، ސިއްރުފެންފުށިން ވެސް ދާނީ ދަރިވަރުންނަށް އަންނަ ކުރިއެރުން ވަރަށް ގާތުން ބަލާ ފެކަލްޓީއަށް އަންގަމުންނެވެ.

އެފްއެޗްޓީއެސް އާއި ސިއްރު ފެންފުށިން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޓޫރިޒަމް ދާއިރާގައި މަަސައްކަތް ކުރަން ތިބި ކުދިންގެ ތައުލީމީ ފެންވަރު އިތުރުކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައެވެ. މި އެއްބަސް ވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާވާނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ މިމަހު 17 ވަނަ ދުވަހު ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށީގައެވެ.

comment ކޮމެންޓް