ޓްރާންސްޕޭރެންސީއަކީ ޒިންމާދަރު އެންޖީއޯއަކަށް ވާން ޖެހޭ: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިއާ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ޒިންމާދާރު އެންޖީއޯއެއްގެ ގޮތުގައި މަސައްކަތް ކުރަން ދަސްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެޕްއިން މެނޭޖަރު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ، ދައުލަތުގެ ވަސީލަތްތައް ކެމްޕޭނުގައި ބޭނުން ނުކުރަން ޓްރާންސްޕޭރަންސީން ގޮވާލައިފައި ވަނިކޮށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ، ދައުލަތުގެ ވަސީލަތްތައް ކެމްޕޭނުގައި ބޭނުން ނުކުރަން އެދުމަކީ ކޮންމެ އިންތިޚާބެއްގައި ވެސް އެ ޖަމިއްޔާއިން ގޮވާލާ ކަމެއް ކަމަށެވެ.

ނަމަވެސް، އެ ދައްކާ ވާހަކަ ގާނޫނެއްގެ ތެރެއިން ނަމަވެސް ތަންފީޒު ކުރަން ޓްރާންސްޕޭރެންސީއިން މަޖިލީހާއެކު މަސައްކަތް ނުކުރާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ޓްރާންސްޕޭރެންސީން ދައުލަތުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް ގޮވާލީ ރައީސް ދައުލަތުގެ ވަޒީފާ އަދާކުރައްވަމުން ގެންދަވަނިކޮށް ކަމަށް މާރިޔާ ވިދާޅުވިއެވެ. އެގޮތުން މަޝްރޫއުތައް ފެއްޓުމާއި ނިންމުމަކީ އެމަނިކުފާނުގެ ވަޒީފާގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އެބޭފުޅުން ވެސް ތީގެ މިޑްލް ގްރައުންޑެއް ވިދާޅުވެ ދެއްވާ. ކަންތައްތައް ކުރުން ހުއްޓާލަން ވީތޯ ކެމްޕެއިނެއް ކުރަން ފެށުމާ އެކީގަ ނުވަތަ ރައީސުލްޖުމްހޫރިއްޔާ އެއީ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގަ މަސައްކަތްޕުޅުތައް ގެންދަވަން ޖެހޭނެ ތޯ، އެވެސް ހަމަ އެބޭފުޅުން ވިދާޅުވެ ދެއްވަން ޖެހޭ،" މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ޓްރާންސްޕޭރެންސީ ފަދަ ޖަމިއްޔާއަކުން މަސައްކަތް ކުރަން ވާނީ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށެވެ. އެހެންކަމުން ޓްރާންސްޕޭރެންސީން ޒިންމާދާރު ގޮތުގައި މަަސައްކަތް ކުރަން ދަސްކުރަން ޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އިންތިޚާބުގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމާ ގުޅިގެން ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ވަނީ، ދައުލަތުގެ ޚަރަދުން ގާއިމްކޮށްފައިވާ މަޝްރޫއުތައް ކެމްޕޭނު ތެރޭ ހުޅުވުމާއި ނިންމުން ފާހަގަ ކުރުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ޓްރާންސްޕޭރެންސީން ސަރުކާރުގެ ނޫސްތަކާ ހަވާލާދީ ބުނެފައި ވަނީ، ރިޔާސީ އިންތިޚާބުގެ ކެންޕޭން ރަސްމީކޮށް ފެށުނުތާ 10 ދުވަސް ތެރޭ 16 ރަށެއްގައި 32 މަޝްރޫއެއް ފެށުމާއި ނިންމުން ފާހަގަ ކޮށްފައި ވާކަމަށެވެ. އަދި، މީގެ ތެރެއިން އަށް މަޝްރޫއަކީ މިދިޔަ އަހަރާ އޭގެ ކުރީ އަހަރުގެ ތެރޭ ނިންމާފައިވާ މަޝްރޫތަކެއް ކަމަށް އައިލްސް.ގަވް.އެމްވީ ގައި ވާކަމަށް ވެސް ޓްރާންސްޕޭރެންސީން ބުނެފައި ވެއެވެ.

މީގެ އިތުރުން ވެސް، ސަރުކާރު ވަޒީފާގައި ތިބޭ މުވައްޒަފުން ލައްވާ ކެމްޕޭން މަސައްކަތް ކުރުވާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ.

އެ ޖަމިއްޔާއިން ވަނީ މިފަދަ މައްސަލަތައް ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ގޮވާލާފައެވެ.

comment ކޮމެންޓް