އާބަންކޯ މުވައްޒަފުންގެ ވަޒީފާ ގެއްލުވައެއް ނުލާނަން: މުއިއްޒު

ކެންޕޭނު ޖަލްސާއެއްގައި މުއިއްޒު ވާހަކަދައްކަވަނީ ---

އާބަންކޯ މުވައްޒަފުންގެ ވަޒީފާ އޭނާގެ ވެރިކަމުގައި ގެއްލުވާލާނެ ކަމަށް ސަރުކާރުން ބުނަމުންދާ ބުނުމަކީ އޮޅުވާލުމެއް ކަމަށް ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާ މެނިފެސްޓޯ އިއުލާނުކުރުމުގެ ޖަލްސާގައި ވިދާޅުވީ ހުޅުމާލޭގެ ދެ ފިޔަވަހި ކައުންސިލަށް ބަދަލު ކުރާނީ ގާނޫނާއި، ގަވާއިދުގެ ދަށުން ކަމުގައެވެ.

މުއިއްޒު ވިދާޅުވީ ކައުންސިލުގެ ދަށަށް ހުޅުމާލޭގެ ޚިދުމަތްތައް ބަދަލު ކުރި ކަމުގައި ވިޔަސް، މުވައްޒަފުން ބަދަލުވުމަކީ، އެ މުވައްޒަފެއްގެ އަމިއްލަ އިޚްތިޔާރުގައި އޮންނަ ކަމެއް ކަމުގައެވެ.

އަދި ކުރިން ދެއްކެވި ވާހަކައިގައި ރިސޯސް ބަދަލުކުރުމުގެ ގޮތުގައި އޭނާ މާނަ ކުރެއްވީ ވެހިކަލްތަކާއި، ބޭނުން ކުރާ އެހެނިހެން ސާމާނު ބަދަލުކުރާ ވާހަކަ ކަމަށާއި، މުވައްޒަފުން ބަދަލު ކުރާ ވާހަކަ ނޫން ކަމުގައި ވެސް މުއިއްޒު ފާހަގަ ކުރެއްވިއެވެ.

"އެހެންނެއް ނޫން އަޅުގަނޑު އެރޭ ދެންނެވީ. ބަޖެޓް ބަދަލު ކުރާނަމޭ، ބަޖެޓާ އެކިގަ ރިސޯސް މާނައަކީ ބޭނުން ކުރާ ވެހިކަލްތަކާ ބޭނުން ކުރާ އެހެން އާލަތްތަކާ އެއްކޮށޭ ބަދަލު ކުރާނީ،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ބަޖެޓު ބަދަލު ވުމުން އެ ބަދަލުވާން ބޭނުންވާ މުވައްޒަފަކު ބަދަލުވެ ނިމުމުން ދެން ނަގަންޖެހޭ މުވައްޒަފުން ނަގާނީ އެ ބަޖެޓުގެ ތެރެއިން ކަމުގައެވެ.

ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓުގެ ޑރ. މުއިއްޒުގެ ނަމުގައި ސަރުކާރުގެ ފަރާތުން ދައްކަމުން އަންނަ ވާހަކަ އަށް މިއަދު ކަނޑިތީމުގައި އޮތް ޖަލްސާގައި އަލި އަޅުވައިލައްވާ އޭނާ ވަނީ އެކަން ދޮގު ކުރައްވައިފައެވެ. އަދި އޭނާ ވަނީ ވަޒީފާ ގެއްލިގެން ނުދާނެކަން ވެސް އާބަންކޯގެ މުވައްޒަފުންނަށް ޔަގީން ކޮށްދެއްވާފައެވެ.

comment ކޮމެންޓް