ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މިއަދު ވެސް އުދައެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން ބުނެފިއެވެ
މެޓު އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި، ރާއްޖޭގެ ދެކުނަށާއި، މެދުރާއްޖެތެރެއަށް އުދަ އަރަފާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ދެކުނަށާއި މެދު ރާއްޖެ ތެރެއަށް ދިޔަ އެންމެ ބޮޑުވާ ގަޑިތަކަށް ބަލާއިރު، މެދުރާއްޖެ ތެރެއަށް އެންމެ ދިޔަ ބޮޑުވާނެ ކަމަށް ބެލެެވެނީ މެންދުރު 15:51 ހާއިރުއެވެ. އަދި, ދެކުނުގެ ރަށްތަކަށް އެންމެ ދިޔަ ބޮޑުވާނެ ކަމަށް ބެލެވެނީ ހަވީރު 16:46 ހާއިރުއެވެ.
މީގެ އިތުރަށް މެޓު އޮފީހުން ބުނީ ދެކުނުގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާ ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އެހެން ނަމަވެސް އެހެން ހިސާބުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް ވެސް އެ އޮފީހުން ފާހަގަ ކޮށްފައިވެއެވެ.
އަދި, ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އަދި އެހެން ހިސާބުތަކަށް ހުޅަނގު އުތުރުން ގަޑިޔަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.
ދެކުނުގެ އަތޮޅުތަކަށް ކަނޑު އާދައިގެ ވަރަކަށް ގަދަވާނޭ ކަމަށާއި ރާޅުގެ އުސްމިނުގައި 2-5 ފޫޓުގެ އުސްމިނެއް ހުންނާނެ ކަމުގައި ވެސް އެ އޮފީހުން ބުނެފައިވެއެވެ.
މި މަހުގެ ފަސް ވަނަ ދުވަހު ވެސް މާލެ އާއި ރާއްޖޭގެ އެހެން ބައެއް އަތޮޅުތަކަށް ވެސް އުދަ އަރައިގެން ރިޕޯޓު ކުރިއެވެ.
އެ ދުވަހު، މާލެއަށް އެންމެ ބޮޑަށް އުދައަރާފައި ވަނީ ލޮނުޒިޔާރަތްކޮޅު ސަރަހައްދާއި ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ޖަންކްޝަނަށެވެ. އުދައެރި ވަގުތު، އެ ސަރަހައްދުން ސައިކަލުގައި ދަތުރުކުރި ބައެއް މީހުންނާއި އެ މީހުންގެ ވެހިކަލްތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ.